މި ސަރުކާރުގެ ސިޔާސަތަކަށް ވާނީ ދިވެހިންނަށް އިސްކަންދީ، ދިވެހިންގެ މަސްލަހަތު އިސްކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޔުނައިޓެޑް ޢެރެބް އެމިރޭޓްސްގެ ދުބާއީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޔޫ.އޭ.އީ އަށް ވަޑައިގެންފައިވަނީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންނާ އެކީގައި، ރައްޔިތުންގެ އަޑުއަހައިގެންކަމުގައި ވިދާޅުވިއެވެ. އަދި ކަންކަން ބައްޓަންކޮށް، ނިންމުންތައް ނިންމާނީ ރައްޔިތުންގެ މައްސަލަތަކަށް ޙައްލު ލިބިގެންދާނެފަދަ ގޮތަކަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮންމެ ޤައުމެއްގައި ތިބި ދިވެހިންނަށްވެސް، ދިވެހި ސަރުކާރުގެ ފަރާތުން މިހާރަށްވުރެ ރަނގަޅަށް ކަންކަން ކޮށްދިނުމުގެ ސިޔާސަތު މި ސަރުކާރުން ގެންގުޅުއްވާކަން ފާހަގަކުަރައްވައި، ޚާރިޖީ މިޝަންތަކުގެ މަސައްކަތްތައް ބައްޓަން ކުރާނީ އެ ޤައުމެއްގައި ތިބި ދިވެހިންގެ ކަންކަމަށް، ސަމާލުކަން ދީގެންކަމަށާއި، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރާނެ ގޮތަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު މި ސަރުކާރުން ޤައުމަކަށް އާ ސަފީރެއް ހަމަޖައްސާއިރު ކުރިއަށްވުރެ ރަނގަޅަށް ކަންކަން ކޮށްދޭނެ މީހެއް ހަމަޖައްސާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކަށް އޮތީ ޤައުމިއްޔަތު ދިރުވައި އާލާކުރުންކަމުގައި ވިދާޅުވެފައެވެ. އަދި މި ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަސައްކަތްތަކުގެ ތެރެއިން އެމްބަސީތަކާއި ކޮންސިއުލޭޓްތަކާ ގުޅިގެން، ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށްވެސް ދިވެހި ބަހާއި އިސްލާމްދީނަށް ލޯބިޖެހޭނެ ގޮތަށް މަސައްކަތްތައް ރާވައި ހިންގުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ، އިސްލާމްދީނުގައި ހުރިކަންކަން ދަސްކޮށްދީ، އިސްލާމްދީނުގައި އޮންނަ ރީތި ހަމަތަކުގެ މަތީގައި ކުދިން ބޮޑުކޮށް، ހަރުދަނާ އަޤީދާއެއް ޤާއިމުކޮށްދިނުމާއެކު، އާންމުކޮށް މި އޮންނަ ކޮންސިއުލަރ މަސައްކަތްތަކުގެ އިތުރަށް ދިވެހިބަހާއި އެކީގައި ދީނީ ކަންކަން އިސްލާމްދީނުގެ މާއްދާއާއި ގުޅޭގޮތުން ކިޔަވާދިނުމުގެ ކަންތައްތަކެއް ރާވައިގެން ކުރިއަށްގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޖުމްލަގޮތެއްގައި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް މި ސަރުކާރުން ފެށި މަސައްކަތަކީ ރާއްޖޭގެ އިމުން ބޭރަށް ދިވެހިންތިބި ކޮންމެ ތަނަކަށް އެކަން ފުޅާކޮށް ރައްޔިތުންނާ ހަމައަށް ގެންގޮސްދިނުމަށްޓަކައި ކުރަން ވިސްނަވާފައި އޮތް ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު އަންނަން އޮތް ޖީލުތަކަށް ދިވެހިވަންތަކަން ވާސިލްކޮށްދެއްވުމުގައި ދިވެހި ރައްޔިތުން ފަޚުރުވެރިވާފަދަ ގޮތަކަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮޕް28 ބައްދަލުވުމަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރަށް އެހީތެރިކަން ހޯދުމަށް ކޮޕް28 ބައްދަލުވުމަށްފަހު ވަކާލާތު ކުރައްވާނެކަމަށެވެ.
ރޭގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުބާއީގައި ދިރިއުޅޭ ދިވެހިންނަށް ދަތިވާ ކަންކަމާއި ބޭނުންވާ ކަންކަން ޙިއްޞާކުރުމަށް ފުރުޞަތު ހުޅުވައިލައްވާފައެވެ. އަދި އެކަންކަން ޙައްލުކޮށްދެއްވުމަށް މި ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.