Monday, 07 October 2024

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ އާޒިމާ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލުމަށް ހުށައަޅާފައިވަނީ އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު އެކަނި ކަމަށް އެކޯލިޝަނުން ހާމަކުރައްވައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމާއި، މާލޭގެ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 މެންބަރުންގެ މަޤާމަށް ވާދަކުރުމުގެ ފުރުޞަތު ހުޅުވާލީ، ނޮވެންބަރު 30 އިން ފެށިގެން ޑިސެންބަރު 4 ވާ ހޯމަ ދުވަހުގެ 15:00ގެ ނިޔަލަށެވެ.

ވަގުތު ހަމަވިއިރު މޭޔަރުކަމުގެ މަޤާމަށް ވާދަކުރުމަށް ހުށައަޅާފައިވަނީ އާއިޝަތު އާޒިމާ ޝަކޫރު އެކަނިކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވިދާޅުވިއެވެ.

މީގެ ކުރިން މިކަން ހާމަކުރައްވައި، އާޒިމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މާލޭ ސަރަހައްދު ހަޤީޤީ މާނައިގައި ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ޤަބޫލުކުރައްވާ ކަމަށާއި އެކަންކަމަށް އިސްނަގަން ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ.

ލާމަރުކަޒީ ޤާނޫނުން ރާއްޖޭގެ ހިންގުން ބަދަލު ވިޔަސް، ރައްޔިތުންގެ ބޭނުންތަކަށް ބަދަލު ނާންނަ ކަމަށާއި، ހިންގުމުގެ އޮނިގަނޑު ވަރުގަދަ ކުރުމުގެ ބޭނުން ދުވަހުން ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ. ނަމަވެސް ކައުންސިލާއި ސަރުކާރާ ދެމެދު އޮތް ޖެއްސުންކުރުމާއި ޒުވާބުގެ ސަބަބުން މާލޭގެ ރައްޔިތުން ބޭނުންވާ ތަރައްޤީއާއި ހިދުމަތްތައް މުޅިންހެން ހުއްޓިފައިވާ ކަމަށް އާޒިމާ ވިދާޅުވިއެވެ.

މާލޭގެ މޭޔަރުކަމުގެ ބައި-އިލެކްޝަންގައި ވާދަކުރައްވަން އާޒިމާ ނިންމަވައިފި

ބަންޑާރަ ނައިބު ކަންވެސް ކުރައްވާފައިވާ އާޒިމާ ވިދާޅުވީ މާލޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރޭވުންތެރިކަމާއެކު މަސައްކަތްކުރައްވާނެ ކަމަށާއި، އިންތިޚާބީ ރައީސް އެކުލަވާލައްވާފައިވާ ސްޓްރެޓެޖިކް ޕްލޭން ތަންފީޒްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްއެވެ. އާޒިމަށް ޓިކެޓް ލިބިފައިވަނީވެސް ޕްރައިމަރީއަކާއި ނުލައެވެ.

މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު