Saturday, 15 June 2024

ޤައުމަށް މިއަދު އަލިކޮށްލި އަލިގަދަ ޝަޚްޞިއްޔަތު

2023 ނޮވެމްބަރ 17 ވަނަ ދުވަހު، އިރު މެދުންތިރިވެ، ހަވީރަށް ފިނިކަން ލިބެންފެށި ވަގުތެވެ. މާލޭގެ ޖުމްހޫރީ މައިދާނަށް، ހިނިތުންވުން ގެނުވާލި ވަގުތެވެ. ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 8 ވަނަ ރައީސް ޑރ މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނާއި މުޚާތަބުކޮށް ދެއްވި ތަޤްރީރަކީ، ދިވެހި ތާރީޚުގައިވެސް މިހާތަނަށް ދެއްވާފައި ނުވާފަދަ ތަފާތު، އެހާމެ އަސަރުގަދަ ތަޤުރީރެކެވެ.

129،159 ދިވެހިން އެމަނިކުފާނަށް ވޯޓު ދިނީ، ހަމަގައިމުވެސް އުންމީދުތަކެއް، ތަސައްވުރުތަކެއް، އެމަނިކުފާނާއިމެދު އޮތްލެއް ބޮޑުކަމުންނެވެ. ހިތްތަކަށް ފިނިކަމާއި، އުފާވެރި އިޙްސާސްތަކެއް ގެނުވި އެވަގުތުގައި، ދިވެހިރާއްޖޭގެ ޤައުމީ ދިދައަށް އިޝާރާތްކުރައްވައި ވިދާޅުވެފައިވެއެވެ. "އޭ ދިވެހިންގެ ފަޚުރުވެރި ދިވެހި ދިދަޔާ، ތިބާދެކެ އަޅުގަނޑު އިންތިހާއަށް ލޯބިވަން، ތިޔަހެލިލުމާއި ވިހުރުމުހެ މާނަ އިޙްސާސްކުރަން، ތިޔަ ދައްކައިދެނީ ގައުމު ދިފާއުކުރިި މަތިވެރި ޝަހީދުންގެ ލޭފޮދު، ޤައުމު ބިނާކުރި އެންމެހާ އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން، ދިވެހިންގެ ދެދުނިޔޭގެ ސަލާމަތްކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން، އެހެންވީމާ، އޭލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ، މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރުއޮއްސުން ނިމުނީ، މީގެފަހުން ތިޔަ ފަޚުރުވެރި ދިދަޔަކީ، ރާއްޖޭގެ ކޮންމެ ތަނެއްގައިވެސް 24 ގަޑިއިރު ޝަރަފުވެރިކަމާއި، ޢިއްޒަތާއެކު ވިހުރި ހުންނާނޭ އެންމެ ޢިއްޒަތްތެރި ނިޝާން،"
މި ތަޤުރީރަށްފަހު، ސަރުކާރުގެ އިދާރާތަކަށް ދިވެހި ޤައުމީދިދަ 24 ގަޑިއިރު ތިރިނުކޮށް ބެހެއްޓުމަށް އެންގެވިއެވެ. މިއީ ދިވެހި ތާރީޚުގައިވެސް، ދިވެހި ޤަައުމީ ދިދަޔަށް މިހާ ބޮޑު އަހަންމިއްޔަތު ކަމެއް ދިން ފުރަތަމަ ފަހަރޭވެސް ބުނެވިދާނެއެވެ. މީގެ ކުރިން ދިވެހި ދިދަޔަކީ، ބައެއް ސަރުކާރު އޮފީސްތަކުން އިރު އޮއްސި 6 ޖެހުމުން ތިރިކުރާ ގޮތަށް، އަދި ހެނދުނު 6 ޖެހުމުން ނަގާ ގޮތަށް ހަމަޖެހިފައިވާ އެއްޗެކެވެ. މިކަމަށް އިޝާރާތްކުރައްވާ އެމަނިކުފާނު ވިދާޅުވެފައިވަނީ،
"މީގެ ފަހުން ތިޔަ އައުދާނެ ދިވެހި ދިދަޔަށް އިރުއޮއްސުން ނިމުނީ" ކަމަށެވެ.
ޤައުމިއްޔަތަކީ، ސްކޫލްތަކުގެ ދަރިވަރުން ފެށިގެން، އިސް ރަށްވެހިންނާއި ހަމައަށް ފެތުރިފައި އޮންނަންޖެހޭ ޝިޔާރެކެވެ. މިކަމަށް އެމަނިކުފާނު ދެއްވި ސަމާލުކަމުގެ ހެއްކަކީ، ޤައުމިއްޔަތަށް ވަކި ވުޒާރާއެއް އުފައްދަވައި، ވަޒީރަކު އައްޔަން ކުރެއްވުމެވެ. ޤައުމަށްޓަކައި، އަދި ދިވެހި ޤައުމިއްޔަތަށްޓަކައި، މިވަރުގެ ނިންމުމެއް ނިންމެވިކަން އެއީ އެޝަޚްޞިއްޔަތަކަށްޓަކައި، ފަޚުރުވާން ޖެހޭފަދަ ކަމެކެވެ. އެއީ، ބޮޑުތަކުރުފާނުން، ދިވެހި ޤައުމު ދެކެވީ މަތިވެރި ލޯތްބާއި، ވެވަޑައިގެންނެވި ޤުރުބާނީއަށް އެމަނިކުފާނު މިދެއްވި އަހަންމިއްޔަތުކަން ނުފުދޭތޯއެވެ؟

މިހާރަކަަށް އައިސް އެންމެ ގިނަމީހުން އުފައްދާނެ ސުވާލަކީ، ކުރީގެ ރައީސް ޔާމީން، އެމަނިކުފާނާއި ޚިޔާލުތަފާތުވެ، އާސިޔާސީ ޕާޓީއެއް އުފައްދަވައި ސިޔާސީ މަސައްކަތްފެއްޓެވުން، ރައީސް ޑރ. މުޢިއްޒުއަށް އެމަނިކުފާނުގެ ޒަޢާމަތު ހިންގެވުން ގޮންޖެހުމަކަށް ވާނެތޯ އުފެދޭ ސުވާލެވެ. އަޅުގަނޑުގެ ނަޒަރުގައި، މިއީ ޝައްކެތްވެސް ނެތް މިންވަރަށް އެމަނިކުފާނަށް ހުރަހަކަށް އަދި އުނދަގުލަކަށް އަދި ގޮންޖެހުމަކަށް ވާނެކަމެއް ނޫނެވެ. ސަބަބަކީ، އެމަނިކުފާނަކީ، އެމަނިކުފާނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ބެލުމައްނެތި، ކެތްތެރިކަމާއި، ޙިކުމަތުޢަމަލީ އިސްކުރައްވައިގެން، ވަރުބަލި ކަމެއްނެތި މަސައްކަތްކުރުމުގެ ކުޅަދާނަކަމާއި ޤާބިލްކަން ހުރި ޝަޚްޞިއްޔަތެވެ. މީގެ ހެއްކަކީ، ރިޔާސީ ކެމްޕެއިންގައި، އެމަނިކުފާނާއި ދެކޮޅުވެރި ބޮޑު ދައުލަތަކާއި، ޗެލެއްޖުކުރައްވައި އެހޯއްދެވި ކާމިޔާބެވެ.

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ، އިޤްތިޞާދީ ހީނަރުކަމެވެ. މިކަމުން އަރައިގަތުމަށް މާލީ ވުޒާރާއާއި މާލީ ވަޒީރުގެ ޒިންމާތަކާއި، މަސްއޫލިއްޔަތު ވަރަށްބޮޑެވެ. އަދި ސަރުކާރުގެ އެންމެހާ މުޢައްސަސާތަކުން، ކޮރަޕްޝަން ޒީރޯކޮށް، އިހްލާސްތެރިކަމާއި، އަމާނާތްތެރިކަން އިސްކުރަންޖެހެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުއަކީ، އަބަދުވެސް ކޮރަޕްޝަނާއި ދެކޮޅަށް ވަކާލާތުކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އެހެންކަމުން އެމަނިކުފާނުގެ އައުދާނަ ޒަޢާމަތުގައި، ކޮރަޕްޝަން އެއްވެސްވަރަކަށް ނުހިންގައި، ވެރިކަން ކުރެވިދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 8 ވަނަ ރައީސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒުއަކީ، ދިވެހިން އެ ޝަޚްޝިއްޔަތަކަށްޓަކައި ފަޚުރުވެރިވާނެ ފަދަ އަލިކަމާއި ވިދުންގަދަ ލޭފަވެތި ޝަޚްޞިއްޔަތަކަަށް ވުމަކީ، އަދި އެމަނިކުފާނަށް ތާޢީދުކުރާ މީހުން ދުވަހުން ދުވަހަށް އިތުރުވެ ބަދަހިވަމުން ދިއުމަކީ، ވަރަށްގިނަ ދިވެހި ރައްޔިތުންގެ އުންމީދަކަށް ވާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު