Saturday, 22 June 2024

އައި.ޔޫ.އެމްގެ ޚިދުމަތް އަތޮޅުތަަކަށް ފަތުރާލުން؛ އުތުރު ކެމްޕަސް ހިންގުމަށް އުނގޫފާރު އިސްލާމީ މަރުކަޒު

ރާއްޖޭގެ އުތުރުގައި އައި.ޔޫ.އެމްގެ ކެމްޕަސް ހިންގުމަށް އުނގޫފާރުގައި ހުރި އިސްލާމީ މަރުކަޒު ޙަވާލުކުރައްވައިފިއެވެ. މިކަމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައެވެ.

މިސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ހުރިހާ ހިސާބެއްގައި އިސްލާމީ މަތީ ތަޢުލީމު ފޯރުކޮށްދެވޭނެ އިންތިޒާމް ފުޅާކޮށް ފަހިކުރުމުގެ ގޮތުން އުނގޫފާރުގެ އިސްލާމިކް ސެންޓަރ އިސްލާމި ޔުނިވަރސިޓީގެ ކެމްޕަހަކަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދާއި، އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.އަލީ ޒާހިރުއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ޑރ. އަފްރާޝީމް ޢަލީގެ ނަމުން ނަންދެވިފައިވާ މިމަރުކަޒުގައި އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް ފެށިގެން ދިއުމަކީ އެމަނިކުފާނުގެ ހަނދާނުގައި ކުރެވޭނެ މަތިވެރި ޚިދުމަތެއްކަމަށެވެ.

Image

އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތަކަކީ ދިވެހިރާއްޖޭގެ އެންމެ ޢިލްމުވެރި އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ތަޖުރިބާކާރުން ހިމެނޭހެން ތަރުތީބުކުރެވި އެކަށައެޅިފައިވާ ކޯސްތަކެއް ކަމަށާއި، މި ކޯސްތައް ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ކިޔެވުމަށް ފެތުރިގެން ދިއުމަކީ ރާއްޖެއާއި ރާއްޖޭގެ މުޖުތަމައަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބުތަކަށް އެޔުނިވަރސިޓީގެ ކޯސްތައް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އެގޮތުން ރ.އަތޮޅަކީ އާބާދީގެ ނިސްބަތުން ބޮޑު އަތޮޅަކަށް ވުމާއެކު އެސަރަހަައްދުގެ ގިނަ އަދަދެއްގެ ދަރިވަރުންނަށް މިކެމްޕަސްގެ ސަބަބުން މަތީ ތަޢުލީމް ހާސިލް ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

ހަމައެހެންމެ، މިއީ އުތުރުގެ އެހެން ރަށްތަކުގެ ދަރިވަރުންނަށް އިސްލާމީ ޔުނިވަރސިޓީން ތަޢުލީމު ހާސިލްކުރުމަށް ލިބިގެންދާ ފަހި ފުރުސަތެއްކަން  ފާހަގަކުރައްވަމުން، ވައިސް ޗާންސެލަރ ވިދާޅުވީ މިކަމަކީ އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ވަރަށް ބޮޑު ކާމިޔާބެއް ގެނެސްދެވޭނެ ކަމެއް ކަމަށާއި އަދި މިއީ ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ޔުނިވަރސިޓީގެ ކޯސްތައް ކުރިއަށް ގެންދިއުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވަލުވެވަޑައިގެންނެވި ފަހުން، އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމުގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ ދެކުނުގައި އައި.ޔޫ.އެމްގެ ކެމްޕަސް ހިންގުމަށް ގދ. ތިނަދޫގައި ހުރި އިސްލާމީ މަރުކަޒުވެސް ވަނީ އިސްލާމީ ޔުނިވަރސިޓީ އާއި ހަވާލުކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު