ރާއްޖޭގައި އިންޑިޔާ ސިފައިން އެބަތިބި ކަމަށާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ގެންދިޔައީ އިންޑިޔާ ސިފައިން ނެތްކަމަށް ބުނެ އޮޅުވާލައި ދޮގު ހަދަމުން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް (އަދުރޭ) ކަށަވަރުކޮށްދެއްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަަކަފުޅުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އަދުރޭ ވިދާޅުވީ، އިންޑިއާ ސިފައިން ބޭލުމުގެ މައްސަލައާ ގުޅޭގޮތުން އިދިކޮޅުގައި ތިބެގެންވެސް ޕީޕީއެމް ޕީއެންސީއިން ދައްކާފައިވަނީ ރަނގަޅު ވާހަކަތައް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، ދަންނަވާފައިވާނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ވާހަކަ ކަމަށެވެ. އަދި ރާއްޖޭގައި ސިފައިން ތިބިކަން އެއީ ކަށަވަރު ވާހަކައެއްކަމަށާއި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ގެންދިޔައީ ނެތްކަމަށް ބުނެ އޮޅުވާލައި ދޮގު ހަދަމުންކަމަށެވެ. އަދި ޕީޕީއެމް ޕީއެންސީގެ ވެރިކަމެއް ގާއިމުކުރުމަށް ރައްޔިތުން ވޯޓު ދިނީ އެކަންކަން ސާފުވާތީކަމަށްވެސް ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ޕީޕީއެމް ޕީއެންސީއަށް ވޯޓު ދިނީ ކުރީގެ ސަރުކާރުން ރައްޔިތުންނަށް ހިޔާނާތްތެރިވެ ވައުދުތައް ނުފުއްދުމުންކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިތާ ތިން ހަފްތާ ނުވާކަމަށާއި އެހެންނަމަވެސް ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވަމުންދާކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ކެބިނެޓު ބައްދަލުވުމަކަށްފަހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާތަކުގެ ގިނަ ސުވާލުތައް އަމާޒުވީ އިންޑިއާގެ ސިފައިންނާއި ގުޅޭގޮތުންނެވެ. އެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެކި ރަސްމީ އިދާރާތަކުން ލިބޭ އަދަދުތަކުގައި ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުރުމާއި އެކު ލިޔެކިއުންތައް ދިރާސާ ކުރަމުން ދާކަމަށެވެ. އެކަމަކު މިވަގުތަށް ޔަގީންވެފައިވާ އެއްކަމަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި، 100 އަށް ވުރެ ގިނަ ބައިލެޓްރަލް އެގްރިމެންޓުތައް އިންޑިއާއި އެކު ހަދާފައިވުންކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ ތުރުކީވިލާތާއި ކޮޕް ސަމިޓުގެ ދަތުރު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވި ދުވަހު ވެސް މީޑިއާތަކާއި ބައްދަލުކޮށް ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން އެއްބަަސްވެފައިވާ ކަމަށެވެ.
މީގެިއތުރުން، ޢަބްދުއްރަޙީމް ވިދާޅުވީ މިސަރުކާރު ދެމެހެއްޓުމަށް، މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދުން ވަރަށް މުހިންމުކަމަށެވެ. ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް، މަޖިލިސް އިންތިޚާބު ކާމިޔާބުކުރެވޭނެކަމުގެ އުއްމީދު ބޮޑުކަމަށެވެ. ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސް ވަނީ، މަޖިލީހުގެ "ސުޕަރ މެޖޯރިޓީ" މެގޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތްކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ޢަގުވެއްޓިއްޖެ އަދުރޭގެ