ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރި ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އައި ހަމަލާތައް ވަގުތީގޮތުން ހުއްޓާލި ނަމަވެސް މަދުވެގެން ދެ މަސް ދުވަހު އިތުރު ހަމަލާތައް ދޭނެ ކަމަށް އިސްރާއީލުން ހަމަކޮށްފިއެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯއާވް ގަލާންޓް މިހެން ބުނީ ބުރާސްފަތި ދުވަހު ޒަޔަނިސްޓް އިސްރާއީލުގެ އަސްކަރިއްޔާގެ ފައުޖުތަކާ ބައްދަލުކުރުމަށްފަހުއެވެ.
ވަގުތީގޮތުން ހަމަލާތައް ހުއްޓާލި ނަމަވެސް އަނެއްކާވެސް ހަމަލާތައް ދޭނެ ކަމަށާއި، އަދި މި ހަމަލާތައް މަދުވެގެން ދެ މަސް ދުވަހަށް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ބުނި ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
އިސްރާއީލުން މިހެން ބުނެފައިވާއިރު، ހަމާސްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ހުކުރު ދުވަހުން ފެށިގެން ހަތަރު ދުވަހަށް ހަމަލާތައް މެދުކަނޑާލަން އިސްރާއީލުން ވަނީ ނިންމާފައެވެ. ހަނގުރާމަ މެދުކަނޑާލުމަށް ވެވުނު އެއްބަސްވުމަކީ ދެ ކޮޅުގައި ތިބި އަސީރުން މިނިވަންކުރުމަށްވި އެއްބަސްވުމެއް ކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވެއެވެ.
ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ، ޣައްޒާ ކޮންޓްރޯލުކުރަމުންދާ ހަމާސް ޖަމާޢަތުންއ އިން މިނިވަންކުރާ ކޮންމެ 10 މީހަކަށް ޙަމަލާތައް މެދުކަނޑާލަން އެއްދުވަސް އިތުރު ކުރާނެ ކަމަށް އިސްރާއީލުން ބުނެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެެވެ.
އިސްރާއީލުން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލާއި ހަމާސްއާ ދެމެދު އެއްބަސްވުމެއް ވެފައިވިނަމަވެސް އެ އެއްބަސްވުމަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، މި ހަތަރު ދުވަހުގެ ތެރޭގައި ވެސް އިސްރާއީލުން އެއަށް ބަދަލު ގެނެސްދާނެއެވެ.
ޓެރަރިސްޓް އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދެމުންދަނީ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ނައްތާލައި، އެބައިމީހުންގެ ހިމާޔަތުގައި ކަމަށް ބުނެ ބަހަނާ ދައްކަމުންނެެވެ.
ހުކުރު ދުވަހު އިސްރާއީލުން ހަމަލާތައް ދިނުން ހުއްޓާލުމާ ގުޅިގެން ޣައްޒާގެ އުތުރުގައި ދިރިއުޅުނު މީހުން ވަނީ ގެތަކަށް ދާން ފަށައިފައެވެ.
އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން، އަނިޔާވެރި ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި 13،000 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ޝަހީދުކޮށްލާފައިވެއެވެ. އެޭގެތެރޭގައި، 5،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ހަގުރާމަ ހުޓުވާ