ދިވެހިރާއްޖޭގައި މަދަރުސީ ތަޢުލީމުގެ ޤައުމީ އައު މަންހަޖެއް އެކުލަވާލީ މި ޤައުމަށް ހެވާއި ލާބައާއި އިތުރު އަރުތަތަކަށް އެދިގެން ކަމުގައި ތަޢުލީމީ އިސްވެރިން ވިދާޅުވަމުން ގެންދެވިއެވެ. ޤައުމީ އައު މަންހަޖުގެ ސަބަބުން ދިވެހި ކޮންމެ ކިޔަވާ ކުއްޖަކީ އުނގެނުމާއި ހޯދާބެލުމަށް ޝައުޤުވެރިވާ، އިސްލާމީ ޢަޤީދާ ވަރުގަދަ، ދިވެހި ޤައުމިއްޔަތު ދަމަހައްޓާ، ޒިންމާދާރު، އުފެއްދުންތެރި އަދި ޤާބިލު ފަރުދަކަށް ވާނެކަމުގެ މަތިވެރި އުންމީދާއެކުގައެވެ. ކުދިނ،ް ދިރިއުޅުމަށް ތައްޔާރު ކުރެވޭނެކަމުގެ ޔަޤީންކަމާއެކުގައެވެ.
މަންހަޖު
ދިވެހިރާއްޖޭގެ މަދްރަސީ ތަޢުލީމުގެ ޤައުމީ މަންހަޖުކަމުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިންގާ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންއިން އެކުލަވާލައްވާފައިވާ ފްރޭމްވޯކްގައިވާ ގޮތުން، މަދަރުސީ ތަޢުލީމުގެ މަންހަޖަކީ ޤައުމުގެ އެކިކަންކަމަށް އަންނަ ބަދަލާ ގުޅިގެން މުރާޖަޢާ ކުރަންޖެހޭ އެއްޗެކެވެ. އެގޮތުން، އެ ފްރޭމްވޯކްގައިވާ ގޮތުން، ދިވެހިރާއްޖޭގެ މަދަރުސީ ތަޢުލީމުގެ މަންހަޖު މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރެވިފައިވަނީ ރާއްޖެއާއި ދުނިޔެއަށް އަންނަމުންދާ އިޖުތިމާޢ،ީ އިޤްތިސާދ،ީ ސިޔާސ،ީ ބަދަލުތަކާއި އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކަށް އަމާޒުކޮށެވެ.
ދަރިވަރުން ޙާޞިލުކުރަންޖެހޭ ޤާބިލިއްޔަތު
ދަރިވަރުންގެ ކިބައިގައި ހަރުލައްވަން ބޭނުންވާ 8 ޤާބިލިއްޔަތެއް މި ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވެއެވެ. އެ ޤާބިލިއްޔަތުތަކަކީ:
- އިސްލާމްދީނާ އެއްގޮތަށް ޢަމަލުކުރުން
- ނަފުސު ދެނެގަތުމާއި ތަންޒީމުކުރުން
- ބިނާކުރަނިވި އަދި އުފެއްދުންތެރިގޮތެއްގައި ވިސްނުން
- އެހެން މީހުންނާ ގުޅިގެން އުޅުން
- ދޭހަވުމާއި ދޭހަކޮށްދިނުން
- ދުޅަހެޔޮ ދިރިއުޅުމެއް އުޅުން
- ދެމެހެއްޓެނިވި ތަރައްޤީއަށް ޢަމަލުކުރުން
- ޓެކްނޮލޮޖީއާއި މީޑިއާ ބޭނުންކުރުން
ޤައުމީ މަންހަޖު ތަންފީޒުކުރުން
ޤައުމީ މަންހަކުގެ ފްރޭމްވޯކުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ޤައުމީ މަންހަޖު ތަންފީޒު ކުރުމުގައި ވިސްނަންވީ އެއްކަމަކީ އެކި ދަރިވަރުންގެ އުނގެނުމުގެ ގޮތްތައް ތަފާތު ވާނެކަމެވެ. ވުމާއެކު، އުނގަންނައިދ،ީ ތަރުބިއްޔަތު ކުރަންވާނީ ތަފާތު އުޞޫލުތައް ބޭނުންކޮށްގެންނެވެ. ދަރިވަރުން ޢަމަލީގޮތުން ބައިވެރިކޮށްގެންނެވެ. އަދި އިންފޮމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީގެ ބޭނުންކޮށްގެންނެވެ. އޭރުން ދަރިވަރުން ޝައުޤުވެރިވާގޮތަށް އުނގަންނައިދެވޭނެއެވ.ެ އުނގަންނައިދިނުމުގައި ޙަރަކާތްތެރިގޮތެއްގައި ދަރިވަރުން ބައިވެރިކުރެވޭނެއެވެ. އަދި ތަފާތު ކަންތައްތަކާމެދު ދަރިވަރުންގެ މެދުގައި މަޝްވަރާކުރުމުގެ ފުރުޞަތު ލިބޭނެއެވެ. ޤައުމީ މަންހަޖުގައި ބަޔާންކުރ،ާ ޙިއްޞާކުރާ އަގުތަކާއި މައިގަނޑު ޤާބިލިއްޔަތުތަކަށް ސަމާލުކަންދީގެން އުނގަންނައިދެވޭކަން ކަށަވަރު ކުރަންޖެހެއެވެ. އަދި މަންހަޖުގެ މަޤުޞަދުތައް ޙާޞިލުކުރުމަށްޓަކައ،ި މުދައްރިސުންނަށް ބޭނުންވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޙަރަކާތްތައް ދާއިމީގޮތެއްގައި ރާވައި ހިންގުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.
ޤައުމީ މަންހަޖުގެ ފްރޭމްވޯކުގައި ބަޔާންވެފައިވާ ގޮތުން، ޤައުމީ މަންހަޖު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަން ތިރީގައި މިވަނީއެވެ.
- އުނގެނުމަށް އެކަށީގެންވާ މާޙައުލެއް ޤާއިމުކުރުން
- ދަރިވަރުންނަށް އެންމެ ބޭނުންވާ މާއްދާތައް އިޚްތިޔާރު ކުރުން
- މަދަރުސާގައި ކިޔަވައިދޭނެ ވަޤުތު އިންތިޒާމް ކުރުން
- ކްލާހާއި ކްލާހުން ބޭރުގައި އުނގެނުމަށް ފުރުޞަތު ހޯދައިދިނުން
- އުނގެނުމާއި އުނގަންނައިދިނުން ކުރިއަށްގެންދިއުން
- އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚިދުމަތް ދިނުން
- މާނަވީގޮތެއްގައި އިތުރު ޙަރަކާތްތައް ހިންގުން
- ވަސީލަތްތައް ދެމެހެއްޓެނިވިގޮތެއްގައި ބޭނުންކުރެވޭނެ ނިޒާމެއް ޤާއިމު ކުރުން
- މުދައްރިސުންގެ ފަންނީ ތަމްރީން ދާއިމީގޮތެއްގައި ކުރިއަށްގެންދިއުން
ތަޢުލީމުގެ ޤާނޫނު
2020 ވަނަ އަހަރު ވަނީ ތަޢުލީމީ ޤާނޫނެއް ވުޖޫދުކޮށްފައެވެ. އެ ޤާނޫނު ވުޖޫދަށް ގެނެސްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ޤާއިމުކުރަންޖެހޭ ގާނޫނީ އޮނިގަނޑު ޤާއިމުކޮށް، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތައް ކަނޑައެޅުމާއި، އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށާއި، މުދައްރިސުންނަށް ލިބިދޭ ހައްގުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި ތައުލީމު ދިނުމާގުޅޭ އެނޫންވެސް އާންމު ހަމަތަކާއި އުސޫލުތައް ބަޔާންކުރުމުގެ ބޭނުމުގައެވެ.
ތަޢުލީމު ޤާނޫނުގައި ހިމެނިފައިވާ މުހިއްމު ބައިތައް ހިމަނާލަމެވެ.
5 ވަނަ މާއްދާ – މަދުރަސީ ތައުލީމުގެ ނިޒާމުގެ ތެރެއިން ފަންނީ އަދި މަސައްކަތްތެރިކަމުގެ ތައުލީމު ފޯރުކޮށްދިނުން
(ހ) ފަންނީ އަދި މަސައްކަތްތެރިކަމުގެ ތައުލީމަކީ، އުނގެނުމުގެ ހައްގުގެ ބައެއްކަމުގައިވުމުގެ އިތުރުން މަސައްކަތްތެރިކަމުގެ ހައްގާވެސް ގުޅިފައިވާ ހައްގެއްކަމުގައިވާތީ، އުނގެނުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދެވޭނީ ފަންނީ އަދި މަސައްކަތްތެރިކަމުގެ ތައުލީމު އުނގެނުމުގެ ހައްގުވެސް ކަށަވަރުކޮށްދެވިގެން ކަމުގައިވީ ހިނދު، ފަންނީ އަދި މަސައްކަތްތެރިކަމުގެ ތައުލީމު، މަދުރަސީ ތައުލީމުގެ ނިޒާމުގެ ތެރެއިން ލިބިދިނުމުގެ ހައްގު މި ގާނޫނުން ކަށަވަރުކޮށްދެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ދިވެހިރާއްޖޭގެ މަދުރަސީ ތައުލީމުގެ ނިޒާމު ބައްޓަންކުރެވިފައި އޮންނަންވާނީ، ފަންނީ އަދި މަސައްކަތްތެރިކަމުގެ ތައުލީމު ފޯރުކޮށްދެވޭނެ ގޮތެއްގެމަތިންނެވެ.
(ނ) މަދުރަސީ ތައުލީމުގެ ނިޒާމުގައި ފަންނީ އަދި މަސައްކަތްތެރިކަމުގެ ތައުލީމު ފޯރުކޮށްދިނުމުގެ ބޭނުމަކީ އަންނަނިވި ކަންކަމަށް މަގުފަހިކުރުމެވެ.
- ކުދިންގެ ތަފާތު ގާބިލިއްޔަތުތަކަށް ފުރުސަތު ހޯދައިދިނުމާއި، ފަންނީ އަދި މަސައްކަތްތެރިކަމުގެ ތައުލީމުގެ ތެރެއިން މަސައްކަތްތެރިކަމާ ރައްޓެހި ދަރިވަރުން ބިނާކުރުން؛
- ގައުމުގެ ތަރައްގީއަށް ކޮންމެހެން ބޭނުންވާ ފަންނުވެރިކަމާއި މަސައްކަތްތެރިކަމުގެ ދާއިރާތަކަށް ކުދިން އަހުލުވެރިކުރުން؛ އަދި
- މަސައްކަތްތެރިކަމުގެ ދާއިރާއަކީ އަގުހުރި އަދި ގައުމަށް ފައިދާހުރި ދާއިރާއެއްކަމުގައި ދުށުމުގެ ވިސްނުން ދަރިވަރުންގެ ކިބައިގައި އަށަގެންނެވުން.
7 ވަނަ މާއްދާ – ކުޑަކުދިންގެ ތައުލީމީ ނިޒާމުގެ އަމާޒު
އުނގެނުމުގެ ހައްގު ކުޑަކުދިންނަށް ކަށަވަރުކޮށްދިނުމަށްޓަކައި ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު ބައްޓަންކުރެވިފައި އޮންނަންވާނީ، އަންނަނިވި އަސާސްތަކުގެ މައްޗަށެވެ
(ހ) ކުއްޖާގެ ވިސްނުމާއި، ޝަހްސިއްޔަތާއި، ހުނަރާއި، ނަފްސާނީ އަދި ޖިސްމާނީ ކުޅެދުންތެރިކަން އެންމެ ފުޅާމިނަށް ތަރައްގީކުރުން؛
(ށ) ހުރިހާ ކުދިން ށާމިލުވާ ގޮތުގެމަތިން، އަދި ދެ ޖިންސުގެ މެދުގައި އުނގަންނައިދިނުމުގައި ތަފާތުކުރުމެއް ނޯންނާނެ ގޮތުގެމަތިން ތައުލީމުދިނުމުގެ
ސިޔާސަތުތައް ބައްޓަންކުރުން؛
(ނ) ދީނީ އަދި ގައުމީ ވާޖިބުތަކަށް އަހުލުވެރި، މުޖުތަމައުގައި ޒިންމާދާރު ދައުރެއް އަދާކުރެވޭނެ ގާބިލު ދަރިވަރުން އުފެއްދުމަށް މަގުފަހިކުރުން؛
(ރ) ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި، ރައްޔިތުންގެ އެއްބައިވަންތަކަމާއި، ދިވެހި ގައުމިއްޔަތާއި ޝަރަފު ހިފަހައްޓައި ކުރިއެރުވުން؛
(ބ) އާންމުކޮށް އެންމެންގެ މެދުގައި ސުލްހަމަސަލަސްކަމާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅުން؛
(ޅ) ކުއްޖާގެ އަމިއްލަވަންތަކަމާއި ، ހުނަރާއި، ނަފްސާނީ އަދި ޖިސްމާނީ ކުޅެދުންތެރިކަން އެންމެ ފުޅާމިނަށް ތަރައްގީކުރުން؛
(ކ) އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި އެ ހައްގުތަކަށް އިހްތިރާމްކުރުން؛
(އ) ކުއްޖާގެ މައިންބަފައިންނަށާއި، ކުއްޖާގެ ސަގާފީ އަމިއްލަވަންތަކަމަށާއި، ބަހަށާއި، ގައުމުގެ އާދަކާދަތަކަށާއި، އެހެން މީހުންގެ ވިސްނުމާއި ފިކުރަށް
އިހްތިރާމްކުރުން؛
(ވ) އެހެނިހެން ނަސްލުތަކާއި އަނެކުންނާއި ތިމާއާ ހުންނަ ތަފާތުތައް ގަބޫލުކުރުމާއި، އަނެކުންނަށް އިހްތިރާމްކުރުމާއި، އެންމެންގެ މެދުގައި ސުލްހަމަސަލަސްކަމާއި އެކުވެރިކަން ބޭއްވުމުގެ މުހިންމުކަން ކުއްޖާގެ ކިބައިގައި އަށަގެންނެވުން؛
(މ) ތިމާވެށްޓާއި ދިރޭތަކެތީގެ ނަސްލުތަކާއި ގުދުރަތީ ރީތިކަމާއި ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި ތިމާވެށި ނުސާފުވާފަދަ އަމަލުތަކާއި ގުދުރަތީ ވެށި ހަލާކުވެގެންދާފަދަ އަމަލުތަކުން ދުރުހެލިވުން؛
(ފ) ޓެކްނޮލޮޖީއަށް ކުދިން އަހުލުވެރިކުރުވުމާއި، ރައްކާތެރިކަމާއެކު އިންޓަރނެޓް ބޭނުންކުރަން ދަސްކޮށްދިނުން؛ އަދި
(ދ) ކުއްޖާގެ އަމިއްލަ ސާފުތާހިރުކަމާއި، ދިރިއުޅޭ ތަނާއި ވަށައިގެންވާ މާހައުލުގެ ސާފުތާހިރުކަން ދެމެހެއްޓުން.
34 ވަނަ މާއްދާ – މުދައްރިސުންގެ ޒިންމާ
މުދައްރިސުންގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ކިޔަވާ ކުދިންގެ ހައްގުތަކަށް ރައްކާތެރިވެ، އެ ހައްގުތައް ކަށަވަރުކުރުމަށް މުދައްރިސެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛
(ށ) ކިޔަވާ ކުދިންނަށް އުނގެނުމަށް ހިތްވަރުދީ، އެ ކުދިންގެ ކިބައިން ނެރެން ބޭނުންވާ ނަތީޖާ ހާސިލުކޮށްދިނުމަށްޓަކައި ކިޔެވުމުގެ ރޫހު އާލާކުރުވަން މަސައްކަތްކުރުން؛
(ނ) ކިޔެވުމުގައި ހާސިލުކުރަންޖެހޭކަމަށް ކަނޑައެޅިފައިވާ ނަތީޖާތައް ކިޔަވާ ކުދިން ހާސިލުކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އަމިއްލަ ހުނަރާއި އިލްމު މަތިކުރުމަށް މަސައްކަތްކުރުން؛
(ރ) ކިޔެވުމުގައި ހާސިލުކުރަންޖެހޭކަމަށް ކަނޑައެޅިފައިވާ ނަތީޖާތައް ކިޔަވާ ކުދިން ހާސިލުކުރާ މިންވަރު ގަވާއިދުން މޮނިޓަރކޮށް، ކުއްޖާ ތަރައްގީވަމުންދާ މިންވަރު ދެނެގަނެ، ކުއްޖާގެ ކިޔެވުމުގެ ފެންވަރު ވަޒަންކޮށް، ގަވާއިދުން މުރާޖައާކުރަމުން ގެންދިޔުން؛
(ބ) ކޮންމެ ދަރިވަރެއްގެ ގަދަރަށާއި ސިއްހީ ދުޅަހެޔޮކަމަށް އަޅާލުމުގެ އާދަ ގެންގުޅުމަށް ދަރިވަރުންނަށް ހިތްވަރުދީ، އެކަން ދަމަހައްޓައި ކޮންމެ ދަރިވަރެއްގެ ކިބައިގައި އެހެން މީހުންގެ ގަދަރަށާއި ސިއްހީ ދުޅަހެޔޮކަމަށް އަޅާލުމުގެ އާދަ އަށަގެންނެވުމަށް ހިތްވަރުދިނުން؛
(ޅ) ކުއްޖާ ތަރައްގީވަމުންދާ މިންވަރާއި، ކުއްޖާގެ ކިޔެވުމުގެ ފެންވަރާއި، ކުއްޖާއާގުޅޭ އެނޫންވެސް މައުލޫމާތު ބެލެނިވެރިންނާ ގަވާއިދުން ހިއްސާކުރަމުން ގެންދިއުން؛
(ކ) މުދައްރިސުން އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތަކަށް އަމަލުކުރުން؛
(އ) އަމާން އަދި ރައްކާތެރި މާހައުލެއް ސްކޫލްގައި ދެމެހެއްޓުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް ކުރުން؛
(ވ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މުދައްރިސުންގެ މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާފައިވާ ކަންކަން ކުރުން.
35 ވަނަ މާއްދާ – ޕްރިންސިޕަލުންގެ ޒިންމާ
ސްކޫލް ޕްރިންސިޕަލުންގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) މިނިސްޓްރީން ކަނޑައަޅާ ތައުލީމީ ސިޔާސަތުތައް ސްކޫލްތަކުގައި ތަންފީޒުކުރުމާއި، އެ ސިޔާސަތުތަކާ އެއްގޮތަށް ސްކޫލްގެ ކަންކަން ރާވައި ހިންގުން؛
(ށ) މަންހަޖުގައިވާގޮތަށް ސްކޫލްގައި ކިޔެވުން ކުރިއަށްގެންދާކަން ޔަގީންކުރުން؛
(ނ) ކުދިން ގަވާއިދުން ސްކޫލަށް ހާޒިރުކުރުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް، ކަމާގުޅޭގޮތުން އެކުލަވާލާފައިވާ ސްކޫލްގެ ގަވާއިދުތަކާ އެއްގޮތަށް ކުރުން؛
(ރ) ކިޔަވާ ކުދިންގެ ކިޔެވުމާގުޅޭ ކަންކަމާއި ސްކޫލްގެ އެހެނިހެން ކަންކަމާގުޅޭ މައުލޫމާތު ބެލެނިވެރިންނާ ހިއްސާކުރުން؛
(ބ) ރައްކާތެރި އަދި ކިޔެވުމުގެ ރޫހު އާލާކުރުވަނިވި މާހައުލެއް އުފައްދައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުން؛
(ޅ) މި ގާނޫނުގެ ދަށުން މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާއި މިންގަނޑުތައް ސްކޫލްގައި ތަންފީޒުކުރުން؛
(ކ) ސްކޫލް ހިންގުމުގައި ސްކޫލްގެ އިންސާނީ އަދި އެހެނިހެން ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައި، މުދައްރިސުންނާއި ސްކޫލްގެ އެހެނިހެން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި އެ ފަރާތްތަކަށް ޕްރޮފެށަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގުން؛ އަދި
(އ) ސްކޫލްގައި ކިޔަވާ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
އެކުލަވާލި ސިޔާސަތުތަކުގެ މިސްރާބު
ދަރިވަރުންނަށް އުނގެނުމަށް އެކަށީގެންވާ މާޙައުލެއް ޤާއިމުކުރުމާއި، މަދަރުސާގައި ކިޔަވައިދޭނެ ވަގުތު އިންތިޒާމް ކުރުމާއި، ކްލާހާއި ކްލާހުން ބޭރުގައި އުނގެނުމަށް ފުރުޞަތު ހޯދައިދިނުމާއި، މާނަވީގޮތެއްގައި އިތުރު ޙަރަކާތްތައް ހިންގުމާއި، ވަސީލަތްތައް ދެމެހެއްޓެނިވިގޮތެއްގައި ބޭނުންކުރެވޭނެ ނިޒާމެއް ޤާއިމު ކުރުމާއި، މުދައްރިސުންގެ ފަންނީ ތަމްރީން ދާއިމީގޮތެއްގައި ކުރިއަށްގެންދިއުން، ޤައުމީ މަންހަޖު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަމުގެ ތެރޭގައި ހިމެނެއެވެ.
އެކުލަވާލާ ސިޔާސަތުތައް ދޯހަޅިވެ، ކުއްލި ކުއްލިއަށް ގެންނަ ބަދަލުތަކުގެ ސަބަބުން، މުދައްރިސުންގެ މަސައްކަތްތަކަށް މިވަނީ ވަރަށް ބޮޑު ހިޔަންނެއް އެޅިފައެވެ. ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
މިގެންނަ ބަދަލުތަކާ އެކު ކުރިމަތިވި އެއްކަމަކީ، ބޮޑު ކުރި މުސާރައާއެކު 8 ގަޑިއިރު މުދައްރިސުން ސްކޫލުގައި ހޭދަކުރަންޖެހުމެވެ. މިސާލަކަށް އެއް ދަންފަޅި އޮންނަ ސްކޫލެއް ނަމަ، ހެނދުނު 7:15 އަށް މުދައްރިސުން ސްކޫލަށް ޙާޟިރުވާން ޖެހެއެވެ. އެހެންކަމުން 8 ގަޑިއިރު ހަމަވާނީ 15:15 ގައެވެ. މުދައްރިސުންނަކީ ސްކޫލުގެ ކަންކަމުގައި ވަރަށް ބުރަކޮށް އުޅެންޖެހޭ ބައެއްކަން މުޅި މުޖްތަމަޢުވެސް ހެކިވާނެއެވެ. ބައެއް ސްކޫލުތަކުގައި ކަނޑައަޅާފައިވާ ގޮތުން، ކީސްޓޭޖް 1 ގެ ދަރިވަރުން ސްކޫލަށް ދާންޖެހޭ ގަޑިއަކީ 7:30 އެވެ. އެކުދިން ސްކޫލު ނިމޭނީ 12:30 ގައެވެ. ކުދިންގެ ގަޑި ނިމުމާއެކު، މުދައްރިސުން މަސްއޫލުވާނީ ފޮތްތައް މާކު ކުރުމާއި، ފުރިހަމަ ކުރަންޖެހޭ ޝީޓްތައް ފުރިހަމަކުރުމުގައެވެ. ޗެކް ލިސްޓްތައް ފުރިހަމަކުރުމުގައެވެ. ލެސަން ނޯޓްތައްޔާރުކުރުމާއި ޔުނިޓް ޕްލޭން ތައްޔާރުކުރުމުގައެވެ. ކޯޑިނޭޝަން މީޓިންގ ތަކުގައެވެ. 8 ގަޑިއިރު ހަމަވާއިރުވެސް މަސައްކަތްތައް ނުނިމެއެވެ.
ހަމައެހެންމެ، ސާފުތާހިރުކަން، ޔުނިފޯމް ފުރިހަމަ ކުރުން، މަސައްކަތް ނިންމުމާއި، އިންޑިކޭޓާސްތައް ޙާޞިލުވިތޯ ބަލާ ޗެކް ލިސްޓް މިފަދަ އެތައް ޗެކް ލިސްޓެއް ފުރިހަމަ ކުރުމުގައި މުދައްރިސުން އެތައް ވަގުތެއް ހޭދަކުރަންޖެހެއެވެ. ސިސްޓަމަށް އަޅަންޖެހެއެވެ. ހާޑް ކޮޕީ ފުރިހަމަކުރަންޖެހެއެވެ. މި ހުރިހާ އިދާރީ ފޯމަށް އެކަށީގެންވާ ލުއިފަސޭހަ ސޮފްޓްވެއާރ އެއް ނެތެވެ. މިކަން ކަމަށް އެތައް ވަގުތެއް ހޭދަކުރަންޖެހެއެވެ.
މިއީ މުޅިންވެސް އިދާރީ ކަންކަމެވެ.
މުދައްރިސުން ގޭގައި އުޅެންޖެހިފައިވަނީ، އެ އިދާރީ މަސައްކަތްތައް ފުރިހަމަ ކުރުމުގައެވެ. ނިދެނީވެސް އިދާރީ ކަންކަން ކޮށްލަކޮށްލާ ތިއްބައެވެ. އިތުރު ޙަރަކާތެއް ރާވަފިނަމަ، އެއް ދަންފަޅިއަށް އޮންނަ ސްކޫލުތަކުގައިވެސް ރަސްމީ ގަޑިން ބޭރުން މުދައްރިސުން އެ ހަރަކާތްތަކުގައި އުޅެންޖެހެއެވެ. އެކަންކަމަށް ދެވޭ އިސްކަމަށްވުރެ އިދާރީ މޭޒުގެ މަސައްކަތް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
އައު ސަރުކާރުގެ ސިޔާސަތުން އުންމީދެއް ގެނުވި
މިއަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ނެރުއްވި ޚިޠާބުގައި އަލަށް ވެރިކަމާ ޙަވާލުވެވަޑައިގެންނެވި. ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، މުދައްރިސުންގެ ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދީ، މުދައްރިސުންގެ މަސައްކަތުގެ ވަގުތުތަކާއި ޒާތީ ދިރިއުޅުން މީޒާން ހަމަކުރުމަށް ފަހިވާނެހެން ސިޔާސަތުތައް ފަރުމާކުރައްވާނެ ކަމަށެވެ.
"އަދި މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތުގެ ހައިބަތު ނެގެހެއްޓުމަށް ފަހިވާނެހެން، މުދައްރިސުންގެ އިދާރީ އޮނިގަނޑުތައް ބައްޓަންކުރާނަމެވެ. ހަމައެހެންމެ މުޖުތަމައުގައި މުދައްރިސުންގެ ގަދަރާއި ޝަރަފު މަތިވެރި ކުރާނަމެވެ." ރަައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ހަރުދަނާ އަހުލާގާއި ތަނަވަސް އިލްމާއި އަދި ކުޅަދާނަ ހުނަރުވެރިކަން ހިމެނޭކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. މުއިއްޒުގެ ހިޠާބުގައި މިހާރު ރާއްޖެއިން ފެންނަ ދެ މައްސަލައެއް ފާހަގަ ކުރައްވަމުން، ރާއްޖޭގައި މުދައްރިސުންގެ އަދަދު މަދުވުމާއެކު ކިޔަވައި ނިމިގެން ނިކުންނަ ކުދިންގެ ކިބައިގައި ޤައުމަށް ބޭނުންވާ ގާބިލުކަން ހުރޭތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާކަމަށާއި، އެ ދެ މައްސަލަަވެސް ހައްލު ކުރަން ކުރިއަށް އޮތް ސަރުކާރުގައި މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހަމައެހެންމެ، ރާއްޖެއަށް ދިމާވެފައިވާ ޓީޗަރުންގެ ދަތިކަން ޙައްލުކޮށް ދަރިވަރުންނަކީ ގާބިލް ބަޔަކަށް ހައްދަވާނެ ކަމަށްވެސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
"އެކާވީސް ވަނަ ގަރުނުގެ ދަރިވަރެއްގެ ގައިގައި ހުނަންޖެހޭ ތޫނުކަމާއި ހުޝިޔާރު ކަމެވެ. ގާބިލުކަމާއި އުޅުންތެރިކަމަށެވެ. އުފައްދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އިޖުތިމާއީ މިންގަނޑުތަކަށް ކަމޭ ހިތުމާއި އުފަން ބިމަށް ލޯބިކުރުމުގެ މާތް ސިފަތަކެވެ. އިރާދަކުރެއްވިއްޔާ މިކަންކަން އަށަގަންނާނެ ފަދަ ގޮތަކަށް މަންހަޖު އަލުން ބައްޓަންކުރާނަމެވެ. ކަމާގުޅޭ އިތުރު ހަރުދަނާ ފިޔަވަޅުތައް އަޅައި މުދައްރިސުން ތާޒާކުރާނަމެވެ.". ރަައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އުފެއްދެވި އުންމީދާއެކު، މިސްރާބު ބައްދަލުކުރަންޖެހޭ
އުގަންނައިދިނުމަކީ، ފަންނީ މަސައްކަތްތަކެއް ކޮށްގެން މެނުވީ ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. ރޭވުންތައް ރޭވުމުގައި އިސްކަންދޭން ޖެހެނީ، މަންހަޖުގައި ކަނޑައެޅިފައިވާ ގޮތަށް ކުދިންގެ ޤާބިލިއްޔަތުތައް އިތުރުކުރެވޭނެ މަގަަށް ކަންކަން ބައްޓަންކުރުމަށެވެ. އެއްވެސް ދަރިވަރަކު ބާކީ ނުކޮށް އުގަންނައިދިނުމުގެ ބުރަ މަސްޢޫލިއްޔަތާއި ޒިންމާ އުފުލަންތިބީ ލޮބުވެތި ޓީޗަރުންނެވެ. ކިޔަވައި ދިނުމަކީ ބުރަ މަސައްކަތެކެވެ. ތަފާތު އެތައް ކަމެއް ކުރިމަތިވާ، ގޮންޖެހުން ބޮޑު މަސައްކަތެކެވެ. މުދައްރިސުންނަށް ކަނޑައެޅިފައިވާ ވަގުތުގައި އެންމެ ފުރިހަމަ މާނައިގައި ކަންކަން ތަންފީޒުކުރުމަށްޓަކައި މުދައްރިސުންގެ މަސައްކަތުގެ މާހައުލަކީ ފަހި، ފަސޭހަ މާހައުލަކަށް ހަދަންޖެެހެއެވެ. ބޭކާރު މަަސައްކަތްތައް ކުރުވައި، މުދައްރިސުންގެ މަސައްކަތްތައް "އިދާރީ މޭޒަށް" ބަދަލުވާނެ ގޮތަށް، ކަންކަން ބައްޓަން ވެގެން ދިއުމަކީ ތަޢުލީމީ ނިޒާމަށް އާރޯކަން އަންނާނެ ކަމެއް ނޫނެވެ. ހަމައެހެންމެ، އިދާރީ ކަންކަން ކުރަންޖެހޭނަމަ ފަސޭހަ، ޒަމާނާ ގުޅޭ ވަޞީލަތްތައް ފަހިކޮށްދޭންޖެހެއެވެ.
ޤާނޫނުގައި ކަނޑައެޅިފައި ވަނީ މާތް މަޤްޞަދުތަކެކެވެ. މަންހަޖުގައި ހިމަނާފައިވަނީ މުހިންމު ލަނޑުދަނޑިތަކެކެވެ. އެކަންކަން ޙާޞިލުކުރުމަށްޓަކައި ކަނޑައެޅިފައިވާ ކަންކަން މުދައްރިސުންނަށް ފޯރުވޭނެ ފުރުޞަތު ލިބެންޖެހެއެވެ. ލުއި ފަސޭހަ ގޮތްތައް އޮންނާންޖެހެއެވެ.
މުދައްރިސުންނަށްވެސް އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުޞަތު އޮންނަންވާނެއެވެ. އެހެނަސް ސިޔާސަތުތައް ބައްޓަންކޮށްފައިވާ ގޮތުން މުދައްރިސުންނަށް އެފުރުޞަތު ވަނީ ހަނިވެފައެވެ. 8 ގަޑިއިރު ސްކޫލުގައި މުދައްރިސުން ބޭތިއްބުމަކީ މާނައެއް ހުރި ކަމެއް ނޫނެވެ. މުދައްރިސުންނަށް ފަހިކޮށްދޭންޖެހެނީ ފްލްކްސިބަލްކޮށް މަސައްކަތް ކުރެވޭނެ ފުރުޞަތެވެ. "ޓާސްކް އޮޮރިއެންޓެޑް" ވިސްނުމެކެވެ. ވަކި ވަގުތެއް ވަންދެން މުދައްރިސުން ބަންދުކޮށްގެން އުޅުމުގެ ބަދަލުގައި އިސްކުރާންވީ، ފަހި މާހައުލެއްގައި މަސައްކަތްތައް ނިންމުމަށް އިސްކަން ދެވޭ މަގަށް ކަންކަން ތަރުތީބު ވާނެ ހަމައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ސިވިލް ސާވިސްގެ ޤާނޫނާ ޚިލާފަށް އިތުރުގަޑީގެ ފައިސާކޮޅުވެސް ނުދީ އިދާރީ މުއައްޒަފުންނަށް އިތުރަށް ބުރަކުރަނީ، އެއްވެސް ކަހަލަ ހަމަހަމަ ކަމެއް ނެތް ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ މުއައްޒަފުންގެ
ނަސީހު އެވެ. ށ އަދި ޝ ރަނގަަޅަށް ދަސްކޮށްލާށެވެ. މިއީ ހިތުހުރިގޮތަކަށް ބޭނުން ކުރެވޭ އަކުރުތަކެއް ނޫނެވެ.