އީވާ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމުގެ ގަރާރު މާދަމާގެ އެޖެންޑާގައި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވަކިކުރުމުގެ ގަރާރު މާދަމާއަށް އެޖެންޑާކޮށްފިއެވެ.

އެމްޑީޕީގެ 50 މެންބަރުންގެ ސޮޔާއެކު އީވާގެ އިތުބާރު ނެތް ކަމުގެ ގަރާރު މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 16 ގައެވެ.

މަޖިލިހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ. އެހެންނަމަވެސް، މި މަހު 13 ގައި އެ މައްސަލަ ކުރިއަށް ގެންދަން ޖަލްސާ ފެށުމާއެކު ނަޝީދު ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެމްޑީޕީން މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަން އެމްޑީޕީން ހުށަހެޅީ ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވި ކަމަށް އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް އަޑުއުފުލި ފަހުންނެވެ. އެޕާޓީން ހާމަކޮށްފައިވާ ގޮތުން، މައްސަލަ ކުރިއަށް ނުގެންގޮސް އީވާ ލަސްކުރުވީ ގަސްތުގައެވެ. އެމައްސަލަގަނޑުގެ ތެރޭގައި، ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިޔަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އީވާ އެ ދުވަހު ވަޑައިގެންނެވުމުން އެމްޑީޕީގެ މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި ހަޅުތާލުކޮށްފައެވެ.

އޭރުގެ މަޖިލިސް ރައީސް ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރާ މެދު އީވާ އާއި ވިލުފުށި ދާއިރާ މެންބަރު ހަސަން އަފީފު އަމަލުކުރެއްވި ގޮތުގެ ކަންބޮޑުވުމާ އެކު މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބައްދަލުވުމެއް ބާއްވައި ނިންމީ، އީވާ އާއި އަފީފު މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒްތަކަށް އަރައިގަތް ކަމަށެވެ. އޭގެ ފަހުން އަފީފުއަށް ވަނީ ރިޔާސަތު ބެލެހެއްޓުމުގެ ފުރުޞަތު ގެއްލިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު