ވޯޓު ލީ "ހުސްގޮނޑިކޮޅަށް"ތަ؟ ވޯޓުލީ ރައްޔިތުން ގަމާރުންނަށް ހެދީތަ؟

ޖަލު ހުކުމުގައި ހުންނެވި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އަދިވެސް މިނިވަންވެޑައިނުގެން ހުންނެވުމުގެ ޒިންމާ މިހާރު ނަންގަވަން ޖެހިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުކަމަށް، ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު، ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވަނީ ވިދާޅުވެފައެވެ. ޖަމީލަކީ ޤާނޫނީ މާހިރެއްކަމާއި އެކަމުގެ އެންމެ ފުންނާބު އުސް ބޭފުޅަކީ އެމަނިކުފާނު ކަން މަދު ބަޔަކު ޤަބޫލުކުރެއެވެ.

ރައީސް ޔާމީނަށް ކަމު ނުގޮސްގެން ނައިބު ރައީސް ކަމުން ދުރުކުރި، ޖަމީލު ގެންދަވަނީ ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އުފައްދަވަން މަސައްކަތްކުރައްވާފައި އައު ސިޔާސީ ޕާޓީ، ޕީއެންއެފް އުފެއްދުމުގެ މަސައްކަތުގައި ޙަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ. އަދި ވާހަކަ ދައްކަވަމުން ގެންދަވަނީ ސުވާލަކު ރާގަށެވެ. ވާހަކަ ދައްކަވަމުން ގެންދަވަނީ "ދެއަނގަ"އިންނެެވެ.

ޑރ. ޖަމީލް ވިދާޅުވަނީ، އަމިއްލަ ޕާޓީގެ ރައީސްކަމުގައި ރައީސް ޔާމީން ހުންނަވަނިކޮށް ފަހު ވަގުތު ބަޔަކު އަޑީގައި ތިބެގެން އެ މަނިކުފާނަށް ބޭވަފާތެރިވީ ކަމުގައެވެ. އަދި މަކަރު ހެދުމަށްފަހު ޕާޓީން އެ މަނިކުފާނު އެއްފަރާތްކުރީ ކަމުގައެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އޭރު އެމްޑީޕީއާ ބައިޢަތު ހިތްޕަވައި މަސައްކަތްކުރެއްވި، ޖަމީލު ވިދާޅުވަމުން ގެންދަވަނީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ހުސް ގޮނޑިކޮޅު ބަހައްޓައިގެން ކަމަށެވެ. ހަމައެއާއެކު އެ މަނިކުފާނު މިނިވަންކުރެއްވުމުގެ ވައުދު ވެސް ވެވަޑައިގަތުމަށްފަހުކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެއެވެ. އެހެންވެ، ރައްޔިތުން ވޯޓު ދިނީ ރައީސް ޔާމީނުގެ ޙައްޤުގައިކަމަަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން އެބަގެންދަވައެވެ. ޑރ. ޖަމީލް ވިދާޅުވަނީ، އެހެންކަމަށްވާނަމަ މި ސަރުކާރުގައި އެ މަނިކުފާނު މިނިވަންކުރުން އިތުރަށް ލަސްވުމަކީ އެއް ގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

"އިންސާފަށް ހުރަސް ނާޅުއްވާށޭ އެއްވެސް ބޭފުޅަކު. އެ ކަން ނިންމަވައި ދެއްވާށޭ. ޙައްގެއް ނޫނޭ އެއީ. އަނިޔާ ނުކުރައްވާށޭ. ރައީސް ޔާމީންގެ ކުށަކީ ކޮބައިތޯ؟ އާންމު ފަރުދެއްގެ ހައިސިއްޔަތުން ލިބިގެންވާ ޙައްގު އެ މަނިކުފާނަށް ވެސް އޮންނަންވާނެ،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ހަމައެހެންމެ، ޑރ. ޖަމީލްވަނީ ރައީސް ޔާމީން ޕީޕީއެމްގެ ރައީސްކަމުގައި ހުންނެވި އިރު އެ ޕާޓީއަށް މަސައްކަތްކުރި އެތައް ހާސް ރައްޔިތެއްގެ ޙައްގަށް މިިހާރުގެ ސަރުކާރުން އަރައިގެންފައިވާކަމަށް ތުހުމަތުކުރައްވައިފައެވެ. ޕީޕީއެމް ޕީއެންސީގެ ސަރުކާރެއް ގެނައުމަށް ޓަކައި ޕާޓީގައި ބުރަކޮށް މަސައްކަތް ކުރި މެމްބަރުންނަށް ސަރުކާރުން ހައްގުވާ މިންވަރު ވެސް ނުލިބޭކަމަށް އެމަނިކުފާނު ވިދާޅުވެއެވެ.

އެގޮތުން ވަޒީރުންގެ މަޖިލީހާއި، ސިޔާސީ މަގާމުތަކާއި، ކުންފުނިތަކަށް އައްޔަންކުރައްވަމުން އަންނަނީ ޕީޕީއެމް ޕީއެންސީއާ ގުޅުމެއް ނެތް ބަޔަކުކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ. އެއީ ޕާޓީއަށް ބުރަކޮށް މަސައްކަތްކުރި ގިނަ ބައެއްގެ މަސައްކަތުގައި ކޮޅުފައިން ޖެހުމުގެ ގޮތުގައި ވެސް އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ޕީއެންސީގެ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ހަފުތާއެއް ނުވަނީސް ރައީސް ޔާމީނާ ދެ ބޭފުޅުންގެ މެދުގައި ވަނީ ދެބަސްވުން އުފެދިފައެވެ. އެހެންވެ، މިދިޔަ ހަފުތާގައި ޕީޕީއެމުން ވަކިވެ، ޕީއެންއެފް އުފެއްދުމުގެ މަސައްކަތް ރައީސް ޔާމީން ފެއްޓެވިއެވެ. އެއާއެކު ޑރ. ޖަމީލްވަނީ ރައީސް ޔާމީންގެ އެދިވަޑައިގަތުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ބޭފުޅުންނާއި ޕީޕީއެމް ވެސް ހިމެނޭ ގޮތަށް އެންމެހާ ފަރާތްތަކުން ޕީއެންއެފްއާ ގުޅިވަޑައިގަތުން ކަމަށް ވިދާޅުވެފައެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން އީސީން ގޮތް ނިންމާފައިވަނީ މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. އެ ހުއްދަ ދިން ފޯމާ ހަވާލުވެވަޑައިގަތީ ރައީސް ޔާމީން ދައުރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލެވެ. މި ދެބޭފުޅުން ކިތަންމެ ވަރަކަށް މަސައްކަތް ކުރެއްވިއަސް ރައީސް ޔާމީނަށް އިޚްލާޞްތެރިވާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

ދެބަސްވުންތަކާއި އަރާރުންވުން ކިތަންމެ މައްޗަކަށްވެސް ގެންދަންވީއެވެ. އެހެންނަމަވެސް، ރައްޔިތުން ވޯޓު ލީ ހުސްގޮނޑިކޮޅަކަށް ނޫނެވެ. ސިޔާސަތަށެވެ. ޕީޕީއެމުން "ދިވެހީންގެރާއްޖެ" ކިޔާފައި އެތައް ޗެޕްޓަރެއް ހިމެނޭ މެނިފެސްޓޯއެއް ހުށަހެޅިއެވެ. އެތައް ވަޢުދުތަކެއް ވެވަޑައިގެންނެވިއެވެ. ދިވެހިންވެސް މިތިބީ ކިޔަވައިގެންނެވެ. ތަޢުލީީމީ ރޮނގުން މިއީ ކުރިއަރާފައިވާ ޤައުމެކެވެ. ޑިގްރީއާއި، މާސްޓަރސް ނަގައިގެންނާއި ޕީއެޗްޑީ ހަދައިގެން އެެތައް ޒުވާނުންނެއް އެބަ ތިއްބެވެ.

ދިވެހިންނަކީ ސިޔާސީގޮތުން ތަންދޮރު ނުފިލާ ބައެއް ނޫނެވެ. ދިވެހިންނަކީ ގަމާރުން ކަމަށް ހަދައި، ވޯޓު ލީ ހުސްގޮނޑިއަށޭ ބުނުމުގެ ޖާގަ އޮންނާނެ ހެއްޔެވެ؟ ދިވެހީންނަކީ ގަމާރުން ހެއްޔެވެ؟

ހަފުތާއެއްވެސް ނުވަނީސް މުޢިއްޒުއާ ދެކޮޅަށް ހަތިޔާރު ބަހައްޓަައި، މި ކުޅެނީ ކޮން ކުޅިގަނޑެއް ކަން ދިވެހިންނަށް އެނގެއެވެ. ކަމެއް ނުކުރެވިގެން، ވަޢުދެއް ނުފުއްދިގެން، "ކަރުން މިދިލި މޫ" ނަގާ ހިސާބަށް ކަންކަން ގޮސްފިކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ފައިން ލޮނުވެލި ނުހިކެނީސް ސަރުކާރާ ދެކޮޅަށް ތެދުވެގެން އެ އުޅުއްވަނީ ފޯނުކޯލަކަށް ޖަވާބު ނުލިބިގެން ކަމަށް ވިދާޅުވާ ނަމަ، އެއީ ޤައުމަށްޓަކައި ތެދުވި ތެދުވުމެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އަމިއްލަ ޖާހު ބޮޑުކުރަން ވިސްނުން ނޫން އެހެން ކަމެއް މިކަމަކުން ނުފެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޖަމީލާ މަލީހާ ދެމީހުންނަށް މިނިސްޓަރުކަން ނުދިނުން އެއީ ކުށަކަށްވެގެން އެއުޅެނީ.

  2. ރައްޔިތުން މާބޮޑަށްވެސް ގަމާރުވެގަތީ ވީމާ ވާނީ ތިހެން ހުސްގޮނޑިޔަށް ވޯޓްދިނީމާ އެނގުނީ އެއީ މާގަމްރު ބައެއްކަން

  3. ދިވެހިންގެތެރޭގައި ވެރިކަމާއިހެދިގެން މޮޔަވެފަ ތިބި ބަޔަކުވެސް އުޅޭކަން މިހާރު އެންމެން ވެސް ދަނޭ. މި ޖަމީލަކީ ވެރިކަމުގެ އަވާގައި އެނބުރޭ ވަހުތާނެއް. އޭނާއަކީ ވަކިޕާޓީއެއް ނުވަތަ ފިކުރެއް ބަލައިގަންނަ މީހެއްނޫން. މިކަހަލަ މީހުންގެ ފަރާތުން ގައުމަށް ކުރާނެ ފައިދާއެއް ނޯއްނާނެ.

  4. ވޯޓުލީ ހުސްގޮނޑިއަކަށްނޫން، ވޯޓުލީފޮއްޓަށް، އެކަމަކު ޔަގީންވާކަމަކީ ވެރިކަން ލިބުނީ ރޔާމީން ވިއްކައިގެންކަން، އަދިރައިއްޔަތުންވޯޓުދިނީވެސް ރޔާމީންގެ ހައްގުގާ ރޔާމީނުގެ ދިފާއުގާކަން، މިކަންސާބިތުވާނެ ކެންޕިއަންތެރޭގާ ރައިއްޔަތުން ރަށްރަށުގައާ ޕޯޑިއަމްތަކުގާ ދައްކާފަހުރި ވާހަކަ ތަކުން އަދި ޕީޕީއެމާ އެހާ ގިނައަދަދަކަށް ގުޅުނު މީހުންތަކުން ވެސް، އެއީހުސްގޮނޑިއެއްނޫން އެއީވަރަށް ޝަރަފުވެރި ވަރަށް ބުރަދަން ބޮޑުގޮނޑިއެއް، ވަރަށްކަރާމާތްތެރި ވަރަށްމާތްގޮނޑިއެއް،
    ކޮންމެ މީހަކަށް ވައުދެއްވެއްޖެނަމަ އެވައުދެއް ފުއްދަންޖެހޭނެ، މުއިއްޒުވެސް ބުރުގާ ކެންޕިއަންތެރޭގާ ވިދާޅުވީރައީސްކަމުގެ ހުވާކުރާދުވަހު ރޔާމީން މިނިވަން ކުރައްވާ ެކަމަށް އެހެނަސް ހޮވޭނެކަންޔަގީންވެ ދެވަނަބުރަށް ދިއުމާއެކު ރާގުބަދަލުވެއްޖެ، ގާނޫނީހަމަތަކަކާ ކޯޓުތަކަށް އަތްނުބާނާނެ ވާހަކަތަކެއް ފެންމަތި ކުރީ، ކީހާޅެން ފަރިއްސަށްވެއްޖެ، ކިތަންމެ ދެރައަސް ކިތަންމެ މޮޅަސް، ހަގީގަތް ވާނީ ހަމަ ހަގީގަތަށް،
    މިކޮމެންޓު ޖައްސަވަން ކެރިލައްވާނެތޯ؟ ޖަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު