Tuesday, 18 June 2024

އެމްއެމްސީއިން ސާއިދަށް ހިތްވަރު ދިނުމުގެ ހަނދާނީ ފިލައެއް އަރުވައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކުޅިވަރުގެ ޚަބަރުތައް ގެނެސްދެމުން އަންނަ ސާއިދު އަޙްމަދަށް ހިތްވަރު ދިނުމުގެ ހަނދާނީ ފިލައެއް އަރުވައިފިއެވެ.

މި ހަނދާނީ ފިލާ އޭނާއަށް އަރުވާފައިވަނީ، ތަޢުލީމާބެހޭ ވަޒީރު ޑޮކްޓަރ އިސްމާޢީލް ޝަފީޢުއެވެ. މި ހަނދާނީ ފިލައަކީ ޞިއްޙީ ގޮތުން ނާޒުކު ޙާލަތެއްގައި ހުންނެވި ނަމަވެސް ހިތްވަރާއެކު ކުރައްވަމުން އަންނަ ޚިދުމަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން އޭނާއަށް ދީފައިވާ ހަނދާނީ ފިލައެކެވެ.

މި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފެވެ.

ސާއިދު އަޙްމަދަކީ ޕީއެސްއެމްގައި ކުޅިވަރު ޚަބަރުތައް ގެނެސްދިނުމުގައި ހީވާގި ކަމާއެކު މަސައްކަތް ކުރަމުން ގެންދާ ނޫސްވެރިއެކެވެ. ސަން އެފްއެމުން 2009 ގައި ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތް ސާއިދު ޕީއެސްއެމްއާ ގުޅުނީ 2015 ގައެވެ. ފުޓްބޯޅަ ކޮމެންޓްރީ ދިނުމުގެ އިތުރުން އޭނާ އަންނަނީ ކުޅިވަރު ޕްރޮގްރާމްތައް ޕްރޮޑިއުސްކޮށް ޕްރެޒެންޓް ވެސް ކުރަމުންނެވެ.

އުމުރުން 30 އަހަރުގެ ސާއިދުގެ ދެ ކިޑްނީ ފެއިލްވެފައިވީނަމަވެސް އޭނާ އަންނަނީ، ހިތްވަރާއެކު ނޫސްވެރި ކަމުގެ ދާއިރާގައި ޙަރަކާތްތެރިވަމުންނެވެ. އޭނާގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާކަން އެނގުނީ އިންފެކްޝަނެއް އުފެދިގެން ޑޮކްޓަރަށް ދެއްކުމުން 2018 ވަނަ އަހަރުގެ ޖޫން މަހުއެވެ. ސާއިދު އަންނަނީ ދެ ދުވަހުން އެއް ދުވަހު ޑައިލަސިސް ހަދަމުންނެވެ. އޭނާގެ އުއްމީދަކީ އެކި ފަރާތްތަކުގެ ދީލަތީ އެހީތެރިކަމާއިއެކު ކިޑްނީ ޓްރާންސްޕްލާންޓް ވީ އެންމެ އަވަހަށް ހަމަޖެހިގެން ދިއުމެވެ.

އެމްއެމްސީގެ ނޫސްވެރިކަމުގެ އެވޯޑަކީ، އެންމެ ދިގުމުއްދަތަކަށް މީޑިއާގެ ދާއިރާއިން ރާއްޖޭގައި ދެމުން އައިސްފައިވާ އެވޯޑެވެ. އެމްއެމްސީގެ ނޫސްވެރިކަމުގެ އެވޯޑަކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި ނޫސްވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑެކެވެ. މިއީ މި އެވޯޑް ދެމުން އަންނަތާ 10 ވަނަ އަހަރެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ އަހަރުގެ އެންމެ މޮޅު ނޫސްވެރިއަކަށް ހޮވިފައިވަނީ،  "ދައުރު" ނޫހުގެ އަޙްމަދު ނާއިފްއެވެ. "ދައުރު" ނޫހުގެ ސީނިއާ އެސޯސިއޭޓް އެޑިޓަރު ކަން ކުރަައްވަމުން ގެންދަވާ ނާއިފް، މިދިޔަ އަހަރުގެ މޮޅު ނޫސްވެރިޔާއަކަށް ހޮވިފައި ވަނީ "މިހާރު" ނޫހުގެ އާސިމާއި ނިޒާރާއި ރާއްޖެ ޓީވީގެ ލައިޝާ އަހުމަދާ ވާދަކޮށްގެންނެވެ. ނޫސްވެރިކަމުގެ އިނާމް ދިނުމަށް ރޭ ބޭއްވި ހަފްލާގައި މި އެވޯޑް އޭނާއަށް ދެއްވީ ނައިބު ރައީސް ޙުސެއިން މުހައްމަދު ލަތީފެވެ.

އެވޯޑް ލިބުނު ފަރާތްތަކާއި ދާއިރާތައް

ދެމެހެއްޓެނިވި ތަރައްޤީއާއި އިޖުތިމާޢީ ދާއިރާ : ޝަހުދާ މުޙައްމަދު (ދައުރު ނޫސް)
ސިޔާސީ ދާއިރާ: ނާޒިމް ޙަސަން (އަދަދު ނޫސް)
ޝަރުޢީ އަދި ޤާނޫނީ ދާއިރާ: މުޢިއްޒު އިބްރާޙިމް (މިހާރު ނޫސް)
ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާ: އަޙްމަދު ނާއިފް (އަދަދު ނޫސް)
ކުޅިވަރު ދާއިރާ: ހުސައިން ޙަބީބް (މިހާރު ނޫސް)
ފީޗަރ ލިޔުން : ޝަހުދާ މުޙައްމަދު (ދައުރު ނޫސް)
ވީޑިއޯ ޖަރނަލިޒަމް: ޙައްވާ އަމާނީ  (މިހާރު ނޫސް)
ފޮޓޯ ޖަރނަލިޒަމް: ފަޔާޒް މޫސާ (މިހާރު ނޫސް)
ތަޙްޤީގީ ނޫސްވެރިކަމުގެ ދާއިރާ: އަހްމަދު މިޒްޔާލް (ދައުރު ނޫސް)
އުންމީދީ ނޫސްވެރިޔާ: މުހަައްމަދު ނާއިލް ހަފީޒް (ސަން އޮންލައިން)
އެންމެ މޮޅު ނޫސްވެރިޔާ: އަޙްމަދު ނާއިފް (ދައުރު ނޫސް)

މީގެ އިތުރުން، ހަޔާތީ އަރުތައިގެ އެވޯޑް ނޫސްވެރިކަމުގެ ދާއިރާގައ ތަޖުރިބާކާރު ދެ ބޭފުޅުންކަމަށްރަމީޒްއަށާއި އަޙްމަދު ޒާހިރު (ހިރިގާ)އަށް ވަނީ ދީފައެވެ.

މިއަހަރުވެސް ނޫސް މަޖައްލާ ކެޓަގަރީއާއި، ބްރޯޑްކާސްޓިން ކެޓަގަރީ ހިމެނޭހެން 12 ދާއިރާއަކުން އެވޯޑަށް ހުޅުވާލިއެވެ. އެގޮތުން މި ދާއިރާތަކަށް ޖުމްލަ 63 ހުށައެޅުމެއް ލިބިފައިވާކަމަށް އެމްއެމްސީން ބުނެއެވެ. އެހެންނަމަވެސް ބްރޯޑްކާސްޓިންގެ ދާއިރާއިން އިނާމަށް ހުށައެޅި ހުށައެޅުންތަކަށް އެކަށީގެންވާ މާކްސް ނުލިބުމުން އެ ދާއިރާއިން އެއްވެސް ފަރާތަކަށް އެވޯޑެއް ނުލިބެއެެވެ. އަދި ގްރެފިކްސްއާ އިލެސްޓްރޭޝަންސް ދާއިރާ އެއްވެސް ފަރާތެއް ހުށައަޅާފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު