Sunday, 15 September 2024

ސިލްސިލާ ވާހަކަ: ހަތަރުކަޅި (ތިންވަނަ ބައި)

ތިޔާގި މަސްވެރިކަމާއެކު ރަށުގެ ކުދި ބޮޑު އެންމެންވެސް ވަގުތުތައް ހޭދަކުރަމުންދަނީ މަސްކައްކާ ހިއްކައި ހެދުމުގައެވެ. ހޭލަމޭލައަށް ރަށުގެ ރައްޔިތުން ހީވާގިވަމުންދަނީ ރަށުގެ މަގުތަކުގައި ހަދާފައި ހުރި އަަށިތަކުގައި މަސް އެތުރުމުގައެވެ. ކަތީބު ޤާސިމްފުޅު ގޯއްޗާއި ހަމައިން ފެށިގެން މުދިން ޢަބްދުއްރަޙްމާން ގޯއްޗާ ހަމައަށް ހަދާފައިހުރި ދިގު އަށިތަކުގައި، އިރު އަރައިގެން އަންނައިރު، މަސްއެތުރުމުގެ މަސައްކަތް ރަށުގެ އަންހެންވެރިންނާއި އެވެރީންގެ ދަރިން މަސްޢޫލުވަމުން ދެއެވެ. އިރުވައި މޫސުމުގެ ފުރަތަމަ ދެ ހަފުތާގައި، ރަށުގައި މަހަށް ފުރާ އައް ދޯނި އޮތްއިރު، ކޮންމެ ދޯންޏަކުންވެސް ކޮންމެ ދުވަހަކުވެސް ހައްސަ ގޮދާ ބާނައި ރަށު ތެރޭގައިވަނީ، މަސްވެރިކަމުގެ ނަފާ ހޯދުމުގެ އައު ރޫޙެއް އުފެދިފައެވެ.

ބައްދަލުކުރީ ހުކުރު ދުވަހެވެ. ހުކުުރުން ފޭބިތަނާ ރަށު އޮފީހުން ފުމެއް ފެށި ސަންގާއެކު އަޒީޒުވެސް އަވަސްވެގަތީ، ރަށު އޮފީހާ ދިމާއަށް ދިއުމަށެވެ. ރަށު އޮފީހުގެ ކައިރީގައި ހުންނަ ބޮޑު ހިރުދުގަސް ދޮށަށް ރަށުގެ ރައްޔިތުން ޖަމާވާން ފަށައިފިއެވެ. ރައްޔިތުންނޭ ބުންޏެއްކަމަކު، އެ ބައްދަލުވުމަށް ހާޟިރުވާނީ ފިރިހެނުންނެވެ. އަންހެންވެރިން ތިބޭނީ ހުކުރު ދުވަހުގެ މެންދުރު ކެއުން ތައްޔާރުކުރަން ގޭގައެވެ.

ކަތީބު ޤާސިމު ހުކުރުކޮށް ނިންމަވަައި ބައްދަލުވުމަށް ދުުރުވިއެވެ. ރަށުގައި ތިބި ފަސްދޮޅަހަކަށް ފިރިހެނުން ބައްދަލުވުމުގައި ބައިވެރިވިއެވެ. ކަތީބު ރަށުގެ ރައްޔިތުންނާ މުޚާޠާބު ކުރައްވަން ފެއްޓެވިއެވެ. "ރަށުގެ ރައްޔިތުންނާ މިއަދު ބައްދަލުކޮށްލަން ޖެހުނީ، މިހާ މަސްވެރިކަން ތިޔާގި ދުވަސްވަރެއްގައި ރައްޔިތުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއްގެ ވާހަކަ ނަންގަނެލަން ވެގެން. ބައެއް ދޯނިފަހަރުގެ ފަޅުވެރިން މަސްކަރު އެޅުމަށްފަހު، ކަރުތައް މޫދަށް އުކާނުލާ ގޮނޑު ދޮށުގައި ބެހެއްޓުމުގެ ސަބަބުން ރަށުތެރޭގައި ވަރަށް ބޮޑަށް މަސްކުނިވަސް ދުވަމުން އެބަދޭ. މިކަން ކޮންމެ އޮޑިވެރިއެއްވެސް ބަލައި ދިނުން އެދެން. ކޮންމެ ދޯންޏެއްވެސް މިދުވަސްވަރު މަހުން ލަފަނީ އެ އޮޑިވެރިއެއްގެ ގޯއްޗާ ދިމާއަށް ކަމުން، މިކަން ބަލަން އެހާ އުނދަގުލެއް ނުވާނެ." ކަތީބުގެ ވާހަކައި ބުނުއްވިއެވެ.

ރަށުގެ މަގުތަކުގައި މަސް ހިއްކަން މަސް ޖަހާއިރު، ހިނގާ ބިނގާވެ އުޅޭ މީހުންނާއި، ރަށަށް އަންނަ މެހްމާނުންނަށް އުނދަގޫ ނުވާނެ ގޮތަށް ކަންތައް ކުރުމަށް ސަމާލުކަން ދިނުމަށްވެސް ކަތީބު ގޮވައިލެއްވިއެވެ.

ކަތީބުގެ ވާހަކަ ކުރިއަށް ގެންދެވިއެވެ. ރަށުގެ ރައްޔިތުން ތިބީ ކަނުލާ އަޑުއަހާށެވެ. އިސް ދަށަށް ޖެހިގޮތަށް އިސް އުފުލާ ނުލައި ކަތީބަށް އަދަބު އިޙްތިރާމް އަދާކުރަމުން ދިޔައެވެ. "ކޮންމެ ދުވަހަކުވެސް މަހުން ލަފާ ގަޑީގައި ރަށު އޮފީހުގެ ޕިޔޯނު ދާނެ މަސް ރިޕޯޓް ނަގަން. ހުރިހާ ދޯންޏަކުންވެސް މިކަމަށް ވަރަށް ފުރިހަމަ އެއްބާރު ލިބުން ލިބޭ. ކޮންމެ ރެއެއްގައި ދިވެހިރާއްޖޭގެ އަޑުން މަސް ރިޕޯޓް ކިޔަމުންދާއިރު މިރަށުގެ ނަން އޮންނަނީ އެންމެ ކުރީގަ. ކޮންމެ ދުވަހަކުވެސް ދެހާހުން މަތީގައި މަސްބާނާ ކަމަށް ރިޕޯޓުގައި ބުނޭ. އެހެންކަމުން މިއީ ކަތީބުގެ ޙައިސިއްޔަތުން ވަރަށް އުފާ ކުރާކަމެއް. ރަށުގެ ހީވާގި މަސްވެރިން ތި ގޮތުގައި ކުރިއަށްދޭ. ރަށަށް ރީތި ނަމާ ފަޚްރު ހޯދައި ދިނުމުގައި ރަށުގެ އޮޑިވެރިންނާއި ފަޅުވެރިންނާއި އެންމެހާ މަސްވެރިން ކުރަމުންދާ މަސައްކަތްތަކަށް ހާސްފަށުން ޝުކުރު ދަންނަވަން." މިހެން ބުނުއްވުމަށްފަހު، ކަތީބުގެ ވާހަކަކޮޅު ނިންމަވާލެއްވިއެވެ.

ރަށުގެ ރައްޔިތުން ތިބީ ކަތީބުގެ ވާހަކަތައް ކަނުލާ އަޑުއަހާށެވެ. ކަތީބުގެ ބަހާ ދެކޮޅަށް ޗުއްޕުވެސް ބުނެނުލައެވެެ. ކަތީބުގެ ނަސޭޙަތާއެކު ރަށުގެ ކޮންމެ ފަރުދަކުމެ އަވަސްވެގަތީ އެކަން އިޞްލާޙްކުރުމަށެވެ.

މަސްވެރިކަމުގެ ތިޔާގި މޫސުމުގައި، ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަމާއެކު، ރަށް ކުނިވިޔަ ނުދީ ހިފެހެއްޓީ އަޒީޒުމެންފަދަ ކަމުވޮށިވެގެންވާ ރަށުގެ ލީޑަރުންގެ ހިންމަތުންނެވެ. ކަތީބު ދެއްވާ އިރުޝާދަށް ތަބާވެ، ރަށް ސާފުތާހިރުކަން މަތީ ބޭއްވުމުގެ އަމަލީ މަސައްކަތް އެންމެ ފުރިހަމައަށް އަދާކުރަމުން ދިޔައީ ރަށު ލޯތްބާއި ވަޠަނީ ރޫޙުގައެވެ.

"އޭތް ޔޯތް އޭ…. އޭ ޔޯތް އޭ…. މިރޭ ފަތިހު ކަތީބު ބައްތެލި މާލެ ފުރާ…" މިހެން ތަކުރާރުކޮށް ކަތީބު ބައްތެލީގެ ނެވިމީހާ ރަށުތެރޭގައި ގޮވަމުން ދިޔައެވެ.

އަންހެނުންނާއި ފިރިހެނުންނާއި ކުޑަ ބޮޑު އެންމެން އަވަސްވެ ގަތީ ހިކިފައި ހުރި މަސްތައް ބަސްތަ ބަސްތާއަށް އަޅާށެވެ. "އަވަސް ކުރޭ ދަރިފުޅާ.. މިއަދު ހަވީރު މަސް ބަސްތާތައް އަތިރި މައްޗަށް ނެރެންޖެހޭ. ރަޝީދު ހުރޭ ބައްޕަ މަސް އަޅާއިރު ގޯނީގަ ހިފަހައްޓައިގެން، މަންމަވެސް ހުންނާނަން ދަރިފުޅާއެކު." ހިތް އަވަސްވެފައިވާ ޙާލު ރަމްލާ ބުނެލިއެވެ.

"ކޮބާތަ ގޯނި ތުންބަންނަން ގެންގުޅޭ ސުތުލި ރޯލު. އާނ އެ އޮންނާނެ ދިމާއެނދާ ދިމާ މަތީގަ. ރަމްލާ! ގެނެސްދީ ބަލަ ވަރަށް އަވަހަށް". އަަޒީޒު ބުނެލިއެވެ. އަޒީޒުގެ އަތްމަތި ހަލުވިކަމުން މާ ގިނައިރުތަކެއް ނުވެ ގޯނިތަކުން ތުން ފަހާ ނިންމާލައިފިއެވެ. އެއަށްފަހު، ދެލިބުރިއަކުން ކޮންމެ ގޯންޏެއްގައި، "ގުލޭނޫރަންގެ" މިހެން ޖަހަމުން ދިޔައެވެ. ސުތުލި ގޯނީގައި ނަން ޖަހަން ދެލިބުރި ވަރެއް ހަމަ ނެތެވެ.

ގޯނި ގޯންޏަށް މަސްއަޅައި، ނިމުނު އިރު ޖުމްލަ ވިއްސަކަށް ގޯނި ހުއްޓެވެ. އަޒީޒު ގޯނިތަކުގެ ތުން ބަންނަމުން ދިޔައިރު ރަޝީދާއި ރަމްލާގެ މަސައްކަތްތަކަށްވީ، ރިހާކުރު ފުޅިފުޅިއަށް އެޅުމެވެ. ކޮންމެ ރިހާކުރު ފުޅިއަކަށް ދެބޮނޑި ލަމުން ދިޔައެވެ.

މަސްބަސްތާތައް ގެންދަން ކަތީބު ގޯތި ގާޑިޔާ ބަލައި ރަޝީދު ފޮނުވިއެވެ. އެހެންނަމަވެސް އެ ގާޑިޔާ ލިބޭ ގޮތެއް ނުވިއެވެ. ކަތީބު ބައްތެއްޔަށް އަރުވާ ސާމާނު ގެންދިއުމަށް ގާޑިޔާ ވަނީ ބަރާކޮށްފައެވެ. ގާޑިޔާއަށް އޮތީ ކަށިކޭލާއި، ފަތްކެޔޮ އަރުވާފައެވެ.

"ދަރިފުޅާ ރަޝީދޫ.. ކުރާނެ ކަމެއް ނެތް. ހަވީރު ހަތަރެއް ޖަހަން ވާއިރަށް، މި ސާމާނުތައް އަތިރިމައްޗަށް ގެންދަންޖެހޭނެ. އެހެން ނޫނީ ނެވި މީހާ ރުޅިއަންނާނެ." މިހެން އަޒީޒު ބުނެ، ދެބަފައިންވެގެން މަސް ބަސްތާތައް އުފުލުމުގެ މަސައްކަތް ފެށިއެވެ. ރަޝީދުވެސް ބޮޑުވަމުން އަންނައިރު ހަަށިގަނޑުގައި ވަރަށް ވަރު އެބަހުއްޓެވެ. އޭނާގެ ބައްޕައާއެކު ކޮނޑު މައްޗަށް މަސް ބަސްތާ ލައިގެން އެހެރަ ގެންދަނީ އެއްވެސް ވަރުބަލި ކަމެއް ނެތިއެވެ. ބައެއް ފަހަރު އަޒީޒަށްވުރެ ކުޅަދާނަ ހެންވެސް ހީވެއެވެ. ވިހި ބަސްތާ ގެންގޮސް ނިންމާލާއިރު، ކޮންމެވެސް ވަރަކަށް ވަރުބަލިކަން އިޙްސާސްވާނެ ތާއެވެ.

ރަަށުގެ ރައްޔިތުން ބައްތެއްޔަށް އަރުވަން ނެރުނު ސަމާނުތަކުން އަތިރިމަތި ފުރާލައިފިއެވެ. ފުނިފުންޏަށް ޖަހާފައިވާ މަސްބަސްތާތަކަށް ބަލާލުމުން، ރަށުގެ މަސްވެރިންނާއި ކަނބަލުން ކުރި ހިތްވަރު އެބަ ފާހަގަވެެއެވެ. ނާލު ބައްތެއްޔަށް ސާމާނުތައް އަރުވަައި ބަރާކޮށް ނިންމާލެވުނުއިރު ރޭގަނޑު ދިހައެއް ޖަހަން ކައިރިވަނީއެވެ. ފަތިހު ފުރަންޖެހޭތީ ބޮޑު ނެވިމީހާ މަސައްކަތްކުރީ ކޮންމެ ޙާލަކާ ލައިގެންވެސ،ް އެރޭ ހޭލާ ތިބެގެންވެސް ސާމާނުތައް ބައްތެއްޔަށް ބަރާކުރާށެވެ.

ފަތިސް ނަމާދުކޮށްލައިގެން އައިސް ކަތީބުގެ ނެވި ކަމުގައި ބައްތެލި ފުރައިފިއެވެ.

"ކަލޯ ޔޫސުބާ ކަތީބު މާލެ ދުރުވަނީ ކޮންކަމަކުތަ؟ ވަރަށް ކުއްލި ގޮތަކަށް އެ ފުރަނީ. ރައްޔިތުންނާ ބައްދަލުކުރެއްވި އިރުވެސް އެކަހަލަ ވާހަކައެއް ނުބުނުއްވަ" އަޒީޒު ހައިރާންކަމާއެކު ބުންޏެވެ.

ޖަވާބުގައި ރަށް ކުރިއަަރުވާ ކޮމެޓީގެ މެންބަރު ޔޫސުބު ބުނީ،" އާނ އަޒީޒު! ކަތީބު ފުުރުއްވަންޖެހުނީ ހަމަ ކުއްލިއަކަށް. ރޭ އަތޮޅު އޮފީހުން އަންގައިގެން މާލެ އެ ފުރުއްވީ.. މާލޭގަ މާ ބޮޑު ޖަލްސާއެއް އޮތިއްޔޯ.."

(ނުނިމޭ)

ކުރީގެ ބައި ކިޔާލުމަށް:

ސިލްސިލާ ވާހަކަ: ހަތަރުކަޅި (ދެވަނަ ބައި)

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު