ކެންސަރު ބައްޔަށް ފަރުވާ ހޯދެއްވުމަށް، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. އައިޝަތު ރަމީލާ ރާއްޖެއަށް ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާކަން އެކަމަނާ ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ، ވަޒީރު ޑރ. ރަމީލާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭނަ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ކެންސަރު ބަލި ޖެހިފައިވާ ކަމަށާއި އަދި އެ ބަލި މިހާރު ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށެވެ.
"ހައިޕަތާމިކް އިންޓްޕެރިޓޮނިއަލް ކިމޯތެރަޕީ އަދި ރޭޑިއޭޝަން ނެގުމަށް މިއަދު ރާއްޖެއިން ބޭރަށް ފުރުމަށް ވަނީ ހަމަޖެހިފައި. ހުރިހާ ބޭފުޅުން ވެސް އަޅުގަނޑަށް ހެޔޮ ދުއާ ކޮށްދިނުން އެދެން." ވަޒީރު ރަމީލާ ވިދާޅުވެފައިވެއެވެ.
އެކަމަނާއަށް ޖެހިފައިވަނީ ކެންސަރުގެ ކޮން ވައްތަރެއްކަން ހާމަކޮށްފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަޒީރު ރަމީލާ މަގާމަށް އައްޔަން ކުރެއްވީ މި މަހުގެ 17 ގައެވެ. އޭނާއަކީ މި ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މަދު އަންހެން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ.
ޑރ. ޢާއިޝަތު ރަމީލާ ވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަގާމާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އެންޑް އެންޑް ފެމެލީގެ މަގާމުވެސް އަދާކުރައްވާފައެވެ. ދިވެހި ސަރުކާރުގެ ޚިދުމަތަށް ޑރ. ޢާއިޝަތު ރަމީލާ ފެށްޓެވީ ނަރުހެއްގެ ވަޒީފާއިންނެވެ. އެއީ 1990 ވަނަ އަހަރުއެވެ. ވޭތުވެ މިދިޔަ 33 އަހަރުދުވަހުގެ ތެރޭ ސަރުކާރާ އަދި އަމިއްލަ ވިޔަފާރިތަކާ ޚިދުމަތްތަކުގެ ދާއިރާގައިވެސް ޑރ. ރަމީލާގެ ޚިދުމަތް ދިވެހި ޤައުމަށް ދިޔައީ ލިބެމުންނެވެ. އެކަމަނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާގައި ޕީއެޗްޑީ ޙާޞިލްކުރައްވާފައެވެ. މީގެ ކުރިން އެކަމަނާ ވަނީ އެވިޑް ކޮލެޖްގެ ޑީންގެ މަގާމު ވެސް ފުރުއްވާފައެވެ.