ބައްތެލި ފުރާ ތަނަށް ރަށުގެ ކުޑަ ބޮޑު އެންމެން ޖަމާވިއެވެ.
ޙައްޖު ދުވަހުގެ ކުރިން، މާލެއިން ބައްތެލި އަންނާނެ ކަމުގެ އިންތިޒާރުގައި ރަށުގެ ރައްޔިތުން ތިއްބެވެ. އެހެން ފަހަރުތަކާ ޚިލާފަށް މަސްވެރިކަން ރަނގަޅުވުމުން، ރަށުގެ ކޮންމެ ޢާއިލާއަކަށްވެސް ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް ބެލިއެވެ. އަދި ކުރިމަތީގައި އޮތް އުފާވެރި އަޟްޙާ ޢީދަށް ރީތި ހެދުން ގަތުމަށްވެސް ނެވި މީހާ ގެންގުޅޭ ބަނޑޭރި ފޮތުގައި، ކޮންމެ ޢާއިލާއަކުން ނޯޓުކޮށް ހެދިއެވެ. ހުރިހާ ގެއެއްގެ މީހުންނަށް މާލެ ނުދެވުނު ކަމުގައިވިޔަސް ކޮންމެ ދޯންޏަކުން އެކަކު މާލެ ދިޔައެވެ. އެއީ ނެއްވަކަށް މިފަހަރު މާލެ ދުރުވި ކަތީބު އަންގަވާފައިވާ ގޮތެވެ. މަހަށް ފުރާ ކޮންމެ ދޯންޏަކުންވެސް އެކަކު މާލެ ދަތުރުގައި ބައިވެރިވުމަށް އެދޭ ކަމަށް ކަތީބު ނަންގަތީ އެހާ ގިނަ ހިކިމަސް ބައްތެއްޔަށް އަރުވާ ބަރާކޮށްފައިވާއިރު، އޮޑިވެރިންގެ ފަރާތުން އެހީތެރިކަން ބޭނުންވާތީއެވެ. އަވަހަށް މަސްކޮޅު ކިރާލައި ޙައްޖު ދުވަސް އަންނަންވާއިރަށް ރަށަށް އާދެވޭނީ، ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން ކަމަށް ވާތީއެވެ.
ޙައްޖު ދިމާ ވަނީ ބުރާސްފަތި ދުވަހާއެވެ. ރަށުގެ ރައްޔިތުން އިންތިޒާރުގައި ތިއްބެވެ.
ބުދަ ދުވަހުގެ އިރުމެދުން ލަނބާލިތަނާ ބަރަވެލި ކަނޑުން އެތެރެވަރިއަށް ބައްތެއްޔެއް އަންނަ ތަން ފެނިއްޖެއެވެ. އެ މަންޒަރު ފުރަތަމަ ފެނުނީ ރާއަރަން ރުކަށް އަރާ އޮތް ޔޫސުންބެއަށެވެ. ރާބަދި ބާލާކަށްވެސް ޔޫސުންބެ ބޭނުމެއް ނުވިއެވެ. މި އުފާވެރި ޚަބަރު ދިނުމަށް ޔޫސުންބެ ރުކުން ފުންމާލިއެވެ. ޅައިބަކަށް ބައްޖަކަށް ނުބަލައި ޔޫސުންބެ ދުއްވައިގަތީ ރަށު އޮފީހާ ދިމާއަށެވެ. ޔޫސުންބެ ހަރު ދުވެލީގައި ދުވެފައި ގޮސް އޮފީހަށް ވަންއިރު، ރަށު އޮފީހުގެ ގޯތިތެރޭގައި އެލުވާފައިވާ އުނދޯއްޔެއްގައި ކުޑަކަތީބު ޙަސަނު ފިސާރު ހަމަޖެހިލައިގެން އިންނެވިއެވެ.
"ޔޫސުންބޭ ކިހިނެތްވީތަ؟ ހާދަ ބާރަކަށް ތި އައީ؟" ކުޑަ ކަތީބު ޙަސަނު މިހެން އަހާލުމުން ރާވެރި ޔޫސުންބެ ބުނީ، "ކުޑަކަތީބާ، ރަށު ބައްތެލި އަތޮޅަށް ވަދެއްޖެ. އެތަން ފެނިފައި އަވަހަށް ޚަބަރު ދޭންވެގެން މިއައީ.."
ކުޑަކަތީބު ޙަސަނު އަވަސްވެގަތީ ސަންގު ފުމުމަށެވެ. ރަަށަށް މިވަރު ބޮޑު އުފަލެއް ލިބޭއިރު، ބައްތެލިން އަންނަ މީހުން ލައްޕަން ރަށުގެ އެންމެން އަތިރިމައްޗަށް ޖަމާވާންވާނެތާއެވެ.
ސަންގުގެ އަޑަށް ރަށުގެ ކުޑަ ބޮޑު އެންމެން ހޭލަމޭލަވާން ފަށައިފިއެވެ. ސަންގު ފުމޭއިރަށް އެއީ ރަށު ބައްތެލި އަންނާތީ ފުމޭ ސަންގުކަން އެންމެންނަށް އެނގިއްޖެއެވެ. އެއީ ހައްޖު ދުވަސް އަންނަންވާއިރަށް ބައްތެލި އަންނާނެކަމަށް ކަތީބު އޮތީ ބުނުއްވާފައެވެ. އީދު ހެދުން ގެންނާނެ ކަމުގެ އިންތިޒާރުގައ ތިބިއިރު، ރަށުގެ ކުޑަކުދިން ކުރީ މާ ބޮޑު އުއްމީދެކެވެ. އެކުދިން ޢީދު ހައްދަން މައިންބަފައިން ކޮންމެ އަހަރަކުވެސް ވަރަށް ބޮޑު ޤުރުބާނީއެއް ވެއެވެ. އެބަޔަކަށް ތަނަވަސްކަން ހުރި މިންވަރަކުން އެންމެ ރީތިހާ ހެދުމާއި ގަހަނާ އަޅުވައި ނަލަހައްދާނެއެވެ. މިއީ ކުރީއްސުރެ ހިފިފައިވާ ޒަމާންވީ އާދަކާދައެކެވެ.
އަތިރިމަތީގައި ހަދާފައި ހުރި ފިނި އައްޓާއި ހޮޅުއައްޓާއި ޖޯލިތަކުގައި ރަށުގެ ގިނަ ބަޔަކު ތިބީ ބައްތެލީގެ އިންތިޒާރުގައެވެ. ކަތީބު ނެވި ކަމުގައި ބައްތެލި ފުރުމުން ރަށުގެ ރައްޔިތުންނަށް މި ދަތުރަކީ މާ މުހިއްމު ދަތުރެއް ކަމުގައި ބެލެވުނެވެ. އިރުވައި މަޑުގައި ދުއްވާފައި އައިސް ރަށުގެ ބޭރުމައްޗަށް ގާތްކޮށް، ބޯސައިގައި ބައްތެލި ހިފައިފިއެވެ. ރަށަކީ ފަޅު އޮންނަ ރަށަކަށް ނުވާތީ، ބައްތެލި އައިސް ބީއްސާލެވޭ ގޮތެއް ނުވެއެވެ.
އަޒީޒާާއި އޭނާގެ ފަޅުވެރިން ބޮއްކުރާ ބާލައިގެން ބައްތެއްޔާ ދިމާއަށް ކަނބަންް ފެށިއެވެ. އެއީ އިރުވައި މަޑު ދުވަސްވަރު ކަމަށް ވިޔަސް ގަދަ އޮޔެއް ހުރުމުން، ރަށަށް މުގުރާ ބިންދާ ރާޅުތަކުގައި ވަނީ ހުޅި ނަގާފައެވެ. ބޮއްކުރާ ބޭރުމައްޗަށް ނެރެވުނީވެސް ވަރަށް ޙާލުގައި އުޅެގެން ވަރަށް ގިނަ އިރުތަކެއް ވީ ފަހުންނެވެ. ރާޅުތައް މައިތިރިވެ ވަރުލައި ތަންދޭނެ ވަގުތުކޮޅަކަށް ބަލައިގެން ނޫނީ ކަނބާފައި ބޮއްކުރާ ބޭރަކަށް ނުނެރުވުނެވެ.
ބޮއްކުރާ، ބައްތެއްޔާ ކައިރި ކުރުމުން، ފުރަތަމަ ބާލަން ފެށީ ހިކި ސާމާނެވެ. ތަރުކާރީއާއި މޭވާ ފޮށިތަކެވެ. ބައްތެލި ހުސްކުރަން، މުގުރަމުންދާ ދާ ރާޅުތަކުގެ ތެރެއިން ވަރު ބަލަމުން، ފަހަރަަކު ބޮއްކުރައެއް ގޮނޑުދޮށަށް ބީއްސަމުން ދިޔައެވެ.
ހައެއްކަ ބޮއްކުރާގެ ސާމާނު ބާލައި ނިމުމުން، ދެން ޖެހުނީ ކާޑުގެ ބާވަތްތައް ބާލާށެވެ. ބޮއްކުރާ ބަރުކޮށް ކަތީބުގެ އިރުޝާދުގެ ދަށުން ވަރުބަލަން މަޑުކުރިއެވެ. ހައްޓަކު ހެޔެއް ނުބަލައި، ވަރުބަލާފައި ބޮއްކުރާ އޮޅާ ދިމާކުރިއެވެ. ކަމަކު ދާކަށްނެތެވެ. ކުއްލިއަކަށް އެ ނެގީ ބިޔަ ބޮޑު ރާޅެކެވެ. ކިތަންމެ ވަރަކަށް ވަރުބެލި ނަމަވެސް، ކަތީބު ޤާސިމު ކިތަންމެ ހުށިޔާރު ކަމުގައި ވިޔަސް، ބޮއްކުރާ މައްޗަށް އެ ބިންދާލީ ބިޔަ ބޮޑު ރާޅެކެވެ. އަޒީޒަށް ވެސް އޮބި އޮންނަވަރެއް ނުވިއެވެ. ފަލި އެ ދިޔައީ ބިންދައިގެންނެވެ. ބޮއްކުރާ އަރި އަޅާލި ވަގުތު، ބޮއްކުރާގެ މަތި ފައްގަނޑުން އެރި ލޮނުގަނޑާއެކު ބޮއްކުރާ އެދިޔައީ އަޑިއަށެވެ. ބޮއްކުރާއަށް އަރުވާފައިވާ ހުރިހާ ކާޑަކާވެސް އެކުގައެވެ. ބައްތެއްޔަށް ބަރުކުރި ހަނޑޫ ހަކުރާއި ފުށުގެ ތެރެއިން ބޮޑު ބައި އެދިޔައީ އަޑިއަށެވެ. ވައްތަރަކުން ފަސް ބަސްތާ، ޖުމްލަ ފަނަރަ ބަސްތާ ހުރި ގޮތަށް އަޑިއަށް ގޮސްފިއެވެ. ކަމަކު ދާކަށް ނެތެވެ. އުފާވެރި ޢީދާ ދިމާކޮށް ރަށުގެ ރައްޔިތުން ހިނިތުންވެފައި ތިއްބައި ދިމާވީ ހާދަ ހިތާވެރި ހާދިސާއެކެވެ.
"މާތް ކަލާކޯއޭ" ބުނެ، އަޒީޒު އަޑިއަށް ހިނގައްޖެއެވެ. ކަތީބު ޤާސިމުވެސް ފީނާން ފެށިއެވެ. އަޑިއަށް ދިޔަ ބޮއްކުރާއިން ދިޔަ ހިއްކާން ރާވެރި ޔޫސުންބެވެސް ވަރުބަލިކަމެއް ނެތި އިނެވެ. ބޮއްކުރާ އަރިއަޅާލި ވަގުތު ހައެއްކަ ބަސްތާ ފުށާއި ތިން ބަސްތާ ހަކުރު އަޑިއަށް ދިޔައެވެ. އަޒީޒުގެ މަސައްކަތުން އަނެއްކާވެސް އެ ކާޑު ބަސްތާތައް ބޮއްކުރައަށް އަރުވައިފިއެވެ.
ބޮއްކުރާ ގޮނޑު ދޮަށަށް ބީއްސާލުމުން އެހެން ދޯނިފަހަރުގެ ފަޅުވެރިންވެސް ކާޑު ބޭލުމުގައި ބައިވެރިވިއެވެ. ހުރިހާ ބަސްތާތަކެއް ހުރީ ތެމި ފޯވެފައެވެ. ހަކުރާއި ފުށްބާސްތާތައް ޖެހުނީ އުކާލާށެވެ. ރަމްލާ އިސްނައިގެން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ މެންބަރުން ވެގެން، ހަނޑޫ ބައްސާތައް ހުސްކޮށް ތެލި ތެއްޔަށާއި ލޯގަނޑުތަކަށް ފޯވެފައިވާ ހަނޑޫތައް އަޅާން ފަށައިފިއެވެ. ތެމިފައި ހުއްޓަސް އަވީލައި، ހިއްކައިގެން ހަނޑޫގެ ބޭނުން ކުރެވިދާނެތީއެވެ.
ދިމާވި ހިތާވެރި ހާދިސާއާ ގުޅިގެން ކަތީބު ޤާސިމުގެ ހިތް ނުތަވަސްވިއެވެ. "ރައްޔިތުންނޭ މިކަމުގައިވެސް ހެވެއް އޮންނާނެ. މާ ބޮޑަށް މިކަމާ ފިކުރު ބޮޑު ނުކުރާތި. ގެއްލުންތަކެއް ވެއްޖެ. އެހެންނަމަވެސް، މި ކަމާބެހޭ ގޮތުން ބައްދަލުކޮށް ރައްޔިތުން، ބުނާ ގޮތަކަށް އަޅުގަނޑު އަމަލުކުރާނަން."
މިހެން ބުނުއްވުމުން ރަށު މުދިމާއި، ބަނޑޭރި އެއް ރާގެއްގައި ބުނުއްވަމުން ގެންދެވީ، "ކަތީބާ… ތިޔަ ކަމުގައި ކުރެވޭނެ މާ ބޮޑު ކަމެއް ނެތް. ތިއީ ގަސްތުގައި ކުރިކަމެއް ނޫން.. ރަށުގެ ރައްޔިތުންވެސް އެކަން ދަންނާނެ.."
އެހިނދު ގޮޑުދޮށަށް ޖަމާވެފައިވާ ރަށުގެ ރައްޔިތުން އެއް އަޑަކުން ބުނަމުން ދިޔައީ މުދިމާއި ބަނޑޭރި އެ ބުނުއްވަނީ ހެޔޮ ވާހަކައެއް ކަމަށެވެ. މިކަމުގައި މާބޮޑު މަޝްވަރާއެއް ކަތީބު ކުރައްވާނެ ކަމެއް ނެތްކަމަށް ބުނަމުން ދިޔައެވެ. މި ގެއްލުމާއެކު އިރާދަކުރެއްވިއްޔާ ރަނގަޅު ގޮތެއް ވާނެ ކަމަށް އެންމެ ރައްޔިތުން ތަކުރާރު ކުރަމުން ދިޔައެވެ. ފަހު ބަހަކަށް އަޒީޒު ބުނީ، "ކުރިއަށް އޮތީ އަޟްޙާ ޢީދު، އެއްވެސް ގެއަކަށް ކާޑުގެ ދަތިކަމެއް އުޅޭ ނަމަ އަހަރެން މިހިރީ އެހީވާން. މަގޭ ގުދަނުގަ އުޅޭނެ ކޮންމެވެސް ވަރަކަށް ކާޑު. އަހަރެން މިހިރީ މިފަހަރު ކާޑު ގެންނަން ނޯޓް ކުރި އެންމެންނަށްވެސް އެހީވާން ތައްޔާރަށް."
މާދަމާއަކީ ޙައްޖު ދުވަހެވެ. ރަށުން ޙައްޖަށް ދިޔަ މުޙައްމަދުފުޅާ އޭނާގެ އަނބި ސަންފައަށް ހެޔޮ ދުޢާކުރުން މަތީ ރަށުގެ ގިނަ ބަޔަކު ދެމި ތިއްބެވެ.
(ނުނިމޭ)
ކުރީގެ ބައި ކިޔާލަން: