އަމުރުގެ މައްޗަށް ކުރިހޯއްދަވައި ޑިމޮކްރެޓްސް ރައީސަކަށް ޙަސަން ލަތީފް

ޑިމޮކްރެޓްސްގެ ރައީސަކަށް ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް އިންތިޚާބުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ ފުރަތަމަ އިންތިޚާބުގެ ވޯޓުލުން އިއްޔެ ބާއްވާފައިވާއިރު ވަގުތީ ނަތީޖާ އިޢުލާން ކުރުން އޮތީ ރޭ އެޕާޓީގެ އިދާރާގައެވެ.

އެ ޕާޓީން ހާމަކުރެއްވި ވަގުތީ ނަތީޖާއިން ދެއްކި ގޮތުގައި ޑިމޮކްރެޓްސްގެ އެތެރޭގެ ފުރަތަމަ އިންތިޚާބުގައި، ޑިމޮކްރެޓްސްގެ ރައީސްކަމަށް ހަސަން ލަތީފް އިންތިޚާބުވީ 1704 ވޯޓުންނެވެ. ރައީސް ކަމަށް ހަސަން ލަތީފްއާ ވާދަކުރެއްވި ހުސައިން އަމްރުއަށް މިއިންތިޚާބުގައި ލިބިފައިވަނީ 1300 ވޯޓެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ޑިމޮކްރެޓްސްގެ އަންހެން ނައިބު ރައީސަކަށް ހޮވުނީ އައިޝަތު އަލައިކާ އަދުނާންއެވެ. އޭނާއަށް ލިބުނީ 1954 ވޯޓެވެ. އޭނާއާ ވާދަކުރި މަރިޔަމް ރިހާން ނާޒިމަށް ލިބުނީ 1006 ވޯޓެވެ.

މީގެ އިތުރުން، ޒުވާނުންގެ ނައިބު ރައީސަކަށް ހޮވުނީ ހަސަން ފިރުޝާންއެވެ. އޭނާއަށް ލިބުނީ 1689 ވޯޓެވެ. މިބައިގައި 3 މީހުން ވާދަކުރި އިރު އޭނާއާ އެންމެ ގާތުން ވާދަކުރި މުހައްމަދު އަހުސަންއަށް ލިބުނީ 1061 ވޯޓު، އަދި މުހައްމަދު އަލާންއަށް ލިބުނީ 93 ވޯޓެވެ.

ވިމެންސް ޑެމްސް ނުވަތަ އަންހެނުންގެ ރައީސަކަށް ހޮވުނީ ފާތިމަތު ހަމްދާ މުހައްމަދުއެވެ. އޭނާއަށް ލިބުނީ 749 ވޯޓެވެ. އޭނާއާ ވާދަކުރި ޝިޔާމާ މުހައްމަދަށް ލިބުނީ 264 ވޯޓެވެ.

ޔަންގް ޑެމްސް ނުވަތަ ޒުވާނުންގެ ރައީސަކަށް ހޮވުނީ މުހައްމަދު މާޝިހްއެވެ. އޭނާއަށް ލިބުނީ 367 ވޯޓެވެ. އޭނާއާ ވާދަކުރި ޔޫސުފް ޝާންއަށް ލިބުނީ 324 ވޯޓެވެ.

މިއިންތިޚާބުގައި އެޕާޓީގެ 43 މަޤާމަކަށް މެންބަރުންވަނީ ހޮވާފައިވާއިރު، އެޕާޓީގައި ޖުމްލަ 1043 މަޤާމަށް މީހުން ހޮވާއިރު މީގެ ތެރެއިން 271 މަޤާމަކަށް މީހުންވަނީ އިންތިޚާބުވެފައެވެ.

އިންތިޚާބުގެ ނަތީޖާ އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް ވިދާޅުވީ ޑިމޮކްރެޓްސްއަކީ ސިޔާސީ ހުރިހާކަމެއް ތަރުތީބުވެގެން ހިނގަމުންދާ ޕާޓީއެެއްކަމަށާއިި، އެކަން ނިމިގެންދިޔަ އެތެރޭގެ އިންތިޚާބުން ވަރަށް ރަނގަޅަށް އެނގިގެންދިޔަ ކަމަށެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ޕާޓީއެއްގެ އެތެރޭގައި އެންމެ ގިނަ ބަޔަކު މަޤާމުތަކަށް ހޮވި އެންމެ ގިނަބަޔަކު ވޯޓުލީ އިންތިޚާބުކަމަށާއި، އެގޮތުން ޕާޓީގެ 32 މަގާމަކަށް ޖުމްލަ 70 މެމްބަރުން ކުރިމަތިލިކަން އާޒިމް ހާމަކުރެއްވިއެވ. އޭނާ ވިދާޅުވީ ޕާޓީގައި ވޯޓުލުމުގެ ހައްގު ޖުމްލަ 5883 މީހަކަށް ލިބިފައިވާއިރު 3209 މެމްބަރުންވަނީ ވޯޓުލާފައެވެ. އެއީ 54 އިންސައްތަ މީހުންނެއެވެ.

އިންތިޚާބުގެ ނަތީޖާ ނުނެރެ ލަސްވިކަމަށް މީޑިއާތަކުން ހާމަކުރުމުން އެކަމަށް އިޝާރަތްކުރައްކުރައްވާ އޭނާ ވިދާޅުވީ، ވޯޓުގުނާ ނިމުމުން ފޮށި ކައިރީގައި ކޮންމެ ފޮއްޓެއްގެ ނަތީޖާވެސް އިޢުލާންކޮށްފައިވާ ކަމަށެވެ. އަދި އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަސްމީކޮށް ވަގުތީ ނަތީޖާ އިޢުލާންކުރުން ލަސްވީ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅުނު ބޮޑު ދެ ތިން ޝަކުވާއެއް އޮތުމުން ތަޙްގީގުކޮށް ބެލުމަށްފަހު އިޢުލާންކުރަން މަޑުކުރުމުންނެވެ.

ނިއުސް ބްރީފިން ނިންމަވާލައްވަމުން، ޕާޓީގެ އެތެރޭގެ އިންތިޚާބު އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގައި ޕާޓީގެ މެމްބަރުންނާއި އެހެނިހެން ފަރާތްތަކުން ކުރެއްވި މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *