ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހަށް މިރޭ ވަޑައިގަތް މައްސަލަ ބަލަމުންދާ ކަން އެނގިއްޖެއެވެ.
އެނގިފައިވާ ގޮތުގައި، ހ. ހުރަފާގޭގައި ހުންނަ ޕީއެންއެފް އޮފީހަށް ރައީސް ޔާމީން ވަޑައިގެންނެވި ކަން ކަރެކްޝަންސްގެ ސަމާލުކަމަށް އައުމާ ގުޅިގެން އެކަން ބަލަމުން އެބަދެއެވެ.
ރައީސް ޔާމީން އެ އޮފީހަށް ވަޑައިގެންނެވިއިރު، ޕީއެންއެފް އުފެއްދުމަށް ބޭނުންވާ ފޯމް ފުރުން، އެ ގޭގެ ތިން ވަނަ ފަންގިފިލާގައި ކުރިއަށް ދިޔަކަން މީޑިއާތަކަށް ތިލަވެފައިވެއެވެ. ހުރަފާގޭގެ ފުރަތަމަ ފަންގިލާގައި ހިންގަމުން ދިޔައީ ޕީޕީއެމް އޮފީހެވެ. ނަމަވެސް، ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީއަށް އެތަން ބޭނުންވެގެން، އެ ތަން ހުސް ކުރަން ގޭގެ ވެރިފަރާތުން މީގެ ދެ ތިން ދުވަސް ކުރިން ވަނީ އަންގަވާފައެވެ. އެހެންވެ، އެ ތަނުގައި ހުރި ޕީޕީއެމްގެ ތަކެތި ނެރެފައިވާ ކަން އެނގިފައިވެއެވެ.
ރައީސް ޔާމީން މަދު ބޭފުޅުންކޮޅަކާއެކު، އިންނެވި މަންޒަރު ފެނިގެންގޮސްފައިވާއިރު، އެމަނިކުފާނުގެ އަރިހުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އިންނެވި މަންޒުރު ފެނިގެން ގޮސްފައިވެއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ޕީޕީއެމްއާ ދުރަށްޖެހިވަޑައިގެން، ޕީއެންއެފްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ. ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުންތައް ނިމިފައިވާއިރު، އެ މައްސަލަ މިހާރު އޮތީ ހުކުމަކާ ހިސާބުގައެވެ.
ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތީ ޕީޕީއެމްގެ ލީޑަޝިޕާ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފެންމަތިވެފައިވަނީ ރައީސް ޔާމީންގެ ފޯނުކޯލުތަކަށް ރައީސް ޑރ. މުއިއްޒުއާއި ޕީޕީއެމްގެ ލީޑަރޝިޕުން ފޯމު ނުނެގުމުގެ މައްސަލަކަން މިހާރު ރައީސް ޔާމީންއާ އެންމެ އަރިސްކޮށް އުޅުއްވާ ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން އެކަން ދޮގުކުރައްވައެވެ.




ކިޔުންތެރިންގެ ޚިޔާލުތައް:
ތީނަ ޖަލަށް ފޮނުވަބަލަ
ކިހާދެރަކަމެއް