ތަމަޅަ ޓައިގަރުންގެ ބަޔަކާ އެކު ހަތިޔާރާ އެކު ރާއްޖެ އަރައި ވެރިކަން ބަދަލުކުރަން ދިން އުދުވާނީ ޙަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި، ބާޣީ އަބްދުﷲ ލުތުފީގެ ހުކުމްތައް ތަންފީޒުކޮށް ނިމި މިއަދު ބަންދުން ދޫކޮށްލާނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެއްޖެއެވެ،
ނޮވެމްބަރު 3، 1988 ގައި 19 ދިވެއްސަކު ޝަހީދުކޮށްލި އުދުވާނާ ގުޅިގެން ލުތުފީގެ މައްޗަށް އައީ މަރުގެ ހުކުމެވެ. އެހެންނަމަވެސް، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފަހުން އެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކުރެއްވީ އެވެ. އުމުރަށް ޖަލަށްލުން ކަމަށް ޤާނޫނީ ގޮތުން ބަލަނީ 25 އަހަރަށެވެ.
އެކަމަކު ހުކުމް ތަންފީޒުކޮށް ނިމެން ހަތަރު އަހަރަށް ވެފައި އޮއްވައި އޭނާ ބޭސްފަރުވާއަށް 2010 ވަނަ އަހަރު އިންޑިއާއަށް ފޮނުވާލުމުން ނުވަ އަހަރު ވަންދެން ފިލައިގެން އުޅުމުގެ ސަބަބުން އޭނާ މިނިވަންވާން އޮތް ތާރީޚް ފަސްވެގެން ދިޔައެވެ. އެހެން ނޫންނަމަ، އޭނާ 2014 ގައި ލުތުފީ މިނިވަން ވާނެއެވެ. ފިލައިގެން އުޅުނު މުއްދަތު އެއީ ތަންފީޒު ނުކުރާ މުއްދަތު ކަމަށް ބަލަން ޖެހޭތީ އެ މުއްދަތަށް ބަންދުގައި ބެހެއްޓުމުން އޭނާގެ ޖަލު ހުކުމުގެ މުއްދަތު މިދިޔަ ޖޫން މަހު ވަނީ ހަމަވެފައެވެ.
އެ ހުކުމް ތަންފީޒުކޮށް ނިމުމުން ދެން ތަންފީޒުކުރަމުން އައީ ޖަލުން ފިލައިގެން އުޅުމުން އައި ހުކުމެވެ.
ލުތުފީގެ މައްޗަށް އެންމެ ފަހުން އިއްވި ހުކުމް ތަންފީޒުކޮށް ނިމިފައިވާ ކަމަށާއި އެކަމަކު އަދި ދޫކޮށްނުލާ ކަމަށާިއ، މިއަދުގެ ވަގުތެއްގައި އެ ތަނުގެ ބެލުމުގެ ދަށުން ދޫކޮށްލާނެ ކަމަށް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ލުތުފީ ފިލައިގެން އުޅުމަށް ފަހު މެއި، 2019 ގައި، ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ދިޔައީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު، ގަވައިދާ ހިލާފަށް އުޅޭ މީހުން ހޯދައި ހައްޔަރުކުރަން ސިފައިން އޮޕަރޭޝަނެއް ފެށުމާ އެކުގައެވެ.
ލުތުފީއާއެކު ނޮވެމްބަރު 3 ގެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވެ، ބާޣީ ސަގަރު އަޙްމަދު ނާސިރު ވެސް މިނިވަންވިތާ އެތައް އަހަރެއް ވެއްޖެއެވެ.