Saturday, 25 May 2024

ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން ފަންނީ ތަމްރީނުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން ފަންނީ ތަމްރީނުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާ ކުރެއްވީ، ޓަރކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީސްގެ ރައީސް، ޢަބްދުالله އެރެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ތުރުކީވިލާތުގެ ޕްރެސިޑެންޝަލް ގެސްޓްހައުސްގައެވެ.

މި ބައްދަލުކުރެއްވުމުގައި ޓަރކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީސްގެ ރައީސް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ޓަރކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީސްގެ ރައީސް ވަނީ، ތަޢުލީމީ ދާއިރާއާއި އިޖްތިމާޢީ ދާއިރާއިން އަދި ޤައުމުގެ ޘަޤާފަތުގެ ދާއިރާއިން ރާއްޖެއާއި ތުރުކީއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން ފަންނީ ތަމްރީނުތައް އިތުރުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒާއި، ތުރުކީވިލާތުގެ އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީސްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޤައުމީ ދިފާޢީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، ބޭސްވެރިކަން ފަދަ ދާއިރާތަކުން ދިވެހިން ތަމްރީނުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، ވަޒީފާގެ މައިދާނުގައި އެކި ދާއިރާތަކުން ކުރިއަރަމުންދާ ފަރާތްތަކަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކުން ދިވެހިންނަށް މިހާރަށްވުރެ ފުރުސަތު އިތުރުކުރުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 28 މޭ 1979 ގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *