އެމަނިކުފާނު ހިމެނޭހެން ޕީޕީއެމްގެ ޓީމެއް ކ. ހުރައަށް ޒިޔާރަތްކުރެއްވުމުން މިއަދު ހިނގާ ދިޔައީ، ބައެއްގެ އިޝާރާތަށް ކުޅުނު ޑްރާމާއެއް ކަމަށާއި، އެމަނިކުފާނަށްވުރެ ރައީސް ޔާމީނަށް ހެޔޮ އެދޭ މީހަކު ނުހުންނާނެ ކަމަށް ޑިފެންސް މިނިސްޓަރ އަދި ޕީޕީއެމް ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "މިހާރު" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އިސްވެ ހުންނަވައިގެން އެ ޕާޓީގެ އިސް ޓީމެއް ކ. ހުރައަށް މިއަދު ވަޑައިގަތުމުން، ހުސްގޮނޑިއެއް ހިފައިގެން ބަޔަކު އެ ބޭފުޅުންގެ ފަހަތުން ހިނގީ ބައެއްގެ އިޝާރާތަށް ކަމަށް ޣައްސާން ވިދާޅުވިއެވެ.
"ޝައްކެއް ވެސް އެއީ ބައެއްގެ އިޝާރާތަށް ހިންގި ކަމެއް. ހަމަ ބަޔަކު އަޑީގައި ތިބެގެން ކުޅުނު ޑްރާމާއެއް،" ކުރީގެ ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާން ވިދާޅުވިއެވެ.
މިއަދު ޕީޕީއެމްގެ ޓީމު ހުރައަށް ފޭބި ވަގުތު ޕީޕީއެމް ކުލައިގެ ހުސްގޮނޑިއެއް ހިފައިގެން ތިބި ބަޔަކު "ގޮނޑި އަށް ބައްލަވާ" ކިޔަމުން ފަހަތުން ދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިޔާގައި އާންމުވެފައެވެ. އެ މީހުން އެގޮތަށް ކަންތައް ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގެ ޖަލްސާތަކުގައި ޔާމީނަށް ހާއްސަ ގޮނޑިއެއް ހުސްކޮށް ބަހައްޓާފައިވާތީއެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒަށް ވެރިކަން ލިބިވަޑައިގަތުމަށް ފަހު، އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޔާމީން ވަނީ ޕީޕީއެމް ދޫކުރައްވާފައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފައެވެ.
ރައީސް ޔާމީނާ އެންމެ އަރިސް އެއްބޭފުޅެއް ކަމުގައިވާ ޣައްސާން ވިދާޅުވީ، ހުރާގައި މިއަދު އެ ބޭފުޅުންނާ ދެކޮޅަށް އަޑުއުފުލި ޓީމުގެ ބައެއް މީހުންނާ ވާހަކަ ދައްކަވައި ހަގީގަތް ސާފުކޮށްދެއްވި ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން މިއަދު ޕީއެންސީ އަށް ސޮއިކޮށްފައިވާ ކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.
"އަނެއްކާ ރައީސް ޔާމީން ޖަލަށް ލާފައި ހުރި އިރު ބައެއް ބޭފުޅުން ތިއްބެވީ ސަރުކާރާ އެކު. ރައީސް ޔާމީންގެ ދިފާއުގައި ވެސް ނުނިކުމޭ. އެހެންވީމާ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރައީސް ޔާމީންގެ އަރިހުގައި މިހާރު އެ އުޅުއްވަނީ އެ މަނިކުފާނަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުންތަކެއް ކަމެއް،" ޣައްސާން ވިދާޅުވިއެވެ.
"އަޅުގަނޑު އެ ބޭފުޅުންނަށް ދެންނެވިން އަޅުގަނޑަށް ވުރެ ބޮޑަށް ރައީސް ޔާމީނަށް ހެޔޮއެދޭ މީހަކު ނުހުންނާނެއޭ. އެ މަނިކުފާނު ޕާޓީ ދޫކުރެއްވި ކަމަށް ވިދާޅުވިއިރު އަޅުގަނޑަކަށް ނޭނގެއޭ. މައްސަލައެއް އުޅޭ ކަމެއް ވެސް ވިދާޅެއް ނުވެއޭ. އަޅުގަނޑުމެންނަށް އެއްވެސް ކަމެއް އަންގާނުލައްވައޭ،" ޣައްސާން ވިދާޅުވި އެވެ.
ހުރާއިން ނިކުތީ ކަމުގެ ޙަޤީޤަތް އެނގިވަޑައި ނުގަންނަވާތީ ކަމަށާއި، ފަހުން ހުރިހާ ކަމެއް ސާފުކޮށްދިނުމުން އެކަން ޤަބޫލު ކުރިކަމަށް ޣައްސާން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޕީޕީއެމް ވެރިކަން ކުރި ޒަމާނުގައި ވެސް ޕީއެންސީ އޮތީ ޕީޕީއެމަށް އެހީތެރިވާ ޕާޓީއެއްގެ ގޮތުގައެވެ. އެހެންވެ، މިހާރުގެ ރައީސް ޑރ. މުއިއްޒު ނިސްބަތްވާ ޕީއެންސީ މިއަދު ވެރިކަން ކުރާއިރު ޕީޕީއެމް ވާން ޖެހޭނީ ޕީއެންސީ އަށް އެހީތެރިވާ ޕާޓީއަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ގޮތަށް އަޅުގަނޑު ގަބޫލުކުރަނީ. ދެން އަޅުގަނޑުމެން މި ހިންގަނީ ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމުގެ މެމްބަޝިޕް ޑްރައިވެއް. ދައުލަތުން ޕާޓީތަކަށް ފައިސާ ދޫކުރަނީ ވެސް ވަކިވަރަކަށް މެމްބަރުން ތިބީމާ. އެހެންވީމާ އެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން މި އުޅެނީ،" ޣައްސާން ވިދާޅުވި އެވެ.
ޣައްސާން ވަނީ، ޔާމީނާ އެކު މިހާރު އެންމެ އަރިސްކޮށް މަސައްކަތް ކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަށް ވެސް ފާޑު ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ އެއީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ ދެކޮޅަށް އެންމެ ގަދައަށް މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށާއި އަދި ޔާމީނަށް އެ ބޭފުޅުން ހެޔޮ އެދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަނެއްކާ ރައީސް ޔާމީން ޖަލަށްލާފައި ހުރި އިރު ބައެއް ބޭފުޅުން ތިއްބެވީ ސަރުކާރާ އެކު. ރައީސް ޔާމީންގެ ދިފާއުގައި ވެސް ނުނިކުމޭ. އެހެންވީމާ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރައީސް ޔާމީންގެ އަރިހުގައި މިހާރު އެ އުޅުއްވަނީ އެ މަނިކުފާނަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުންތަކެއް ކަމެއް،" ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ، އެ ބޭފުޅުން ތިއްބެވީ "ރައީސް ޑރ. މުއިއްޒާ އެކު ގަދަކޮށް ކަމަށާއި، ރައީސްކަން ޑރ. މުއިއްޒަށް ލިބިވަޑައިގަތީ ޔާމީނަށް ފުރުސަތު ގެއްލި، ޔާމީން ވެސް އެ ކަން ޤަބޫލު ކުރެއްވުމުން ކަމަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ޕީޕީއެމް މެންބަރެއް ގައްސާނަކީ، ދެން ކީއް ެތޯ ޕީއެންސީއަށް މެންބަރުން ހޯދަންގައްސާނު ނުކުންނެވީ؟ މާނައަކީ ޕީޕީއެމް އުވާލަނިއްޔޭތޯ؟ ވަރަށްވެސް ގައްސާނު ތިވިދާޅުވާ ރޔާމީނަށް އެންމެ ހެއޮއެދޭ ބޭފުޅަކީ ގައްސާނުކަމަށްވާއިރު މިހާރުވަކި ހެއޮނޭދި ތި އުޅުއްވަނީ ރޔާމީނާ ބައްދަލުކުރައްވާ ވާހަކަފުޅު ނުދައްކަވަނީ؟ ގުޅުންބަދަހިނުކުރައްވަނީ؟ މިނިސްޓަރަކަށްވީތީތޯ؟ އެންމެނަށް އެނގި ޔަގީންވި ކަމަކީ ވެރިކަން ލިބުނީ ހަމަ ރޔާމީން ވިއްކައިގެންކަން މިހާރު ކީއް ެތޯ ރޔާމީން ބާކީކޮށްލީ؟
ޣަްސާނުގެ ބަސްމަގު ރީތިވެފައި އޮމާންވިއަސް ގަބޫލުކުރަން ދަތި ހަގީގަތަކީ ޕީ އެންސީ އަކީ މިވަގުތު އޮޓޮމެޓިކުން މެމްބަރުން އިތުރުވާނެ ޕާޓީއަކަށްވާއިރު ޕީޕީ އެމްގެ ނައިބުން ނުކުމެ ޕީއެންސީއަށް މެމްބަރުންއިތުރުކުރަން ކުރަންޖެހޭނެ މަސައްކަތެއް ނޯންނާނެކަން މާދަމާ ޕީޕީ އެމްގެ އިސްލީޑަރަކީ ޣައްސާނު ވުމަކީ ދުރުކަމެއްނޫން އެދުވަހު ޣައްސާނު ހުންނަވާނީ މިއަދުތިކުރާމަސައްތުގެ މޮޔަހިތައްއަރާފައި