އޭސީސީގެ ދިރާސާ ދައްކާގޮތުން ފާއިތުވި ތިން އަހަރު ރާއްޖޭގައި ކޮރޮޕްޝަން ދިޔައީ މައްޗަށް

ފާއިތުވެ ދިޔަ ތިން އަހަރު ދިވެހިރާއްޖޭގައި ކޮރޮޕްޝަންގެ އަމަލުތައް ދިޔައީ މައްޗަށް ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) ގެ ދިރާސާއިން ދައްކައިފިއެވެ.

“ނޭޝަނަލް ކޮރަޕްޝަން ޕަރސެޕްޝަން ސަރވޭ 2023” ގެ ނަމުގައި، ކޮރަޕްޝަނާއިމެދު އާންމުންދެކޭ ގޮތާއި އެކަމަށް ދިވެހިން ހޭލުންތެރިވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި ގައުމީ ފެންވަރުގައި ހަދާފައިވާ ދިރާސާގެ ނަތީޖާ އާންމުކުރީ ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައެވެ.  

އޭސީސީން މި ދިރާސާގައި 722 މީހެއްގެ ފޯނު އިންޓަވިއު ނަގައިފައިވެއެވެ. އަންހެނުންނާއި ފިރިހެނުންގެ ހިއްސާވެސް ދާދި އެއް ހަމައެއްގައި ހިމަނައިގެން ހެދި މި ދިރާސާގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުން ހިމެނެއެވެ.

އެ ރިޕޯޓުގައިވާ ގޮތުން، މީގެ ތެރެއިން 56 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި ކޮރަޕްޝަންއަކީ ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައެވެ. މި މައްސަަލަ ހައްލުކުރުމަށް އޭސީސީއަށް ރައްޔިތުން އިތުބާރު ކުރާ މިންވަރު ދެނެގަތުމަށް ކުރި މަސައްކަތުން ހާމަވީ މި ދިރާސާގައި ބައިވެރިވީ 50 އިންސައްތައަށްވުރެ ގިނަ މީހުން އޭސީސީއަށް އިތުބާރު ކުރާކަމެވެ. ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އޭސީސީއަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށް 47 މީހުން ގަބޫލުކުރެއެވެ. އަދި ދިރާސާގައި ބައިވެރިވި 64 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި ފާއިތުވެދިޔަ ތިން އަހަރު ކޮރަޕްޝަނުގެ އަމަލުތައް ވަނީ އިތުރުވެފައެވެ.

ރާއްޖޭގައި ކޮރަޕްޝަން އިތުރުވަނީ މީހުންގެ ކިބައިގައި ނަޒާހާތްތެރިކަމާއި އަހުލާގީ ސުލޫކުގެ ފެންވަރު ދަށްވުމުންނާއި، އިދާރާތަކުގެ ހަރުދަނާކަން ކުޑަވުމާއިއެކު، ގާނޫނާއި ގަވާއިދުތަކުގައި ހުރި މައްސަލަތަކުގެ ސަބަބުން ކަމަށް ދިރާސާގައި ބައިވެރިވީ މީހުން ގަބޫލު ކުރެއެވެ.

އެ ރިޕޯޓުން ހާމަވެފައިވާ ގޮތުގައި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، މައްސަލަތައް ހައްލުކުރުމަށް ދައުލަތަށް ބަރޯސާވެވޭތޯ ބެލި ބެލުމުން، ދިރާސާގައި ބައިވެރިވީ 33 އިންސައްތަ މީހުން ދައުލަތަށް ބަރޯސަވެއެވެ.

ހަމައެހެންމެ ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާ އާއި ޖުޑީޝަރީގެ މުވައްޒަފުންގެ މެދުގައި އެންމެ ގިނައިން ހިންގާ ކޮރަޕްޝަނުގެ ގޮތުގައި މި ދިރާސާގެ ބައިވެރިން ފާހަގަކޮށްފައިވަނީ ޖިނާއީ މައްސަލަތަކުގައި ހައި ޕްރޮފައިލް މީހާގެ މައްސަލައާއި ދެރަ ނިކަމެތި މީހާގެ މައްސަލަ ނިންމުމުގައި ތަފާތު ކުރުން ގެންގުޅުމާއި، އެ ފަރާތްތަކަށް ލިބިދީފައިވާ ގާނޫނީ ބާރުގެ ބޭނުންކޮށްގެން، ތުހުމަތު ކުރެވޭ މީހުންގެ ކުށުގައި ނުބެދި ސަލާމަތްކޮށްދިނުމަށް މަސައްކަތް ކުރުމާއި އަދި ޕްރޮސިކިއުޝަން މަރުހަލާ ނިންމިޔަ ނުދިނުމަށް ނުފޫޒު ފޯރުވުމެވެ.

ކޮރަޕްޝަނުގެ ކުށެއް ކުރާކަން ފެނިފައިވާ އާންމުންގެ ނިސްބަތަށް ބަލާއިރު، ދިރާސާގައި ބައިވެރިވީ 65 އިންސައްތަ މީހުންނަށް ވޯޓާއި ގުޅިގެން ރިޝްވަތު ދިނުމުގެ ކަންކަން ފެނިފައިވެއެވެ. ހިދުމަތް ހޯދުމުގައި ގާތް މީހުން މެދުވެރިކޮށް ކަންކަން ކުރާ ކަން އެނގޭ ނުވަތަ ފެނިފައިވާ 58 އިންސައްތަ މީހުން މި ދިރާސާގައި ބައިވެރިވިއެވެ. އަދި ރިޝްވަތު ދީގެން ކޮންޓްރެކްޓް ކާމިޔާބުކޮށް، ކޯޓުތަކަށް ނުފޫޒު ފޯރުވުމުގައި ރިޝްވަތު ދޭކަން އެނގޭ 40 ޕަސެންޓް ބައިވެރިން އެބަ ތިބިއެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަނުގެ ކުށްތަކުގެ ތެރޭގައި ނުފޫޒުން މުވައްޒަފުން ހޮވުމާއި ވަޒީފާއިން ވަކި ކުރުމާއި ޕްރޮމޯޝަން ދިނުމާއި، ރިޝްވަތާއި ހަދިޔާ ބަލައިގަނެ، ކޮންޓްރެކްޓުތައް ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހަވާލުކުރުމާއި އަދި ދައުލަތުގެ މުދާ އަމިއްލަ މަންފާއަށް ބޭނުންކުރެއެވެ.

އޮފީސް މާހައުލުގެ މަސައްކަތާއި ވަޒީފާ ދިނުމުގައި ނުފޫޒު ފޯރުވާކަން ފާހަގަކޮށްފައިވާއިރު، މުވައްޒަފުންގެ މެދުގައި އެންމެ ގިނައިން ހިންގާ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުގެ ގޮތުގައި ގާތް ފަރުދީ ގުޅުން އޮންނަ ފަރާތްތަކަށް ޚިދުމަތް ދިނުން އަވަސް ކުރުމާއި ވަޒީފާއަށް މުވައްޒަފުން ނެގުމާއި ވަކިކުރުމާއި ޕްރޮމޯޝަން ދިނުމުގައި ނުފޫޒު ފޯރުވުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު