އީވާ ވިދާޅުވީ މިއީ އެމްޑީޕީ ސަރުކާރުގެ ވައްކަމުގެ ވާހަކަދެއްކުމުން، ވެރިކަން ވެއްޓުމުން ދިން އަދަބެއް ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން އެކަމަނާ ވަކިކުރަން އެމްޑީޕީން ބޭނުންވީ، އެމްޑީޕީ ސަރުކާރުންކުރަމުން ދިޔަ ވައްކަމާއި ޚިޔާނާތުގެ ވާހަކަތައް ދައްކައި، މިއަހަރުގެ ރިޔާސީ އިންތިޚާބު ނާކާމިޔާބުވެ އެޕާޓީގެ ވެރިކަން ބަދަލުވުމުގެ އަދަބެއްގެ ގޮތުގައިކަމަށް، އީވާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވާ މަޖިލީހަށް ހުށައަޅަފައިވާ، އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަވަނިކޮށް، އެ މަޤާމުން އީވާ ވަނީ އިސްތިއުފާދެއްވާފައެވެ. އިސްތިއުފާދެއްވީ މަޤާމުން ވަކިކުރެއްވުމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމަށްފަހުއެވެ. އީވާ ވަނީ އެކަމަނާގެ ދިފާއުގައި ވަރަށް ދިގުކޮށް ވާހަކަފުޅު ދައްކަވާފައެވެ.

އެމްޑީޕީގެ ފަރާތުން އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުއްވި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަހުމަދު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އީވާ އިންތިޚާބު ވެވަޑައިގެންފައިވަނީ އެމްޑީޕީން ކަމަށާއި، އެމްޑީޕީ މެންބަރުން ވޯޓުދީގެން މަޖިލީހަށް އިންތިހާބު ކުރެއްވީ އެޕާޓީން ވެފައިވާ ވައުދު ފުއްދުމަށްކަމަށެވެ. އެހެންނަމަވެސް އެކަމަށް އީވާ އުރަސް އެޅުއްވީކަމަށް ތުހުމަތުކުރެއްވިއެވެ. އަދި ޕާޓީން ވަކިވެވަޑައިގެން އޭރުގެ ސަރުކާރުން ކުރަމުން ދިޔަ މަސައްކަތްތަކަށް ހުރަސް އަޅަފައިވާކަމަށް މައްސަލަ ހުށައަޅުއްވަމުން މެންބަރު އިސްމާޢީލް ތުހުމަތުކުރެއްވިއެވެ.

އީވާ މަގާމުން ދުރުކުރުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުން މަސައްކަތް ފެށި ހިސާބުން އެންމެ ބޮޑަށް ތުޙުމަތު ކުރަމުން ދިޔަ އެއްކަމަކީ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ގުޅިވަޑައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅުމާ، މަޖިލިސް އާއިލީ ވެރިކަމެއްގައި ހިޞާރުކޮށްގެން އުޅޭކަމުގެ ތުޙުމަތުތަކެކެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން އީީވާ ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގައި އޭރު ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙާއި، ރައްޔިތުގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، ދެބޭފުޅުންނަކީވެސް އެކަމަނާއާއި އާއިލީ ގޮތުން ގުޅުން އޮތް ދެބޭފުޅުންކަމަށެވެ. އާއިލީވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވިނަމަ މީގެ ތެރެއިން ދެބޭފުޅުންނަކީވެސް ދޫކޮށްލެވޭވަރުގެ ދެބޭފުޅުން ނޫންކަމަށް އީވާ ވިދާޅުވިއެވެ. އީވާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ މަސައްކަތްތަކާ، މަޖިލީހުގެ ޤަވައިދާ ދެކޮޅަށް އެއްވެސް ފަރާތެއްގެ ދިފާއުގައި ވާހަކަފުޅުނުދައްކަވާކަމަށާ، އަބަދުވެސް މަސައްކަތް ކުރެއްވީ ޤާނޫނީ ތަރަހައިގެ ތެރޭގައިކަމަށެވެ.

މަޤާމުން ދުރުކުރެއްވުމުގެ މަސައްކަތަކީ ޒާތީގޮތުން ކުރެއްވި ކަމެއްގެގޮތުގައި ސިފަކުރައްވަމުން، އޭރުގެ ސަރުކާރުން ކުރަމުންދިޔަ ވައްކަމާއި ޚިޔާނާތުގެ ވާހަކަތައް މަޖިލީހުގައި ދެއްކެވުމާއި، އެ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތްތަކަށް ފާޅުކަން ބޮޑުގޮތެއްގައި ފާދުވިދާޅުވަމުން ގެންދެވުމަކީ އޭރުގެ ސަރުކާރުން އިސްވެ އޮވެ އެކަމަނާ މަގާމުން ދުރުކުރުމަށް މަސައްކަތް ކުރެއްވި މައިގަނޑު އެއްސަބަބުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ހުރިހާ މެންބަރުންނަށް ހަމަހަމަ އުސޫލުތަކެއް ކަނޑައެޅިގެން މަސައްކަތްތަކާ މަޖިލީހުގެ ވަސީލަތްތައް ހަމަހަމަ ކަމާއެކު ހުރިހާ މެންބަރުންނަށް ފޯރުކޮށްދެވުނުކަން އީވާ ފާހަގަކުރެއްވިއެވެ. އަދި ކޯވިޑްގެ އާލާމީ ވަބާގައިވެސް ހުއްޓުމެއްނެތި މަޖިލިސް ކުރިއަށް ގެންދެވުނުކަމާއި، މުވައްޒަފުންނަށް އެންމެ ގިނައިން ތަމްރީން ދިނުމުގެ ޕްރޮގްރާމްތައް ހިންގުނު މަޖިލިސްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ކޯވިޑްގެ އާލަމީ ވަބާއިން އަރައިގަތުމަށް މަޖިލީހުން އަދާކުރި މުހިންމު ދައުރަށްވެސް އީވާ ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މަޖިލީހުގެ މަސައްކަތްތައް އެނގޭނެހެން "ސައިންގ" ލޭންގުއޭޖުން މަޖިލީހުގެ ޖަލްސާތައް ގެނަސްދިނުމަކީވެސް ކުރެވުނު ކާމިޔާބު މަސައްކަތެއްކަމަށް އީވާ ވިދާޅުވިއެވެ.

ނައިބު ރައީސް އީވާ މަޤާމުން ވަކި ކުރުމަށް މަސައްކަތް ފެށީ މަޖިލީހުގެ ކުރީގެ ރައީސް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ އެކުއެކީގައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ނައިބު ކަމަށް އައީވެސް ވަގު ކޮށް، ރައީސަކަށް ހޮވުނު މީހާ ހޮވުނީ އަދި މާ ވަގުކޮށް، މަޖްލިސްހިސާރު ކޮށްގެން ފެށުނީއްސުރެ ހެދީ ވަގު ، ނުވީ އެންމެ ކަމެއް ވަގަށް ވެރިކަން ނަގަން އުޅުމުން އެކިޔާ " ބަރުލަމާނީ " ގެ ބޮޑު ވައްކަން. އެކަން ކުރަން އިބޫ ފުރްޞަތު ނުދޭނެ ކަން ޔަޤީން ވުމުން ވަގުންނާއި ގުޅިގެން ހަމަ ވަގު ވަގު ވަގު ވަގު ކިޔަންފެށީ، ނަމަވެސް ކާމިޔާބެއް ނުވި. ހުރިހާ ވަގުންފޭލްވީ، އިބޫގެ ވެރިކަން ވަގުން ގުޅިގެން ވައްޓާލިޔަސް އެއްވެސް މީހަކަށް ކޮށް ނުދެވުނު، ނުވެސްދެވޭނެ އެންމެ ބޮޑު ޚިދުމަތް އޭނާ ވަނީ ޤަވްމަށް ކޮށް ދީފައި، އެއީ ޙީލަތްތެރިން ބަލިކޮށް ޤަވްމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުން. އެކަކަށްވެސް ނުވި ނުކެރުނު އަންނި ސައިޒް ކުރާކަށް . އެކަން ވުމުން ދެން ޤަވްމުގެ މުސްތަޤްބަލް ރަގަޅު ކުރުމުގެ ފުރްޞަތު އެންމެނަށްވެސް ލިބިގެންދާނެ. ވާނީ މަޑު މަޑުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *