ކޮންމެ ސިއާސީ ވެރިއަކީ ގައުމާއި ރައްޔިތުންދެކެ ނުހަނު ލޯބިވާ ބައެކެވެ. ގައުމާއި ރައްޔިތުންނަށް ދެރައެއް ނިކަމެތިކަމެއް ލިބޭނަމަ ސިޔާސީ ވެރިންގެ ހިތްފަޅައިގެންދާނެތާއެވެ. ރައީސް މައުމޫން ޑީއާރުޕީ ދޫކުރައްވާ ވަޑައިގަންނަވަން ޖެހުނީ ރަން 30 އަހަރުގެ ބާނީ ރައްޔިތުންނާމެދު ނުލާހިކު ވަރުގަދަ ތަސްވީރެއް ކުރައްސަވާ ތަސްމީނު އަތްޕުޅަށް ދެއްވުމުން ކުލަޖައްސަވަމުން ގެންދެވިއިރު މަޑުމަޑުން ރައީސް މައުމޫނާ އެމަނިކުފާނުގެ އާއިލާ ތަސްވީރުން ފަނޑުވަމުންދިއުމަކީ ރައްޔިތުންގެ ހައްގުގައި ސިއާސީ ޕާޓީއެއް ހެދުމުގެ މަސައްކަތް ފެއްޓެވި ސަބަބަށް ނުވެދާނެއެވެ.
ޑީއާރުޕީ ދޫކޮށް ރައީސް މައުމޫނު ނުކުންނެވީ ޕާޓީގެ އުސޫލުތަކާ ފިކުރާ ދެކޮޅަށް ތަސްމީނު މަސައްކަތް ކުރާކަމަށް ބުނެއެވެ. އަދި ޕްރައިމަރީއަކާ ނުލާ ރިޔާސީ ޓިކެޓް ލިބޭގޮތަށް އޮތުން ޑިމޮކްރެޓިކު ހަމަތަކާހިލާފު ކަމަކަށް ވެގެންނެވެ. ޕާޓީގެ އަސާސީ ގަވާއިދު އޮތީ ކުރިންވެސް އޮތް ގޮތަށެވެ. އަމިއްލައަށް ގަޔަށް ހެއޮވަރަށް ފެއްސެވި ލިބާސްކޮޅު ތަސްމީނަށް ހެއޮވަރުވުމުން ގޯސްވީއެވެ. ހަގީގަތް ކޮންމެގޮތަކަށް އޮތަސް ބަހަނާއަކަށްވީ ރައްޔިތުންނާ ގައުމެވެ. ޕާޓީގެ އުސޫލާއި ހަމަ ގެއްލުމެވެ. ޑިމޮކްރެޓިކް ހަމަތައް ނެތުމެވެ.
ސިއާސީ ދަތުރު ކުޑައޮޑިއެއްގައި ކުރެވެން ނެތިގެން އެއޮޑިފައްތާލާފައި ޑީއާރުޕީއާ ގުޅުނު އުމަރު ނަސީރާ އޭރު އޭޕީގެ ލީޑަރ ޔާމީނުގެ މަދަދާއެކު ރައީސް މައުމޫން ޕީ،ޕީ،އެމް އުފައްދަވާ ދަތުރު ފެއްޓެވީ ކޮއްކޯފުޅު އަތްޕުޅުގައި ހިއްޕަވައިގެން އިގުތިސާދީ މާހިރެއް ކަމަށް ބުނެދެމުންނެވެ. ކާމިޔާބު ކަމާއެކު ކުރު ދަތުރެއް ކުރެއްވުމަށްފަހު ރައީސް މައުމޫނުގެ ފޮޓޯފުޅު ރައްޔިތުންނަށް ދައްކަވައިގެން ކޮއްކޯފުޅަށް ގައުމުގެ ހުންގާނު ހޯދާދެއްވިއެވެ.
ރައީސް ޔާމީނުގެ ދަތުރު މާކަނޑުމެދަށް ދުވެފަވަނިކޮށް އައިކޮޅިގަނޑަށް މަޑުނުކޮށް ރައީސް މައުމޫނުގެ އިރުސާދަށް ނުބައްލަވާ އަޑުނާއްސަވާ ކުރިއަށް ވަޑައިގަންނަވަން ފެށުމުން
ޕީޕީއެމް އިންވަކިވެވަޑައިގެންނެވިއެވެ. ދެއްކެވީ އަނިޔާއާއި ނޫސްވެރިންގެ މިނިވަންކަމާ ކޮރަޕްޝަނާ ފަސާދައާއި ހުދުމުހުތާރު ވާހަކައެވެ. ޕާޓީގެ ފިކުރާ އަސާސްތައް ދޫކޮށްލި ވާހަކައެވެ. ރައީސް މައުމޫނުގެ އެނިންމުމަކީ ނައިބު ރައީސްކަން ދަރިކަލުންނަށް ނުދީގެން ނިންމި ނިންމުމެކޭ ބުނާކަށް ނެތީމެވެ.
ރަން 30 އަހަރު ކަންކަން ކޮންމެގޮތަކަށް ކުރައްވާފައިވިއަސް ރައްޔިތުންނަށް ރައީސް ޔާމީނު ކުރެއްވި އަނިޔާއަށް ކެތްނުވެ ހިތްފަޅައިގެން ދިއައީއެވެ. ޕީޕީއެމް ދޫކުރެއްވީ 2 އަހަރެއްހާ ދުވަހު މަޑުކުރަށްވާ އެއްބާރުލުން ދެއްވުމަށްފަހު ގައުމާ ރައްޔިތުންގެ ހައްގުގައި ކަމަށް ބުނަމުންނެވެ. ރައީސް ޔާމީނުގެ އަނިޔާއާއި ފަސާދައިން ގައުމު ސަލާމަތްކުރުމަށް ސިއާސީ ހުރިހާ ލީޑަރުން އަތުގުޅާލިއިރު ރައީސް ނަސީދު އިންނެވީ ރައީސް މައުމޫނުގެ މަޑު އަތްޕުޅުގައި ހިއްޕަވައިގެންނެވެ. ސިޔާސީ ލީޑަރުން ގައުމާ ރައްޔިތުންދެކެ ވާލޯބިން ހަތުރުން މިތުރުންނަށް ވުމަކީ ކިހާ އުފާވެރި ކަމެއް ހެއްޔެވެ.
ހުރިހާ ސިޔާސީ ވެރިން އަތުގުޅާލުން ވެގެންދިއައީ ގަޓް ރައީސް، ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށް އެމްޑީޕީ ވެރިކަމަށް އައުމަށް ރަނުގެ ފުރުސަތަކަށެވެ. ހިތްތަކުގެ ރައީސް ރައީސް ނަސީދުއަށް އެމްޑީޕީން ވެދުމަށް އަރުވާފައޮތް ރިޔާސީ ޓިކެޓް ތަބަކަކަށް ލާފަދެއްވީ ކުޑަދުވަހުގެ ރަހުމަތްތެރިއާއަށެވެ. އިބުރާހިމްގެ ފަހަތުގައި ހުރިހާ ސިޔާސީ ލީޑަރުން ރުކުރަވާލީ އަނިއާވެރިކަން ނިންމުމަށެވެ.
ހުރިހާ ސިޔާސީ ލީޑަރުންގެ ފޮޓޯ ޖައްސަވައިގެން އިންތިހާބު ކާމިޔާބުކުރަށްވާ ސޯލިހު ރައީސް ތަހުތާ ހަވާލުވިއެވެ. ހިތްތަކުގެ ރައީސް މައިބަދައަށް ލިބުނު އަނިއާއިން ސަލާމަތްވެ ރައްޖެވަޑައިގަތީ ދޮޅު އަހަރަށްފަހު ބޮޑުވަޒީރުކަން ލިބޭނެކަމުގެ ހުވަފެން ދެކެމުންނެވެ.
ބޮޑުވަޒީރުކަމަށް ދެކުނު ހުވަފެން ބިލާހަކަށްވެ ރައީސް ކަމަށްކުރި އުންމީދުތައް ފަނުފުލުން ދިއުމުން ރައްޔިތުންނަށް ހައްގު މިންމަރު ހޯދާދެއްވުމަށް އެމްޑީޕީ ދޫކުރައްވާ ރައީސް ނަސީދު ނުކުމެވަޑައި ގެންނެވިއެވެ.
އަސްލު އެމްޑީޕީ ޕާޓީ ދޫކުރައްވާ ނުކުމެ ފިކުރު ދިރުވަންފެށީ ސޯލިހު ރައީސް ވައުދުނުފުއްދާ ހިންގާލާ ޓީމުން ކޮރަޕްޝަން ހިންގަމުން ޕާޓީގެ ފިކުރާ އުސޫލު ފުނޑާލާ ވަގުން ހިމާޔަތްކޮށް މަރުތަކަށް އިންސާފު ނުލިބި ރައްޔިތުންނަށް ހައްގު މިންވަރު ހޯދަނުދީ ކުޑަރަށެއް ބޮޑުރަށެއް ނުބަލާ އަކުންބަކުން ކުޅެމުން ދާތީއެވެ. ނޫސްވެރިންގަނެ އަޅުވެތިކޮށްފައި ވާތީއެވެ. ސޯލިހު ރައީސަށް 4 އަހަރު ނަސޭހަތާ އެއްބާރުލުންދީގެންވެސް އިސްލާހު ނުވީމައެވެ. ރައީސް ނަސީދު ޕާޓީ ދޫކުރައްވާ ނުކުމެވަޑައިގަތީ ކީއްވެކަން އެއީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. އެހެނަސް އެމަނިކުފާނު ދެއްކެވި ވާހަކަތަކުގައި ހަގީގަތް ތަކެއްހުރިކަން ގަބޫލުކުރާ އެކަކީ މަށެވެ.
ސޯލިހު ރައީސް ފެށިދަތުރު ދައުރު ނިމުނު އިރު ޖަޒީރާ ރާއްޖެ އަތުނުވެ އޮޑިފަރަށް އެރިޔަސް އުފާވެރި އަމާން ރާއްޖެއަކަށް ގެންގޮސްދޭން ވައުދުވެ ދެވަނަ ދައުރަށް ނުކުންނެވިއިރު އިދިކޮޅު ލީޑަރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ހުންނެވީ ޖަލުގައެވެ. ޕީޕީއެމް އިން ބުނަމުންދިއައީ ރައީސް ޔާމީނު މިނިވަން ވާނެކަމަށެވެ. ޔާމީނުގެ ނަން ވޯޓް ކަރުދާހުގައި އޮންނެކަމަށެވެ. ޔާމީނަށް ކުރިމަތި ނުލެވޭ ހާލެއްގައިވެސް އާންމު މެމްބަރުން މަގުމަތި ކޮށްނުލާނެކަމަށާ އިންތިހާބުގައި ޕީޕީއެމް ޕީއެންސީ ވާދަކުރާނެކަމަށެވެ. ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދާދެއްވާނެކަމަށެވެ.
ރައީސް ޔާމީނުގެ ކެނޑިޑެސީ ބާތިލުކުރުމުން ޕީޕީއެމް ޕީއެންސީގެ މެންބަރުންނަށް ލިބުނު ފުން ހިތާމައިން ކަރުނައަޅަމުންދިޔަ ވަގުތު ވަތަނީ ލީޑަރ ރައީސް ޔާމީން ނިންމެވީ ޕާޓީން އިންތިހާބުގައި ވާދަނުކުރާށެވެ. އެކަން ވެކެންދިޔައީ އާންމު މެންބަރުން މަގުމަތި ނުކުރައްވާނެ ކަމަށްބުނެ ދިން އުންމީދުގައި ކޮޅުފައިންޖަހާ އާންމު މެމްބަރުން މަގުމަތި ކޮށްލުމަށެވެ.
ޕީޕީއެމް ޕީއެންސީން ކެނޑިޑޭޓެއް ނެރެ ވެރިކަން ލިބިއްޖެނަމަ ރައީސް ޔާމީނުގެ ސިޔާސީ ބާރުވެރިކަން ނެތިދާނެތީ އެވަގުތު އިސްކުރެއްވީ ގައުމާ ރައްޔިތުންނެއް ނޫނެވެ. މަވަންތަކަމާއި އަމިއްލައެދުމެވެ.
ޕީޕީއެމްގެ ކައުންސިލުން ޔާމީންގެ ނިންމުމާ ދެކޮޅަށް އިންތިހާބުގައި ކުރިއަށްދާން ނިންމުމުންވެސް ރައީސް ޔާމީނު އިންނެވީ ބޮޑާހާކަފަ ގޮތްދޫނުކޮށެވެ. އިލެކުޝަންކޮމިޝަނަށް މުއިއްޒުގެ ކެނޑިޑެސީ ހުށައެޅުމުން ރުހުން ދެއްވީ އެހެން ގޮތެއްނެތި ގޮތް ހުސްވުމުންނެވެ. އެމަނިކުފާނު ޖަލުގައި ހުންނަވާ ގައުމާ ރައްޔިތުން ނަށްޓަކައި ވެލައްވާ ގުރުބާނީ މިހިރަ މިހިރަ ކަންކަމުންވެސް އެގިހާމަވޭ ނޫންތޯއެވެ.
މުއިއްޒުގެ ކެންޕޭން ފެށުނީވެސް ރައީސް ޔާމީނުގެ ނުރުހުމުގައޭ ބުނުމުގެ ބޭނުމެއްނެތެވެ. ޕީޕީއެމް ޕީއެންސީގެ އާންމު މެންބަރުންނަށް ދައްކަމުން ދިއައީ ރައީސް ޔާމީނުގެ ރުހުމާލޯބި މުއިއްޒަށް އޮތްކަމަށެވެ. ގާނޫނީ އިމުގެ ތެރެއިން ޔާމީނު މިނިވަން ކުރާނެކަމުގެ ވައުދާއެކު ޔާމީންގެ ފޮޓޯފުޅު ބޭނުންކުރަމުން ދިޔައީ ހިތާ ދެކޮޅަށް ނަމަވެސް އެމަނިކުފާނު ރުހުން ދެވާފައި ވާތީއެވެ.
ކެމްޕެންތެރޭ ފެނުނީ ވަރަށް ބަދަހިކަމާއެކު ހުރިހާއެންމެން އެއްއަޒުމެއްގަ ކުރިބުރަ މަސައްކަތެވެ. ވަރުބަލިކަމެއްނެތި ކުރިމަސައްކަތުން އިންތިހާބު ކާމިއާބުވިއެވެ. އިންތިހާބު ކާމިއާބު ވުމާއެކު މުއިއްޒުގެ ވައުދާ އެއްގޮތަށް ޔާމީނު ގެއަށް ބަދަލުކުރެއްވިއެވެ. ދެތިން ދުވަހެއްގެތެރޭ އިތުރު ލުއިތަކާއެކު މާލެބަންދަށް ބަދަލު ކުރެއްވިއެވެ. ލިބިވަޑައިގެންނެވި ލުޔާއެކު ގާނުނަކަށް ގަވާއިދަކަށް ބެލުމެއްނެތި ނުކުމެވަޑައިގެން ސިޔާސީ މަސައްކަތް ފެއްޓެވިއެވެ. މަޑުމަޑުން އަތުތެރެއިން ފިރުކެމުންދާ ބާރުތައް ހޯދެވުމުގެ މަސައްކަތަށް ޕީޕީއެމް ޕީއެންސީ ތެރެއިން މާބޮޑު ތަރުހީބެއް ނުލިބުމުން ޕާޓީގެ އަސާސީ ގަވާއިދުން ނުލިބޭ ބާރެއް ބޭނުން ކުރައްވާ ޕާޓީ ނުހިނގާތީ ކަމަށްބުނެ ވަނީ ހިންގާލަން ކޮމެޓީއެއް ހައްދަވާފައެވެ. މިކަންކަމުން ފެނިގެންދިއައީ ގާނޫނާއި ގަވާއިދަށް ބޯނުލަބާ ގާނޫނާ ގަވާއިދަށް ވުރެ މަތީގައި ހުންނެވިކަމެވެ.
ޕާޓީގެ ގަވާއިދާ އުސޫލުން ބޭރުން މަސައްކަތް ކުރުމުގެ ފުރުސަތު ޕީޕީއެމްގެ ލީޑާސިޕުން ނުދެއްވުމުން ހިތްޕުޅާނުވެ ޕީޕީއެމް ދޫކުރައްވާ ރައީސް ޔާމީން ނުކުމެ އާސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވީ އެމަނިކުފާނަށް އެންމެ އިހުލާސްތެރި ދެބޭފުޅުން ކުރިއަށް ނެރުއްވައިގެންނެވެ. ޕާޓީ އުފައްދަން ދެއްކެވީ ގައުމާއި ރައްޔިތުންނާ އަދި އަމުދުން ޕާޓީއަކާ ގުޅޭ ވާހަކަތަކެއްނޫނެވެ. ވިދާޅުވީ އަމިއްލަ ޒާތީ ކަންތައްތަކެއްގެވާހަކައެވެ.
ހުވާކޮށްނިމިގެން ރައީސް ޔާމީނަށް ޝުކުރު އަދާނުކުރި ވާހަކައެވެ. ފޯނު ނުނަގާ ވާހަކައެވެ. އުފާފާޅުކުރުމުގެ ޖަލްސާއަށް ނުގެންދިޔަ ވާހަކައެވެ. ޝަރީއަތް ހިނގާއިރު ކޯޓަށްނުދާ ވާހަކައެވެ. އެމަނިކުފާނު ފޮނުވި ލިސްޓަށް މިނިސްޓަރުކަން ނުދިން ވާހަކައެވެ. ރައީސް ޔާމީން މަގުމައްޗަށް ބަންޑުންކޮށްލެއްވީ ގައުމާއި ރައްޔިތަކާ ގުޅުމެއް ހުރިކަމެއްނޫނެވެ. ޕާޓީގެ އުސޫލާ، ފިކުރަކާ ގުޅޭކަމެއް ނޫނެވެ. މުޅިންވެސް ހުރީ އަޅުގަނޑަށް އެކަންނުވީ މިކަންނުވީ އެހެންހެދީ މިހެންހެދީ ކީއްވެތޯ އަހާ ބޮޑު ސަކުވާ ބޮންޑިއެކެވެ.
ރައީސް ޔާމީން ޝަކުވާ ބޮންޑީގައި ހުރި ބައެއް ކަންކަމަކީ ގާނޫނާއި ގަވާއިދުގެ ތެރެއިން ރައީސަށް ކުރެވޭނެ ކަންކަމެއްވެސް ނޫނެވެ. އެކަމަކުވެސް ވަރިހަމައެވެ. ކެމްޕޭނުގައި އެމަނިކުފާނު ފޮޓޯފުޅު ބޭނުން ކުރީތީ އެކަންކަންވެސް ކުރަންވީ ޔޯލައެވެ.
ޕީޕީއެމްގެ ފިކުރަކީ ދީނާ ގައުމިއްޔަތު ހިމާޔަތް ކުރުމެވެ. ގާނޫނާއި ގަވާއިދަށް އިހުތިރާމުކުރުމެވެ. އެންމެ ފުރަތަމަ ގައުމެވެ. ގައުމަށްވުރެ އެކަކުވެސް ބޮޑުނުވުމެވެ. މިނިވަންކަމުގެ ރަތްރޮގު ހުރަސް ކުރުމުގެ ފުރުސަތު އެހެން ގައުމުތަކަށް ނުދިނުމެވެ. ހަމަހަމަކަމާ އިންސާފެވެ.
ހަގީގަތެއް އޮތަސް ނެތަސް އެހެން ރައީސުން ޕާޓީ ދޫކުރެއްވިއިރު ދެއްކެވީ ގައުމާ ރައްޔިތުންގެ ވާހަކައެވެ. ރައީސް ޔާމީން ދައްކަވަނީ އެމަނިކުފާނަށް ބޮނޑި ބޮޑު ނުކުރެވިގެން އުޅޭ ވާހަކައެވެ. ވަތަނީ ލީޑަރ ވީމަކަމަށްވެސް ވެދާނެއެވެ.
ޔާމީނުގެ ފަރާތްޕުޅުން މިއަދު މިފެންނަނީ ޕީޕީއެމް ޕީއެންސީގެ ފިކުރެއް ނޫނެވެ. މުޅިން އެހެން ފިކުރެކެވެ. ގާނުނަކަށް ގަވާއިދަކަށް ނުބަލާ ހިތުހުރި ގޮތަކަށް އުޅުމެވެ. ފެނިގެން މިދިޔައީ މަވަންތަކަމެވެ. އަމިއްލަ އެދުމުގެ ކުރިއަށް އެހެން އެއްވެސްކަމެއް ނާދެއެވެ. ވަތަނީ ލީޑަރުގެ ވަތަނީކަމެއް ނުފެންނެވެ. އަމިއްލަ ޕާޓީގެ އާ ރައީސަށް އެއްބާރުލުންދިން ތަނެއް ނުފެނުނެވެ. ވެރިކަން ނުފެށެނީސް ހަތިޔާރު އަޅުއްވައިގެން ނުކުމެ އެހުންނެވީ ރައީސް މުއިއްޒު އާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކުރައްވާ މައިދާނަށް ނުކުމެވަޑައިގެންނެވެ.
ނޯޓް: އަނގޮޅީގައި ލިޔާނީ މިދާމަގުމަތިން އިވޭއަޑާ ފެންނަކަންކަމެވެ. ކަންކަން މަތިން އިވޭއަޑާ ފެންނަ ކަންކަމެވެ. ވަދެލެވޭ ހޮޓާ ކެފޭތަކުން ފެންނަ ކަންކަމާ އިވޭއަޑެވެ. އިށީނދެލެވޭ ހޮޅުއަށިތަކާ ވަދެލެވޭ މައިޒާންތަކުން އިވޭއަޑާ ފެންނަ ކަންކަމެވެ. އަނގޮޅީގައި ލިޔާނީ ލިޔެވޭނީ މަށަށް ފެންނަ ކަންކަމާ މަންޒަރާ އިވޭ އަޑެވެ. އަނގޮޅި ކިޔާ މީހުންނަށް ފެންނަ ކަންކަމާ އިވޭއަޑު ތަފާތު ވެދާނެއެވެ.