Monday, 07 October 2024

ހިތް އެދޭހާ ކަމެއް.. (26 ވަނަބައި)

ރާހިލް ކަކުންޏަކާއި ކަކުންޏެއް ދޫކޮށްލުމަށްފަހު ގޮސް ޝައިނާ އަތްދަނޑި މައްޗަށް ލައިގެން މޫދަށް އެރުނެވެ. އޭރު އެ އުފާވެރި މާހައުލުގައި ހިފައިލައިފައިވަނީ އެ ދެ ޒުވާނުންގެ އުފާވެރި ހުނުމާއި ސަކަރާތުގެ އަޑެވެ.

************

އަތުގައި އޮތް އައިޕެޑުން އަޅުވައިލެވިފައިވާ ރިއާންގެ އިންޓަރވިއު ކިޔަމުންދިޔަ ރާހިލްގެ މޫނުމަތީގައިވަނީ ހައިރާންކަމެވެ. އޭނާ އެއްފަހަރު ކުރިމަތީގައި އިން ރިއާންއަށް އަނެއްފަހަރު އިންޓަރވިއުގައި ޖަހައިފައިވާ ރިއާންގެ ފޮޓޮއަށް ބަލަމުން ދިޔައެވެ.

"އަހަރެންނަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ ރިއާން މި އިންޓަރވިއު ދޭން އެއްބަސްވި އެއްބަސްވުމެއް… އަނެއްކާ ނޫސްވެރިންނަށް ކޮން ހިތެއް ޖެހިގެން ކުރި ކަމެއްބާ؟" ރާހިލް އަހައިލިއެވެ.

"ތި އަހަރެންނަށް އިތުރު ގޮތެއް ނެތިގެން ކުރި ކަމެކޭ ބުންޏަސް ރަނގަޅުވާނެ…" ރިއާން ފޫހިކަމާއެކު ކުރިމަތީގައިހުރި ކޮފީޖޯޑު ތުނބުގައި ޖަހައިލިއެވެ. އާދައިގެމަތިން އެދެމީހުން އައިސް ތިބީ އާރް.އެލްގެ ކައިރީގައިހުރި ރެސްޓޯރެންޓްގައެވެ.

"ދެން ކީކޭ ބުނާނީ.. މީހުނާ އިނީމަ މީހުން ބަދަލުވެޔޭ ބުނަނީ.. އަދި މިކަހަލަ ކިތަންމެ ކަމެއް ފެންނާނެތާ ދޯ" ރާހިލް ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ލިބޭ ފުރުސަތަކިއްޔާ އަހަރެންނާ ދިމާ ކުރެވޭތޯ ބަލަންވާނެ. ބަދަލު އައިސްގެން ތި އުޅެނީ ރާހިލްއަަށް. ޝައިނާނޫން މީހަކާ އެއްކޮށް ރާހިލްއަށް މިހާރު މަގުމައްޗަށް ފިޔަވަޅެއްވެސް ނޭޅޭ. އޭނަވެސް ހަމަ އެހާވަރެއްގަ.. ކީކޭ ބުނާނީ.. އަހަރެން ހީކުރި ވަރަށްވުރެވެސް ރާހިލް ކުޅަދާނަ" ރިއާން ބުންޏެވެ.

"ދޯ؟ އަހަރެން އޭރުވެސް ބުނީމެއްނު.. އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް އަހަރެން އެކަންތައް ކުރާނަމޭ. ރިއާންއެއްނު ބުނީ އަހަރެންނަކަށް ނުވާނޭ އެއީ ވަރަށް ތަފާތު ކުއްޖެކޭ އޭނަގެ މަތިން ހަނދާން ނައްތާލާށޭ.. ކޮބާ މިހާރު ދެން ރައްޓެހިވެސް މި ވެވުނީނު؟" ރާހިލް ބުންޏެވެ.

"ވަޓް؟ ރާހިލް.. ނުބުނާތި މި ހުރިހާ ކަމަކީ އަހަރެން ބުނީތީ ރާހިލް ޗެލެންޖަކަށް ކުރި ކަމެކޭ" ރިއާން ކަންބޮޑުވިއެވެ. ރާހިލް ސަކަރާތަށްޓަކައި ކޮށްފަ ނުކުރާނީ ކީއްކަމެއް މީހަކަށް ބުނެދޭކަށް ނޭނގޭނެއެވެ.

"ސާބަސް ރިއާންއަށް! އަހަރެން އަސްލުވެސް ޝައިނާދެކެ ވަރަށް ލޯބިވޭ.. އަހަރެން ޝައިނާއަކާ އެގޮތަކަށް ނުކުޅޭނަން" ރާހިލް ބުންޏެވެ. ދެޒުވާނުންގެ ދޭތެރެއަށް ވެރިވެފައިވި ހިމޭންކަމުގެ ތެރެއިން ދެމީހުންގެ ސަމާލުކަންވެސް ހުއްޓުނީ ރިއާންއިން ގޮނޑީގެ ފަހަތަށްހުރި މޭޒުގައިތިބި މީހުން ދައްކަމުންދިޔަ ވާހަކަތަކަށެވެ.

"ދެން ވާނީވެސް އެހެނެއްނު. މުއްސަނދިންނާ ސިޔާސީ މީހުންނާ.. އެއީ ދުނިޔޭގެ އުސޫލު އޮންނާނެ ގޮތް. އެއީވެސް ކޮންމެސް މެންބަރެއްގެ ދަރިއެކޯ… ބާރާއި ނުފޫޒު ހޯދަން މިޒަމާނަކު ނުވިއްކާ އެއްޗެއް ނޯންނާނެ! އަމިއްލަ ދަރިވެސް.! މިހެން ބުންޏަސް އެކުއްޖާގެ ގޮތެއްވެސް ނޭނގޭ.." އެމޭޒުގައި އިން މީހަކު ބުނި އަޑު އިވުނެވެ. ރިއާންއާއި ރާހިލްގެ ސަމާލުކަން އެވާހަކައަށް ހުއްޓުނީ އެތަނުގެ މައުޟޫއަކީ ޒީވާކަމަށް ހީވުމުންނެވެ.

"ތީ ތެދެއް.. އަނެއްކާ ބަލާލަންވެސް ހުތުރު ކުއްޖެއްނޫން… ދެރައީ އެކުއްޖާއަށް ޖެހޭނެ ހާލު. އެހެން ބާރާއި ނުފޫޒަށް ވިއްކާލާ ކުއްޖާ އަންބެއްގެ ގޮތުގަ ގޭގަ އިންދާ ގިނަ ފަހަރަށް މަހުޖަނު ފިރިމީހާ އެހެން އަންހެނުން ގޮވައިގެން އުޅޭނެ ގޮތަކަށް އުޅެނީ.. ރިއާންގެ ގޮތެއްވެސް އަދި ބުނާކަށް ނޭނގޭނެ.. އެކަހަލަ ރީތި ކުއްޖަކާ އިނދެގެން މާ ލޯބިން ގެންގުޅޭނެ މީހުންވެސް ވާނެ. އަހަރުމެންކަހަލަ" ދެން އިން މީހަކު ބުންޏެވެ. އެހިސާބުން ރިއާންއާއި ރާހިލްގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. ރިއާންގެ އަތް މުށްކަވައިލެވުނު ހިނދު ރާހިލް މަޑުމަޑުން ހަމަޖެހުމަށް އިޝާރާތްކުރިއެވެ. ރިއާންގެ ފަރާތުން އެތަނުގައި ހައިޖާނެއް ހިނގައިފިނަމަ ބަލަން ތިބޭ މީހުނަށް މާނަ ނެގޭނީ މާ ގޯސްކޮށް ކަމުގައި ރާހިލްއަށް ވިސްނުނެވެ.

"އާން އަހަރެންވެސް ދުށީމޭ އެކުއްޖާ.. ވަރަށް ލޯބި އިނގޭ. އަނެއްކާ އެއީ ނަރުހެއް ކަމަށްވަނީ.. ކިހާސަޅި… ކާކު ނަރސްއެއް ބޭނުންނުވާނީ… އެއީ ކިހާ ބައެއްގެ ހުވަފެނެއް.. ފެންޓަސީއެއް." އެތަނުން އިވުނު ތިންވަނަ މީހާގެ އަޑާއެކު ދެންތިބި ދެމީހުން ހޭންފެށިއެވެ. ރިއާންއަށް ދަތްކުނޑި ވިކައިލެވުނުއިރު ދެއްކި ވާހަކައިގެ ސަބަބުން ރާހިލްއަށްވެސް މިފަހަރު ރުޅިއާދެވުނެވެ.

"އަހަހަހަ މަވެސް ބޭނުން މި ނަރުހެއް ދެން އެނގޭނު. މަށަށް ލިބުނިއްޔާ—" ރިއާންއަށް ކެތްކުރެވުނީ އެހިސާބަށެވެ. އޭނާ އިންތަނުން ތެދުވެ ފަހަތަށް އެނބުރިލުމަށްފަހު އެ މޭޒާ ގާތަށްފިޔަވަޅެެއް އަޅައިލިއެވެ. އެތަނުގައި ތިބި މީހުނަށް ރިއާން ފެނުމާއެކު ސިހުނެވެ. އެ އެންމެންގެ މޫނުމަތިން ހާސްކަމާއި ކަންބޮޑުވުމުގެ އަސަރުތައް ފާޅުވާން ފެށިއެވެ.

"ސަރ—"

ރިއާންގެ ދުލުން އެންމެ ބަހެއްވެސް ނުނިކުމެއެވެ. އިތުރަށް އެތަނުގައި މަޑު ކުރުމެއްނެތި ހަރު ފިޔަވަޅުތަކެއްގައި ރެސްޓޯރެންޓުން ނުކުންނަން ހިނގައިގަތެވެ. ރާހިލް ބިލަށް ވާވަރަށް މޭޒުމަތީގައި ފައިސާ ބެހެއްޓުމަށްފަހު ރިއާންގެ ފަހަތުން ހިނގައިގަތެވެ. އޮފީހަށް އައިސް އޭނާ އަވަސްވެގަތީ އެ މުވައްޒަފުންގެ ކަންތައް ކޮޅެއްގައި ޖެއްސުމަށެވެ. މޭޒު ކައިރީގައި ހަމަޖެހިލެވުމާއެކު އެންމެ ފުރަތަމަ ކަމަކަށް މޯޑުއަށް ގުޅައިލިއެވެ.

"ވަރަށް އަވަހަށް އަހަރެން މި ފޮނުވާ ތިންމީހުންގެ މުސާރަ ފައިނޭންސަށް ގުޅައިގެން ހަމަޖައްސާ.. ކޭޝްކޮށް އެނގޭ… ވަކިކުރާ ލިޔުންވެސް.." ރިއާން ފޯނު ބޭއްވިއެވެ.

"ރިއާން.. އައި ނޯ އިޓްސް އަ ބްލޯ ޓު ޔޯރ އީގޯ އެންޑް ސެލްފް ރެސްޕެކްޓް ބަޓް—"

"އިޓްސް މޯރ ދޭން ދެޓް ރާހިލް.. އިޓްސް މޯރ ދޭން ދެޓް." ރިއާން ރާހިލްގެ ވާހަކަ މެދުކަނޑައިލިއެވެ. ހަގީގަތުގައި ބޮޑަށް އޭނާ އެކަމުގައި ރުޅިއައީ ޒީވާއާމެދު ދެއްކި ވާހަކަތަކުންނެވެ.

އެ މީހުނާމެދު ފިޔަވަޅު އެޅުމުގެ ފުރިހަމަ އިހްތިޔާރު ރިއާންއަށް ދޫކޮށްލަމުން ރާހިލްވެސް މަޑުން އިނެވެ. ބައި ގަޑިއެއްހާއިރު ފަހުން ރިއާން އެދުނު ފަދައިން ތިންސިޓީއުރަ ހިފައިގެން މޯޑު އެތަނަށް އަތުވެއްޖެއެވެ.

"ހޫމް.. މި މީހުން އޮފީހުގަ އެބަ އުޅޭތަ؟" ރިއާންގެ ސުވާލަށް މޯޑު ބޯ ޖަހައިލިއެވެ. "ތިންމީހުން ކައިރި ބުނެދީބަ މިކޮޅަށް އައިސްލަދޭށޭ." ރިއާން މޯޑު ފޮނުވައިލިއެވެ. މިނެޓެއްހާއިރުތެރޭގައި ރިއާން އެދުނު ފަދައިން މޯޑު އެމީހުން ފޮނުވައިދިނެވެ.

"އަހަރެންނަކަށް ހިއެއްނުވޭ ހާޒިރުކުރެވުނީ ކޮން ކަމަކާމެދުގައިކަން ތިއިން އެކަކަށްވެސް ސުވާލު އުފެދިފަ އޮންނާނެހެނެއް… ހީނުކުރާތި މިއީ އެއްވެސް ހާލެއްގަ އަހަރެންގެ ޒާތީ ކަމަަކަށް ވެގެން ކުރާ ކަމެއް ކަމަށް.. އަހަރެންގެ މުވައްޒަފެއްގެ ގޮތުގަހުންނަ ކޮންމެ މީހެއްގެ ފަރާތުންވެސް އަހަރެން އުއްމީދުކުރާ އަހުލާގީ މިންގަނޑެއް އޮންނާނެ. މިއަދު އަންހެންކުއްޖަކާ ބެހޭގޮތުން ތިމީހުން ދައްކަނިކޮށް އަހަރެންނަށް އިވުނު ވާހަކަތަކަކީ އެ މިންގަނޑާ ހިލާފު ވާހަކަ ތަކަކަށް ވާތީ އަހަރެން އިތުރަށް ތިމީހުން މިތަނުގަ ގެންގުޅޭކަށް ބޭނުމެއްނޫން.. މިއޮތީ ކުރިއަށް އޮތް ތިންމަސް ދުވަހުގެ މުސާރަ. މިއަދުން ފެށިގެން ތީ އާރް.އެލްގެ މުވައްޒަފުން ކަމަށް ނުދެކޭތި!!!" ރިއާން މޭޒުމަތީގައި އޮތް ތިން ސިޓީއުރައަށް އިޝާރާތް ކުރަމުން ބުންޏެވެ.

"ބައްލަވާ.. އޮފީހުން ބޭރުގަ ދައްކާ ވާހަކައަކާ ގުޅިގެން ތިގޮތަށް ވަޒީފާއިން ވައްކެއް ނުކުރެވޭނެ ނޫންތޯ؟" އެތަނުން އެކަކު ބުންޏެވެ.

"ރިއަލީ؟ އަންބިލީވަބަލް.. ބަލަ ތިފާޑަށް ތި ވާހަކަ ދައްކަނީ އަހަރެން ބުނި އެއްޗެއް ނީވިގެންތަ؟ ކަން ހިނގާދިޔަގޮތް ނޭނގިގެންތަ؟ އަހަރެން ދެންމެ މިތަނުގަ ޕްރޮފެޝަނަލް ސްޓާންސް އަކުން ވާހަކަ ދެއްކީތީ މިކަމުގެ ކުޑަ ބޮޑުމިން އޮޅުނީތަ؟ ބަލަ ދެކެވުނު ވާހަކައިގެ މައުލޫއަކީ އަހަރެންގެ އަންހެނުންނޭ!! އޮފީސް ތެރޭ އެވާހަކަ ކުރިއަށް ދިޔަނަމަ އެއްވެސް އިތުރު މުއައްސަސާއަކުން ކަލޭމެނަށް ވަޒީފާ ނުލިބޭވަރު ކުރީސް.. ދެންވެސް މަގޭ އަތުންފައިން ގޯހެއް ނުހެދެންދެން ބަަލަން ނުހުރެ މި ހިފައިގެން މަގޭ ކުރިމަތިން ދުރަށްދޭ" ރިއާންގެ އަޑު މުޅި ކެބިންގެ ތެރޭގައި ގުގުމާލިއެވެ. އެމީހުން ޖެހިލުންވެފައިހުރެ އެތަނުން ދިޔުމުން އެތަނުގައި ހުރި ރާހިލްއަށްވެސް ބަލައިލުމެއްނެތި ރިއާން މަސައްކަތުގެ ތެރޭގައި އަވަދިވެގަތެވެ.

ގެއަށްދިޔައިރުވެސް ރިއާންގެ ސިކުނޑީގައިވަނީ އެމީހުންގެ ބަސްތަކެވެ. ޒީވާއޭ ކިޔައިގެން އެފަދަ ގޮތަކަށް ދެއްކި ވާހަކަތައް ހަޖަމު ކުރާކަށް އޭނާއަަކަށް ފަސޭހައެއްނުވިއެވެ. އެމީހުނާމެދު އިތުރަށް ފިޔަވަޅު އަޅަށް ބޭނުންވިޔަސް އެވާހަކަ ދައްކާނެ އިތުރު ބަޔަކުވެސް އުޅޭނެކަން އޭނާއަށް ގަބޫލުކުރެވުނެވެ. އެންމެންގެ އަނގަޔަކު އޭނާއަށް ހިފެހެއްޓޭނީ ކިހިނެއްހެއްޔެވެ؟

"ރިއާން… ތި އައީތަ؟" ޓައި ދޫކޮށްލަމުން ސޯފާއަށް ވެއްޓިގަތް ރިއާން ފެނުމާއެކު ޒީވާއަހައިލިއެވެ. އޭރު އޭނާ އުޅުނީ ކިޗަން އައިލެންޑް މަތީގައިހުރި ކޭކެއް ޒީނަތްތެރި ކުރުމުގައެވެ.

"އާޗާ.. ޒީވް ކޭކްވެސް އަޅަންތަ؟" ރިއާން ސޯފައިން ތެދުވެގެން އައިސް އައިލެންޑް ސްޓޫލްއެއްގައި ޖައްސައިލުމަށްފަހު ކޭކަށް ބަލައިލިއެވެ.

"ހޫމް ބައެއްފަހަރު… ހަމައެކަނި ގާތްމީހުނަށް.. މިއީވެސް އިޝްކޮ ބުނެގެން އަޅައިދޭ ކޭކެއް" ޒީވާ ހިނިތުންވެލިއެވެ.

"ހާދަ ޓެލެންޓެޑް އޭ ދޯ.. ދެން ކީއްވެ ނަރސް އަކަށްވާން ވިސްނީ؟" ރިއާން އޭނާގެ ހިތުގައި އަސްލު އުފެދުނު ސުވާލު އަމާޒުކޮށްލިއެވެ. އާއިލީ ވިޔަފާރިއާއި އެނޫންވެސް ކުރިއަށް ދާނޭ އިތުރު ދާއިރާތައް ހުއްޓައި ޒީވާ އެ ރޮނގުން ކުރިއަށް ދާން ނިންމީ ކީއްވެބާއެވެ.

"ނޭނގެ ކީއްވެގެންކަމެއް.. ކުޑައިރުއްސުރެވެސް ބޭނުންވީ ބަޔަކަށް ކަމެއްކޮށްދީގެން އެހީއެއް ވެދީގެން ނަފްސަށް ހަމަޖެހުން ލިބޭ ކަހަލަ ދާއިރާއަކުން ކުރިއަށްދާން… އަނެއްކާ ކިހިނެއްވީ؟ ރިއާން ހިތްހަމަ ނުޖެހެނީތަ؟ މީހަކު އެއްޗެއް ބުނީތަ؟"

"ނޫނޭ.. ހަމަ ދެން އަހާލީ.. އެހެންނޫނަސް ކީއްވެ މީހަކު އެއްޗެއް ބުނަންވީ.. އަސްލު ނަރުހުންނަކީ ކިހާ މާތް ކިހާ މުހިއްމުބައެއް؟ އިންސާނިއްޔަތަށް ކިހާ ބޭނުންތެރި މުހިއްމު ހިދުމަތެއް ފޯރުކޮށްދޭ ބައެއް" ރިއާން ބުންޏެވެ.

"ހޫމް. ދެރައީ އެންމެން ތިގޮތައް ނުދެކޭތީތާ ދޯ" ޒީވާ ބުންޏެވެ.

"ތިހެން ތި ދެކެނީ ކީއްވެ؟ ޒީވް އަށް ކަމެއް ދިމާވީތަ؟" ރިއާން އެނގެން ބޭނުންވިއެވެ.

ރިއާންގެ ސުވާލާއެކު ޒީވާ ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. އޭނާއަށް ކުރިމަތިވި ހާދިސާ ހަނދާންވުމާއެކު ހިތް އަވަސްވެ އަތް ތުރުތުރުލާން ފެށިއެވެ. އެމޫނުމަތީގައިވި ހާސްކަން ފޮރުވުމަށްޓަކައި ރިއާންއަށް ފުރަގަސްދެމުން ކެބިނެޓް މަތީގައިހުރި ކަޕްކޭކް ޓްރޭއާ ދިމާލަށް ހިނގަައިގަތެވެ.

"ކަޕްކޭކް ކާނަންތަ؟ މިއީވެސް އިޝްކޮ ބުނެގެން ހެދި އެއްޗެއް.. އަޅެ ރަހަ ބަލާލަބަ" ޒީވާ އައިސް ރިއާންއަށް ކަޕްކޭކެއް ދިއްކޮށްލަމުން ބުންޏެވެ.

"ތީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫނެއްނު" ރިއާން ކަޕްކޭކުގައި ހިފަމުން ބުންޏެވެ. ޒީވާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ރިއާންގެ ތޫނު ދެލޯ އޭނާއަށް އަމާޒުވެފައިވާތަން ފެނި އެ ސުވާލުން ރެކި ގަނެވެން ނެތްކަން ކަށަވަރުވިއެވެ.

"ދެން ހުންނާނެ ދޯ.. ދެން އެކި ކަހަލަ.. ކަންކަން ދިމާވެފަ… ކުދި ކުދި.. އެކަމަކު އެއީ އެހާ އަޅާލަންޖެހޭ ކަމެއް ނޫނެއްނު… ދެން އެވާހަކަ ނުދައްކަމާ ދޯ.. ކަޕްކޭކް މީރުތަ؟" ޒީވާ ހަގީގަތް ފޮރުވިއެވެ. ޒީވާގެ ސުވާލަށް ބޯ ޖަހައިލި ރިއާންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ޒީވާ ގަސްތުގައި އޭނާގެ ސުވާލަށް ޖަވާބު ނުދިނީކަން އޭނާއަށް އެނގުނެވެ. އެހެނަސް އިތުރަށް އެވާހަކަ ދައްކަން އޭނާ ޖެހިލުންވީ ޒީވާ އެވާހަކަތައް އޭނާއަށް ކިޔައިދޭހާ ގާތް މީހެއް ކަމުގައި އޭނާއާ މެދު ނުދެކޭކަމަށް ހީވުމުންނެވެ. އެހެން ހީވުމާއެކު ރިއާންއަށް އުނދަގޫ އިހުސާސެއް ކުރުވިއެވެ. މީގެ އަހަރުތަކެއް ކުރިން ޒީވާގެ އެންމެ ގާތް ހުރިހާ ސިއްރެއް ހިއްސާކުރާ މީހެއްގެ ގޮތުގައި ހުރީ އޭނާއެއް ނޫންހެއްޔެވެ؟ މިއަދު ޒީވާ އެހާވެސް ބޮޑަށް އޭނާ ދުރުކޮށްލީއެވެ. ކުއްލިއަކަށް މޫޑަށްއައި ބަދަލު ފޮރުވަމުން ރިއާން އެތަނުން ދާން ތެދުވިއެވެ.

"ދަނީތަ؟" ޒީވާ ގޮވައިލިއެވެ.

"އަހަރެން ހުރީމަ ޒީވާ އެހާ ހިތްހަމަ ނުޖެހޭހެން ހީވަނީ" ރިއާން ބުންޏެވެ.

"މަޑުކޮށްބަ.." ޒީވާގެ އަޑަށް ރިއާން ހުއްޓުނެވެ.

"އަހަހަހަ. އެއްޗެއް ދައްކަންތަ؟" ޒީވާ ހެމުންހެމުން އައިސް ފޯނުގެ ކުރީ ކެމެރާއިން ރިއާންއަށް ރިއާންގެ އަމިއްލަ ސިފަ ދައްކައިލިއެވެ. އެއާއެކު ފެނުނު މަންޒަރުން ރިއާންއަށް ބުމަ ގޮށްޖަހައިލެވުނެވެ. އޭނާގެ ތުނބުޅީގައި އެކީ އެކައްޗަކަށް އުނގުޅިފައިވަނީ ކޭކުގެ އައިސިންގްއެވެ.

"އަދިވެސް ރިއާންއަކަށް ކަޕްކޭކު ކާން ނޭނގޭ ދޯ" ޒީވާ އެމީހުންގެ ކުޑައިރުގެ ހަނދާންތައް އާކުރަމުން ބުންޏެވެ. ރިއާން ވަކި އެއްޗެކޭ ބުނާނެ ފުރުސަތު ނުދީ ރިއާންގެ ތުނބުޅީގައިވާ ކޭކުތައް ފޮހެދިނުމަށް އަވަސްވެގަތެވެ. ކުޑަކޮށް ކޮރައިލަމުން ރިއާންގެ މޫނާއި ގާތަށް ޖެހިލިއެވެ. ޒީވާގެ އިނގިލިތައް ރިއާންގެ ތުންފަތްކައިރީގައި ބީހިލިވަގުތު ރިއާންގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ބޭއިޙްތިޔާރުގައި އޭނާއަށް ޒީވާގެ ކޮންމެ ހަރަކާތަކަށް ނުނިޔަތެއްގައި ބެލެމުންދިޔައެވެ. އެއީ ޒީވާ މާބޮޑު ފަރުވާލެއްނެތި ކުރި ކަމުގައިވިޔަސް އެ ހަރަކާތާއެކު އޭނާގެ ހިއްސުތަކުގައި ހުޅުޖެހުނުފަދައެވެ. ޒަމާންތަކަކަށް އޭނާގެ އެތެރެހަށިން ފިލައިގޮސްފައިވާ ހޫނުކަމެއް އަލުން އިއާދަވި ކަހަލައެވެ. އިތުރަށް މަޑުކޮށްފިނަމަ ގޯހެއް ހެދިދާނެ ކަމަށް ވިސްނި ޒީވާއާ ދުރަށް ޖެހިލަމުން ހަލުވިކަމާއެކު ރިއާން ކޮޓަރިއަށްވަދެ ދޮރުޖެހިއެވެ.

ޒީވާއަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ. ރިއާން ހިތްހަމަ ނުޖެހޭގޮތަށް އޭނާއަށް ބުނެވުނީ ކީކޭކަމެއްް ނުވަތަ ކުރެވުނީ ކީއް ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. ފުންވިސްނުމަކަށް ގެއްލިފައިހުރެ ކޭކުގެ މަސައްކަތް ނިންމައިލައި ފްރިޖަށް ލުމަށްފަހު އޭނާވެސް ނިދަން ތައްޔާރުވެލިއެވެ. އެވަގުތު ފޯނަށް އައި ކޯލްގެ އަޑު ޖެހުމާއެކު ޒީވާގެ ބުމަ ގޮށްޖެހިގެންދިޔައެވެ. މިފަދަ ވަގުތެއްގައި އޭނާއަށް ގުޅާނީ ކާކު ހެެއްޔެވެ.

"ހަލޯ؟" ޒީވާ ޖެހިލުންވެފައިހުރެ ފޯނަށް ޖަވާބު ދިނެވެ.

"ހަލޯ؟ ދަރިފުޅާ.. މީ މަންމައޭ" ފޯނުން އިވުނީ ޝީރީންގެ އަޑެވެ.

"މަންމަ ހާދަ ނުގަޑިއެއްގަ؟ ރަނގަޅުތަ؟ ކަމެއް ދިމާވީތަ؟" ޒީވާ ކަންބޮޑުވެފައި އަހައިލިއެވެ.

"ނޫނޭ ދަރިފުޅާ.. މީ ހަމަ ގުޅާލީ ދަރިފުޅު މިގެއަށް އައިސް ނުލާތީ.. ރިއާން ނަޔަސް ދަރިފުޅު އަންނަންވާނޭ މަންމަ ބުނީމެއްނު.. މަންމަ ގުޅީމަ ރިއާން ހިތްހަމަ ނުޖެހިދާނެތީ ރިއާން ނިދާނެހާ އިރު ކޮށްފަ މި ގުޅާލީވެސް.." ޝީރީން ބުންޏެވެ.

"ލައްބަ.. ރިއާން މިހާރު ނިދައިފި.. އަޅުގަނޑު މާދަން މަންމަގާތަށް ގޮސްލެވޭތޯ ބަލާނަން.. ރިއާންވެސް ގޮވައިގެން ދެވޭތޯ ބަލާނަން.." ޒީވާ ބުންޏެވެ.

************

"ރިއާން ބޭނުންނެތިއްޔާ އަހަރެންނާއެކު ނަޔަސް މައްސަައެއްނެތޭ" ކާރުން ފޭބި ރިއާންއާ އަރައި ހަމަކޮށްލަމުން ޒީވާ ބުންޏެވެ. ރިއާން ވަކި ޖަވާބެއްނުދީ ޒީވާގެ ކުރިއަށްހުރެ ހިނގައިގަތެވެ.

"މި އައީނު ޒީވާވެސް. ޖޫލީ… އާދެބަލަ މަގޭ ޒީވާއާ މީޓް ކޮށްލަން" ޖޫސްތައްޓެއް ހިފައިގެން ސިޑިއާ ދިމާލަށްދިޔަ ޝީރީން ތަންކޮޅެއް ބާރަށް ޖޫލިޔާއަށް ގޮވައިލިއެވެ.

"މަންމަ އެބަ އަންނަން އެނގޭ ބައްޕައަށް މި ޖޫސްތަށި ގެންގޮސްދީފަ. ދަރިފުޅު އިހަށް ޖޫލީއާއެކު މަޑުކޮށްލާ.." ޝީރީން ޒީވާގެ ކޮނޑުގައި ފިރުމައިލަމުން ބުންޏެވެ. "ރިއާން.. ދަރިފުޅުވެސް އިށީނދޭ" ޝީރީން ރިއާންއަށް އަވަސް ނަޒަރެއް ދިނުމަށްފަހު އެތަނުން ދިޔައެވެ.

"ކުޑަ ސާހިބް" ޖޫލީ ރިއާންއަށް ގޮވައިލިއެވެ. ރިއާން ބަލައިލުމާއެކު އަތުން ޒީވާއަށް އިޝާރާތްކޮށްލުމަށްފަހު "އޯކޭ" ކަމަށް އިޝާރާތެއް ދައްކާލަމުން އެއްލޯ މަރައިލިއެވެ. ޒީވާއަށް އެ މަންޒަރުފެނި ދެލޯ ބޮޑުކޮށްލެވުނެވެ.

"ޕިސްޕިސް.. މި ޖޫލީވެސް މިހާރު ހާދަ ލާނެތް ވެއްޖޭދޯ!" ރިއާން ދެފަރާތަށް ބޯ ހޫރައިލިއެވެ.

"އަހަހަހަ. މެޑަމް ކޯއްޗެއް ކާނީ؟ އަހަރެންވެސް ކުޑަ މަސައްކަތް ހުރީ މިގަޑީގަ" ޖޫލީ ބުންޏެވެ.

"އަދި އެއްޗެއް ނުކާނަން.. ޖޫލީ ކޮން ކަމެއްގަތަ ތި އުޅެނީ؟" ޒީވާ އަހައިލިއެވެ.

"މިއުޅެނީ ކުކުޅު ރޯސްޓް ކުރަން" ޖޫލީ ބުންޏެވެ.

"ހިނގާ.. އަހަރެންވެސް ހެލްޕް ވާނަން" ޒީވާ ބުންޏެވެ.

"އެކަމަކު މެޑަ—"

"ދެން ތިހެން މެޑަމްއޭ ނުކިޔަބަލަ. ޖޫލީ އަހަރެންނަށްވުރެ އުމުރުންވެސް ބޮޑު އިރު ތިހެން މެޑަމް ކިޔަންޏާ އަހަރެން ވަރަށް ދެރަވާނެ.. އަހަރެން މުސްކުޅިހެން ހީވަނީތަ؟" ޒީވާ ހިތްހަމަ ނުޖެހޭ ގޮތް ދައްކަމުން ބުންޏެވެ.

"ނޫނޭ މެޑަމް.. ސޮރީ. ކޮއްކޮ ވަރަށް ރީތި" ޖޫލީ ބުންޏެވެ.

"ހޫމް. އަނެއްކާ ކޮއްކޮއޯ. އަޅެ ޖޫލީއަށް އަހަރެން ފެންނަނީ ކުޑަކުއްޖެއްހެންތަ؟" ޒީވާގެ ސުވާލަށް ޖޫލީ ނޫނެކޭ ބުނެ ހޭންފެށިއެވެ. ދެމީހުން އެކި ވާހަކައިގައިހުރެ ދުރަށް ހިނގައިގަތްތަން ބަލަން ހުރުމަށްފަހު ރިއާން އޭނާއަށް އައި ރާހިލްގެ ކޯލަށް ޖަވާބުދިނެވެ.

"ހަލޯ. ބައްޕަމެން ގޭގަ" ރިއާންގެ ޖަވާބުން ރާހިލް ހައިރާންވިއެވެ.

"ރިއާންއަށް މީހަކު ފަންޑިތައެއް ހެދީތަ މިހާރު މާވަރަަކަށްތި ގެއަށް ތި ދަނީ؟" ރާހިލް ބުންޏެވެ.

"ދައްތަ ޒީވްއާ މީޓްކޮށްލަން ވެގެނޯ. އަހަރެން ނައިއްޔާ ޒީވް އެކަނިވެސް އަންނަން ހުރީ. ޒީވް އެކަނި ފޮނުވުމަށްވުރެން މިގޮތްވެސް ރަނގަޅެއްނު." ރިއާން ބުންޏެވެ.

"ރިއާން ވާހަކަ ދައްކާގޮތުން ހީވަނީ ތި ގެއަކީ ޒީ އެކަނި ނުފޮނުވޭވަރުގެ ހަނގުރާމައިގެ މައިދާނެއްހެން" ރާހިލް ދިމާކޮށްލިއެވެ.

"ހަނގުރާމައިގެ މައިދާނަކަށްވުރެ ދެރައެއްނޫނެއްނު." ރިއާން ބުންޏެވެ.

"އޯކޭ އޯކޭ.. އަހަރެން ހީނުކުރަން ޒީއަށް ތިހާ ކެއަރ ކުރާ ކަމަކަށް އެނގޭ" ރާހިލް ބުންޏެވެ.

"އޮފްކޯސް އައި ޑޫ! އޭގެ މާނައެއްނޫން ދޯ އަހަރެން ޒީ އާ މެރީ ކުރަންވީކީއޭ؟ އަހަރެންނަށްވުރެން މާ ކެއަރ ކުރާނެ މާ ރަނގަޅު މީހުންވެސް ޒީއަށް ދިމާވީސް.. އެހެންނޫނަސް.. ކެއަރ ކުރާ އެންމެނާ އިންނަން ވިއްޔާ ކޮބާ ސަލާމަތެއް؟" ރިއާން ބުންޏެވެ.

"އައްދޭ ބްރޯ. ސަލާމަތްވާނެ ސަލާމަތްވާނެ! ހީކުރަނީ ތީ މާ ގިނަ މީހުނަކަށް ކެއަރ ކުރާ މީހެއް ކަމަށްތަ؟ ކެއަރ ކުރާ އެންމެނާ އިނަސް ރިއާންގެ ހަތަރު ޖާގަވެސް ނުފުރޭނެ ވިއްޔަ. ތިގޭ ޖޫލީއާއި އަހަރެންގެ ގަރލްފްރެންޑް ނެގީމަ ރިއާން ކެއަރ ކުރާ އިތުރު ބަޔަކަށް ތިބޭނީ އަހަރެންގެ ދެ ކޮއްކޮ.. އިޝީ އަކީ މާ ކުޑަކުއްޖެއް.. އެހެންވީމަ ޒީއަކީ ގޮތަކަށް ބުނަންޏާ ރިއާންއަށް އޮތް ހަމައެކަނި ޗޮއިސް.. ޒީ އާ މެރީ ނުކުރިނަމަ ރިއާންގެ އުމުރު ހުސްވާނީވެސް ހުސްހަށިބަޔަށްހުރެ" ރާހިލް ދިމާކޮށްލިއެވެ.

"އަހަހަހަ. އޭރަށް އަހަރެންގެ ބެސްޓް އެމްޕްލޯއީ ޝައިނާ ހުންނާނެ އެއްނު" ރިއާންވެސް ދިމާކޮށްލިއެވެ.

"އޭ ބުނަން!! ތީ ވަރަށް ސަކަރާތްވީ އެނގޭ.. ރިއާންގެ ނަސީބު އަހަރެން ކުރިމަތީހުރެ ތިހެން ނުބުނެވުނުކަން.. ޝައިނާ އެއީ ހަމައެކަނި އަހަރެންގެ" ރާހިލްގެ އަޑަށް ކުއްލިއަކަށް ސީރިއަސްކަން ވެރިވިއެވެ.

"އޯކޭ އޯކޭ.. ޗިލް މޭން.. އެއީ އަހަރެން ހަމަ މަޖަލަކަށް ބުނި އެއްޗެއްކަން އެނގެއެއްނު… ދެން ކިޔާބަލަ.. ކޮން ކަމަކު އަސްލު ތި ގުޅީ" ރިއާން އަހައިލިއެވެ.

"މިއުޅެނީ ބާސްކެޓް ކުޅެން އައިސްގެން.. ޝައިނާ މަގޭ ޓީމަށް ލެވުނު މޮޔަ ހިތަށް އަރާ އެބަ މިހާރު އިޝީއާ ޝިމާންއާ ހަމަ މޮޅުވަނީ.. ކުޅެން އަންނާށޭ ބުނަން ގުޅީ.. އެކަމަކު ދެން ނާދެވޭނެތާ.. އެހެންވީމަ ދެން ބާއްވަނީ" ރާހިލް ފޯނު ކުރުކޮށްލިއެވެ.

"ނާދެވޭނެޔޯ" ރާހިލް ފޯނު ބޭއްވުމަށްފަހު އެތަނުގައިތިބި ތިންމީހުނަށް ރިއާންގެ ޖަވާބު އިއްވައިލިއެވެ.

"އަޅެ ދެން ނުކުޅެވޭނެ އަހަރެންނަކަށް.. ވަރަށް ވަރުބަލި" ޝައިނާ މައިނޭވާލަމުން ބެންޗުގައި އިށީނެވެ.

"އިޝްކޮ. ލެޓްސް ގޯ ވަން ވީ ވަން" ރާހިލް ބުންޏެވެ،

"އުހޫން. އިޝީއަކަށް ދޮންބެ ބައްޔެއް ނުކުރެވޭނެ. ކުރެވުނަސް އަދި ދޮންބެ ތީ އިޝީގެ ކޯޗް. ބުނޭނު ނެވަރ އައުޓްސްމާރޓް ދަ މެންޓަރ އޭ…. މާނުއާ އެއްކޮށް ކުޅޭ.. މާނުއަށް ދޮންބެ ބަލި ކުރެވޭނީ" އިޝްވާ ބޯ ދަމައިގަތެވެ. ރާހިލް ޝިމާންއަށް ގޮވައިލަމުން ދެމީހުން އެކުގައި ކޯޓަށް ދުއްވައިގަތެވެ.

*************

އިޝާ ނަމާދަށްފަހު މިސްކިތުން އައި އިރުވެސް ޒީވާގެ ހަބަރެއް ނުވުމުން ރިއާން ޒީވާގެ ހަބަރެއް ހޯދުމަށްޓަކައި ގޭތެރެ ހޯދަން ފެށިއެވެ. ކާގެއާ ހިސާބަށް އަރައި ހަމަވިއިރު ޖޫލިޔާއާއި ޝީރީނާއެކު މޭޒުމަތީގައި ތަށިތަށް އަތުރަން އުޅުނު ޒީވާ ފެނި ރިއާންއަށް ހުއްޓެވުނެވެ. އެ ތިން މީހުންގެ މޫނުމަތީގައިވެސް ވަނީ އުފާވެރި ހިނިތުންވުމެކެވެ. ރިޔާޒްއާ އިނދެގެން އެ ގެއަށް އައި ފަހުންވެސް ޝީރީން މަސައްކަތެއްގައި އުޅުނު މަންޒަރެއް ރިއާންއަކަށް ފެނިފައެއް ނުވެއެވެ. ވުމާއެކު އެމަންޒަރުވީ ރިއާންގެ ހައިރާންކަން އިތުރުވި މަންޒަރަކަށެވެ. އޭނާއަށް ހުއްޓުން އަރައިފައި އެ މަންޒަރު ބަލަން ހުރެވުނެވެ. ރިއާން ފެނުމާއެކު ޒީވާ ރިއާންއާ ހަތަރުކަޅި ހަމަކޮށްލަމުން ހިނިތުންވެލިއެވެ. އަދި އެއަށްފަހު ޝީރީންގެ ފަހަތުން އަނެއްކާގޮސް ބަދިގޭގެ ތެރެއަށް ގެއްލުނެވެ. އެއީ ކިތަންމެ ލުއި ހަރަކާތެއް ނަމަވެސް އެ ހިނިތުންވުން ރިއާންގެ ހިތުގެ ކަނެއްގައި ކޮށްޓައިލިއެވެ.

"މަންމާ.. ރިއާންއާ ވާހަކަ ނުދައްކަނީ ކީއްވެ؟" ބަދިގޭގެ ތެރެއަށް ވަދެވުމާއެކު ޒީވާ ޝީރީންގެ އަތުގައި ހިފެހެއްޓިއެވެ.

"އެއީ ވަރަށް ދިގު ވާހަކައެއް ދަރިފުޅާ. އެހެންނޫނަސް ވާހަކަ ނުދައްކަނީކީ މަންމައެއް ނޫން. ވާހަކަނުދައްކަނީ ރިއާން.. އަހަރެން މީ މަންމައެއްކަމަށް ރިއާން ނުދެކޭ. އަހަރެން އަބަދުވެސް ވާނީ ރިއާންގެ ދޮންމަންމައަށް" ޝީރީންގެ އަޑުގައިވި ހިތާމަ ޒީވާއަކަށް ސިއްރެއް ނުވިއެވެ.

"ޒީވާ.. ދަރިފުޅު ނިކަން ބުނެދީބަލަ އަހަރެންގެ ކުށަކީ ކޮބާކަން. އަހަރެން ރިޔާޒްއާ ދިމާވިއިރު ރިޔާޒަކީ އެހާ ނުލަފާ މީހެއްނޫން.. އޭރު އަހަރެންގެ އުމުރުން ވަރަށް ޅަ ވާނެ. އަހަރެންނަށް ވާނީ އެންމެ ސަތާރަ އަހަރު. ރިޔާޒްއަށް ތޭވީސް. އަހަރެމެން ދެމީހުން އުޅުނީ ވަރަށް ލޯބިން. ރިޔާޒަކީ މާލޭގެ އެހާމެ އަބުރުވެރި އާއިލާއެއްގެ މީހެއް… ވީއިރު ރިޔާޒްގެ ގައިގަ ޖަނަވާރެއްގެ އުސޫލު ހުންނާނެކަން އެނގޭނީ ކާކަށް.. ޒަރީނާއަށާއި ރިއާންއަށް އެހާ އަނިޔާކުރާނެކަން އެނގޭނީ ކާކަށް.." ޝީރީން ބުންޏެވެ.

"ކީ.. ކީކޭ؟؟ ރިއާންގެ ބައްޕަ ރިއާންގެ މަންމައަށް…. ރިއާންއަށް؟؟"

"އާނ. ދަރިފުޅާ.. މި ހުންނަނީ އާއިލީ ސިއްރު… ރިޔާޒަށް މިހާރު އެ ދައްކަވަނީ އެ ދުވަސް…. ޒަރީނާގެ އާއިލާއާއި ލަތީފްބެ އޮތީ މާކުރިން ރިޔާޒްގެ ކައިވެނި ޒަރީނާއާ ކުރަން ހަމަޖައްސާފަ. އޮއްވާ ރިޔާޒް އަހަރެންނާ ލޯބިން ގުޅުނީ.. އެކަމާ އަޅާނުލާ އެމީހުން ގަދަކަމުން އެކަމަކު ރިޔާޒްގެ ކައިވެނި ކުރުވީ.. އެކަމަކު ރިޔާޒް ޒަރީނާދެކެ ކުރި ނަފްރަތުގެ ބަދަލު ދެމުން ދިޔައީ އަނިޔާއިން.. ރިޔާޒްގެ އެތަށް އަނިޔާތަކެއްގެ ތެރޭގަ އުޅެ ޒަރީނާ ރިއާން އުފަންކުރީވެސް… އެކަމަކު ރިއާންއަށް އަޅާލެވޭވަރަށްވުރެން ޒަރީނާގެ ހާލަތު ގޯސް… އަބަދުވެސް އިންނާނީ ކޮޓަރީގަ.. ރިއާންއަށް މަންމަ ނުފެނި ދާ ދުވަސް ގިނަވާނީ.. ފެނުނަސް ރިއާންއަކީ ދަރިއެއް ނޫންފަދަ… ވެދާނެ ރިއާން ފެންނަ ކޮންމެ ފަހަރަކު ރިޔާޒްގެ އަނިޔާވެރިކަން ހަނދާންވަނީ ކަމުގައިވެސް. ރިޔާޒް އެހެން އުޅެފަ ރިއާންއަށްވެސް ވަރަށް އަނިޔާކުރާނެ… ލޯތްބެއްނެތް ކައިވެންޏަކަށް އުފަންވާ ކުއްޖަކަށް ލިބޭނެ ހުރިހާ އަނިޔާއެއް ރިއާންއަށް ލިބުނު.. ޖިސްމާނީ އަދި ނަފްސާނީ އެތައް އަނިޔާއެއް.. އޭރު ރިއާންއަށް ހެޔޮ މީހަކަށް މި މުޅި ގޭގަވެސް ހުރީ ޖޫލީ.. ޖޫލީވެސް އަހަރެންނަށް މި ވާހަކަތައް ކިޔާދިނީ މާފަހުން" ޝީރީންގެ ވާހަކަ އަހަމުންދިޔަ ޒީވާގެ ހިތް ރިއާންއަށްޓަކައި ފުނޑުފުނޑުވިއެވެ. އެފަދަ ހަަލަބޮލި ކަމެއްގައި ގޭތެރެ އޮތް އިރުވެސް ރިއާން ކުޑައިރުވެސް އެއިން އެއްވެސް ކަމެއްގެ ވާހަކަ އެމީހުނާ ހިއްސާ ނުކުރީތީ ހިތާހިތުން ޝަކުވާވެސް ކުރެވުނެވެ.

"އަޅޭ.. ދެން އެކަމަކު މިކަމުގަ މަންމައާ ރިއާންގެ ކުށަކީ ކޮބާ؟ ރިއާން މަންމަދެކެ ރުޅި އަންނަންވީ ކީއްވެ؟" ޒީވާ ދެރަވެފައި އެހިއެވެ.

"ކީއްކުރާނީ ދަރިފުޅާ؟ އެއީ މާޒީ.. ރިޔާޒްގެ އަނިޔާވެރިކަމާހުރެ ރިއާން މިއަދު ބައްޕައެއް ބޭނުމެއްނުވޭ.. ޒަރީނާގެ އިހުމާލާއިހުރެ "މަންމަ" އެ ލަފްޒުގެ އަގެއް ރިއާންއަކަށް ނެތް.. ޒަރީނާއާއި ޒަރީނާގެ ދަރިފުޅު ރިއާންއަށް ރިޔާޒް ކިތަންމެ ގޯސްވިޔަސް އަހަރެންނަށް ވަރަށް ރަނގަޅު. ފަހަރުގައި އަހަރެންނަކީ ރިޔާޒްގެ އަލަތު ލޯބި ކަމަށްވާތީ ކަންނޭނގެ. ޒަރީނާ މަރުވިއިރުވެސް އަހަރެން ހުރީ ހުސް ހަށިބަޔަށް.. ޖޫލީގެ ވާހަކަތައް އެހުމަށްފަހު އަހަރެން ރިޔާޒާ އިނީ ހަމައެކަނި ރިއާންއަށް ނުލިބުނު މަންމަގެ ލޯބި ހޯދައިދޭން.. އޭރު އަހަރެންގެ އުމުރުން އެންމެ ތިރީސްފަސް އަހަރޭ.. އަހަރެންނަށްވެސް މި ހާންދާނަށް ދަރިޔަކުވެސް ހޯދުނީސް.. އެކަމަކު އަހަރެންގެ މަގުސަދާމެދު ރިއާން ސުވާލު އުފައްދައިފާނެތީ.. އަދި މި މުދަލަށް ދަހިވެތިވެފައިވާ ކަމަށް ހީކޮށްފާނެތީ އަހަރެން ރިއާންއާއެކު މި މުދަލަށް ބައި އަޅާނެ އިތުރު ދަރިއެއް ނުހޯދީ.. މިއީ ހުސް ރިއާންގެ އެއްޗެހި." ޝީރީން ބުންޏެވެ.

"މަންމާ އުއްމީދު ކަނޑާނުލާ.. ރިއާންއަށް އަދި ވިސްނޭނެ. އިރާދަ ކުރެއްވިއްޔާ އެދުވަސް މާ ދުރަކު ނެތް." ޒީވާ ހިތްވަރުދޭން މަސައްކަތްކުރިއެވެ. ނަމަވެސް ރިއާންއަށް ވިސްނޭނެ ކަމާމެދު ހުދު އޭނާއަށްވެސް ޝައްކެވެ.

"ތިހެންވިއްޔާ ކިތަންމެހާވެސް ރަނގަޅު.. އަޑުއަހަން އަންހެނަކަށް ލިބޭނެ އެންމެ ބޮޑު އުފަަލަކީ މަންމައަކަށްވުމޭ.. އެކަން އަހަރެން ގުރުބާންކުރީ ރިއާންއާކީ އަހަރެންގެ ދަރިއެއް ކަމަށް ދެކޭތީ. އެ ދަރިފުޅު އަހަރެންނާމެދު ހިތް ރަނގަޅުކޮށް މަންމައެއް ގޮތަށް ދެކޭނެ ކަމުގެ ފޮނި އުއްމީދުގަ. ދެން އެވާހަކަ ބާއްވަމާ ދޯ؟ މިހާރު ދެން ކާގަޑި ޖެހެނީ" ޝީރީން ޒީވާ ގޮވައިގެން ނުކުމެ ސުފުރާދޮށުގައި އިށީނެވެ.

"ޖޫލީ ނުކާނަންތަ؟" ޒީވާގެ ސުވާލަށް ރިއާންއާއި ޝީރީން އެއްފަހަރު ޒީވާއަށް އަނެއްފަހަރު ރިޔާޒްއަށް ބަލައިލިއެވެ. ހަގީގަތުގައި ޝީރީންގެ ވާހަކަތައް އެހުމަށްފަހު ޒީވާގެ ހިތުގައި ޖޫލިޔާއަށްވަނީ ވަރަށް ހާއްސަ މަގާމެއް ދެވިފައެވެ. އެއީ ރިއާން އެންމެ ބޭނުންވިދުވަހު ޖޫލިޔާގެ ފަރާތުން ލިބުނު އިހުސާންތެރިކަމުގެ ސަބަބުންނެވެ.

"ޖޫލީވެސް ތިއީ ހަމަ މިގޭ މީހެއްނު.. ޖޫލީވެސް ވާނެ އަހަރުމެންނާ އެއްކޮށް ކާން އިށީންނަށް ދޯ ބައްޕާ" ޒީވާ ރިޔާޒްއާ ހަތަރުކަޅި ހަމަކޮށްލަމުން ދޯ ދިނެވެ. ރިޔާޒް ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލިއެވެ. ޒީވާ އެކަމަށް ފަރުވާލެއްނެތި އޭނާއާ ޖެހިގެން އިން ގޮނޑިއަށް އިޝާރާތް ކުރަމުން ޖޫލީގާތު އިށީންނަން ބުންޏެވެ. ރިއާންއަށް ލޮލުގެ ހިމަކޮޅުން މޭޒުގެ ކޮޅުގައި އިން ރިޔާޒްއަށް ބަލައިލެވުނެވެ. އެ މޫނުމަތީގައިވި ހިތި އަސަރުތައްފެނި އޭނާ އެއްމިޔަކަނިން ހިނިތުންވެލިއެވެ. އަދި ޒީވާއާމެދު ފަހުރުވެރިވާ ހާލު ޒީވާއަށް ބަލައިލަމުން ޝުކުރާއެކު ބޯ ޖަހައިލިއެވެ.

