Saturday, 22 June 2024

ޓީޗިން ކޯސްތައް އޮންލައިންކޮށް ހިންގޭ ގޮތަށް ނެރުނު އަމުރު ރަނގަޅު: ސުޕްރީމް ކޯޓް

ރާއްޖޭގައި ޓީޗިން ދާއިރާގެ ކޯސްތައް އޮންލައިން ކިޔަވައި ނުދެވޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ހެދި ގައިޑްލައިނަށް އަމަލުކުރުން ފަސްކުރުމަށް ހައި ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.

އެމްކިއުއޭއިން މިދިޔަ އަހަރު ހެދި ގަވާއިދެއްގެ ދަށުން ކަނޑައެޅި ގައިޑްލައިނެއްގައި ބުނެފައިވަނީ، ބައެއް ދާއިރާތަކުގެ ކޯސްތައް އޮންލައިންކޮށް ކިޔަވައި ނުދެވޭނެ ކަމަށެވެ. އެހެންކަމުން، އެ ގަވާއިދުގެ އެ ބައި ބާތިލްކުރަން ވާރޒުއަލްކޮށް ކްލާސްތައް ހިންގަމުންދާ މަންދު ކޮލެޖް ހިންގާ މާލެ ހައި ކުންފުނިން ހައި ކޯޓަށް ހުށަހެޅިއެވެ. އަދި މައްސަލަ ނިމެންދެން ޓީޗިން ދާއިރާގެ ކޯސްތައް އޮންލައިންކޮށް ނުކިޔެވޭނެ ކަމަށް އެ ގައިޑްލައިންގައި އޮތް ބަޔަށް އަމަލުކުރުން ފަސް ކުރަން ހައި ކޯޓުން އަމުރުކުރިއެވެ.

މަންދު ކޮލެޖުން ހުށަހެޅި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ވަގުތީ އަމުރު ނުނެރެފިނަމަ ޓީޗިން ދާއިރާއިން އޮންލައިންކޮށް ކިޔަވަން އެދޭ ދަރިވަރުންނަށް ފުރުސަތު ގެއްލި، މަންދު ކޮލެޖަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. ހަމައެހެންމެ، އެކަމަކީ ގިނަ އަދަދެއްގެ ދަރިވަރުންގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށްވާތީ ވަގުތީ އަމުރެއް ނެރުމަކީ އެ ދަރިވަރުންގެ މަސްލަހަތުގައި ވެސް ކުރަންޖެހޭ ކަމެއް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެ ޙުކުމުގައިވަނީ، ވަގުތީ އަމުރު ނުނެރެފިނަމަ މަންދު ކޮލެޖަށް ލިބޭނެ ގެއްލުން އަންދާޒާ ނުކުރެވޭއިރު، އެ އަމުރު ނެރުނަސް ދައުލަތަށް ލިބޭނެ ގެއްލުމަކީ ކޮބައިކަން ބުނެދެވިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ހައި ކޯޓުން ގޮތެއް ނިމެންދެން އެ ވަގުތީ އަމުރު ދަމަހައްޓަން ޖެހޭ ކަމަށެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު އަލީ ރަޝީދެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން މިދިޔަ އަހަރުގެ އޯގަސްޓް މަހު ހެދި ގައިޑްލައިންގެ ދަށުން ޓީޗިންގެ އިތުރުން ޑޮކްޓަރު ކަމުގެ ކޯހާއި ޑެންޓިސްޓްރީ ކޯހާއި މަސައްކަތްކުރުމަށް ހާއްސަ ލައިސެންސެއް ބޭނުންވާ ހެލްތު ސައިންސަސް ކޯހާއި ނާސިން ކޯހާއި ގުރުއާން އަދި އެއާ ގުޅޭ ދާއިރާތަކާއި ޓެކްނިކަލް އަދި ވޮކޭޝަނަލް ތައުލީމާއި އިންޖީނިއަރިން އަދި އާކިޓެކްޗާ ކޯސްތައް ވެސް އޮންލައިންކޮށް ކިޔަވައިދިނުން ވަނީ މަނާކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު