ދިވެހި ބަހުގެ އެކެޑަމީން ބޭއްވި ޤައުމީ ތިން މުބާރާތެއްގެ ބައިވެރިން ހުށަހަޅައިފައިވާ ހުށަހެޅުންތައް އިންސާފުކޮށްދޭނެ ފަނޑިޔާރުން ހޯދަން އެ އެކެޑަމީން އިއުލާނު ކޮށްފިއެވެ.
އެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހުއެވެ.
އެ އެކަޑަމީން ކުރިއަށް ގެންދިޔަ މުބާރާތްތަކަކީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 38 ވަނަ ގައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތައްޓަށް ބާއްވާ ކުރު ވާހަކަ ލިޔުމުގެ 35ވަނަ ގައުމީ މުބާރާތުގެ އިތުރުން ހުތްއަލިދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެން ހެދުމުގެ 26ވަނަ ގައުމީ މުބާރާތެވެ.
ފަނޑިޔާރުކަން ކޮށްދިނުމަށް ޝައުގުވެރިވާ މީހުން ގޫގްލް ފޯމެއް މެދުވެރިކޮށް އެކެޑަމީއަށް އެކަން ލިޔުމުން ހުށަހެޅުއްވުމަށް އެކަޑަމީން އެދިފައިވެއެވެ.
އެކަޑަމީން ހާމަކޮށްފައިވާ ގޮތުގައި، އެކަމަށް އެދި، ފޯމު ހުށަހަޅާއިރު އެ މީހަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ވަނަވަރާއި ސެޓްފިކެޓުތަކުގެ ކޮޕީ ވެސް ހުށަހަޅަންޖެހެއެވެ.
ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިއެވެ. މުބާރާތްތަކަށް އިންސާފުކުރުމުގެ މަސައްކަތް ފެށޭނީ އަންނަ މަހުގެ ތެރޭގައެވެ.
މުބާރާތުގައި ރާއްޖޭގެ ހުރިހައި އަތޮޅަކުން ބައިވެރިވެފައިވެއެވެ. އެގޮތުން އަތޮޅުތަކުން މި މުބާރާތުގައި 117 ސުކޫލަކުން ވާދަކުރެއެވެ. އަދި މާލޭ ސަރަހައްދުން 20 ސްކޫލަކުން ބައިވެރިވެފައިވެއެވެ. ހަމައެހެންމެ އޮފީސްތަކާއި އަމިއްލަ ގޮތުން ވެސް ބައިވެރިން ބައިވެރިވިއެވެ.