ޢާއިލާ ނިކަމެތިވީ ސިޙުރުގެ ސަބަބުން ކަމަށް ބުނި، ދެން އިވުނީ އެހެން ވާހަކައެއް

ދަރިފުޅު ސްކޫލަށް އަންނަނީ ނުކައެވެ. ފެންނަނީ މިލާ މޯޅިވެފައި އިންދައެެވެ. އޭނާ ގިނަ ވަގުތު އޮންނަނީ ޑެސްކުގައި ބޯއަޅައިގެންނެވެ.

އިންޓަވަލް ގަޑި ޖެހުމުން އެހެން ކުދިން އިންޓޯލް ބޯން ތިބޭއިރު އެ ކުއްޖާގެ އަތުގައި އިންޓޯލަށް ބޯލާނެ އެއްޗެއް ނޯވެއެެވެ. އެ މަންޒަރު ފެނި އެހެން ކުދިންގެ އިންޓޯލުން އެކުއްޖާއަށް ދީ ހަަދައެެވެ. ޚުދު މުދައްރިސުވެސް ގިނަ ދުވަަަސް ދުވަހު އެކުއްޖާއަށް ޕެކެޓެއް ނަމަވެސް ދީހަދައެވެ.

އެ ދަރިވަރު ލަނީ އެންމެ ޔުނިފޯމެކެވެ. ކުލަ ވެއްޓި ބާވެފައިވާ ޔުނިފޯމެކެވެ. ޔުނިފޯމު ދޮވެފައި ހުންނަ ހެނެއްވެސް ހިއެއް ނުވެއެވެ. އަބަދުވެސް ހުންނަނީ ރޫ އަރާފައެވެ. އޭނާ އަރާ ބޫޓުވެސް ހުންނަނީ ފަޅައިގެން ގޮސްފައެެވެ.

އެކުއްޖާގެ ކިބައިން ސާފުތާހިރު ކަމެއް ނުފެނެއެެވެ. ފެެނެއް ނުވަރައެެވެ. ދަތެއް ނޫނގުޅައެވެ. މޫނުމަތިން ތާޒާ ކަމެއް ނުފެނެއެވެ. ފެންނަނީ ކަންނެތްވެ، އުންމީދެއް ނެތް ކުލަވަރެވެ. ފޮތްފަންސޫރެއް ކުލާހަކަށް ނުގެނެއެވެ. ފަންސޫރުު ތުނޑު ޖަހާލާނެ އެއްޗެއްވެސް ގެނެވޭ ކަމަކަށް ނުވެއެވެ. ފުހޭ ރަބަރެއް ނޯވެއެެވެ. ފަތިގަނޑު އޮންނަނީ ބިނދިފައެވެ.

މި ހުރިހާ ކަމަކާ ހެދި ކުލާސް ޓީޗަރު އެކުއްޖާގެ މަންމައާ މިކަންކަން ޙިއްސާކުރުމަށް މަޖުބޫރުވިއެވެ. އެކުއްޖާގެ ބެލެނިވެރިޔާ ބުނަމުން ގެންދިޔައީ އެ ދެމަފިރިންގެ އަތްމަތި ދަތި ވާހަކައެވެ. ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ވާހަކައެވެ. ދެމަފިރިންވެސް ކާންބޯން މަސައްކުރާ ކަމާއި، ނަމަވެސް އެ ދެމަފިރިންނަށް ލިބިފައިވާ ތިން ދަރިންނަށް އަޅާލެވޭނެ ގޮތެއް ނެތް ކަމުގައި ބުނަމުން ދިޔައެވެ.
ދަރިވަރުގެ ކިބައިން ފެންނަ ނިކަމެތިކަން ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ދިޔައީ ކުޑަވަމުންނެވެ. މައިންބަފައިންގެ އަޅާލުމާއި ލޯބި ލިބެމުން ނުދާކަން ޓީޗަރަށް ކަށަވަރުވިއެވެ.

ދަރިވަރުގެ މަންމައާ އަނެއްކާވެސް ޓީޗަރު ސުވާލުކުރިއެވެ. އޭނާގެ ޖަވާބުގައި ބުނީ، "ދިރިއުޅުން ފުނޑުފުނޑުވެއްޖެ" ކަމަށެވެ.

ދިރިއުޅުމުގައި އެއްވެސް އުއްމީދެއް ނެތެވެ. ފިރިމީހާގެ ނިކަމެތިކަން އެހާމެ ބޮޑެވެ. ވެގެން އުޅެނީ ކީއްތޯ އިތުރަށް ސާފުކުރިއެވެ. އެ ދަރިވަރުގެ މަންމަ ކިޔަދިނީ މާ ތަފާތު ވާހަކައެކެވެ. ޢާއިލާ އެހާ ނިކަމެތި ޙާލަތަކަށް ވެއްޓުނީ ސިޙުރުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ. އެ ސިޙުރު ހަދާފައިވަނީ ދެމަފިރިންގެ ދިރިއުޅުން އިނދަޖައްސާލައި އާއިލާ ރޫޅާލަން ކަމަށާއި، އެ ސިޙްރުގެ ސަބަބުން ފިރިމީހާއަށް އާމްދަނި ހޯދުމަށް މަސައްކަތްކުރުމަށް ދަތިވެފައިވާ ކަމަށާއި، ފިރިމީހާގެ ގައިގައި އާރެއް ބާރެއް ނެތި، ހިނގާ ބިނގާވެ އުޅެން ދަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ފިރިމީހާގެ ގައި ވަނީ ފާރުވެފައި، އަބަދު އުޅެނީ ބަލިވެ، އަބަދު އޮންނަނީ އޮށޯވެ. ދިރިއުޅުމުގައި ވަނީ ނާމާންކަން. ހިތްދަތި ކަން. ލިބިފައިވާ ތިން ދަރިންނަށް އަޅާލެވޭނެ ގޮތެއް ނެތް." އަންހެނާ ތުރުތުރުލާ ޙާލުގައި ޓީޗަރަށް ކިޔައިދިނެވެ.

އެ އަންހެނާއަކީވެސް މީގެ ކުރިން ފެހުމުގެ މަސައްކަތްކުރަމުން އައި މީހެއް ކަމަށާއި، އޭނާގެ މައިންބަފައިންނާ އެކީ އުޅުނުއިރު އެ މަސައްކަތްކުރުމުން ރަނގަޅު އާމްދަނީއެއް ލިބުނު ކަމަށް އޭނާ ކިޔައިދިނެވެ. "ސިޙުރު ހަދާފައިވަނީ ޢާއިލާގެ ތެރެއިން. ސިޙުރު ހެދީ ކާކު ކަންވެސް އެނގޭ. މިއީ އަހަރެން ފިރިމީހާއާ ދުރުކުރުމަށް ޢާއިލާ ތެރެއިން ހަދައިގެން އުޅޭ ސިޙުރެއް. މިކަމަކީ އަހަރެންމެ ކައިވެނި ކުރެވުނު ހިސާބުން ހަދައިންގެ އުޅޭ ސިޙުރެއްކަން އެނގޭ. އަހަރެމެންގެ ކައިވެންޏަށް ޢާއިލާއިން ނުޤަބޫލުވި" އޭގެ ކުރިން އޭނާގެ މައިންބަފައިންވެސް ވަރަށް ހެޔޮ ކަމަށާއި ނަމަވެސް އޭނާއާ ކައިވެނި ކުރުމުން މައިންބަފައިންގެ ފަރާތުންވެސް އެހީތެރިކަން ލިބެމުން ނުދާ ކަމަށް ކުއްޖާގެ މަންމަ ކިޔަދިނެވެ.

މިވާހަކަތައް އަޑުއަހައި ޓީޗަރަށް ކުރެވުނީ އާދަޔާ ޚިލާފު އިޙްސާސެކެވެ. އެ ވާހަކަތަކުގެ އަސަރު ޓީޗަރުގެ އެންމެ ހިމަނާރަށް ކޮށްފިއެވެ. ދެރަވިއެވެ. ހިތްފަޅައިގެން ދާހާ ވަރުވިއެވެ. އެންމެ ފަހުން އެ ޓީޗަރަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދިނުމަށް ނިންމިއެވެ. އެގޮތުން އަންނައުނާއި ކެއިންބުއިމަށް ބޭނުންކުރާ ބައެއް ސާމާނު ހަދިޔާ ކުރިއެވެ. ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނެވެ.

އެމީހުން ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި ޙާލެއްގައެވެ. ދިރިއުޅޭ އެޕާޓްމަންޓުގައި ދޮރެއް ނުހުރެއެވެ. ބަދިގޭގެ ކަބަޑުތައް ހެދިފައެއް ނެތެވެ. ފަންކާއެއް ނުލައެވެ. މުޅި ގޭގައިވެސް ވަނީ އެންމެ ދެ ލައިޓެވެ. ގޭތެރޭގައި އަލިކަމެއް ނެތެވެ. ކުދިންނަށް ފިލާވަޅު ދަސްކޮށްލަން ތިބެވޭނެ ތަނަވަސްކަމެއް ނެތެވެ. ޚުދު ޓީޗަރަށްވެސް، އެއް ދުވަހު މިގެއަށް ދެވުނުއިރު މިކަންކަން އިޙްސާސް ކުރެވުނެވެ. އެމީހުން ދިިރިއުޅެމުންދާ ނިކަމެތި ޙާލު އަމިއްލަ ލޮލުން ބަލައި އެކަން ޤަބޫލުކުރެވުނެވެ. އެކަމުގެ ސަބަބުން އެ ޢާއިލާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ޓީޗަރުގެ ހިތަށްވެސް މަޖުބޫރު ކުރުވިއެވެ.

ކޮންއަކަސް، ޓީޗަރުގެ ފަރާތުން ވަރަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުން ދިޔައެވެ. ހަމަ އެ ސްކޫލުގައި އުޅޭ އެހެން ޓީޗަރުންވެސް މިކަމުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދެމުން ދިޔައެވެ.

މިކަމުގެ ތެރެއިން އަނެއްކާވެސް އިވުނީ އެހެން ވާހަކައެކެވެ. ސްކޫލުގެ ލީޑިންގ ޓީޗަރުގެ ކިބައިން އިވުނު ވާހަކައެކެވެ. "އެއީ ވަރަށް ތަފާތު ކޭސްއެއް" މި ވާހަކައެވެ. އިތުރު ތަފްސީލެއް ނުދެއެވެ. ހަމައެކަނި މިވާހަކައެވެ.

މި ވާހަކައާއެކު އަނެއްކާވެސް ޓީޗަރު އެ ޢާއިލާއަށް އަނެއްކާވެސް އެހީތެރިކަން ފޯރުކޮށްދެމުން ދިޔައެވެ. އަދި އެހެން ޓީޗަރުންވެސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވަމުން ފުޅާވަމުން ދިޔައެވެ.

ދެން ފެންމަތިވީ އެ ދަރިވަރު ސްކޫލަށް ނާންނަ ވާހަކައެވެ. ސްކޫލަށް ނާންނަތާ ތިން ހަފުތާ ވީ ވާހަކައެވެ. އެހެންކަމުން، އެކަން ބެލުމަށް ލީޑިން ޓީޗަރު އެންގެވިއެވެ. ޓީޗަރާއި ލީޑިންގ ޓީޗަރު އެ ދަރިވަރުގެ ގެއަށް ޒިޔާރަތް ކުރިއެވެ. ވެގެން އުޅޭގޮތް ބެލުމަށް ބެލެނިވެރިޔާއާ ބައްދަލުކުރުމަށެވެ. ސްކޫލަށް ފޮނުވުމަށް ބާރު އެޅުމަށެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ އުސޫލުތައް ހަމަޖެހި އޮންނަ ގޮތުން އެކަން ކުރަންވެސް ޖެހެއެވެ. ދަރިވަރުން ސްކޫަލަށް ނާންނަނަމަ ކުއްޖާގެ ގެއަށް ގޮސް ވެގެން އުޅޭގޮތް ބަލައި ސްކޫލަށް އައުމަށް ބާރު އަޅަންޖެހެއެވެ.

ލީޑިންގ ޓީޗަރާއި ޓީޗަރު އެގެއަށް ވަނެވެ. ގޭތެރޭގައި ވަނީ ނާާމާންކަމެވެ. ވެރިވެފައިވަނީ ނުތަނަވަސް ކަމެވެ. ދިރުމެތް ނެތެވެ. ތިން ކުދިން ގޭ ތަޅުންގަނޑުގައި އިށީނދެލައިގެން ތިއްބެވެ. ކުދިންގެ މަންމަ ކޮޓަރީގައި ތަޅުންގަނޑު މަތީގައި އޮށޯވެލައިގެން އޮތެވެ. ކުދިންގެ ބައްޕަ އޭރު ގޭގައަކު ނޫޅެއެވެ. ލީޑިންގ ޓީޗަރާއި ޓީޗަރު އެ ދަރިވަރުގެ މަންމައާއެކު ބެލްކަންޔަށް ނިކުތެވެ. ދަރިވަރު ސްކޫލަށް ނުދާ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދެއްކިއެވެ. ބެލެނިވެރިޔާގެ ޖަވާބަކަށްވީ، "އޭނާ މިހާރު ސްކޫލަކަށް ދާކަށް ބޭނުމެއް ނުވޭ.. ޔުނިފޯމްވެސް އޮތީ ވީދިފަ. ނޭނގެ ދެން ހަދާނެ ގޮތެއް.."

މިވާހަކަތައް އަޑު އަހަައި ދެބޭފުޅުން އެނބުރި ސްކޫލަށް ދުރުވިއެވެ. ޑެޕިޔުޓީ ޕްރިންސިޕަލާއެކު އޮތް މީޓިންގއަށް މައްސަލަ ގެންދެވުނެވެ. "އެއީ ތަފާތު ކޭސް އެއް" އަނެއްކާވެސް ޑެޕިޔުޓީ ޕްރިންސިލް މިފަދައިން ތަކުރާރުކުރެއްވިއެވެ. "އާނ އެއީ ތަފާތު ކޭސްއެއް. އެއާއިލާގެ މައްސަލަ ޖެންޑަރ މިނިސްޓްރީގައި ރިކޯޑް ކުރެވިފައިވޭ. ދެމަފިރިންނަކީ މަސްތުވާތަކެތި ބޭނުންކުރާ، އަދި އެކަމުގެ ވިޔަފާރިވެސް ކުރާ ބައެއް." މިވާހަކަތަކާއެކު ޓީޗަރުންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ޚާއްސަކޮށް އެ ޢާއިލާއަށް އެހީތެރިވި ޓީޗަރުން ކަންބޮޑުވިއެވެ. ހައިރާންވިއެވެ. އަންތަރީސްވިއެވެ. މިއީ ޤަބޫލުކުރަން ދަތި ވާހަކައެއް ކަމަށް ވިޔަސް، މިއީ ޙަޤީޤަތެވެ.

އެ ޢާއިލާއަށް ލިބިފައިވާ ނިކަމެތިކަމަކީ އެއީއެވެ. ކުއްޖާގެ މަންމައަކީ މާލޭގެ ތަނަވަސް ޢާއިލާއަކަށް ނިސްބަތްވާ މީހެކެވެ. މާލޭގައި ގެދޮރު ހުރެއެވެ. ނަމަވެސް، އެ އަންހެނާގެ ދިރިއުޅުމަށް އައި ބަދަލާއެކު އެ ގޭގައި ދިރިއުޅުމުގެ މަގު ބަންދުވިއެވެ. ވަކިން ދިރިއުޅެން ނިންމިއަސް ދިރިއުޅުމުގައި އާރޯކަމެއް ނެތެވެ. ގޭތެރެއަކީ މަސްތުވާތަކެތީގެ ހާއްޔެކެވެ. ދަރިންނަަށް އަޅައެއް ނުލައެވެ. ކުއްޖާގެ ބައްޕަވަނީ މަސްތުވާތަކެތީގެ އަވާގައި ޖެހި ހަލާކުވެފައެވެ. ހަށިގަނޑު އަނަރޫފަވެ، ގައިގައި ވަރެއް ނުހުރެއެވެ. މަސައްކަތެއް ނުކުރެވެއެވެ. ދެމަފިރިން އުޅެމުން ދަނީ މަސްތުވާ ތަކެތީގެ ތެރޭގައި އުފެދިފައިވާ ބިރުވެރި ކޮޅިގަނޑެއްގެ ތެރޭގައެވެ.

ޓީޗަރުންނަށް މިވާހަކަތައް މި އެނގުނީ މާފަހުންނެވެ. އެއިރު އިވުނު ވާހަކައަކީ ހަމައެކަނި "ތަފާތު ކޭސްއެއް"ގެ ވާހަކައެވެ. އެކަމަކު މިހާރު މިއިވުނީ "އެއަށްވުރެ މާ ތަފާތު ކޭސް"އެއްގެ ވާހަކައެވެ. "މަސްތުވާ ތަކެތީގެ ކޭސް"އެއްގެ ވާހަކައެވެ. ޖެންޑާ މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ ކޭސްއެއްގެ ވާހަކައެވެ. މިވާހަކަތަކާއެކު ޓީޗަރުން އެ ބެލެނިވެރިޔާއާއި ދަރިވަރާ ދޭތެރޭގައި އިތުރަށް ވިސްނާން މަޖުބޫރުވެއްޖެއެވެ. އިތުރަށް ކުރެވެން ހުރި ކަންކަމަށް ފުޅާ ނަޒަރަކުން ވިސްނާން ޖެހިއްޖެއެވެ.

އެއީ ސިޙުރުން އުފެދުނު ކޮޅިގަނޑެއް ނޫނެވެ. އެއީ މަސްތުވާ ތަކެތީގެ ސަބަބުން އުފެދުނު ކޮޅިގަނޑެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު