ފެނަކައިގެ ބައެއް މުވައްޒަފުން ވަކިކުރާ މައްސަލައިގައި މިނިސްޓަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭނެ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވަމުން އެބަގެންދެއެވެ.
ފެނަކައިގެ ޙާލަތު
ފެނަކައިގައި މިހާރު 8،126 މުވައްޒަފުން ތިބިއިރު، އެ މުވައްޒަފުންގެ މުސާރަ ދެއްކުމަށް 82 މިލިއަން ރުފިޔާ ޚަރަދުވެއެވެ. ފެނަކައިގެ ހާލަތަށް ބަލާއިރު މިދިޔަ އަހަރު ނިމުނު އިރު ފެނަކައިގެ ޖުމްލަ ދަރަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ފާހަގަވެފައިވެއެވެ. އޭގެތެރޭގައި އެކިއެކި ސަޕްލަޔަރުންނަށް ނުވަތަ ވިޔަފާރިތަކަށް އަދާކުރަން ޖެހިފައި ވަނީ 3.2 ބިލިއަން ރުފިޔާ ކަމަށާއި އަދި ލޯނުތަކުގެ ގޮތުގައި އަދާކުރަން ޖެހިފައިވަނީ 901 މިލިއަން ރުފިޔާ ކަމަށެވެ.
ފެނަކައިގެ މުވައްޒަފުންގެ އަދަދާއި، މުސާރައަށް ޚަރަދުވާ މިންވަރު:
- 2018 ގައި 2،756 މުވައްޒަފުން – ޚަރަދުވީ މަހަކު 23 މިލިއަން ރުފިޔާ
- 2023 ގައި 8،126 މުވައްޒަފުން – މަހަކު 82 މިލިއަން ރުފިޔާ ޚަރަދުވޭ
އޭރާއި މިހާރުގެ މަސައްކަތްތަކަށް ބަލާނަމަ ފެނަކައިގައި މިހާރު މަސައްކަތް ކުރަމުންދާ ގޮތުގެ އެފިޝިއަންސީގައި ވަރަށް ބޮޑު ތަފާތެއް އައިސްފައެއް ނުވެއެވެ. މިސާލަކަށް ބިލުގެ ކަންތަކާ ބަލަހައްޓާ ބަޔަށް ބަލާލަމާ ހިނގާށެވެ. ބިލް ދެއްކުމަށް މިހާރު ލިބިފައިވާ ފަސޭހަތަކެކެވެ. ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެވެއެވެ. އެ ކުންފުނީގެ މުވައްޒަފުންގެ އަދަދަށް ބަލާއިރު، ކުރިން ބިލް ކުރާ ބައިގައި ހަތް މުވައްޒަފުން މަސައްކަތް ކުރާއިރު މިހާރު އެ ބައިގައި 40 މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ.
ކުރީ ސަރުކާރުން މުވަައްޒަފުން ނަގަމުން އައިސްފައިވަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ގިނަ ބަޔަކުން ކިޔަމުން ގެންދެއެވެ. ފުރަތަމަ މުވައްޒަފުން އިތުރުކުރީ އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ފައްޔާޒް އިސްމާޢީލް ހޮވުމަށް ޓަކައެވެ. އޭނާއާ ވާދަކުރެއްވި، ރައީސް ނަޝީދު ފެކްޝަންގެ އިމްތިޔާޒު ފަހުމީ ބަލިކުުރުމަށްޓަކައި ބޭނުންކުރެއްވި ސިޔާސީ ހަތިޔާރަކަށެވެ. އޭގެ ފަހުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ސަރުކާރު ހިންގައި މައި ޕާޓީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށްޓަކައި އެ މަގުން އެކަން ކުރެއްވިއެވެ. އެގޮތުން، މި އަހަރުގެ މާޗް މަހުގެ ފަހުން މިއަދާ ހަމައަށް އެ ކުންފުންޏައް 747 މުވައްޒަފުން އިތުރުވެފައިވެއެވެ.
ފެނަކައިގެ ބަސް
ފެނަކައިގައި 7،300 މުވައްޒަފުން އުޅޭއިރު، ހަމައެކަނި ކޮންޓްރެކްޓް ސްޓާފުންގެ އަދަދު ވެސް 2،000 އަށް އަރައެވެ. ފެނަކަ އިން އިއްޔެ ވިދާޅުވެފައިވަނީ، އެ ކުންފުނީގެ ވަޒީފާގެ އޮނިގަނޑުން ބޭރުން ވެސް ބައެއް މުވައްޒަފުން ދާއިމީކޮށް ނަގާފައިވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް މުވައްޒަފަކު ވަކި ނުކުރާނެ ކަމަށެވެ. ހަމައެކަނި ނިންމާފައިވަނީ އެއްވެސް މަސައްކަތެއް ނެތް ރަށްރަށުގެ ކޮންޓްރެކްޓް މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރުމަށް ކަމަށް އެ ކުންފުނިން ހާމަކުރެއްވިއެވެ.
އެމްޑީޕީ މަޖިލިސް މެންބަރުންގެ ވިންދު ހުރި ގޮތް
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ދުވަސްވަރު އެންމެ ބޮޑަށް އަޑިއަޅާލައި އަދި ކެމްޕެއިނާ ދިމާކޮށް އެންމެ ގިނަ ބަޔަކަށް ވަޒީފާ ދިން އެއް ކުންފުނި، ފެނަކައިގެ މުވައްޒަފުންގެ މައްސަލާގައި އިއްޔެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލައަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ފެނަކައިގެ މުވައްޒަފުން ވަކިކުރަމުންދާ ނިންމުން ބަދަލުނުކުރާ ނަމަ، ސަރުކާރުގެ މިނިސްޓަރުންނަށް ރުހުން ނުދޭނެ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލާގައި މިހާތަނަށް މަޖިލީހުން ގޮތެއް ނުނިންމައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެކެވަޑައިގަންނަވާ ގޮތް
ފެނަކައަށް އެތައް މުވައްޒަފުން ނަގާފައިވަނީ ނަމަވެސް، އެއީ މިނިސްޓަރުންނަށް ނުދޭންވީ ވަރުގެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވިއެވެ. ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެއީ ސަރުކާރުގެ މިނިސްޓަރުންނަށް ރުހުން ނުދެވޭ ވަރުގެ ކަމެއްތޯ އެހެން ގައުމުތަކުގެ މިންގަނޑުތަކުން ވެސް ވިސްނާލަންޖެހޭ ކަމަށެވެ.
"ރުހުން ނުދޭނީ ރުހުން ނުދޭވަރު ކަންތައްތައްވީމަ. ދެން އަޅުގަނޑަށް ޔަގީން ވަރަަށް ޒިންމާދާރުވާނެ ރާއްޖޭގެ ޕޮލިޓިކަލް ޕާޓީސް. ހަމަ ވަރަށް ޒިންމާދާރު އިދިކޮޅެއް ރާއްޖޭގައި އޮންނާނީ. ވަރަށް ގައުމީ މަސްލަހަތު އިސްކޮށް ގައުމައިގެން ކުރިއަށް ދިޔުމުގެ ވިސްނުން މަޖިލީހުގައި ވެސް އޮންނާނީ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ހުރިހާ އެންމެން އެކީގައި ކުރިއަށް ދިޔުމަށް ޑިމޮކްރަސީގެ ރީތި ހަމަ އިސްކުރާނެކަން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ފެނަކަގެ ވަރަށް ގިނަ މުވައްޒަފުންތަކެއް ކޮންޓްރެކްޓް މިދިޔަ މަހުގެ 30 އަށް ހަމަވި ކަމަށާއި އޭގެ ތެރޭގައި އެއްވެސް މަސައްކަތެއް ނެތް ރަށްރަށުގައި ނަގާފައިވާ މުވައްޒަފުން ވެސް ހިމެނޭ ކަމަށާއި، ފެނަކައިން ނިންމާފައިވަނީ އޭގެ ތެރެއިން ބައެއް މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރުމަށް ކަމަށާއި އެކަމަކު، ވީވަރަކުން ވަގުތީ ގޮތުން ނަމަވެސް ކޮންޓްރެކްޓް އާކުރުމަށް މިހާރު ފެނަކައިގެ މެނޭޖްމެންޓަށް ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ މަސައްކަތް އެބަ ކުރިއަށް ގެންދޭ. އެ ބޭފުޅުން ދޫކޮށްލީ އެއްވެސް މަސައްކަތެއް ނެތް ރަށްރަށުގެ މުވައްޒަފުން، ޕްރޮޖެކްޓެއް ވެސް ނެތް ރަށްރަށް. އެއީ ކެމްޕެއިނަށް ނެގި މީހުން ކަމަށް ބެލެވެނީ،" ކުންފުންޏަށް މާލީ ގޮތުން އެއްގޮތަކަށް ވެސް ކުޅަދާނަ ނުވަންޏާ އެ މުވައްޒަފުން ދޫކޮށްލަން މަޖުބޫރުވާނެ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވިއެވެ.
ފެނަކަ ކޮޅަށްޖެހުމަކީ ގޯހެއްތަ؟ އެއީ ވަޒީރުންނަށް ރުހުން ދޭން ނުޖެހޭ ސަބަބެއްތަ؟
ދައުލަތް ހިނގަންޖެހެއެވެ. ސަރުކާރު ހިނގަންޖެހެއެވެ. ކުންފުނިތައް ހިނގައްޖެއެވެ. ވިޔަފާރިތައް ހިނގަންޖެހެއެވެ. އެކަން ކުރެވޭނީ ދަރަނިން ސަލާމަތްވެގެންނެވެ. ނެތް އެއްޗަކުން ޚަރަދެއް ނުކުރެވޭނެއެވެ. ނުވާވަރުން ފޫގަޅައިފިނަމަ، ޤައުމު ވެއްޓޭނީ ފުން އަނދަވަޅަކަށެވެ. ޖެހޭނީ ދަރަނި ދަންތުރައެއްގައެވެ. މިހާރުވެސް އެ ފެންނަނީ އެ ނިކަމެތި ޙާލެވެ. ތަނަށް ކުޅަދާނަ ނުވާ މިންވަރަށް މުވައްޒަފުން ނަގައިގެން ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަށް ހިންގި ނާތަހްޒީބީ ޢަމަލުތަކުގެ ނަތީޖާއެވެ.
ކުންފުނި ކޮޅަށް ޖަހާން އައު ސަރުކާރުން ފަށާފައިވާ މަސައްކަތަށް އެއްބާރުލުން ދޭންޖެހެއެވެ. އަމިއްލަ މަސްލަޙަތަށްވުރެ ޤައުމުގެ މަސްލަޙަތު އިސްވާންޖެހެއެވެ. ކުންފުނި ކޮޅަށް ޖަހައި ހިންދެމިލެވިއްޖެނަމަ، މަސައްކަތްތައް ވެސް ފުޅާވާނެއެވެ. އެއާއެކު އިތުރު މުވައްޒަފުންވެސް ނެގޭނެއެވެ. ތަނެއް ބަނގުރޫޓްވެގެންދާ ތަން ބެލުމަށްވުރެ، މުހިއްމީ އަޅާންހުރި ފިޔަވަޅުތައް އެޅުމެވެ. ޖެއްސުންކުރުމާއި އަމިއްލަ ސިޔާސީ މަޤްޞަދެއް ޙާޞިލުުކުރާން އުޅެގެން ޤައުމަށް ލިބޭނެ ހެވެއް ނޯންނާނެއެވެ. ހުރިހާވެސް ހިތްދަތިކަމަކާއި ނިކަމެތި ކަމެއް ލިބޭނީ ހަމަ ރައްޔިތުންނަށެވެ.
ވަޒީރުންނަށް ރުހުން ނުދޭން ގަދަފައި ވިއްދައި، ޙަޤީޤަތް އޮޅުވާލަން މަސައްކަތްކުރިއަސް އެކަން ރައްޔިތުން ބަލައި ނުގަންނާނެކަން ޢިއްޒަތްތެރި މެންބަރުންވެސް ދަަންނާން ވެއްޖެެއެވެ. ވަޒީރުންނަށް ރުހުން ނުދޭން ޖެހޭ ވަރުގެ ކަމެއް ހިނގައިފިތޯއެވެ؟ ތަނެއް ކޮޅަށް ޖަހަަން މަސައްކަތް ކުރުމަކީ އަލަށް އައްޔަންކޮށްފައިވާ ވަޒީރުންނަށް ރުހުން ދޭން ނުޖެހޭ ސަބަބެއް ކަމަކަށް ނުދެކެމެވެ. އެފަދަ ޢަމަލެއް މިނެކިރޭނީ ނާތަހްޒީބު އަދި ޑިމޮކްރެސީއާ ބީރައްޓެހި ޢަމަލެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ޚޮންޓްރެކުޓަށް ނެގި ބަެއެއް މުވައްޒިފުން އެމް ޑީޕީ ވެރިކަމުގަވެސް ވަކިކުރި. ޕާޓީއަށް ވޯޓް ޙޯދުމަށް ވެއްދީ. ޥޯޓް ނުދެންބުނި 4 މުވައްޒިފަކު ކެލާ ބުރާންޗުން ވެސް ވަކިކުރި.