ރައީސްގެ އަނބިކަނބަލުން، ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ އަނބިކަނބަލުން އެމިން އުރްދުޣާންއާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތުރުކީއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެތެރެއިންނެވެ. ބައްދަލުވުން ކުރިއަށްގެންވިކަން ހާމަކުރައްވާފައިވަނީ، އުރުދުޣާންގެ އަނބިކަނބަލުން އެމިން އުރުދުޣާން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ތުރުކީގެ ރައީސްގެ އަނބިކަނބަލުން އެމިން އުރްދުޣާން ވަނީ، ދެކަނބަލުންގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ތުރުކީއަށް ކުރެއްވިކަމަށްޓަކާ އެކަން ފާހަގަކުރައްވާ، ރިޔާސީ ފާގަތި ދައުރަކަށް އެދިވަޑައިގެންފައެވެ. އަދި ރައީސް ޑރ.މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް މަރުހަބާ ވިދާޅުވުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަން، މި ބައްދަލުކުރެއްވުމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

Image

ޝައުގުވެރިވެވަޑައިގަންނަވާ އާއްމު އިޖްތިމާޢީ ދާއިރާތަކުން ދެ ބޭފުޅުންގެ ޚިޔާލާއި ތަޖުރިބާ، މި ބައްދަލުކުރެއްވުމުގައި ވަނީ ޙިއްސާކުރައްވާފައެވެ. އެގޮތުން ތަޢުލީމާއި، ތިމާވެއްޓާއި، ސަޤާފަތް ކުރިއެރުވުމާއި އަދި އަންހެނުން ބާރުވެރިކުރުވުމާއި ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުންވެސް ވަނީ، ޕަލަސްތީނަށް ޔަހޫދީ އިސްރާއިލުން ދެމުންދާ ލާއިންސާނީ ޙަމަލާތަކުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި މިނިވަންކަމާއި އަމާންކަން ލިބިގެންދިއުމަށް އެދިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.

Image

ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ، ކުންޏާމެދު ހޭލުންތެރިކުރުމަށް ފަށާފައިވާ ކެމްޕެއިން "ގްލޯބަލް ޒީރޯ ވޭސްޓް ގުޑްވިލް ޑެކްލަރޭޝަން"ގައި ސޮއިކުރައްވާފައެވެ. މިއީ އުކާލެވޭ ކުނި މަދުކުރުމަށް ފަށާފައިވާ ބައިނަލްއަޤްވާމީ ކެމްޕެއިންނެކެވެ. ކުނި މަދުކުރުމާ ގުޅޭ ކަންކަން ރާއްޖޭގައި ކުރިއަރުއްވަން ރައިސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވައުދުވެވަޑައިގެންނެވިކަން އެމިން ފާހަގަކުރެއްވިއެވެ.

ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ކުރިމަގުގައިވެސް ދެ ޤައުމުގެ ރަޙުމަތްތެރިކަމުގެ ގުޅުން މިގޮތުގައި ކުރިއަށްގެންދެވުމަށް އެދިވަޑައިގަންނަވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު