ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އެންޓި ކޮރަޕްޝަން އެކެޑެމީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވިދާޅުވީ މި އެކެޑެމީގެ މަޤްސަދަކީ ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ގުޅިލާމެހޭނެހެން ތަޢުލީމާއި ތަމްރީނު ދިނުން ކަމަށެވެ. އަދި މިދާއިރާ އާއި ގުޅޭ ދިރާސާތައް ކުރުމާއި، މުޖުތަމަޢު ތެރޭގައި ހޭލުންތެރިކަން އުފެއްދުމަކީ ވެސް، އެ އެކެޑެމީ އުފެއްދުމުގެ ބޭނުމެއް ކަމަށް އޭސީސީން ވިދާޅުވިއެވެ.
ރަސްމީ ގޮތެއްގައި މިއެކެޑެމީ ތަޢާރަފްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު، ބައިނަލްއަޤުވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ކަމަށާއި. މިހާރު ކުރަމުންދަނީ ކޯސްތައް ފަރުމާ ކުރުމާއި، އެކްރެޑިޓޭޝަނަށް ފޮނުވުމުގެ މަސައްކަތް ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.
އޭސީސީން ވިދާޅުވީ އެކެޑެމީ ފަށާއިރު، ކިޔަވާ ދިނުމަށް ހަމަޖެހިފައިވަނީ ސެޓްފިކެޓް ލެވެލް 4 ގެ ކޯސްތަކާއި، ޑިޕްލޮމާ ލެވެލްގެ ކޯސްތައްކަމަށެވެ. އަދި މުސްތަޤުބަލުގައި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ފެށިގެންގޮސް މާސްޓަރސް ލެވެލް އާއި ހަމައަށް ކިޔަވާދެވޭނެ ކަމަށް ވެސް އޭސީސީން ވިދާޅުވެއެވެ.
މީގެ ކުރިން ކޮރަޕްޝަނާމެދު މީހުން ހޭލުންތެރިކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގަމުން އައިސްފައިވީނަމަވެސް، މިއީ ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ތަމްރީނު ދިނުމަށް ހާއްސަކުރެވިގެން ރާއްޖޭގައި އެކެޑެމީއެއް އުފެއްދޭ ފުރަތަމަ ފަހަރެވެ.