ރާއްޖެއަށް ބޭނުންވާ އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު ސަޢީދު މިހެން ވިދާޅުވީ އަވައްޓެރި އިންޑިއާއިން ފިޔާ ބޭރުކުރުމުގެ ސިޔާސަތަށްގެނައި ބަދަލާއެކު ވަގުތީ ގޮތުން ފިޔާ އެކްސްޕޯޓުކުރުން ހުއްޓާލުމަށް ނިންމުމާއި ގުޅިގެންނެވެ. މީޑިޔާއިން ރިޕޯޓުކޮށްފައިވާ ގޮޮތުގައި، އިންޑިއާއިން މިނިންމުން ނިންމާފައިވަނީ އެޤައުމުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދަށުގޭގެ އިންތިޚާބާއި ދިމާކޮށް އިންޑިއާގައި ތަކެތީގެ އަގު އުފުލުން ކޮންޓްރޯލްކުރުމަށެވެ. އެގޮތުން، އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން މަޑުޖައްސާލަން ނިންމާފައިވަނީ އަންނަ އަހަރުގެ މާޗްމަހާއި ހަމައަށްކަމަށްވެސް ރިޕޯޓުކޮށްފައެވެ.
މި ނިންމުމާ ގުޅިގެން ވަޒީރު ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް އަދި ވަކިވަކި ޤައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އައުމަކީ އެކި ދުވަސްވަރު ހިނގާކަމެއްކަމަށާއި އެކަން އެގޮތުގައި ހިނގިނަމަވެސް ރާއްޖެއާއެކު ވިޔަފާރީގެ ގުޅުން ޤާއިމުކޮށްފައިވާ ޤައުމުތަކުން އަބަދުވެސް ރާއްޖެއަށް އިސްކަންދޭނެކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރާއްޖެއަށް އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި ހުރަހެއްނެތް. ރާއްޖެއާއިއެކު ވިޔަފާރިކުރާ އެކުވެރި ޤައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ. ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކިވަކިޤައުމުތަކުގެ އެކްސްޕޯޓްސިޔާސަތަށް ބަދަލުއައުމަކީ އެކިދުވަސްވަރުހިނގާކަންކަން." ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުންކަމަށާއި، އެކަން ކުރައްވާނީ ދެމެހެއްޓެނިވި ވަށާޖެހޭ ހައްލަކާއެކުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރެއެވެ. އެކަން ކުޑަކުރުމަށް އެކި ޤައުމުތަކާއެކު ވިޔަފާރީގެ ގޮތުން އޮންނަ ގުޅުން ވަރުގަދަކޮށް ކާޑުގެ ބާވަތްތައް ހޯދުމުގައި މަދުޤައުމުތަކަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނައުމަކީ ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާކަމެކެވެ.
ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ ޤައުމަކީ އިންޑިއާއެވެ. އިންޑިއާގެ މިނިންމުމާއެކު ރާއްޖޭގެ ބާޒާރުގައި ފިޔާގެ ދަތިކަން ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން ބައެއް ވިޔަފާރިވެރިން ފާޅުކުރެއެވެ.