އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު "ދައުރު" ނޫހުގެ ނާއިފަށް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ އަހަރުގެ އެންމެ މޮޅު ނޫސްވެރިއަކަށް "ދައުރު" ނޫހުގެ އަޙްމަދު ނާއިފް ހޮވިއްޖެއެވެ.

"ދައުރު" ނޫހުގެ ސީނިއާ އެސޯސިއޭޓް އެޑިޓަރު ކަން ކުރަައްވަމުން ގެންދަވާ ނާއިފް، މިދިޔަ އަހަރުގެ މޮޅު ނޫސްވެރިޔާއަކަށް ހޮވިފައި ވަނީ "މިހާރު" ނޫހުގެ އާސިމާއި ނިޒާރާއި ރާއްޖެ ޓީވީގެ ލައިޝާ އަހުމަދާ ވާދަކޮށްގެންނެވެ. ނޫސްވެރިކަމުގެ އިނާމް ދިނުމަށް ރޭ ބޭއްވި ހަފްލާގައި މި އެވޯޑް އޭނާ އަށް ދެއްވީ ނައިބު ރައީސް ޙުސެއިން މުހައްމަދު ލަތީފެވެ.

އެވޯޑް ލިބުނު ފަރާތްތަކާއި ދާއިރާތައް

ދެމެހެއްޓެނިވި ތަރައްޤީއާއި އިޖުތިމާޢީ ދާއިރާ : ޝަހުދާ މުޙައްމަދު (ދައުރު ނޫސް)
ސިޔާސީ ދާއިރާ: ނާޒިމް ޙަސަން (އަދަދު ނޫސް)
ޝަރުޢީ އަދި ޤާނޫނީ ދާއިރާ: މުޢިއްޒު އިބްރާޙިމް (މިހާރު ނޫސް)
ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާ: އަޙްމަދު ނާއިފް (އަދަދު ނޫސް)
ކުޅިވަރު ދާއިރާ: ހުސައިން ޙަބީބް (މިހާރު ނޫސް)
ފީޗަރ ލިޔުން : ޝަހުދާ މުޙައްމަދު (ދައުރު ނޫސް)
ވީޑިއޯ ޖަރނަލިޒަމް: ޙައްވާ އަމާނީ  (މިހާރު ނޫސް)
ފޮޓޯ ޖަރނަލިޒަމް: ފަޔާޒް މޫސާ (މިހާރު ނޫސް)
ތަޙްޤީގީ ނޫސްވެރިކަމުގެ ދާއިރާ: އަހްމަދު މިޒްޔާލް (ދައުރު ނޫސް)
އުންމީދީ ނޫސްވެރިޔާ: މުހަައްމަދު ނާއިލް ހަފީޒް (ސަން އޮންލައިން)
އެންމެ މޮޅު ނޫސްވެރިޔާ: އަޙްމަދު ނާއިފް (ދައުރު ނޫސް)

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ ކުޅިވަރުގެ ޚަބަރުތައް ގެނެސްދެމުން އަންނަ ސާއިދު އަޙްމަދަށް ހިތްވަރު ދިނުމުގެ ހަނދާނީ ފިލައެއް އަރުވާފައެވެ. އަދި ހަޔާތީ އަރުތައިގެ އެވޯޑް ނޫސްވެރިކަމުގެ ދާއިރާގައ ތަޖުރިބާކާރު ދެ ބޭފުޅުންކަމަށްވާ ޢަބްދުﷲ ރަމީޒްއަށާއި އަޙްމަދު ޒާހިރު (ހިރިގާ)އަށް ވަނީ ދީފައެވެ.

އެމްއެމްސީގެ ނޫސްވެރިކަމުގެ އެވޯޑަކީ، އެންމެ ދިގުމުއްދަތަކަށް މީޑިއާގެ ދާއިރާއިން ރާއްޖޭގައި ދެމުން އައިސްފައިވާ އެވޯޑެވެ. އެމްއެމްސީގެ ނޫސްވެރިކަމުގެ އެވޯޑަކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި ނޫސްވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑެކެވެ. މިއީ މި އެވޯޑް ދެމުން އަންނަތާ 10 ވަނަ އަހަރެވެ.

މިއަހަރުވެސް ނޫސް މަޖައްލާ ކެޓަގަރީއާއި، ބްރޯޑްކާސްޓިން ކެޓަގަރީ ހިމެނޭހެން 12 ދާއިރާއަކުން އެވޯޑަށް ހުޅުވާލިއެވެ. އެގޮތުން މި ދާއިރާތަކަށް ޖުމްލަ 63 ހުށައެޅުމެއް ލިބިފައިވާކަމަށް އެމްއެމްސީން ބުނެއެވެ. އެހެންނަމަވެސް ބްރޯޑްކާސްޓިންގެ ދާއިރާއިން އިނާމަށް ހުށައެޅި ހުށައެޅުންތަކަށް އެކަށީގެންވާ މާކްސް ނުލިބުމުން އެ ދާއިރާއިން އެއްވެސް ފަރާތަކަށް އެވޯޑެއް ނުލިބެއެެވެ. އަދި ގްރެފިކްސްއާ އިލެސްޓްރޭޝަންސް ދާއިރާ އެއްވެސް ފަރާތެއް ހުށައަޅާފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު