Friday, 11 October 2024

ސިލްސިލާ ވާހަކަ: ހަތަރުކަޅި (ދެވަނަ ބައި)

ގަޑިން ފަތިހު ފަހެއް ޖެހީއެވެ. ގަދަ ނިދީގައި އޮވާ އަޒީޒަަށް ކުއްލިއަކަށް ހޭލެވިއްޖެއެވެ. ސިއްސައިގެން ގޮސް ބަލާލިއިރު، އަޒީޒުގެ ފައިމައްޗަށް ފުންމާލީ ކަޅުބުޅަލެކެވެ. އަޒީޒަކީ ފިނޑިއެއް ނޫނެވެ. ނަމަވެސް އޭނާ ބުޅާ ދެކެ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. އޭނާ ބިރުން ހަަޅޭއްލަވައިގަތެވެ. އެތައް ދަމެއް ވަންދެން މަސް ކަންކަން އުޅުނު ރަމްލާގެ ހަތަރެސްފައި ކޮޅަށް ޖެހިއްޖެއެވެ. "އަޒީޒު.. ކިހިނެތް ވީތަ؟" ތުރުތުރުއަޅާ އަޑަކުން ރަމްލާ އަހާލިއެވެ.

"މާ ބޮޑު ކަމެއް ނުވޭ. ލަމްލާ! ރަޝީދު އޮޅުކޮށްގެން ގެންގުޅޭ ބުޅަލުގެ ދަތުރު ޖެހުނީ. މިހާރު ރަޝީދު ކައިރި ބުނެފިން. ބުޅާ ދެކެ ބައްޕަ ވަރަށް ބިރުގަނެޔޭ. އެކަމަކު އަދިވެސް އެ ދަރި ނޫޅޭ އެ ބުޅާ ފޮނުވާލާކަށް" މިހެން ބުނެ އަޒީޒު ގިފިއްޔަށް ވަދެއްޖެއެވެ. ފަތިސް ނަމާދަށް ތައްޔާރު ވާށެެވެ. ދަތް އުނގުޅައި ވުޟޫކޮށްލައި ހަދައިގެން އަޒީޒު ގިފިލިން ނިކުތެވެ. ހުދުމުންޑާއި ހުދުގަމީސް ލައިގެން އަޒީޒު ގެއިން ނިކުމެއްޖެއެވެ. ބަންގި ގޮވާ އިރުކޮޅެއްވެފައިވާތީ، ގަމަތް ދޭން ވާއިރަށް ސުންނަތް ކޮށްލެވޭތޯ އަވަސް ފިޔަވަޅު މަތީ މިސްކިތާ ދިމާއަށް އަޒީޒު މިސްރާބު ޖެހިއެވެ.

ނަމާދުކޮށް ނިމިގެން ފަޅުވެރިންނަށް ގޮވާން އަޒީޒު ނިކުތެވެ. މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ކަމުން، އޮޑި މަހަށް ފުރުވާން އަޒީޒު ވަރަށް ބޮޑަށް ބޭނުންވިއެވެ. މާ ކެޔޮޅަށް ގޮވާން އެގޭ ދޮށަށް އަޒީޒު ދިޔައެވެ. "މުޙައްމަދާ.. މުޙައްމަދާ…" މިހެން ދެތިން ފަހަރު ގޮވާލި އަޑަށް މާ ކެޔޮޅުގެ އަނބ،ި ސަންފާ ދޮރު ހުޅުވާލައިފިއެވެ. "އާނ.. މުޙައްމަދު ވީ މިސްކިތަށް ނަމާދަށް ގޮސް.." ސަންފަ ބުންޏެވެ. "އެހެންތަ! އަހަރެންނަކަށް ދިމައެއް ނުވި ވިއްޔަ. ކިހާއިރަކުތަ މުޙައްމަދު ދިޔައީ.." އަޒީޒު ސުވާލުކޮށްލުމުން، ސަންފަ ޖަވާބުގައި ބުނީ މުޙައްމަދަށް ހޭލެވުނީ ތަންކޮޅެއް ފަހުން، ހާގޮވާ އަޑަށް ކަމަށެވެ.

އަޒީޒާއި ސަންފަ ވާހަކައިގައި ތިއްބައި، މުޙައްމަދު މުންޑައަރުވައި ޖަހައިގެން ގެއަށް އައިސް ވަދެއްޖެއެވެ. "މިރޭ ތަންކޮޅެއް ލަހުން މިހޭލެވެނީ. އެކަމަކު މަހަށް ފުރަންވާނެ. މަސްވެރިކަން މިހާ ރަނގަޅު އިރު އެންމެ ދުވަހެއްވެސް ވައްޓާލާކަށް ނުފެނޭ. ގެއަށް އައި މަގުމަތީގައި މިއައީ ހުރިހާ ފަޅުވެރިންނަށްވެސް ގޮވާފަ. މިއަދު ދެން ފުރޭނީ ހައެއް ޖަހާލާހާއިރު. އެކަމަކުވެސް ދެން މަހަށް ފުރޭނެ.. މިރަށު ބޭރުމަތީގައި ރެހި ގުޅައެއް އެބަ އޮތް. އެ ރެހިކޮޅު ދަމާލެވިއްޖިއްޔާ، މިއަދުގެ މަސްވެރިކަންވެސް ރަނގަޅުވާނެ އިރާދަކުރެއްވިއްޔާ." މުޙައްމަދުގެ ވާހަަކަތައް އަހަން ހުރެފައި، ގެއަށް ގޮސް އެއްޗެހި ބަދަލުކޮށްގެން އަޒީޒު އަތިރިމައްޗަށް ދިޔައެވެ.

މުޙައްމަދު ވެސް ގޮނު ތައްޔާރުކޮށްލައިގެން، އަތިރިމައްޗަށް ނިކުތްއިރު ހުރިހާ ފަޅުވެރިންވެސް ތިބީ ބޮއްކުރާ ދޮށުގައި ދޯންޏަށް އަރަން ތައްޔާރުވެގެންނެވެ. ކަނދުތައް އަތުރާ ބޮއްކުރާ ބާލަން ހިފިގަޑީގައި މުޙައްމަދުގެ އުނަގަނޑަށް ތަދެއް އަރައިފިއެވެ. އެރި ތަދުގަނޑު މައިތިރިއެއް ނުވިއެވެ. އެކަމާހެދި، މުޙަައްމަދަށް މަހަށް ފުރޭ ގޮތެއް ނުވިއެވެ. އެކަމަކު ދެން ތިބި ފަޅުވެރިން ތިބީ، ކޮންމެ ހާލަކުންވެސް މަހަށް ފުރަން ތައްޔާރުވެގެންނެވެ. މުޙައްމަދަށް މަހަށް ފުރޭ ގޮތް ނުވުމުން، އަޒީޒުގެ ކެޔޮޅު ކަމުގައި މަހަށް ފުރިއެވެ.

އަޒީޒަކީ މާގިނައިން މަހަށް ގޮސް އުޅޭ މީހެއް ނޫންކަމަށްވިޔަސް، މަސްވެރިކަމުގެ އާޖުފާޖު ރަނގަޅަށް ދަނެއެވެ. އަޒީޒު ދޯނީގެ ހުންގާނަށް ފައިއެއްލާފައި އޮންނަ އިރު، ކެޔޮޅަކާ ހަމަ ތަފާތެއްވެސް ނެތެވެ. ހަންޖާ ޖަހައި، ރިޔަ ނަގައި، ރިޔާ ފޮޅުވާލައި، ދަންމާނަށް ދަމާ ރިޔަލުގައި ވައިއަޅުވަައި އޮޑީގެ ދުވެލި ހަރުކޮށްފިއެވެ. ކަނޑު މަޑު، ވައި ހިނދިފައިވާ ދުވަހެކެވެ. ގަހެއް ރުކެއްގެ ފަނެއްވެސް ހިރި ނުލައެވެ. ކަނޑު ހީވާނީ ތެޔޮލާފައި އޮތް ހެންނެވެ.

ބައިގަޑި އިރެއްހާ އިރު ދުއްވި ފަހުން، އެންދަމަން ގިރިއަކާ ހަމައަށް ފޯރައިފިއެވެ. އޭރު ރެހި ދަމާ ވާހަކަ ކިޔަކަސް، މުގުރާން އޮތީ ބޯކޮށެވެ. އެހެންކަމުން ރެހި ދެމުމުގެ ބޭނުމެއް ނެތްކަމަށް ފަޅުވެރިން ބުނެފިއެވެ.

ވަތްތައް ފުރޭ ވަރަށް މުގުރާން ދަމައިގެން ދޯނީގެ މިސްރާބު ޖެހީ، ކުރީ ދުވަހުވެސް މަސްބޭނި ކަނޑުއޮޅިއަށެވެ. ފަޅުވެރިޔަކު ކުނބަށް އަރާ މަސްއައިނެއް އުޅޭތޯ ބަލައިލައިފިއެވެ. ކުބަށް އަރާ އޮތް ފަޅުވެރިޔާގެ އިޝާރާތުން އެނގުނީ، ބޮޑު މަސްއައިނެއް މާފަރާ ދިމާ ބޭރުގައި ތިލަވަމުންދާ ކަމެވެ. އަޒީޒުގެ ހިތަށް ލިބުނު އުފަލެއްގެ ބޮޑުކަމުން، އައު ހިތްވަރެއް ލިބިއްޖެއެވެ. ފިސާރަ ބާރަށް ފޮނު ކަފާލެވޭތޯ، ހަންޖާއަށް ދަމާލިއެވެ. އެކަމަކު، ވައި ހިނދިފައި އޮތް ދުވަހެއް ކަމަށް ވުމުން، ބޭނުންހާ ވަރަކަށް ދޯންޏެއް ނުދުވެއެވެ. ކެތްތެރިކަމާއެކު އޮޑީގެ މިސްރާބު ސީދާކުރަމުން ދިޔައީ މަސްއައިނާ ދިމާއަަށެވެ. ތިލަވަމުންދަނީ އެއް އައިނެއް ދެއައިނެއް ނޫނެވެ. ފޮނުއަރުވާފައި ވަަށައިގެން މަސްތައް ތިލަވަނީއެވެ. އަތޮޅުގެ ހުރިހާ ދޯނި ފަހަރެއްވެސް އައިސް ތިބީ އެ ކަނޑު އޮޅީގައެވެ.

ހައްޓަކު ހެޔެއް ނެތެވެ. އަންބާ ކިޔާމީހުން އަންބާ ކިޔަނީއެވެ. ހަޅޭއްލަވާ މީހުން ހަޅޭއްލަވަނީއެވެ. އެންކެޔޮޅު އެން އުކުމުގައި ދައްކަމުންދަނީ ހުށިޔާރުކަމެވެ. އަތުފަތު ނޭޅެއެވެ. ބޮޑުބެރަށް ނެޅުމަށްވުރެވެސް ޙަރަކާތްތައް ހަލުވިހެން ހީވެއެވެ. އޮޑިދަށަށް މަސް އައިން ގެނެސްފިއެވެ. ދޮށިއަޅަން ފަށައިފިއެވެ. ކުރު ދޮށީގައި ބާނަމުން އެދަނީ ހެޔޮވަރު ގޮދައެވެ. ރާގޮނޑިއެއް ނޫނެވެ. ކަންނެއްޔެއް ވެސް ނޫނެވެ. ހަމަ ގޮދައެވެ. ހެޔޮވަރު ވަރުގެ ގޮދައެވެ. މިއީ އިރުވައި މޫސުމުގެ ކުރީކޮޅުގެ މަޑާއެކު، އައިސްގެން އުޅޭ މަސްވެރިކަމެކެވެ.

އަޒީޒުގެ ކެޔޮޅު ކަމުގައި، އޮޑިފުރާ މަސް ބާނައިފިއެވެ. ކުރީ ދުވަހަށްވުރެ މިއަދުގެ މަސްވެރިކަން އަދި މާ ރަނގަޅެވެ. ވަތްތައް ފުރިއްޖެއެވެ. ކެޔޮޅުންގެ އަތްމަތި ހަލުވިކަމާއި ކުޅަދާނަ ކަމުގެ ސަބަބުން އޮޑި ފުރާލަަން މާ ގިނައިރުތަކެއް ނުވިއެވެ. އެހާ ދަހި އައިނެއްވީމަ، ވަރުބަލިކަމެއް ނެތި ދޮށިއެޅުމުގައި ތިބުމުން، އޮޑި ފުރާލަން މާ ގިނަ އިރުތަކެއް ނުނެގީއެވެ.

ރަށަށް ދިއުމަށް ދޯނި މިސްރާބު ޖެހިއެވެ. އަސުރުވާން ދަނީއެވެ. ކުރީ ދުވަހަށްވުރެ އަވަހަށް ރަށަށް އާދެވިއްޖެއެވެ. އުނގަނޑަށް ތަދުއެރި، މާކެޔޮ މުޙަައްމަދުވެސް އެ ހުރީ ދޯނީގެ އިންތިޒާރުގައެވެ. އާދައިގެ މަތިން ކޮންމެ ދުވަހެއްގައިވެސް ކަންތައް ކުރާ ގޮތަށް މަސް ގެއަށް ގެންގޮސ،ް މަސް ކައްކާ ހަދައިފިއެވެ. ރަމްލާއަށް ލިބޭ އުފަލެއްގެ ބޮޑު ކަމާއެވެ. މަހުގައި އަތްކާތާލަން ލިބޭ ލިބުމަކީ ރަމްލާއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. ދުވަހުގެ އުފާވެރިކަން އިތުރުވީ، މިއިން ދުވަހަކުވެސް އަޒީޒު މަހަށް ނުގޮސް ހުރެފައި އަޒީޒު ފުރި ދުވަހު މިއިން ދުވަހަކު ނުބާނާ ވަރަށް މަސް ބޭނުމެވެ. މަސްވެރިކަން ތިޔާގިވުމެވެ.

(ނުނިމޭ)

ސިލްސިލާ ވާހަކަ: ހަތަރުކަޅި (ފުރަތަމަ ބައި)

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު