ދިވެހިރައްޔިތުން އެދެނީ ގައުމުގެ ޙާލަތު ބަދަލުކުރަން ކަމަށާއި، ހަލަބޮލި 5 އަހަރަށް ފަހު ރައްޔިތުން އެދެނީ ހިތްހަމަޖެހުމާއެކު ދިރިއުޅެންކަމަށާއި، ފަހަތަށް ބެލުމެއްނެތި ދާނީ ރައީސް ޑރ.މުޢިއްޒުއާއެކު ކުރިޔަށް ކަމަށް، ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ޚަލީލް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޚަލީލް ވިދާޅުވީ، ދިވެހިރައްޔިތުން އެދެނީ ގައުމުގެ ޙާލަތު ބަދަލުކުރަން ކަމަށާއި، ރައްޔިތުން އެދޭ ބަދަލު ގެންނަން ކަމަށެވެ.
"ދިވެހިރައްޔިތުން އެދެނީ ގައުމުގެ ޙާލަތު ބަދަލުކުރަން. ރައްޔިތުން އެދޭ ބަދަލު ގެންނަން. ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގަތީ އެވަޢުދުފުޅާއެކު. ރާއްޖޭގައިހުރި ބޮޑެތި މައްސަލަތައް ޙައްލުކުރާނެކަމުގެ އެޖެންޑާއާއެކު. ހަލަބޮލި 5 އަހަރަށް ފަހު ރައްޔިތުން އެދެނީ ހިތްހަމަޖެހުމާއެކު ދިރިއުޅެން." ޚަލީލް ވިދާޅުވިއެވެ.
އަދި ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގަތީ އެވަޢުދުފުޅާއެކު ކަމަށާއި، ރާއްޖޭގައިހުރި ބޮޑެތި މައްސަލަތައް ޙައްލުކުރާނެކަމުގެ އެޖެންޑާއާއެކު ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ހަލަބޮލި 5 އަހަރަށް ފަހު ރައްޔިތުން އެދެނީ ހިތްހަމަޖެހުމާއެކު ދިރިއުޅެން ކަމަށާއި، ރައްޔިތުން އެދެނީ ދިވެހި ގައުމުގެ ގެއްލިފައިވާ ހައިބަތު އިޢާދަކުރަން ކަމަށާއި، ދަރަނި ދަންތުރައިން ނުކުންނަން ކަމަށާއި، ބޯހިޔާވަހިކަން ޙައްލުކުރަން ކަމަށެވެ.
"ރައްޔިތުން މިއެދޭ ބަދަލަށް އިންތިޒާރުނުކޮށް ގައުމު ހަލަބޮލިކުރަން ނުކުންނަމަ އެދެއްކެނީ މަވެތިކަމުގެ އިންތިހާ. ގައުމާ ރައްޔިތުންނަށް ހެޔޮއެދޭ ނަމަ ވާންވީ މި އުފެދުނު ގައުމީ ސަރުކާރާއެކު. ފަހަތަށް ބެލުމެއްނެތި އަޅުގަނޑުމެން ދާނީ ރައީސް ޑރ.މުޢިއްޒުއާއެކު ކުރިޔަށް، ގައުމަކަށް ވުރެ އެއްވެސް ފަރުދެއް ބޮޑެއްނުވާނެ." ޑރ. ޚަލީލް ވިދާޅުވިއެވެ.
ޚަލީލް މިހެން ވިދާޅުވެފައިވާއިރު، ބުރާސްފަތި ދުވަހު، ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގަންނަވާފައެވެ. އަދި އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ރައީސް ޔާމީން ވަނީ ފައްޓަވާފައެވެ.
މިކަމުގައި އިސްކޮށް އުޅުއްވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ނައިބު ރައީސް ކަމުގެ މަޤާމު ފުރުއްވި، ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި، އަދި ވޭތުވެދިޔަ ޕީޕީއެމް ސަރުކާރާއި އެމްޑީޕީ ސަރުކާރުގައި ވަޒީރުކަން ކުރެއްވި، ޖަމީލުގެ ކޮއްކޯފުޅު މުޙައްމަދު މަލީޙް ޖަމާލެވެ.