Tuesday, 18 June 2024

ދެވަނަ ފަހަރަށް، ޑރ. ޖަމީލް ޕީޕީއެމުން ވަކިވެވަޑައިގެންފި

ރައީސް ޔާމީން ސަރުކާރުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު، ދެވަނަ ފަހަރަށް ޕީޕީއެމުން ވަކިވެވަޑައިގެންފިއެވެ.

ޖަމީލް ނައިބު ރައީސް ކަމުގައި ހުންނެވިއިރު، ޕީޕީއެމްގައި އުޅުއްވުމަށްފަހު، ރައީސް ޔާމީންގެ ބާރުއޮތް ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމަށް ފާސްކޮށް މަޤާމުން ދުރުކުރުމުން ޕީޕީއެމްއާ ދުރަށް ޖެހިވަޑައިގެން، ރައީސް ޔާމީނަށް ވައްކަމާއި ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތު ޖަމީލު ކުރެއްވިއެވެ.

ޖަމީލު އުޅުއްވި ޕާޓީތަކުގެ ތެރޭގައި، ޑީއާރްޕީ، ޤައުމީ ޕާޓީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ ހިމެނެއެވެ.

2020 ފެބުރުވަރީގައި ޖުމްހޫރީ ޕާޓީއިން ވަކިވެވަޑައިގެން ދެވަނަ ފަހަރަށް ޕީޕީއެމްއާ ގުޅިވަޑައިގަތީ، 25 ޖޫން 2020 ގައެވެ.

އޭނާ ޕީޕީއެމްއިން ވަކިވެވަޑައިގެންފައިވާއިރު، ޕީޕީއެމްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ޔާމީން ވަނީ އެ ޕާޓީން ވަކިވެވަޑައިގެން އާ ޕާޓީއެއްް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ. އެ ޕާޓީ އުފެއްދެވުމުގެ ހުއްދައަށް އެދި މާދަމާ އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.

ޕީޕީއެމްގެ ލީޑަޝިޕާ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ.

ޔާމީނަކީ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ބޭފުޅަކަށްވާތީ އެމަނިކުފާނުގެ ފަރާތްޕުޅުން މީޑިއާއާ ވާހަކަ ދައްކަވަނީ ޖަމީލްގެ އިތުރުން ކުރީގެ މިނިސްޓަރު އަދި ޑރ. ޖަމީލަށް ބޮޑުބޭބެ ވިދާޅާ މުހައްމަދު މަލީހް ޖަމާލެވެ.

ރައީސް ޔާމީން އިސްކޮށް ހުންނަވައި ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރެއްވި ނަމަވެސް އެމަނިކުފާނު ހުންނެވީ ޖަލު ހުކުމެއްގައެވެ. އެއީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ މައްސަލައެއްގައި ކުށް ސާބިތުވެ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމަކާ ގުޅިގެންނެވެ. ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުންތައް ނިމިފައިވާއިރު، އެ މައްސަލަ މިހާރު އޮތީ ހުކުމް ކުުރުމުގެ މަރުޙަލާގައެވެ.

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން،  އާ ޕާޓީއެއް ހެދުމަށް ނިންމީ ޕާޓީގެ ލީޑާޝިޕުން އެމަނިކުފާނު އެއްފަރާތްކޮށްފައިވާ ކަމަށް ތުހުމަތުކުރަމުންނެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައިވެއެވެ. އެގޮތުން އެމަނިކުފާނުގެ ފޯނު ކޯލަށް ރައީސް މުޢިއްޒު ޖަވާބު ނުދެއްވުމާއި ޖަލު ހުކުމުން ރައީސް ޔާމީން މިންޖުނުކުރުން ހިމެނެއެވެ.

ޔާމީން އަލަށް ހަދާ ޕާޓީ އުފެއްދުމުގެ ހުއްދައަށް މާދަމާ އެދޭނެ ކަމަށް އެ މަސައްކަތުގައި އިސްކޮށް އުޅޭ މަލީހާއި ޖަމީލު ވިދާޅުވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު