ސިޔާސީގޮތުން ބަތްކައްކާ ކުޅުން ހުއްޓާލާ، ގައުމަށް ހިންދެމިލުމަށް ފުރުސަތު ލިބެން ޖެހޭ ކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ. އުގެއިލް މިހެން ވިދާޅުވެފައިވަނީ، "މިހާރު" ނޫހުގައި އޭނާ ޝާއިޢުކުރައްވާފައިވާ އާޓިކަލެއްގައެވެ.
ދިވެހިރާއްޖޭގެ ރަސްކަމުގެ ތާރީޚާއި ވެރިކަމުގެ ތަފާތު މަރުޙަލާތަކަށް އަލިއަޅުއްވާލައްވަމުން، ޕްރޮފެސަރު އުގެއިލް ވިދާޅުވީ، ގައުމުގެ އެންމެ މަތީ މަސްލަހަތުތައް މަތިވެރި ކުރުމަށްޓަކައި، ގުޅިގެން މަސައްކަތް ކުރުމަށްވުރެ، އަމިއްލަ އެދުން އިސްކުރި ބައެއްގެ ހިޔަނީގައި ދިވެހި ގައުމުގެ ކުރިއެރުމަށް އަބަދުވެސް ހުރަސްއެޅިފައި އޮތް ކަމަށެވެ. އަދި މިއީ މިއަދު ދިވެހި ޤައުމުގެ ދަރިން ނުހަނު ފުންކޮށް ވިސްނަން ޖެހިފައިވާ ނުކުތާއެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށް އުގެއިލް ފާހަގަކުރައްވާފައިވެއެވެ.
"އަމިއްލަ މަސްލަހަތު އެއްފަރާތްކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ ވާހަކަ މިއީ އަޅުގަނޑު ފާހަގަ ކޮށްލަން އޮތް ދެވަނަ ނުކުތާ. އެވެ. އަޅުގަނޑަކީ ދީނީ ޢިލްމު ވެރިއަކަށް ނުވިނަމަވެސް، އަޅުގަނޑަކީ ފުޅާދާއިރާއެއްގައި ފޮތްކިޔާ ދިރާސާކުރާ މީހެކެވެ. އަޅުގަނޑަށް ފެންނަ ފެނުމުގައި، އިސްލާމީ މުޖްތަމައެއްގެ ބިންގަލަކީ އަހުވަންތަކަމާއި އުހުއްވަންތެރިކަމާ އެކު މުޖްތަމައުގެ މަންފާއަށްޓަކާ ގުޅިގެން، އާދެ ގުޅިގެން، މަސައްކަތް ކުރުމެވެ. ގުޅިގެން އެކުވެރިކަމާ އެކު މަސައްކަތް ކުރުން އެއީ އިސްލާމްދީން ގެނެސްދެއްވި ގައުމިއްޔަތުގެ ބިންގަލެވެ." އުގެއިލް ވިދާޅުވިއެވެ.
މިއަދު ދިވެހި ގައުމު އިސްކުރާ ނަމަ، ދިވެހި ގައުމިއްޔަތު ކުރިއަރުވާން ބޭނުންނަމަ އޮތީ ހަމައެކަނި އެންމެ މަގެއް ކަން ފާހަގަކުރައްވަމުން، އުގެއިލް ވިދާޅުވެފައިވަނީ، އެއީ މުސްލިމުންގެ ގޮތާއި މުސްލިމުންގެ ފޮތުގެ އަލީގައި މަސައްކަތްކުރުން ކަމަށާއި، އެއީ ހެޔޮ ރަނގަޅު ކޮންމެ ކަމެއްގައި އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވުން ކަމަށެވެ. ވެރިކަމުގައި ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް އެކަން އޮތީ އެގޮތަށް ކަމަށް އުގެއިލް ދެކެވަޑައިގަންނަވައެވެ.
"ރާއްޖެ އަށް ރައީސަކު އައްޔަންކުރާ ހަމައިން އަޅުގަނޑުމެން ރައްޔިތުންގެ ޒިންމާ ނިމިގެނެއް ނުދެއެވެ. މިއީ އަޅުގަނޑު ފާހަގަ ކުރަން ބޭނުންވާ ތިންވަނަ ނުކުތާއެވެ. ގައުމާ ގުޅުންހުރި ކޮންމެ ކަމެއް، ނުރަނގަޅު އިދިކީލި ވިސްނުމަކުން ވިސްނާ، ހުރިހާ ކަމެއް ގޯސްކަން މުޅި ގައުމުގެ ކުރިމަތީ ތަމްސީލު ކުރުމަށް އަވަސްވެ ގަތުމަކީ އެއްވެސް މީހަކަށް އެކަމުން ހިތްހަމަޖެހުން ލިބިދޭ ކަމަކަށް ވެގެން ނުވާނެ އެވެ. މިގޮތުން މިކުރެވޭ މަސައްކަތަކީ ގައުމާ މެދު ހިތްތަކުގައި އޮންނަ ތަސައްވަރު ގޯސްވެ، ގައުމާ މެދު ގިނަ ބައެއްގެ ހިތުގައި އޮންނަ އުންމީދުގެ ދަންމަރު ފަނޑުވެގެންދާ ސަބަބެކެވެ" އުގެއިލް ވިދާޅުވެފައިވެއެވެ.
އުގެއިލް އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި، އެ ހަމައިން، އެ އިދިކީލި ވިސްނުންތަކާއި، ގިނަ ބައެއްގެ ހިތުގައި ޖަހަންފަށާ ނާއުންމީދުގެ ވިންދު ބަދަލުވެގެންދަނީ ގައުމާ މެދުކުރެވޭ ދެމިގެންދާ ނުރަނގަޅު ދުއާ އަކަށެވެ. އަދި މިއީ އަޅުގަނޑުމެންނަށް ނޭނގިތިބެ ކުރެވޭ ނުހަނު ދެރަ ކަމެެއް ކަމަށާއި، އެކަމެއްގެ ނަތީޖާ ނުހަނު ހިތި އަމަލެެއް ކަމަށާއި، މުޖްތަމައުތަކާއި ގައުމުތަކުގައި ހެޔޮމަގަށް ކަންތައްތައް ފުރޮޅެން ފަށާ ހިސާބަކީ، ގިނަބައެއްގެ ހިތުގައި އުންމީދުގެ ވިންދު ޖަހަންފަށާ ހިސާބު ކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ.
"ގައުމުގެ މުސްތަގުބަލާ މެދު، އަދި ހަޔާތުގެ ކުރިމަގާމެދު ނާއުންމީދުވެފައިވާ ޒުވާނުންގެ އަދަދު އިންތިހާއަށް ގިނައެވެ. ގައުމުގެ އިގުތިސާދުގެ ބިންގާ ރައްޔިތުންގެ ބޭނުންތަކާ އެއްވަރަށް ފުޅާކުރެވެމުން ނުދާހިނދު، ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑެވެ. މި ނިކަމެތި ހާލަތުގައި، މި ލޮބުވެތި ގައުމު އޮތް ވަގުތެއްގައި، އަނެއްކާވެސް އަޅުގަނޑުމެންގެ ހުރިހާ ވެސް އަމާޒަކީ، އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތު ކަމަށް ހަދައިފިނަމަ، އެއީ ގައުމާއި ރައްޔިތުންނަށް ވެވޭނެ އެންމެ ބޮޑު ޚިޔާނާތެވެ. އާދެ، އެންމެ ބޮޑު ޚިޔާނާތެވެ." އުގެއިލުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވެއެވެ.
އުގެއިލުގެ ރިޕޯޓް ނިންމަވާލައްވާފައިވަނީ، ރައްޔިތުންގެ ހިތުގައި ގައުމާ މެދު އޮންނަންޖެހޭ އުންމީދު ދިރިދެމި އޮންނާނެ މަގަށް މަގު ފަހިކޮށްދެއްވުމަށާއި، އަމަލީ ޝުކުރަކުން ޝުކުރުވެރިވެ ވަޑައިގަންނަވާނަމަ، ހަރުދަނާ ޑިމޮކްރެޓިކް ވެއްޓެއް އުފެދި، ޑިމޮކްރެޓިކް ހަމަތަކަށް ލޯބިކުރާ ސަގާފަތެއްގެ މަތީގައި ގައުމު ކުރިއަށްދިއުމަށް މަގުފަހި ކޮށްދެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.
"މި ލޮބުވެތި ވަތަންގެ ކުރިމަގަށް އޮތް އެންމެ އިތުބާރުބޮޑު ގޮތަކީ އެއީއެވެ. މި ގައުމާ މިއަދު ކުރިމަތި ވެފައިވާ ގޮންޖެހުންތައް ވަރަށް ގިނައެވެ. އެ ގޮންޖެހުންތަކުގެ ތެރޭގައި، އިންޑިއާ ކަނޑުގެ ބިޔަބޮޑު ރާޅުތަކުގެ މެދުގައި، އެ ފުން، ކަޅު، ކަނޑަށް މި ދިވެހިނައު ގެނބިގެންދިއުމަށް އިތުރު ސަބަބުތައް މެދުވެރި ނުކުރަށްވާށެވެ." އުގެއިލް ވިދާޅުވިއެވެ.
އުގެއިލުގެ "މިހާރު" ނޫހުގައި ޝާއިޢުކުރައްވާފައިވާ ރިޕޯޓް ވިދާޅުވުމަށް:
ކިޔުންތެރިންގެ ޚިޔާލުތައް:
އަނގައިން ކޮންމެ އެއްޗެކޭކިޔަސް ގިނަ މީހުން އިސްކުރަނީ ޤައުމަށްވުރެ ބޮޑަށް އަމިއްލަ މަސްލަހަތު. މީކީ ބަދަލުވާނެ ލަމެއްނޫން. މިކަމަށް އޮތް ހައްލަކީ ނާޖާއިޒު ފައިދާ ހޯދުން ހުއްޓުވޭ ވަރަށް ތަހުގީގު ކުރުމުގެ ނިޒާމާއި ނިޔާ ކަނޑައެޅުމުގެ ނިޒާމް ހަރުދަނާ ކުރުން