*************

މަހުގެ ފަހުކޮޅަށްވުމާއެކު ދުވަހަކީ އެހެންދުވަސްދުވަހާއި ހިލާފަށް އޮފީހުގައި ބުރަދުވަހެކެވެ. ހިންދެމިލަމުން ރިއާން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއިރު ގަޑިން މެންދަމު ބާރަޖެހުމާ ގާތްވަނީއެވެ. މަސައްކަތް ހުރިހިސާބެއްގައި ބެހެއްޓުމަށްފަހު އޭނާ ގެއަށްދާން ތައްޔާރުވެލިއެވެ. އެގޮތަށް މަސައްކަތް މެދުކަނޑައިލުން އެއީ އޭނާގެ އާދައާ މުޅިން ހިލާފު ކަމެކެވެ. ވުމަށްވުރެން ނުވުން ގާތް ކަމެކެވެ. އެހެންކަމުން ގެއަށް ވަތްއިރުވެސް އޭނާއަށް ހުއްޓައިނުލާ ވިސްނެމުން ދިޔައީ މަސައްކަތާ މެދުގައެވެ.

ފޯނަށް އައިސްފައިވާ އީމެއިލްތައް ޗެކްކުރަމުން އައިސް ބޮޑު ކޮޓަރީގެ މެދުގައި ހުއްޓުނު ވަގުތު ސޯފާގައި ނިދިފައި އޮތް ޒީވާ ފެނި ރިއާންގެ ނިތުގައިވާ ރޫތަށް ފިލައިދިޔައެވެ. ހިތަށް ހަމަޖެހުންލިބި ސިކުނޑިއަށް ކުރަމުންދިޔަ ބާރު ކުޑަވިހެން ހީވިއެވެ. މިއަދު އޭނާއަށް ނޭނގިނަމަވެސް ގެއަށް އައުމަށްޓަކައި ވަގުތު ގުނެމުންދިޔަ ސަބަބަކީ މިއީ ހެއްޔެވެ؟ އޭނާގެ ދެލޯ ޒީވާ ދުށުމަށްޓަކައި އިންތިޒާރު ކުރަމުން އައިކަންވެސް އޭނާއަށް އެ ރޭކައިލީ ޒީވާ ފެނުމާއެކު ހިތަށްލިބުނު ފިނިކަން އިހުސާސް ކުރެވުމުންނެވެ. ކާމޭޒުދޮށުގައި ކާން ހަދައިފައިވާތަން ފެނި ޒީވާއަށް ނިދުނީ އޭނާގެ އިންތިޒާރުގައި އިންދައިކަން އެނގުނެވެ. އެއާއެކު ހިތަށް ވެރިވި އުފާވެރި އިހުސާސްގެ މައްޗަށް ގަދަވެގަތީ އޭނާގެ މާޔޫސްކަމެވެ. އޭނާއަށް ގެއަށް އާދެވޭނީ ލަހުން ކަމުގައި ޒީވާއަށް އަންގައިލެވުނުނަމަ ތާއެވެ؟

ރިއާން ލަސްފިޔަވަޅުތަކެއްގައި އައިސް ޒީވާ ނިދާފައި އޮތް ސޯފާގެ މަގަތަށް ވާގޮތަށް އިށީނެވެ. ނިދީގެ ތެރޭގައިވެސް ހިނިތުންވުމެއް ކުރަހައިލެވިފައިވާ ޒީވާގެ މޫނުން އެ މިޒާޖާއިގުޅޭ ހަމަހިމޭންކަމެއް ފެންނަމުންދިޔައެވެ. އަދި އެ ހިނިތުންވުމުގެ އަސަރުގައި ޖެހި ހޭދަވެގެންދާ ކޮންމެ ސުކުންތަކާއެކު ރިއާންގެ ހިތަށް ތަސައްލީ ލިބެމުންދިޔައެވެ. އެހެން އިންދައި ޒީވާ މޯޅިއަކަށް ދެމިލުމަށްފަހު އެއްފަރާތަކަށް އެނބުރިލިއެވެ. އެވަގުތު ޒީވާގެ މޫނުމަތިން ހިނިތުންވުން ފިލައިގޮސް އެ ތުން ބަނޑިކޮށްލި ގޮތުންނާއި ބުމަ ގޮށްޖެހިގެން ދިޔަގޮތްފެނި ރިއާންގެ ފަރާތުން ލުއި ހީނލުމެއްގެ އަޑު އިވިގެންދިޔައެވެ. ނަމަވެސް އެހަރަކާތުން އޭނާއަށް އެނގިގެންދިޔައީ ޒީވާއަށް އެތަނުގައި އޮތުން އުނދަގޫވެގެން އުޅޭކަމެވެ. އެހެންކަމުން އޭނާ ދެހިޔާލެއްގައިހުރެ ފަރުވާތެރިކަމާއެކު ޒީވާ އަތްދަނޑިމައްޗަށް އުފުލައިލިއެވެ. އަދި މަޑުމަޑުންގޮސް ޒީވާގެ ކޮޓަރީގެ ހުޅުވިފައިވާ ދޮރުން އެތެރެއަށްވަދެ ކޮޓަރީގެ އެނދުގައި ޒީވާ ބާއްވައިލިއެވެ. އެއަށްފަހު ރިއާންއަށް އެކޮޓަރީގެ ތެރެއަށް ނަޒަރު ހިނގައިލެވުނެވެ. މަޑު ދަނބުކުލައިގެ ފާރުތަކުން ވަށައިލެވިފައިވާ އެކޮޓަރީގެ ތެރެއިން ފެންނަނީ ސާދާކަމެވެ. ރިއާންގެ ސަމާލުކަން އެންމެ ބޮޑަށް ދަމައިގަތީ ކޮޓަރީގައި ހުރި ފޮތް ހަރުގަނޑެވެ. އަދި އެނދުގެ ހެޑްބޯޑުގައި އަތުރައިފައިވާ "ސްޓަފްޑް ޓޯއީޒް" ތަކެވެ. ރިއާން އަތް ދަމައިލުމަށްފަހު އެތަނުން ހަނދުފަޅިއެއްގެ ބައްޓަމަށް އޮތް އެއްޗެއް ނެގިއެވެ. އެއަށްފަހު ޒީވާގެ އަތްދަށަށް އެ ލައިދިނުމަށް މަސައްކަތް ކުރިއެވެ. އެކަމަށް ހުރަސްއެޅުނީ ކުއްލިއަކަށް ޒީވާ ސިއްސައިގެންގޮސް ތެދުވެ އެނދުގެ ފަހަތަށް ޖެހިލުމުންނެވެ. ފަޅި ސުކުންތެއްހެ ތެރޭގައި ޒީވާ ރިއާންއާ ދުރަށް ޖެހިލަމުން ކަކުލުގައި ބައްދައިލިއެވެ. ޒީވާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދިފައިވާއިރު އެ ނިތުގައި ދާތިކިތަކުގެ އަސަރު ފާޅުވާން ހުއްޓެވެ.

"ޒީވް.." ރިއާން ޒީވާއާ ގާތަށް ދަމައިލި އަތް ތިރިކޮށްލީ ޒީވާ ސިހިފައި އިތުރަށް ފަހަތަށް ޖެހިލުމުންނެވެ. ރިއާންއަށް ބުމަ ގޮށްޖަހައިލަމުން ޒީވާގެ އެ ހަރަކާތުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބާއިމެދު ވިސްނައިލެވުނެވެ. އެއާއެކު ސިކުނޑިއަށް ވެރިވި ހިޔާލު އޭނާގެ މުޅިގައިން ހީބިހި ނަގުވައިލިއެވެ.

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ހަފްތާކު ތިން ދުވަހު ގެނެސްދޭން ބުނީ އަދި އެންމެ ދުވަހަކު ކިޔާލަން ލިބުނީ މި�

  2. ހެޔޮ ނުވާނެ އަވަސް ކޮއްލާ. މާ ލަހުން ތި ގެންނަނީ ވާހަކަ. ކިއުންތެރިން ފޫހިވެގެން ނުކިޔާނެ މާ ލަސްވަންޔާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު