ބައްސާމް ވަނީ ދިވެހި ރައްޔިތުންގެ ފައިސާއަށް ޚިޔާނަތްތެރިވެފައި، ދަޢުވާ ކުރާނަން: ޕީޖީ

އެފްއޭއެމްއަށް ފީފާއިން ދޭ ފައިސާއަކީ ދިވެހި ރައްޔިތުންނަށް ދޭ ފައިސާ ކަމަށާއި، އެ ފައިސާއަށް އޭނާ ޚިޔާނަތްތެރިވެފައި ވުމުން، އޭނާގެ މައްޗަށް މި ހަފްތާގައި ދައުވާ ކުރަން ފޮނުވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

މިކަން ހާމަކުރައްވާފައިވަނީ، ޕީޖީ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ.

ޝަމީމް ވިދާޅުވީ، ބޭރުގެ އިދާރާތަކުން ފޮނުވާ ފައިސާއާ މެދު އަމަލުކުރެނެ އުސޫލުތަކެއް ރާއްޖޭގައި ހުންނަ ކަމަށާއި، އެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާކަމަށް ތުހުމަތު ކުރެވެނީ އެފްއޭއެމް ހިންގަވަން ތިއްބެވި ވެރިންނަށް ކަމަށެވެ.

"ދެން އަޅުގަނޑުމެންގެ ތުހުމަތަކީ ނުވަތަ ފުލުހުންގެ ތުހުމަތަކީ އެފްއޭއެމަށް ފީފާއިން ފޮނުވާ ފައިސާ ރާއްޖޭގެ ގާނޫތަކާ ގަވާއިދުތަކާ ހިލާފަށް އެކި ކަންކަމަށް ބޭނުންކުރަނީއޭ." ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފީފާއިން އެފްއޭއެމަށް އެ ފައިސާ ފޮނުވިޔަސް، އެއީ ދިވެހި ރައްޔިތުންނަށް ފޮނުވާ ފައިސާ ކަމަށާއި، އެހެންކަމުން ރައްޔިތުންނަށް ދޭ ފައިސާ ވަކި ބަޔަކާ އަމާނާތްތެރިކަމާ އެކު ހަވާލުކޮށްފައި ނުވާކަން ފާހަގަވެފައިވާ ކަމަށެވެ.

ގިނަ އަދަދެއްގެ ފައިސާ އެކިގޮތްގޮތަށް ބޭނުންކޮށްފައި ހުންނަތަން ފެންނަ ކަން ފާހަގަކުރައްވަމުން، އެފްއޭއެމްގެ ބައެއް ވެރިން ބޭރަށް ކުރާ ދަތުރުތަކުގައި ފައިސާ ހަރަދުކޮށްފައި ހުންނަ ގޮތް ފެންނަން ހުންނަ ކަމަށް ޝަމީމް ވިދާޅުވިއެވެ. ދަތުރުތަކުގައި ގޮސް ފައިސާ ހަރަދުކޮށްފައި ހުންނަނީ ކޭޝް ކާޑުން ކަމަށްވާތީ އެ މައުލޫމާތުތައް ފެންނަން ހުންނަ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެނގޭ ކޮންތާކުން ކޮންތާކަށްކަން ދިޔައީ ވެސް. ކޮން ހޮޓަލަކުން ކޮން ހޮޓަލަކަށްކަން ދިޔައީ، ކޮން މޯލަކަށް ކަން ދިޔައީ. ވަނީ ކޮން ފިހާރައަކަށްކަން ގަތީ ކޯއްޗެއްކަން. މިހުރިހާ މައުލޫމާތެއް ނިޒާމެއްގައި ރައްކާކުރެވިފައި އެބަ ހުރޭ،" އެފްއޭއެމްގެ ވެރިން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާމެދު ޝަމީމު ވިދާޅުވިއެވެ.

އެ މައުލޫމާތުތައް ވަކި ސިސްޓަމެއްގައި ރައްކާ ކުރެވިފައި ހުރުމުން ބައެއް ކުށްތަކަކީ ފަސޭހައިން ފޮރުވޭނެ ކަންތައްތަކެއް ނޫން ކަން ފާހަގަކުރައްވަމުން، ޝަމީމު ވިދާޅުވީ އެފްއޭއެމްގެ ބައެއް ލިޔުންތައް ބަލަހައްޓާފައި ހުރީ އާންމުގޮތެއްގައި އިންސާނުން ލިޔުން ބަލަހައްޓާ ގޮތަކަށް ނޫން ކަމަށެވެ. އެހެންވެ އެ އެއްޗިހީގެ ތަފުސީލު ހޯދައި ނިއުޅުވާ ބަލަން އިތުރު ވަގުތު ނަގާނެ ކަމަށެވެ.

ކުރިއަށް އޮތް މަދު ދުވަސްކޮޅުގައި އަދި އިތުރު މައުލޫމާތު އަޅުގަނޑުމެންނަށް ލިބޭނެކަމަށާއި، މާލީ އިދާރާތަކުން އެއްކޮށްފައިވާ މައުލޫމާތުތަކުގައި ދައުވާ ކުރެވޭ ވަރަށް މައުލޫމާތު އެބަ ހުރި ކަމަށާއި، ދައުވާ ކުރަން ފޮނުވުމުގެ ކުރިން، މިހާރު ކުރިއަށްދަނީ އިތުރަށް ބަލާލަން ޖެހޭ ކަންތައްތައްކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ ތުހުމަތު ކުރެވިފައިވާ ވެރިން، އެފްއޭއެމްގެ މަގާމުތަކުން ދުރު ކުރުމަކީ އޭނާ އަށް އޮތް ކަމެއް ނޫން ކަމަށާއި އެކަން ނިންމާނީ އެފްއޭއެމްގެ މެންބަރު ކްލަބްތަކުން ކަމަށެވެ.

އެފްއޭއެމަށް ބައިނަލްއަގުވާމީ އިދާރާތަކުން ފޮނުވާ ފައިސާ، ނަހަމަގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވިގެން، ޕީޖީގެ އަމުރަށް ފެށި ތަހުގީގުގައި، ފުލުހުން ވަނީ މިދިޔަ މަހުގެ 22 ގައި އެފްއޭއެމްގެ އިދާރާއަށް ވަދެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު