ފެނަކައިގެ ދަރަނީގެ ތަފްސީލް ހާމަކުރަން އެންގީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމްކޮށްފި

ފެނަކައިގެ ދަރަނީގެ ތަފްސީލްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު، ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދުތަކާއި އޭގެ ތަފްސީލްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. ނަމަވެސް އެ ނިންމުން ފެނަކައިން ހައިކޯޓުގައި އިސްތިއުނާފްކުރި އެވެ.

ފެނަކައިން ފައިސާ ދައްކަންޖެހޭ އެހެން ކުންފުނިތަކުގެ ނަންތަކާއި ތަފްސީލުތަކަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހާމަ ނުކުރެވޭނެ މައުލޫމާތެއް ކަމަށް ފެނަކައިން ބުންޏަސް، އެ މައުލޫމާތު ހާމަ ކުރުމުގެ ސަބަބުން ތިން ވަނަ ފަރާތެއްގެ ވިޔަފާރިއަށް ގެއްލުންތަކެއް ވެދާނެ ކަމަށް ނުބެލެވޭ ކަމަށް ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވެއެވެ. އެ ޙުކުމްގައި ވާގޮތުން އެ މައުލޫމާތު އާންމު ކުރުމަކީ ސިއްރު ހިފެހެއްޓުމުގެ އުސޫލާ ހިލާފް ކަމަކަށް ވާނެކަން ފެނަކައަށް ބުނެ ނުދެވެއެވެ.

އެހެންކަމުން، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ފެނަކައިިގެ ދަރަނީގެ މައުލޫމާތުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ.

ފެނަކައިގެ ދަރަނީގެ ތަފްސީލް ހާމަކުުރުމާ ގުޅޭ މައްސަލަ ހައިކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ، ފަނޑިޔާރު ފައިސަލެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *