ދައުލަތް ހިންގަން ހަވާލުވާ ބައެއްގެ މަސްއޫލިއްޔަތަކީ ބައިނަލްއަގްވާމީ ޤައުމުތަކާ އެކުގައި އޮންނަ ގުޅުން ބަދަހިކުރުން: މަވޯޓާ

ދައުލަތް ހިންގަން ހަވާލުވާ ބައެއްގެ މަސްއޫލިއްޔަތަކީ ބައިނަލްއަގްވާމީ ޤައުމުތަކާ އެކުގައި އޮންނަ ގުޅުން ބަދަހިކުރުން ކަމަށް، ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް(މަވޯޓާ) ނަންގަވައިފިއެވެ.

ޝަރީފް މިހެން ވިދާޅުވީ، ސަރުކާރުން އިންޑިއާއާއި އެކުވެފައިވާ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އެގައުމުން އެއްބަސްވެފައިވާކަމަށް ބުނާ އެއްބަސްވުން ހާމަކުރުމަށް ގޮވާލާ، ބާރަށު ދާއިރާގެ އެމްޑީޕީ މެމްބަރު، އަޙްމަދު ޢަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ، ރާއްޖެ މިނިވަންކަމާއި އިސްތިޤްލާލަކީ ދިވެހި ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކު ވެސް ހިމާޔަތްކުރަން މަސައްކަތް ކުރާނެ ކަމެއް ކަމަށެވެ. އެއީ ވަކި ޕާޓީއަކަށް ވަކި ރައްޔިތަކަށް އޮތް ކަމެއް ނޫން ކަމަށާއި އެއީ ހުރިހާ ރައްޔިތުންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ދައުލަތް ހިންގަން ހަވާލުވާ ބައެއްގެ މަސްއޫލިއްޔަތަކީ ބައިނަލްއަގްވާމީ ގައުމުތަކާއިއެކުގައި އޮންނަ ގުޅުން ބަދަހިކުރުން ކަމަށާއި ޖިއޯ ޕްލިޓިކަލް ރިއާލިޓީގެ މައްޗަށް ވިސްނައިގެން އެ ގައުމެއްގައި އެކަށީގެންވާ ގޮތަކަށް އެ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ކުރެވޭނެ ގޮތަަކަށް ހާރިޖީ ސިޔާސަތު ބައްޓަން ކުރުން ކަމަށް ވިދާޅުވިއެވެ.

"މިއަދާއި ހަމައަށް ރާއްޖޭގެ މިނިވަންކަމާއި ސަލާމަތާއި އިސްތިގްލާލް ރައްކާތެރިވެފައި އޮތީ އޭރެއްގައި އޮންނަ ސަރުކާރަކުން ގެންގުޅުނު ހާރިޖީ ސިޔާސަތާއި ދިވެހި ރައްޔިތުންގެ މިންނެތް މަސައްކަތުން. ދޭދޭ ގައުމަތަކާއި އޮންނަ ގުޅުމަށް ހަރުދަނާ ހާރިޖީ ސިޔާސަތެއްގެ ބިންގަލެއްގެ މަތީގައި އޮވެގެން މެނުވީ ރާއްޖެފަދަ ގައުމެއްގެ މިނިވަންކަމާއި އިސްތިގްލާލެއް ހިމާޔަތެއް ނުކުރެވޭނެ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ހިމާޔަތްކުރުމަށް ފާއިދުވެދިޔަ ސަރުކާރުތަކުން އިނގިރޭސިންގެ އަތުން ރާއްޖެ މިނިވަންވީ ފަހުން ގެންގުޅުއްވި ހަރުދަނާ ސިޔާސަތާއި ދޭދޭ ޤައުމުތަކާއި އޮތް ގާތް ގުޅުން ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމަށެވެ.

އިންޑިއާއަކީ މުހިންމު ގައުމެއް ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ހިމާޔަތްކުރުމުގައި އިންޑިއާއާއި ރާއްޖެއާއި އޮތް ގާތްގުޅުން މުހިންމު ދައުރެއް އަދާކުރާ ކަމަށާއި އިންޑިއާއާއި ގުޅުން ކެޑި ހަތުރުވެރި ގައުމަކަށް ބަދަލުވެއްޖެނަމަ، އޭގެ ނުރައްކަލާ ދިވެހި ގައުމު ކުރިމަތިލާންޖެހޭނެ ކަން ފާހަގަކުރައްވަމުން، އިންޑިއާއާއި އެކީ ގުޅުން ކެނޑިއްޖެނަމަ ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ހިނގާ ހަނގުރާމައެއް ފަދަ ހަނގުރާމައަކަށް ގޮސްދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ނިކަން ބައްލަވާ ލީބިއާ، ސީރިއާ، އިރާގު ފަދަ ގައުމުތަކަށް ދިމާވިގޮތް. ބާރުގަދަ ގައުމުތަކާއި ކުރިމަތިލާން ފެށުމުން. އަޅުގަނޑުމެން އިންޑިއާއާ ގުޅުން ކަނޑައިގެން ނުވާނެ، ދުޝްމަނުވެގެން ނުވާނެ، ކުރިމަތި ލަިއގެން ނުވާނެ، އެކަމުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލަލާށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ. ނިކަން ބައްލަވާ ރަޝިޔާ- ޔޫކްރޭން، އިސްރާއީލް-ފަލަސްތީނުގެ ހަނގުރާމަ. އެތައް ހާސް ރައްޔިތުންގެ ފުރާނަ އެ ދަނީ. އެ ދަރަޖައަށް އަޅުގަނޑުމެންގެ ގައުމު ދާންވީތޯ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެއީ އަވަށްޓެރި ޤައުމުތަކާއި އޮތް ގުޅުން ނެތިގެން ދިއުމުން ނިކުންނަ ނަތީޖާތައް ކަމަށެވެ.އަދި އިންޑިއާއާއި ރާއްޖޭގެ ގުޅުމަށް އެއްވެސް ހީނަރުކަމެއް އައުމަށް ނޭދޭ ކަމަށާއި ވިސްނުންތެރިކަމާއިއެކު ހާރިޖީ ސިޔާސަތު ބަށްޓަން ކުރުމަށް ޝަރީފް ވަނީ މި ސަރުކާރަށް ގޮވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *