Saturday, 15 June 2024

މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަޤާމަށް ފާތޭ

ކުރީގެ ތިން ރައީސުންގެ އަރިހުގައި އެ ބޭފުޅުންގެ ސެކްރެޓޭރިއޭޓްގައި އެންމެ އިސްކޮށް އުޅުއްވި ފާތިމަތު މުޙައްމަދު ޞާލިޙް (ފާތޭ) ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަޤާމަށް މިއަދު އައްޔަން ކުރައްވައިފިއެވެ.

ފާތޭއަކީ ދިގު މުއްދަތެއްގައި ރައީސް އޮފީހުގައި، ޕްރޮޓޮކޯލުގައި ޚިދުމަތްކުރައްވާފައިވާ ކަނބަލެކެވެ.  ފާތޭ އަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު (އިބޫ)ގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅެވެ. ފާތޭ އެންމެ ފަހުން މަސައްކަތް ކުރެއްވީ ވެސް ބޭބޭފުޅު ރައީސް އިބްރާހިމް މުޙައްމަދު ޞަލިހުގެ ސެކްރެޓަރީއެއްގެ ގޮތުގަ އެވެ.

މަޖިލީހުގެ އިދާރާގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު މިރޭ ރާއްޖޭގެ ބައެެއް މީޑިޔާތަކަށް މަޢުލޫމާތު ޙިއްސާކުރައްވަމުން ވިދާޅުވީ، އެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ފާތޭ އައްޔަން ކުރެއްވީ މަޖިލިހުގެ ރައީސްގެ މަސައްކަތްތަކަށް މުވައްޒަފުން ކަނޑައަޅަން މަޖިލިހުގެ ޤަވާއިދުގެ ދަށުން މަޖިލިހުގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.

ފާތޭ ވަނީ ކުރީގެ ތިން ރައީސުން ކަމަށްވާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އިތުރުން ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. އޭގެ ތެރެއިން އެންމެ ގިނަ ދުވަސް ވަންދެން އުޅުއްވީ ރާއްޖޭގައި 30 އަހަރުގެ މުއްދަތަކަށް ވެރިކަން ކުރެއްވި ރައީސް މައުމޫންގެ އަރިހުގައެވެ.

އެނގިފައިވާ ގޮތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަން ނިމުމާއެކު، މިދިޔަ މަހުގެ 17 ގައި ފާތޭ ވަނީ ރައީސް އޮފީހުން ވަކިވެވަޑައިގެންފައެވެ.

މަޢުލޫމާތު ލިބޭގޮތުގައި، ފާތޭ، ރައީސް އޮފީހުގައި މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 37 އަހަރު ކުރިން، ފެބްރުއަރީ 1986 ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު