Saturday, 22 June 2024

ޖަމީލަށް ގިސްލެވުނު ނަމަވެސް، ޝިޔާމް ވިދާޅުވަނީ ޕީޕީއެމް ލީޑަރސިޕް ޔާމީނާ ދުުރުނުވާކަމަށް

ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާ ދުރަށް ވަޑައިގެންފައި ނުވާ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް "ވަގުތު" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާއާއެކު، އެމަނިކުފާނު ގެއަށް ބަދަލު ކުރި ފަހުން ތިން ފަހަރެއްގެ މަތިން ބައްދަލު ކުރައްވަން ޔާމީން ދިރިއުޅުއްވާ ގެކޮޅަށް ވަޑައިގެންނެވި ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި، އަދި ރައީސް ޔާމީންގެ ޤާނޫނީ ވަކީލު، ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ޑރ. ޖަމީލް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ޔާމީން ގެއަށް ވަޑައިގަތް ފަހުން، ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ އެއްވެސް ބޭފުޅަކު ޔާމީންގެ އަރިހަށް ވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ރައީސް ޔާމީނަކީ އެހާ އަގެއް ނެތް، ދެރަ ބޭފުޅެއްތޯ އެމަނިކުފާނު ސުވާލު ކުރެއްވެވިއެވެ.

އެކަމަށް ރައްދުދެއްވަމުން ޝިޔާމް ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ބޭފުޅުން ރައީސް ޔާމީންއާ ދުރަށް ޖެހިވަޑައިގެންފައި ނުވާ ކަމަށާއި، އޭނާ ވެސް ޔާމީންއާ ދުރަށް ޖެހިވަޑައިގެންފައި ނުވާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ވެރިކަން އަދި ރަނގަޅަށް ފަށައިގަތް އިރު، ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގެ ވަރަށް ގިނަ ބޭފުޅުން ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވުމުން އެ ބޭފުޅުންގެ އަމާޒުގައި މިވަގުތު ހުރީ ރައީސް މުއިއްޒަށް އެއްބާރުލުން ދެއްވުން ކަމަށެވެ. އެއީ ރައްޔިތުންނަށް ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެން ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ވައުދުތައް ފުއްދެވުމަށާއި ޤައުމުގެ ހާލަތު މިހާރު އޮތް ގޮތުން ކުރަން ޖެހޭ ކަންކަން ގިނަ ކަން ފާހަގަކުރައްވަމުން، ޝިޔާމް ވިދާޅުވީ ސިޔާސީ ޕާޓީތަކުން އާންމުކޮށް އެކްޓިވް ވާނީ އިންތިހާބުތަކާ ދިމާކޮށް ކަމަށެވެ. ވަކިން ޚާއްސަކޮށް ވެރިކަމުގައި އޮންނަ ޕާޓީތަކުން އެކްޓިވް ވާނީ އިންތިހާބުތަކުގައި ކަމަށާއި އެ ޕާޓީތައް އެކްޓިވްވާއިރު، ބޮޑަށް އޮންނާނީ ވެސް ސިޔާސީ ކުލަ ޖެހިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ، އަޅުގަނޑަށް ހީވަނީ ޕާޓީ ނުހިނގައިގެން، ޕާޓީގެ ލީޑަޝިޕް ދުރުވެގެން އަދި އެ ހިސާބަށް، އެ ވަރުގެ ޝަކުވާއެއް އަންނަން ޖެހޭ ހިސާބަށް ދާން ޖެހޭ ކަމަކަށް އަޅުގަނޑަށް ހީ ނުވޭ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ރައީސް ޔާމީންއާ ގާތުން މަޝްވަރާ ކުރެއްވުމަށްޓަކައި ކޮމިޓީއެއް ވެސް ހަދާފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީ އެކުގައި ނުކުތުމަށް ނިންމާފައި ވަނީ ވެސް އެ ކޮމިޓީގެ ލަފާގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހަގީގަތުގައި ސިޔާސީ މަޝްވަރާތައް ކުރެވިފައި ހުރީ، ކުރަން ޖެހޭ މަޝްވަރާތައް،" މިހެން ވިދާޅުވެ، ރައީސް ޔާމީން، ޕީޕީއެމް ޕީއެންސީއާ ދުރަށް ޖެހިވަޑައިގަންނަވަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން ޔާމީން ގެކޮޅަށް ވަޑައިނުގަންނަވާ ވާހަކަ ޖަމީލް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ ޝިޔާމް ވިދާޅުވީ ޔާމީން ގެކޮޅަށް ބަދަލު ކުރި ފަހުން ތިން ފަހަރު، އެމަނިކުފާނުގެ އަރިހަށް ވަޑައިގެންނެވި ކަމަށެވެ. އަދި ޕީޕީއެމް އޮފީސް ތެރެއިން ވެސް ބައްދަލުވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއި ޕީޕީއެމް ޕީއެންސީން ޔާމީން އެކަހެރިކުރި ކަމުގެ ޝަކުވާތަކާ އެކުގައި ޔާމީން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމުން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވަން ނިންމަވައިފައެވެ. ރައީސް ޔާމީން އިސްކޮށް ހުންނަވައި އުފައްދަވަނީ "ޕީޕަލްސް ނޭޝަނަލް ފްރޮންޓް"އެވެ. ޔާމީންގެ ފަރާތުން މިކަންކަން އިއުލާން ކުރައްވާފައި ވަނީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް މުހައްމަދު މަލީހް ޖަމާލާއި ކުރީގެ ޕީޕީއެމް ސަރުކާރުގައި ޔޫތު މިނިސްޓަރު ކަމާއި އެމްޑީޕީގެ ސަރުކާރުގައި ކޮމިއުނިކޭޝަން މިނިސްޓަރު ކަން ކުރެއްވެވި އަދި ޖަމީލަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު މަލީހް ޖަމާލެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު