1000 ފަގީރުން ހިލޭ ޙައްޖަށް ފޮނުވުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް އެންމެ ފުރަތަމަ 50 ފަޤީރުން ޙައްޖަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދެންމެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި ހިލޭ 1000 ފަގީރުން ޙައްޖަށް ގެންދިއުމަށް މިއަދު ކެބިނެޓުން ފާސްކޮށްފައިވާކަމަށެވެ. ރައީސް ވިދާޅުވީ، ކެބިނެޓުން ނިންމެވީ އެންމެ އަވަހަށް ފަންސާސް ފަގީރުން ޙައްޖަށް ފޮނުވުމަށްކަމަށާއި، އެގޮތުން ކޮންމެ އަހަރަކުވެސް ވަކި ޢަދަދެއް ހިލޭ ހައްޖަށް ފޮނުވާނެކަމަށެވެ.
ހަމައެހެންމެ، އެމަނިކުފާނުގެ އުންމީދަކީ މި ފަސް އަހަރު 1000 ފަގީރުން ހިލޭ ޙައްޖަށް ފޮނުވުމުގެ އިތުރުން، ފަސް އަހަރު ނިމުމުންވެސް ދާއިމީކޮށް ކުރިއަށްދާ ކަމެއްގެ ގޮތުގައި ދެމިއޮތުންކަމަށެވެ.
ޙައްޖަށް ފޮނުވުމުގައި ފަޤީރުންގެ ގޮތުގައި ބަލާނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގައި އޮންނަނަ ފަގީރުންގެ ރަސްމީ ލިސްޓަށްކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
އެ ފަންސާސް ޖާގަ ދެނީ ފަޤީރުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން އާންމުކުރާ އުސޫލަށް ފިޓުވާ ފަރާތްތައްކަން ފާހަގަކުރައްވަމުން، ލައިވްކޮށް މީހުންގެ ކުރިމަތީގައި ގުރުއަނު ނަގައިގެން އޭގެ އެއްވެސް ކަހަލަ ސުވާލެއް ނުއުފެދޭގޮތަށް އެއްވެސް ކަހަލަ އިލެކްޓްރޯނިކް ނިޒާމެއް ބޭނުން ނުކޮށްފިޒިކަލް ގުރުއަތު ނެގުމަކުން، ކަމަށް ރައީސް ވިދާޅުވިއެވެ. އެ އުސޫލު އިއުލާންކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ޙައްޖަށް މީހުން ގެންދިއުމަށް މިހާރު 1000 ކޯޓާ ރާއްޖެއަށް ލިބޭއިރު، މީގެތެރިން ބޮޑު ބައެއް ދެނީ ޙައްޖު ކޯޕަރޭޝަންއަށެވެ. މިއަހަރުވެސް 3 ކުންފުންޏަކަށް 270 ކޯޓާ ދީފައިވެއެވެ.
ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ލިބޭ ކޯޓާއި އިތުރުކުރައްވަން މަސައްކަތް ކުރެއްވުމާއި، ޙައްޖާއި ޢުމްރާއާއި ގުޅޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެވެ. ރާއްޖެއަށް މިހާރު ލިބޭ 1000 ކޯޓާގެ ބަދަލުގައި، އެ އަދަދު 2000 އަށް އިތުރުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ކަނޑައެޅޭ އުސޫލެއްގެ ދަށުން، 1000 ފަގީރުން ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.