ޤިޞާސް އަދި ޙައްދު ފަދަ ޝަރުޢީ މައްސަލަތަކުގައި ޑީއެންއޭއަކީ އެއަށް ބުރަދަން ދެވިދާނެ ހަރުދަނާ ގަރީނާއެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ޑީއެންއާ މެދު އުފެދިފައިވާ ސުވާލުގެ ޖަވާބު، ވެސްޓްޕާކް ކައިރީގައި މީގެ 10 އަހަރު ކުރިން އަލީ ޝިފާން (ތޮޅި ޕެލޭ) މަރާލި މައްސަލާގައި ކުށް ސާބިތުވެފައިވާ މުހައްމަދު ޝައިފަން މެރުމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓި ހުކުމްގައި، ވަނީ ދީފައެވެ.
އިއްޔެ އިއްވެވި ޙުކުމުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރައުޔުގައި ވިދާޅުވީ، ޑީއެންއޭ އަކީ މި ޒަމާނުގެ ސައިންސްގެ އަލީގައި އޭގެ ތެދުކަން ސާބިތުވެ، އެ އަށް ވަރަށް ބޮޑު ބުރަދަނެއް ދެވިފައިވާ ވަސީލަތެއް ކަމަށެވެ. ޖިނާއީ ތަހުގީގުތަކުގައި ގަރީނާގެ ގޮތުގައި ޑީއެންއޭ ބޭނުން ކުރުމަކީ އިސްލާމީ ޝަރީއަތާ ތައާރަޒުވާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
އެކަން ސާބިތު ކުރުމަށް ބައެއް އިލްމްވެރިންގެ ބަސްފުޅުތަކަށް ރިއާޔަތް ކުރައްވައިފައިބާ ކަމަށާއި ގަރީނާ އިން ގިސާސް ސާބިތު ކުރުން ހުއްދަ ކަމަށް ހަނަފީ މަޒުހަބާއި މާލިކީ މަޒުހަބުގެ އިލްމުވެރިން ވިދާޅުވެފައިވާކަން އެ ހުކުމްގައި ވަނީ ފާހަގަކޮށްފަ އެވެ.
ޝަރުއީ މައްސަލަތައް ސާބިތުކުރުމުގައި ބޭނުން ކުރެވޭ ޑީއެންއޭ ތަހުލީލުތަކަކީ އެ ތަހުލީލުތައް ކުރުމުގެ އިލްމާއި ގާބިލްކަން ހުރި ފަރާތަކުން އެކުލަވާލާ ސައްހަކަން ކަށަވަރު ތަހުލީލު ރިޕޯޓެއް ނަމަ ޑީއެންއޭ އަކީ ހަރުދަނާ އެ އަށް ބުރަދަން ދެވިދާނެ ގަރީނާއެއްގެ ގޮތުގައި ބެލެވިދާނެ ގަރީނާއެެއް ކަމަށް، އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ހަމައެހެންމެ މަރުގެ ތުހުމަތުވާ މީހާ ކުށުގެ އަމަލުގައި ބައިވެރިވިކަން ސާބިތުކުރުމަށް ހުށަހެޅޭ އެހެން ހެކިތަކާއި ގަރީނާތަކަށް ބޮޑު ބުރަދަނެއް އެފަދަ ޑީއެންއޭ ތަހުލީލު ރިޕޯޓުން ލިބިދެވޭ ކަމަށް ކަނޑައެޅިދާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ވެއެވެ.
ޑީއެންއޭގެ ޞައްޙަ ކަމާ ގުޅޭ ގޮތުން ކޯޓުން ހުއްދަ ކުރާ ހަބީރުންގެ ބަހަށް ރިއާޔަތްކޮށް މިފަދަ ރިޕޯޓްގެ ސައްހަކަން ކަނޑައެޅިދާނެ ކަމަށް ހުކުމްގައިވެއެވެ.
"ޑީއެންއޭ އަކީ ވަރުގަދަ ގަރީނާއެއް. އެހެން ނަމަވެސް، ޑީއެންއޭ އަކީ މުއުތަބަރު އެއްޗެއްގެ ގޮތުގައި ބަލައިގަނެވޭނީ ޝަރީއަތުން ކަނޑައަޅާ ވަކި އިންތަކެއްގެ ތެރެއިން،" ހުކުމްގައި ބުންޏެވެ.
ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ނެރުއްވި މި ރައުޔަށް ބެންޗުގައި ދެން ތިއްބެވި ހަތަރު ފަނޑިޔާރުން ވެސް ތާއިދު ކުރެއްވިއެވެ.
ޑީއެންއޭއަކީ މަރުގެ މައްސަލަތަކުގައި ޝަރުއީ ހަމަތަކުން ޙައްދު އަދި ގިސާސް ކަނޑައަޅާފައިވާ ކުށްތައް ސާބިތު ކުރުމަށް ހެކީގެ ދަރަޖައިގައި ބަލައިގަނެވޭ ވަސީލަތެއް ނޫނެވެ. ނަމަވެސް، މިފަދަ މައްސަލަތަކުގައި ގަރީނާއެއްގެ ގޮތުގައި ޑީއެންއޭ ބަލައިގަނެވިދާނެކަމާ މެދު ހިޔާލު ތަފާތުވެ ސުވާލު އޮވެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ތިޔަކީ ހުކުމް ތަންފީޒު ކުރާ ހިތަކުން އުޅޭބައެއް ނޫޫންވީމާ ތީ ހަމަ ނަމަކަށް ކުރާކަންތަކެއް ނިކަން މަރަށް މަރު ހިފާބަލަ