Saturday, 15 June 2024

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ޙައްޤު ދަރަޖައާއި މަޤާމު ހޯދައިދޭނަން: ވަޒީރު

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ޙައްޤު ދަރަޖައާއި މަޤާމު މުބާރާތަށް ހޯއްދަވައިދެއްވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެގޮތުން،  ޤުރުއާން މުބާރާތުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރެއްވުމަށް، ކުރަންޖެހޭ މަސައްކަތްކުރެއްވުމަށް ޚާއްޞަ ކޮމިޓީއެއް ހަމަޖައްސަވާފައިވާ ކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ރާއްޖޭގައި ބާއްވާ އިސްލާމީ އެންމެ ބޮޑު ޤައުމީ އެއް ޙަރަކާތެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ މުބާރާތް ކުރިއަށްދާނީ ފެބުރުއަރީ 23 އިން ފެށިގެން، މަރޗް މަހުގެ 2ވަނަ ދުވަހާއި ހަމައަށެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ސަރުކާރުން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަތޮޅުތަކުގެ ސްކޫލްތަކާއި މުވައްސަސާތަކަށް ހަމަހަމަކަމާއެކު ލިބިގެންދެއެވެ. މިއަހަރުގެ މުބާރާތުގައިވެސް ޙާފިޒުންގެ ބަޔާއި، ސްކޫލް ކުދިންގެ ބަޔާއި، މުއައްސަސާތަކުގެ ބައި ހިމެނެއެވެ.

ކީރިތި ޤުރުއާން ކިޔެވުމަށް ދަސްކޮށްދިނުމުގެ އިތުރުން، ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކޮށް، އުނގެނުމަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.

އެހެންކަމުން، ކީރިތި ޤުރުއާނުގެ ޢިލްމު ފަތުރައި ފުޅާކުރެއްވުމުގެ ގޮތުން ޕްރޮގްރާތައް ހިންގެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދަނީ ތައްޔާރުވަމުންނެވެ. އަދި ތައުލީމު ފުޅާކުރެއްވުމަށް އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް އަތޮޅުތަކުގައި ހިންގުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު