ސަރުކާރުގެ 22 ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރުން ހަމަޖައްސަން ފޮނުވައިފި

ސަރުކާރު ހިއްސާވާ 22 ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން ނުވަތަ އެމްޑީއިން ހަމަޖައްސަން ރައީސް ޑރ. މުޙައްމަދު މުއިއްޒު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އަށް ނަންތައް އިއްޔެ ފޮނުއްވައިފިއެވެ.

އެމްޑީއިން ހަމަޖައްސަން ރައީސް ފޮނުއްވާފައިވާ ނަންތައް ދިރާސާކޮށް ރުހުން ދިނުމުގެ ކުރިން ހަދަން ޖެހޭ ސްކްރީނިންގެ މަރުހަލާ އާއި އިންޓަވިއު މިހާރު ކުރިއަށް ދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ކުންފުނިތަކުގެ އެމްޑީިންނަށް ހަމަޖައްސަން ރައީސް ފޮނުއްވި ބޭފުޅުންނަކީ ކޮބައިކަން ޕީސީބީއިން ހާމަނުކުރި ނަމަވެސް، ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވަނީ އެބޭފުޅުންގެ ނަންތައް ކަށަވަރުކޮށްދެއްވައިފައެވެ.

އެގޮތުން، ކުންފުނިތަކަށް ހަމަޖައްސާ ބޭފުޅުންނަކީ:

 • އެސްޓީއޯ – އެ ކުންފުނީގެ ބޯޑް މެންބަރު ޝިމާދު އިބްރާހިމް
 • ފެނަކަ – މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު
 • އާބަންކޯ – ފެލިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު މުހައްމަދު ފަޒުލް ރަޝީދު
 • އެމްއޭސީއެލް – ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު އިބްރާހިމް ޝަރީފް މުހައްމަދު
 • އެމްޕީއެލް – މުހައްމަދު ވަޖީހު އިބްރާހިމް
 • މޯލްޑިވްސް ގޭސް – އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ)
 • އާސަންދަ – ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)
 • އެމްޓީސީސީ – ޒިޔާދު ލަތީފު އެފްއެސްއެމް – އިޝްމާއިލް ޝުހެއިލް
 • މިފްކޯ – ކުރީގެ ސިޓީ ކައުންސިލަރު އަހުމަދު ޝަމާހު ރަޝީދު
 • އެމްޑަބްލިއުއެސްސީ – އަބްދުލް މަތީނު މުހައްމަދު
 • ފަހި ދިރިއުޅުން ކޯޕަރޭޝަން – ހަމްދާން ޝަކީލް
 • ރީޖަނަލް އެއާޕޯޓްސް – ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު މުބީން
 • ވެމްކޯ – ސިޓީ ކައުންސިލްގެ އެސްޖީ މުޖުތަބާ ޖަލީލް
 • ޕީއެސްއެމް – ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ މެންބަރު ޒީނާ ޒާހިރު
 • އެމްއެމްޕީއާރުސީ – ޑިރެކްޓަރ އޮފް ސޭލްސް އައިޝަތު ޝުހޭލާ
 • އާރުޑީސީ – ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު
 • ހައްޖު ކޯޕަރޭޝަން – ޕީޕީއެމްގެ ކުރީގެ އެސްޖީ މުހައްމަދު ޝަކީލް
 • ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން – އެންސީއޭގެ ކުރީގެ ވެރިޔާ އަހުމަދު ނާޒިމް (ހެރިސް އަންމަޑޭ)
 • ސްޓެލްކޯ – އެ ތަނުގެ ޖެނެރަލް މެނޭޖަރު ހުސެއިން ފަހުމީ
 • އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) – ފާތުމަތު ތައުފީގް

މީގެ އިތުރަށް، ދައުލަތުން ފޯރުކޮށްދޭ އެހީގެ ކަންކަން ބަލަހައްޓާ ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯގެ ގޮތުގައި ޕީޕީއެމްގެ ސްޕޯކްސްޕާސަން، ހީނާ ވަލީދު ވެސް ވަނީ ހަމަޖައްސައިފައެވެ.

މި ސަރުކާރު ހަވާލުވީއިރު ޕީސީބީގެ ބައްދަލުވުންތައް ބޭއްވޭ ވަރަށް ބޯޑުގެ މެންބަރުން ހަމަނުވާތީ އެ ބޯޑު ނުހިނގާ އޮތީ ހުއްޓުމެއްގެ ތެރޭގައެވެ. ނަމަވެސް، ރައީސް ޑރ. މުއިއްޒު ވަނީ މިފަހުން އެ ބޯޑުގެ މެންބަރު ކަމަށް ބޭފުޅުން އައްޔަން ކުރައްވައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *