ކުރީ ސަރުކާރު ފޭރުނުކަމަށް ކުރިން ވިދާޅުވި މީކާއިލަށް މި ސަރުކާރުވެސް ވީ ފޭރޭ ސަރުކާރަކަށް

މި ސަރުކާރަކީ ފޭރޭ ސަރުކާރެއް ކަމަށާއި، މިސަރުކާރަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ސަރުކާރަށް ވަަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން، އަހްމަދު ނަސީމް ވިދާޅުވީ، މި ސަރުކާރުން ސިޔާސީ ނޫން ވަޒީފާތަކުގައި ތިބި 90 އަށް ވުރެ ގިނަ މުވައްޒަފުން މަގާމުތަކުން ވަކިކޮށްފައިވާ ކަމަށެވެ. މި ސަރުކާރަކީ ފޭރޭ ސަރުކާރެއް ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް މީކާއީލް ތަކުރާރުކުރެއްވިއެވެ.

"މި ފޭރޭ ސަރުކާރު އަޅުގަނޑުމެން ކުޑަ ކަކުލަށް ތިރިކުރަން އެބަ ޖެހޭ،" މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވަނީ މީގެކުރިން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކޮރަޕްޝަންގެ ތުހުމަތުކޮށް އެމްޑީޕީގެ ސަރުކާރަކީވެސް ފޭރޭ ސަރުކާރު ކަމަށް ސިފަކުރައްވާފައެވެ. އޭރު އޭނާ ތާޢީދުކުރައްވަމުން ގެންދެވީ ރައީސް ނަޝީދުގެ ސިޔާސަތުތަކަށެވެ. ނަމަވެސް މީކާއިލް ރައީސް ނަޝީދު ދޫކުރައްވައި ރައީސް ޞާލިޙަށް ތާއީދުކުަރައްވަން ނިންމެވީ ސެޕްޓެންބަރު މަހު ބޭއްވުނު ރިޔާސީ އިންތިޚާބަށް ކެމްޕެއިން ފެށި ހިސާބުންނެެވެ.

އުސޫލުން ބޭރުން އެތައް މުވައްޒަފުންނެއް ފެނަކައަށް ނަގައި ސިޔާސީ މަންފާއެއް ޙާޞިލުކުރުމަށްޓަކައި އެމްޑީޕީގެ ސަރުކާރުން އެޅުއްވި މިފަދަ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ ދަނޑިވަޅެއްގައި، އޭނާގެ އިތުރުން އެމްޑީޕީގެ އެހެން ބައެއް މެންބަރުންވެސް ވަނީ މި މައްސަލައިގައި ވާހަކަދައްކަވައި ސަރުކާރަށް އިންޒާރު ދެއްވާފައެވެ.

ފެނަކައިގެ މުވައްޒަފުން ވަކިނުކުރުމަށް ނަސޭހަތްތެރި ވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވަނީ، މުވައްޒަފުން ވަކިކޮށްފިނަމަ މަޖިލީހުގައި ރައީސަށް 'ފަސޭހައެއް ނުވާނެ' ކަމަށް ވިދާޅުވެ، މިސަރުކާރަށް އިންޒާރުދެއްވައިފައެވެ.

އެކަމަކު ސަރުކާރުގެ ދިފާއުގައި ބައެއް މެންބަރުންވަނީ ވާހަކަ ދައްކަވާފައެވެ. ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ، އެމްޑީޕީގެ މެންބަރުން ދައްކަވަމުން ގެންދަވަނީ ކޮންޓްރެކްޓް އުސޫލުން ނަގާފައި ތިބި މުވައްޒަފުން ވަކިކުރާ ވާހަކަ ކަމަށެވެ. އެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި އެއްބަސްވުމުގެ ކޮންޓްރެކްޓް ހަމަވުމުން ވަޒީފާ އިން އޮޓޮމެޓިކުން ވަކިވާނެއެވެ.

އިދިކޮޅު އެމްޑީޕީ ތަމްސީލުކުރައްވާ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވަނީ، 'ބަދަލުހިފުމުގެ' ރޫހެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެނަކައިގެ މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ވިދާޅުވެ، މުވައްޒަފުން ވަކިކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ.

އެގޮތުން އެ މައްސަލައަށް ބަހުސްކުރައްވަމުން މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވީ، އިންތިހާބުވެވަޑައިގަތުމުގެ ކުރިން ރައީސް ވައުދުވެވަޑައިގަތީ ނިމިދިޔަ ސަރުކާރުގެ މަސައްކަތްތަކަށް އިހުތިރާމްކުރައްވައި، އާމްދަނީ ލިބޭ ވަޒީފާތަކުގައި ތިބި މީހުން ބާކީނުކޮށް ދިވެހީންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. އޭނާ ވިދާޅުވީ، ރައީސްގެ ވައުދުފުޅާއި ސަރުކާރުގެ އަމަލުތައް ދިމާނުވާ ކަމަށެވެ.

ފެނަކައިގެ މުވައްޒަފުން ވަކިކުރަމުންދާ ކަމަށާއި އެ ކަން ބަލައެއް ނުގަނެވޭނެ ކަމަށް ވިދާޅުވެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ، އެ މަންޒަރު ބަލަން އެމްޑީޕީގެ މަޖިލިސް މެންބަރުން ނުތިބޭނެ ކަމަށެވެ.

"އެމެރިކާ ރައްޔިތުންނާއި އިނގިރޭސިވިލާތުގެ ރައްޔިތުންނާއި ކެނެޑާގެ ރައްޔިތުން ގެނެސް ކެބިނެޓަށް ލާފައި އަޅުގަނޑުމެންގެ ދިވެހި ރައްޔިތުން ފެނަކައިގަ މަސައްކަތްކުރާ ކަނޑާ ގެއަށް ފޮނުވާތަން ބަލާކަށް އަޅުގަނޑުމެން މިތާކު ނުތިބޭނަން،" ރާއްޖޭން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު މަސްއޫލިއްޔަތުތައް ހަވާލުކުރި ބައެއް ވަޒީރުންނަށް ނުސީދާކޮށް ފާޑުވިދާޅުވެ ދެއްކެވި ވާހަކައިގައި ހުސައިން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ފަރާތުން މިނިސްޓަރުންނަށާއި އެހެން ފަރާތްތަކަށް ރުހުން ހޯދަންޏާ ޖެހޭނީ އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުން މަގާމުގަ ބައިތިއްބަން،"
ހުސައިން ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، އެ މައްސަލައަށް ބަހުސްކުރައްވައި ވާހަކަ ދެއްކެވި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ސަރުކާރަކީ 'ފޭރޭ ސަރުކާރެއް' ކަމަށް ސިފަކުރައްވައި، މުވައްޒަފުން ވަކިކުރާނަމަ މަޖިލީހުގައި ސަރުކާރަށް ފަސޭހަނުވާނެ ކަމަށް ވިދާޅުވެ އިންޒާރުދެއްވައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އެއްފަހަރު މީކާއީލު އަހުމަދުނަސީމު އަނެއްފަހަރު އަހުމަދުނަސީމު މިހެންލިއުނީމާ މިޙަބަރުގެ މަސްދަރު ގެއްލިގެން ނުދާނެތޯ ވީމާ ލިއާއެއްޗެއްގެ އަސްލުނުގެއްލޭގޮތައް ލިއުއްވުންއެދެން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު