Saturday, 15 June 2024

ދަރިވަރުންނަށް ޞައްޙަ ޢަޤީދާގެ މަޢުލޫމާތު އުގަންނައިދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މިއަދުގެ ޚުޠުބާގައި ގޮވާލައްވައިފި

ދަރިވަރުންނަށް ޞައްޙަ ޢަޤީދާގެ މަޢުލޫމާތު އުގަންނައިދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މިއަދުގެ ޚުޠުބާގައި ގޮވާލައްވައިފިއެވެ.

"އިންސާނާގެ ޙަޔާތުގައި ސައްހަ އަގީދާގެ މުހިންމުކަން" މި މަޢުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި އިއްވި މިއަދުގެ ހުކުރު ހުތުބާގައިބުނީ ކުދިންގެ ޅަފަތުގައި އެކުދިންނަށް ކިޔަވައިދިނުމަށް މައިންބަފައިން ބޮޑެތި މަސައްކަތްތަކެއް ކުރާކަމަށެވެ. އެހެންނަމަވެސް މިހާރަކަށް އައިސް އެ ބުރަ މަސައްކަތާއި ބޮޑެތި ހަރަދުތައްކުރާ މައިންބަފައިންގެ ތެރެއިން ގިނަ ބައެއްގެ ފޮނި އުއްމީދުތައް އެންމެ އެދެވޭގޮތެއްގައި ހާސިލްވަމުން ނުދާކަމަށް ހުތުބާގައިވަނީ ފާހަގަކޮށްފައެވެ.

ހުތުބާގައި ފާހަގަކުރެއްވީ ތައުހީދުލް އުލޫހިއްޔަތަށާއި، ތައުހީދުލް ރުބޫބިއްޔަތުގެ އިތުރުން ތައުހީދުލް އަސްމާއި ވައް ސިފާތިއަށް އީމާންވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއްކަމުގައެވެ. ތައުހީދުލް އުލޫހިއްޔަތަކީ ހުރިހާ އަޅުކަމެއްގައި މާތް ﷲ އެއްކައުވަންތަކުރުމެވެ. ތައުހީދުލް ރުބޫބިއްޔަތަކީ ރައްބުވަންތަކަމުގައި މާތް ﷲ އެއްކައުވަންތަކުރުމެވެ. އަދި ތައުހީދުލް އަސްމާއި ވައް ސިފާތި އަކީ ރިވެތި ނަންފުޅުތަކާއި ފުރިހަމަ ސިފަފުޅުތަކުގައި އެކަލާނގެ އެއްކައުވަންތަކުރުމެވެ.

"އަހަރެމެންގެ ޅަދަރިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ބިންވަޅުނެގިފައިނުވާނަމަ ދީނާ ހިލާފް އޮއިވަރުގައި ޖެހުމަކީ ދާދި ގާތުގައިވާކަމެއް. އެހެންކަމުން އިސްލާމީ އަގީދާ ފުޑުފުޑުކޮށްލުމަށް ޣައިރު މުސްލިމުން އުފައްދާ ޝުބުހަތަކުން ސަލާމަތްވުމަށް ދަރިންނަށް ސައްހަ އަގީދާ އުނގަންނައިދޭންޖެހޭ". ހުތުބާ ވިދާޅުވިއެވެ.

މައިންބަފައިން ކުރާ މި ބޮޑު މަސައްކަތް ކާމިޔާބު ނުވާތީ އެކަމާމެދު ފިކުރުކުރަނީ ކިތައް މައިންބަފައިންތޯ ސުވާލުކުރަމުން ހުތުބާގައިބުނީ ދުންޏަވީ މާއްދާތައް ކިޔަވައިދިނުމަށް ބެލެނިވެރިން އިސްކަންދޭއިރު އިސްލާމީ އަގީދާއާ ގުޅޭ މައުލޫމާތު ދަރިންނަށް ފޯރުކޮށްދިނުމަށް ބެލެނިވެރިން އިސްކަން ނުދޭކަމަށެވެ.

ޚުޡުބާގައި  ވިދާޅުވި ގޮތުގައި މި މަސްއޫލިއްޔަތު އަދާކުރުމުގައި ބެލެނެވެރިންނާއި ތައުލީމީ މުވައްސަސާތަކުން ފަރުވާ ކުޑަކޮށްގެން ނުވާނެއެވެ. މުޖުތަމަޢަށާއި ގައުމަށް ފައިދާ ކުރަނިވި އަދި ދެދުނިޔޭގެ ބާއްޖަވެރިކަމުގައި ދަރިންވާނީ އޭރުންކަމުގައިވެސް ޚުޡުބާގައި ބަޔާން ކޮށްފައި ވެއެވެ. އަދި އެދަރިންގެ ކިބައިން މައިންބަފައިންގެ ހިތްތަކަށް ފިނިކަން ލިބޭނީވެސް އެއިރުން ކަމުގައިވެސް ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

އަގީދާއަކީ އިމާންކަމުގެ އަސާސްކަމަށްވީއިރު އެ އަސާސްގެ މައްޗަށް ދަރިން ތަރުބިއްޔަތު ވެގެންނޫނީ ރަނގަޅު ޖީލެއް ބިނާނުކުރެވޭނެކަމަށް ހުތުބާގައި ވިދާޅުވިއެވެ. ދީން ބިނާވެގެން ވަނީ އަގީދާއާއި އަމަލުތަކުގެ މައްޗަށްކަން ބުނެދެމުން ޚުތުބާގައި ވިދާޅުވީ މާތް ﷲ ރަސޫލުން ފޮނުއްވީ ޞައްހަ ޢަޤީދާ އަންގައިދިނުމަށް ކަމަށެވެ.

ޢަގީދާއާ ނުލައި ކުރާ އަމަލަކުން މަންފާއެއް ނުކުރާނެކަމަށް ހުތުބާގައި ފާހަގަކުރެއްވިއެވެ. "މާތް ﷲ ރުއްސުންލެއްވި މުއާޒު ބުން ޖަބަލު ޔަމަންކަރައަށް ފޮނުއްވަމުން މާތް ނަބިއްޔާ ހަދީސްކުރެއްވިއެވެ. "އޭ މުއާޒެވެ. ކަލޭގެފާނު ތި ވަޑައިގަންނަވަނީ އަހުލުކިތާބީން ދިރިއުޅޭ ގައުމަކަށެވެ. ﷲ މެނުވީ ހައްގުވެގެން އަޅުކަމެއް ކުރެވޭ އެހެން އިލާހަކު ނުވާކަމަށާއި ތިމަންކަލޭގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމަށް ކަލޭގެފާނު އެއުރެންނަށް ގޮވާލައްވާށެވެ. ފަހެ އެކަމުން އެއުރެން ކިޔަމަންގެންފިނަމަ ހަމަކަށަވަރުން ރެއަކާ ދުވާލު ފަސް ނަމާދުކުރުމަށް އެއުރެންގެ މައްޗަށް މާތް ﷲ ފަރުޟު ކުރައްވާފައިވާކަން ކަލޭގެފާނު އެއުރެންނަށް އަންގަވައި ދެއްވާށެވެ." ހުތުބާ ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވީ، މާތް ﷲ އާ އެހެން އެއްޗަކާ ޝަރީކުކޮށްފިނަމަ ރަސޫލުބޭކަލެއްނަމަވެސް އެމީހެއްގެ އަމަލު ބާތިލުވާނެކަމަށް މާތް ﷲ ވަހީކުރައްވާފައިވާކަމަށެވެ. އަދި އިންސާނާއަށް ކުރިމަތިވާ ކަންބޮޑުވުންތަކާއި ނުތަނަވަސްކަމުން އޭނާ ސަލާމަތްކޮށްދެނީ އިސްލާމީ ރަނގަޅު އަގީދާކަމަށް ހުތުބާގައި ވިދާޅުވިއެވެ. އެއީ އޭނާ މާތް ﷲ ގެ ގަޟާގަދަރަށް އީމާންވާ މީހަކުކަމުގައި އޭނާ ވާތީކަމަށް ހުތުބާގައި ވިދާޅުވިއެވެ. ހުތުބާގައި ވިދާޅުވީ، ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންނުވާ މީހުން އަބަދުވެސް ބަލާނީ އެމީހުންގެ އަމިއްލަ މަސްލަހަތައްކަމުގައެވެ.

"އަދި ބައެއް މީހުން އެމީހުންގެ އަމިއްލަ ނަފްސަށް ގެއްލުންދީ، ނުރައްކަލުގެ ތެރެއަށް ފުރާނަ ހުށަހެޅޭ ކަންކަމަށް އަރައިގަންނަމުން ދަނީވެސް މިންވަަރަށް އީމާން ނުވެވޭތީއެވެ. އެހެންކަމުން އަހަރެމެންގެ ދަރިންނަށް އިސްލާމީ އަޤީދާ ކިޔަވާ ދިނުމަކީ އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ މުހިންމު މަސްއޫލިއްޔަތެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ހުތުބާ ނިންމާލަމުން ވަނީ ގިޔާމަތްދުވަހުން ކާމިޔާބާއި ފަލާހް ލިބުން ބިނާވެގެންވަނީ އަހަރެމެންގެ ޢަޤީދާ ސައްހަވުމުގެ މައްޗަށްކަން ބުނެދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު