ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލީ ސެޕްޓެންބަރު މަހުގެ 9 ގައެވެ. ދެވަނަ ބުރުގެ ވޯޓުލީ ސެޕްޓެންބަރު މަހުގެ 30 ގައެވެ. އެއީ ހަނދާން ނެތޭހާ ދުރު މާޒީއެއް ނޫނެވެ. ކަންކަން އޮބިގެން ފޮހެވިގެންދާހާ ދުވަސްތަކެއް އަދި ނުވެއެވެ.
އިންތިޚާބާ ދިމާކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިނިވަން ކުރެއްވި ގައިދީންގެ އަދަދު ސަތޭކައިން ގުނާލެވެއެވެ. ވޯޓު ހޯދުމުގެ ނިޔަތުގައެވެ. ޖަލުތަކުން ނެރުނު މީހުން މަގުތަކުގައި ގިނަވެގެން އުޅުނު މަންޒަރުވެސް ހަނދާން އެބަހުއްޓެވެ. އޭގެތެރެއިން އެތައް ބަޔަކު ވަންނާނެ ގެއެއް ގެދޮރެއް ނެތި ކެވޭނެ ގޮތެއް ނެތިގެން މަގުމަތީގައި ދެމިފައި ތިބި މަންޒަރު މާޒީއާއެކުވެގެން ދާހާ ދުވަސްތަކެއް އަދި ނުވެއެވެ. މިނިވަންކުރީ ވޯޓު ހޯދުމުގެ ނިޔަތުގައި ކަމަށް ރަށުތެރޭގައި ކިޔާން ފެށިއެވެ. އެއަޑު ގުގުމިއެވެ. އެކަން ޔަޤީންވެ ކަށަވަރުވިއެވެ. އެދުވަސްވަރުވެސް މާރާމާރީއާއި ފޭރުމާއި ޓެކުމާއި މިހެން ގޮސް އިޖްތިމާޢީ އެތަކެއް މައްސަލަތަކެއް ފުނިޖެހެމުން ދިޔައެވެ.
ކުރީ ސަރުކާރުން ޖަލުން ނެރުނު ގައިދީންގެ ވާހަކަ
މަސްތުވާތަކެތި އެތެރެކޮށް އެއިން ވިޔަފާރިކުރި މައްސަލަތަކުގައި 25 އަހަރުގެ ޖަލު ހުކުމްކޮށްފައިވާ 16 މީހަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިނިވަންކުރެއްވީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް، ސެޕްޓެންބަރު މަހުގެ ކުރީކޮޅުގައެވެ. އެކަން މީސްމީޑިއާ ތިލަވިއެވެ. ސަރުކާރުން ދޫކުރަން ނިންމާފައިވާ ޤައިދީންގެ ލިސްޓެއް ޢާންމުވިއެވެ. ޖަލުން ދޫކޮށްލަން ނިންމާފައިވާ 52 މީހުންގެ ތެރެއިން 28 މުޖުރިމުންގެ ތަފުސީލު ހިމެނޭ ލިސްޓެކެވެ. އެ ލިސްޓުގައި ހިމެނޭ 28 ކުށްވެރިންގެ ތެރެއިން 16 މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވާ މީހުންނެވެ. ދޫކުރަން ނިންމާފައިވާ 52 މީހުންގެ ތެރެއިން 32 މީހުން އޭރު ދޫކޮށްފިއެވެ. 32 ކުށްވެރިން ޖަލުން މިނިވަންކުރައްވަން ރައީސް ނިންމެވިއިރު، އޯގަސްޓު މަހުގައި 23 ކުށްވެރިން އަދި އޭގެ ކުރިން ޖުލައި މަހުގައި 25 ކުށްވެރިންނަށް މައާފުދެއްވައި ނުވަތަ އަދަބު ލުއިކޮށްދެއްވައި މިނިވަންކުރައްވާފައިވެއެވެ. އަދި ސެޕްޓެންބަރުގައި ޖުމްލަ 52 ކުށްވެރިން ޖަލުން މިނިވަންކުރަން ރައީސް ޞާލިޙް ނިންމެވި ކަމުގެ އަޑުތައް ގަދަވިއެވެ.
އަދަބު ލުއިކޮށްދިނުމާއި މައާފުދިނުމުގެ ޤާނޫނުން ރައީސަށް ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން މިނިވަންކުރައްވާފައިވާ ކުށްވެރިންގެ ތެރޭގައި މަސްތުވާތަކެތީގެ ބޮޑުންނާއި، ޤާތިލުންނާއި މާރާމާރީ ހިންގާފައިވާ މީހުންނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ބޮޑެތި ކުށްތަކުގައި ބައިވެރިވެފައިވާ މީހުން ހިމެނޭ ކަމަށް އާންމުވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމުގެ ތެރޭގައި، 2022 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 600 މީހުން، މައާފުދީ އަދަބު ލުއިކޮށްދީ މިނިވަންކޮށްފައިވެއެވެ. އެގޮތުން މިނިވަންކުރި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް މަސްތުވާތަކެތީގެ ބޮޑުންނާއި، މާރާމާރީގެ މައްސަލަތަކާއި، ކުޑަކުދިންނާމެދު ޖިންސީ ކުށްތައް ހިންގާފައިވާ މީހުން ހިމެނެއެވެ. މިއީ އަދި އާންމުކޮށް އެނގުނު ބައެއް މަޢުލޫމާތެވެ. އަދަދުތައް މިއަށްވުރެ އިތުރުވުން އެކަށީގެންވެއެވެ.
އެމްޑީޕީން ނެރުނު ބަޔާން
ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ވެސް މަގުތައް ނާމާންވެ، އަމިއްލަ ގެދޮރަކީ ވެސް ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ކަހަލަ ތަންތަނަށް ވެގެންދިޔަ ކަމަށާއި އާ ސަރުކާރުގެ އަމަލުތައް ވެސް ހުރީ ހަމަ އެ މަގުން ކަމަށް ބުނެ އެމްޑީޕީން އިއްޔެ ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިދިޔަ މަހުގެ 17 އާ ހަމައަށް މިދިޔަ ފަސް އަހަރު ވެރިކަންކުރި އެމްޑީޕީން އެހެން ބުނީ މާލެ އާއި އައްޑޫގައި މި ފަހުން ހިނގި ގްރޫޕް މާރާމާރީތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސްބަޔާނެއްގައެވެ.
ރާއްޖޭގެ އަމާންކަން ގެއްލި، ކުށްކުރުމާއި މާރާމާރީތައް އިތުރުވުމަކީ އެމްޑީޕީން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ދިރިއުޅޭ ހިޔާވަހީގެ ރައްކާތެރިކަމާއި މަގުތަކުގެ އަމާންކަން ގައުމުގައި ގާއިމް ނުކުރެވުމަކީ އެ ޕާޓީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް، އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީން ވަކާލާތުކުރާ އަބުރުވެރި ދިރިއުޅުމަކަށް ގެދޮރުގެ ހުރުމަތް ކޮންމެ މީހަކަށް ވެސް ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށާއި އަމާން ރާއްޖެއެއްގެ ހިޔާ ދަށުގައި، ފިކުރުބޮޑު ނުވާ ދިރިއުޅުމެއްގެ އުފާ ލިބެންވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އާ ސަރުކާރުން އަދިވެސް ޕޮލިސް ކޮމިޝަނަރަކު އައްޔަންކޮށްފައި ނުވާތީ އެމްޑީޕީން ވަނީ އެކަމާ ގުޅިގެން ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންނަމަވެސް، އެ މަގާމު ހުސްވީ ކުރިން ސީޕީއަކަށް ހުންނެވި މުހައްމަދު ހަމީދު މިދިޔަ މަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ޕޮލިސް ކޮމިޝަނަރ ޢައްޔަންކުރުމަށް ހުރި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ޤާނޫނީ ހުރަސްތަކެއް އެބަހުއްޓެވެ. މިކަން މިހާރު މަޖިލީހުގެ މެންބަރު ކަމުގައި ހުންނެވި، ކުރީގެ ކޮމިޝަނަރު ރިޔާޒުވެސް ވަނީ ފާހަގަކުރައްވާފައެވެ. މިގޮތަށް ނޫސް ބަޔާންތައް ނެރުއްވާއިރު، އެކަމުގައި ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދޭން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީ މެންބަރުން މަސައްކަތްކޮށްދެއްވުން އައުލާކަން ބޮޑުކަމަށް ފެނެއެވެ.
"މިއީ ފުލުހުންގެ ޒިންމާތައް އެންމެ ފުރިހަމަ އަށް އަދާކުރަން އޮތް ހުރަހެކެވެ. ކޮމިޝަނަރަކު އައްޔަނު ކުރުން ޕޮލިސް ބޯޑު މެދުވެރިކޮށް އަވަސްކުރުމަށް ސަރުކާރަށް ޕާޓީން ގޮވާލަމެވެ،" އެމްޑީޕީން ނޫސްބަޔާނުގައިވެއެވެ.
އެމްޑީޕީން ބުނެފައިވަނީ، އެ ޕާޓީގެ ނިމިދިޔަ ސަރުކާރަކީ ފާއިތުވި 15 އަހަރު ތެރޭގައި ވެސް ރާއްޖޭގައި އެންމެ ކުށް މަދު ކުރެވުނު ފަސް އަހަރު ކަމަށާއި އެއީ އަމާންކަން ނެގެހެއްޓުމަކީ ދައުލަތުގެ އެންމެ އިސް ޒިންމާކަމުގައި ދެކި، ގިނަ މުއައްސަސާތަކެއް ގުޅިގެން ރޭވުންތެރިކަމާ އެކު ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށެވެ.
ޙަޤީޤަތަކުގެ މައްޗަށް ފަސް އެޅޭކަން ނެތް
މާރާމާރީތައް ހިނގަން ފަށައިގެން މިއުޅެނީ އަދަކު ނޫނެވެ. އެއީ އިއްޔެވެސް ހިނގި ކަންކަމެވެ. މިދިޔަ ދައުރުގައިވެސް ހިނގައިދިޔަ ކަންކަމެވެ. މިއަދު އާންމުވަމުންދާ މާރާމާރީތަކުގެ ފަހަތުގައި ޖަލުން މިނިވަންކުރި ފަރާތްތަކުގެ ގުޅުން އޮންނާނެ ކަމާމެދު ޝައްކެތް ނެތެވެ. މިކަމާމެދު ވިސްނާލާއިރު މަންޒަރު ވަރަށް ސާފެވެ. މިފަދަ ޖަރީމާތައް އަސްލު ފެށިގެން އަންނަ ގޮތް ޤަބޫލުކުރަން ދަތި ވިޔަސް ޙަޤީޤަތަކީ ބަދަލުކުރެވޭނެ ކަމެއް ނޫނެވެ. ފަހިވާގޮތަށް ނޫސް ބަޔާން ނެރެ، ފަސްއަޅާ ފޮރުވާން އުޅުއްވިޔަސް އަދި އެކަމެއް ނުވާނެއެވެ. އައު ސަރުކާރުން އެންމެ ގައިދީއަކުވެސް އަދި ދުލެއް ނުކުރެއެވެ. ފިޔަވަޅެއް ނޭޅިގެން، ކަންކަން ނުވެގެން އުޅެން އަދި މާ އަވަހެވެ. މޫނުމަތި ރީތިކޮށް އަލަށް އުފެދުނު ސަރުކާރުގެ ބޮލުގައި އިލްޒާމު އަޅުވަން އުޅުނު ކަމުގައި ވިޔަސް، އަދި އެމަގުން ހިނގަން މާ އަވަހެވެ. އެއީ މާދުރު މާޒީއެއް ނޫނެވެ. އެކަމުގެ އަސަރުތަކާއި ނަތީޖާތައް އިއްޔެ މެންދުރުކަމެއް ހެން ދިވެހި މުޖްތަމަޢުން ދިޔައީ ފެންނަމުންނެެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
MDP meehunnah hagee gaiy egeytha mihaaru thee gahdhaaru group eh mihen bing as MDP gaves ulhey ragalhu meehunMjileehuga thibee MDP ge jaahilun Mika mee dhogu kureveyne vaahakaeh nun
ޥެރިކަމަށް އަންނަނީ ވަރަށް ފޮނިވެސް ކަނޑާފަ ކޮންމެމީހެއްވެސް ކުރީ ސަރުކާރޭ ހަފްތާޔޭ އިންޑިއާއޭ ނުކިޔާ ކުރިމަތިވެފަ ހުރި މައްސަލަޔާ ވައުދުވި ކަންތައްތައް ފުއްދޭތޯ ބަލާ….ކޮންމެ ބައެއްވެސް ހަމަ އެކައްޗެއް އެންމެންވެގެން ގައުމު ފޮތިކޮއްލައިގެން ކާލަނީ….އަންނިޔެއް ޔާމީނެއް އެހެންމީހެއް ނެތް، މޮޔައީ އަހަރެމެން ވޯޓުލާމީހުން އެހެން އުންމީދު ކުރާތީ އަދި އެޔަށްވުރެން ދެރއަީ ހިނގާ ކޮރަޕްޝަނާ އެހެން ހުރިހާ ކަމަކީ އެކަން ހިނގަންޖެހޭ، ހިނގާނެ ގޮތް ކަމަށް ގަބޫލުކުރެވެންފެށުން