އެމްޑީޕީގެ ވިޕާ ޚިލާފުވެގެން ޖާބިރާއި ޝިޔާން ކުށްވެރިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރަން ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕް (ޕީޖީ)ން ނެރުނު ތްރީލައިން ވިޕާ ޚިލާފުވެފައިވާތީ، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާނާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ފިޔަވަޅު އަޅައިދޭން އެދެން ނިންމައިފިއެވެ.

މިކަން ހާމަކުރައްވައި ޕީޖީ ގްރޫޕްގެ ސްޕޯކްޕާސަން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް މިއަދު ވިދާޅުވީ، ފާޅުގައި ވިޕްލައިނާ ހިލާފުވި ދެ މެންބަރުންގެ މައްސަލަ އެމްޑީޕީއަށް ހުށަހަޅުއްވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވެފައިވާ ކަމަށެވެ.

ރޭ މަޖިލީހުގައި ނެގުނު ވޯޓުގައި، އެމްޑީޕީން ނައިބު ރައީސް ކަމަށް ވާދަކުރެއްވީ އެ މަގާމަށް ރޭ އިންތިހާބުވެވަޑައިގަތް ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. އެގޮތަށް ނިންމީ ޕީޖީ ގްރޫޕްގެ ސިއްރު ވޯޓަކުން ފާސްކޮށްގެންނެވެ. ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅަކު ހޮވާފައިވަނީ، އެ މަޤާމުގައި ހުންނެވި އީވާ ޢަބްދުﷲ އިސްތިޢުފާ ދެެއްވުމާ ގުޅިގެން އެ މަޤާމް ހުސްވެފައިވާތީއެވެ. އަދި އީވާ އިސްތިޢުފާދެއްވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޤާރަރަށް ބަޙުސްކުރަމުން ދަނިކޮށެވެ.

ވޯޓުގައި ސަލީމަށް ވޯޓު ދޭން އެމްޑީޕީ ޕީޖީ ގްރޫޕުން ވިޕް ނެރެފައިވަނިކޮށް، ޖާބިރުގެ ނަން ހުށަހެޅުއްވީ އެ ނިންމުމާ ހިލާފަށެވެ. އެކަމަށް ޖާބިރު ތާއީދު ކުރައްވައި ވާހަކަ ދައްކަވާ ތަން ޖަލްސާ ލައިވް އިން ފެނެ އެވެ.

ރޭ ރައްޔިތުންގެ މަޖިލީހުގައި އޮތް ވޯޓު ސަލީމް ކާމިޔާބު ކުރެއްވީ 51 ވޯޓުންނެވެ. ޖާބިރަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު