Thursday, 25 July 2024

ފުށިދިއްގަރުފަޅު ހިއްކަން ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ އުނިކުރުމުން ފަހިދިރިއުޅުން ކޯޕަރޭޝަނުން ފާޑުވިދާޅުވެއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ޕްރޮޖެކްޓުގެ ގޮތުގައި ފެށުމަށް ނިންމާފައިވާ ފުށިދިއްގަރުފަޅު ހިއްކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ އުނިކުރަން މަޖިލީހުގެ ކޮމިޓީން ނިންމި ނިންމުމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ފާޑުވިދާޅުވެއްޖެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ ފުށިދިއްގަރުފަޅު ޕްރޮޖެކްޓް އުނިކުރަން އެމްޑީޕީ މެޖޯރިޓީ މަޖިލިސް ކޮމިޓީއިން ނިންމި ނިންމުމަކީ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުތަކުގައި ކޮޅުފައިން ޖެހުން ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު ވިދާޅުވެފައި ވަނީ އެ މަސައްކަތް ކުރިއަށް ގެންދާނީ ރާއްޖޭގެ ދައުލަތުން އެހާ ބޮޑު ހަރަދެއް ނުދާނެ ފަދަ ގޮތަކަށް ކަމަށާއި އެތަން ހިއްކުމަށްފަހު އެތަން ތަރައްގީ ކުރާނީ ބޭރުގެ އިންވެސްޓުމަންޓުތައް އެތަނަށް ގެނެސްގެން ކަމަށެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ ޕްރޮޖެކްޓަކީ މަދުވެގެން 120،000 މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އަމާޒުކޮށްގެން ހިންގުމަށް މި ސަރުކާރުން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.

ފުށިދިއްގަރު ފަޅު ހިއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ އުނިކޮށް އޭގެތެރެއިން 200 މިލިއަން ރުފިޔާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ތަރައްގީކުރަން ފެށި ގުޅިފަޅާއި ގިރާވަރު އަދި ހުޅުމާލެއިން ގޯތި ދިން ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަޝްރޫއަށް މަޖިލީހުގެ ބަޖެޓު ކޮމެޓީން ވަނީ ބަދަލުކޮށްފައެވެ. އެކޮމިޓީން ނިންމީ ބާކީ 200 މިލިއަން ރުފިޔާ އެކި މަޝްރޫއުތަކަށް ބަހައިލުމަށެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު އުނިކުރި އިރު ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުއަށް ވަނީ އިތުރު 400 މިލިއަން ރުފިޔާ ކަނޑައަޅައިފައެވެ. އެއާއެކު އެ މަޝްރޫއުއަށް ބަޖެޓުގައި ކަނޑައެޅި އަދަދު 600 މިލިއަން ރުފިޔާއަށް އަރާނެއެވެ.

މާލޭގެ ދެކުނުގައި އޮންނަ ފުށިދިއްގަރު ފަޅަކީ ބޮޑުމިނުގައި 1،280 ހެކްޓަރު ހުންނަ ސަރަހައްދެކެވެ. ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެ ފަޅު ހިއްކަން ފަށާތާ 19 ވަރަކަށް މަސްދުވަހުގެ ތެރޭގައި އެތަން އެއްކޮށް ހިއްކައި ނިންމައިލެވޭނެ ކަމަށެވެ. އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައި ވަނީ އެތަނުގައި 65،000 ހައުސިން ޔުނިޓު އެޅުމަށެވެ. އޭގެތެރޭގައި ބިން ކަނޑާފައި ދޭ ގޯއްޗާއި ފުލެޓު ވެސް ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު