Saturday, 25 May 2024

ބޯހިޔާވަހި ކަމަށް އޮތް ހައްލު؛ "ފުށިދިއްގަރުފަޅު" މަޝްރޫޢަށް ހުރަސް އަޅަނީ ކީއްވެ؟

ފުށިދިއްގަރުފަޅު މަޝްރޫޢަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އުއްމީދީ އެންމެ ބޮޑު ތަސައްވުރެވެ. އެއީ މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ހައްލެއް ގެންނެވުމުގެ ގޮތުން ހިންގަވާނެ އެންމެ ބިޔަ ބޮޑު މަޝްރޫޢެވެ. ޒަމާނީ ތަރައްޤީގެ ކުރި ބޯށިތައް ފެނިގެންދާނެ އުދަރެހަކަށް އެ މަޝްރޫޢުވެގެންދާނެ ކަމާ މެދު ޝައްކެތް ނުކުރަމެވެ. މާލެ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި މުޅިން އާ ސިޓީއެއް އެ ތަނުގައި ގާއިމްކުރެވިގެންދާ މަންޒަރު ބަލަން މިތިބީ ކެތްމަދުވެފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި މަޝްރޫޢު އިޢުލާން ކުރައްވަމުން ވިދާޅުވީ، ހައުސިން ފުލް ސޮލިއުޝަނެއް ލިބޭނެ މަޝްރޫއުއަކީ ފުށިދިއްގަރު މަޝްރޫޢު ކަމަށެވެ. 20 އަހަރަށް ޕްލޭން ކުރެވިގެން ހިންގާ މި ބިޔަ މަޝްރޫޢުވެގެންދާނީ ބޯހިޔާވަހިކަމުގެ މައްސަލަ އަށް އޮތް ހައްލު ކަމުގައެވެ.

ރައީސް މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، ވެރިކަމާ ޙަވާލުވެވަޑައިގެން ޤައުމާ މުޚާޠަބުކުރައްވައި ދެއްވި ފުރަތަމަ ތަޤްރީރުގައި ވެސް ފާހަގަ ކުރެއްވީ އެ މަޝްރޫޢުގެ މުހިއްމު ކަމުގެ ވާހަކައެވެ.

"މި ފެށުނު ރިޔާސީ އާ ދައުރުގައި. އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ތިޔަބޭފުޅުންގެ މި އާ ސަރުކާރުން. އެކަމުގެ ކަރުދާހީ ގިނަ މަސައްކަތެއް ހުރީ ލިޔެ، ހުރިހާ ކަމެއް ނިމިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ޒަމާނީ އާ ޝަހަރުތަކެއްގެ ޒީނަތްތެރި މަލަތައް، ދިވެހި ފަޅުފަޅުން އުފުލިލާނެ،" ހުވާކުރުމުގެ ރަސްމިއްޔާތުގައި ޤައުމާ މުޚާތަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤްރީރުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ. އެ މުހިއްމު މަޝްރޫޢު ހިންގުމަށްޓަކައި،  މިދިޔަ ސަރުކާރުން ތައްޔާރުކޮށް މަޖިލީހަށް ހުށަހެޅި، އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައިވެސް ފުށިދިއްގަރު ފަޅު ހިއްކަން ބޭނުންވާ 400 މިލިއަން ރުފިޔާ ހިމެނިއެވެ.

އެހެންނަމަވެސް، ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ އެންމެ މުހިއްމު މަޝްރޫޢު ތަންފީޒުކުރުމަަށް މިއަދު މިވަނީ ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައެވެ. މަޖިލީހުގެ ބޮޑު އަޣްލަބިއަތެއް ނަންގަވައިގެން މަޖިލިސް ކޮންޓްރޯލުކުރައްވަމުން ގެންދަވާ އެމްޑީޕީގެ މެންބަރުން މިކަމާ ދެކޮޅަށް ނިކުންނަވައިފިއެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ދިރާސާކުރުމަށްފަހު, ބަޖެޓް ކޮމިޓީން ވަނީ ފުށިދިއްގަރު ފަޅު ހިއްކަން ހިމަނާފައިވާ 400 ރުފިޔާ އުނިކޮށްފައެވެ. އެ ފައިސާ ބަދަލުކުރީ ރައީސް ޞާލިޙްގެ ސަރުކާރުން ފަށާފައިވާ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅު ތަރައްގީ ކުރުމުގެ މަޝްރޫއަށް ޚަރަދުކުރުމަށެވެ.

ރައީސް ޞާލިޙުގެ ވެރިކަން ނިމެއްޖެއެވެ. މިއީ އެމްޑީޕީގެ ވެރިކަމެއް ނޫނެވެ. އެމްޑީޕީގެ ވެރިކަން ނިމިއްޖެއެވެ. މިހާރު ވެރިކަމުގައި ހުންނެވީ ރައީސް ޞާލިހެއް ނޫނެވެ. ވެރިކަމުގައި ހުންނެވީ ޑރ. މުޙައްމަދު މުޢިއްޒެވެ. އެމްޑީޕީން ދެކޭ ގޮތުގައި, އެންމެ މުހިއްމީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅު ތަރައްގީ ކުރުން ކަމުގައިވިޔަސް، މިހާރު ވެރިކަމުގައި ހުންނެވި ޑރ. މުޢިއްޒު އެންމެ ބޮޑަށް ބޭނުންފުޅުވާ މަޝްރޫޢު ހިންގެވުމަށް ފުރުޞަތު ދެއްވާށެވެ. އެމްޑީޕީގެ މެންބަރުންވެސް ވިސްނަންވާނީ ވެރިކަމުގައި ހުންނެވި ފަރާތުގެ ތަސައްވުރާ އެއްގޮތަށް މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ މަގަށް ޖާގަ ދެއްވާށެވެ. ކުރީ ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫޢެއް ހުއްޓާ ނުލާ ކުރިއަށް ގެންދާވާނެ ކަމަށް ޑރ. މުޢިއްޒު އޮތީ ވިދާޅުވެފައި ނޫންތޯއެވެ؟

އެމްޑީޕީއިން މި މަޝްރޫޢުއާ މެދު އެންމެ ބޮޑަށް ހީކަރުވައިގެނެގެން އުޅޭކަން ހާމަވީ، މާލެ ސިޓީގެ މޭޔަރ ކަމަށް ކުރިމަތިލައްވައިގެން އުޅުއްވާ އެމްޓީސީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމު ޙިއްސާކުރެއްވި ވާހަކަތަކުންނެވެ.

"ފުށިދިއްގަރުފަޅު އެއީ މިވަގުތަށް ބޭނުންވާ ތަނެއް ނޫން. އެއީ ހަމަ ސީދާ ރައްޔިތުންގެ ފައިސާ ބޭކާރުކުރުން. ކުރަންވީ ގުޅިފަޅު، ގިރާވަރު އަދި އުތުރުތިލަފަޅު ތަރައްގީކޮށް އަވަހަށް އެތަންތަނަށް މީހުން ގެންދިޔުމަށް މަސައްކަތް," އާދަމް އާޒިމް ވިދާޅުވިއެވެ.

އެހެންނަމަވެސް، އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. މުއްތަލިބް ވިދާޅުވެފައިވަނިީ، ގުޅީފަޅާއި ގިރާވަރުފަޅުގެ ފެނާއި ނަރުދަމާ އަދި މަގުތައް ހެދުމުގެ މަސައްކަތްތަކަކީ ވެސް މި ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރާނެ ކަމެއް ކަމަށެވެ.

ކުރީ ސަރުކާރުން ގޯތި ދޫކޮށްފައި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވުނު ނަމަވެސް، އެތަނުގެ ޝޯ ޕްރޮޓެކްޝަން ފަދަ މަސައްކަތްތަކަށް ވަގުތު ނަގާނެ ކަމަށާއި ގިރާވަރާއި ގުޅީފަޅާ ގުޅުވުމަށް ވެސް މާލެ-ވިލިމާލެއާ ދެމެދު އަޅާ ބްރިޖަށްވުރެ ދިގު ބްރިޖެއް ބޭނުންވާ ކަމަށާއި އެ މަސައްކަތް ވެސް ޕްލޭން ކުރަން ޖެހޭ ކަމަށާއި، މިދިޔަ ސަރުކާރުން އެކަމާ ގުޅޭ ޕްލޭނެއް ވެސް ހަދާފައި ނެތް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެ މަސައްކަތަކަށް އިސްކަން ދެއްވާނެ ކަން ފާހަގަކުރައްވަމުން ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ފުށިދިއްގަރުފަޅު މަޝްރޫޢު ހިންގުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ފުށިދިއްގަރުފަޅަކީ 20 އަހަރުގެ ޕްލޭނެއްގެ ދަށުން މާލެއާ ވަކިން އޮންނަ ސިޓީއެއްގެ ގޮތަށް ތަރައްގީ ކުރާ ތަނެއް ކަމަށާއި އެތަން ތަރައްގީ ވެގެން ދިޔައީމަ މާލެ ނައިސް، ހިދުމަތް ލިބޭނެ ތަނަކަށް އެތަން ވާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފުށިދިއްގަރު މަޝްރޫޢުއަކީ މި ސަރުކާރުގެ އެންމެ މުހިއްމު މަޝްރޫޢުގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، ބަޖެޓަށް އެމްޑީޕީން ގެނައި ބޮޑު ބަދަލުގެ ސަބަބުން، 100 ދުވަހުގެ ތެރޭގައި މަޝްރޫއު ފެށޭނެ އިތުރު ގޮތްތަކެއް ހޯދަން ސަރުކާރަށް މަޖުބޫރުވެއްޖެއެވެ.

މަޖިލީހުގައި ސަރުކާރުގެ މެންބަރުން ނެތޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. މަޖިލިހުގައި ތިބީ ސަރުކާރުގެ ދެތިން މެންބަރުންނެވެ. ސަރުކާރު ތަމްސީލުކުރާ މެންބަރުން މަޖިލީހުގައި ނެތުން ވެގެންދާނީ، ސަރުކާރުގެ މަޝްރޫޢުތައް ހިންގުމަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. ކޮންމެ ގޮތެއް ވިޔަސް ބަޖެޓްގައި ނުހިމަނައި ދައުލަތުން މި މަޝްރޫއުއަށް ޚަރަދުކުރެވޭނެ ގޮތެއް ނޯންނާތީ، ދެން ޖެހޭނީ އެހެން ވިސްނުމަކަށް ދާށެވެ. ފައިސާ ހޯދޭނެ އެހެން މަގެއް ހޯދާށެވެ. އެފަދަ ކަމަކަށް ވަގުތުތަކެއް ހޭދަވާނެއެވެ. ސަރުކާރުން ބޭނުންވި ގޮތަށް ބަޖެޓުގައި ހިމެނިފައި ނެތުމުން، އުއްމީދު ކުރި ދުވަހަށް މި މަޝްރޫޢު ފެށިގެން ދިއުމަށް ހިޔަނި އެޅިއްޖެއެވެ.

ދިވެހީންގެރާއްޖެ މެނިފެސްޓޯގެ ޗެޕްޓަރު 4 – ގެދޮރުވެރިކަމާއި އާރބަނައިޒޭޝަން ގެ ދަށުން "މާލެއާއި، ހުޅުމާލެއާ، ވިލިމާލެއާއި އެއްގަމު މަގުން ގުޅިގެންދާގޮތަށް ގުޅީފަޅާއި، ގިރާވަރުފަޅު ހިއްކާ ތަރައްޤީކޮށް، ފުށިދިއްގަރުފަޅު ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުން." މި ވަޢުދު ހިމަނުއްވާފައިވެއެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެވެ. ތަރައްޤީކުރައްވަން އެއުޅުއްވަނީ ހަމައެކަނި ފުށިދިއްގަރެއް ނޫނެވެ.

ރައީސް ޑރ. މުޢިއްޒުގެ ތަސައްވުރާއި ޕްލޭންތަކަށް ބެލުމެއް ނެތި، ވަރަށް ހަނި ގޮތަކަށް ވިސްނުން ބަހައްޓައިގެން، މެޖޯރިޓީގެ ނާޖާއިޒު ފައިދާ ނަގައިގެން ސަރުކާރަށް ހުރަސް އަޅައި، މަޝްރޫޢުތައް އިނދަޖައްސާލަން ފޫގެޅުމަކީ އެއްވެސް ހައިސިއްޔަތުން ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ގާނޫނު އަސާސީ ހަދާ ބަދަލުކުރަނީ ރައްޔިތުން
    ރައީސަކު ހޮވާ ބަޖެޓް ފާސްކޮށް މަސައްކަތް ހަވާލުކުރަނީ ރައްޔިތުން
    ސަރުކާރުން ރައްޔިތުންނަށް ކޮއްދޭން ބޭނުންވާ ކަންކަން ކުރަން ބޭނުންވާގޮތަށް ގާނޫނު ހަދާ ބަދަލުކުރަނީ ރައްޔިތުން ހޮވާ މުސާރާދޭ މަޖުލިސް މެމްބަރުން.
    އެހެންވީމާ ރައްޔިތުންނަށް ފައިދާވާނެ ކަންކަމަށް ހުރަސް އަޅާކަށް ނުޖެހޭނެ.

  2. ސުރުޚީ އިން އެކަނި ފުދޭ، އެހެންވެ ނުވެސް ކިޔަން. އެބުނާހެން މިރާއްޖޭގައި އުޅޭ ހައެއްކަ ލައްކަ މީހުނަށް ބޯހިޔާވަހިކަން ދިނުމަކީ، ރައްޔިތުން ދެކެ ލޯބިވާ ވެރިއެއްނަމަ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ. ހިކިފަސް ތަނެއްނެތް މުޅީން ކަނޑު އޮތް މިރާއްޖޭގައި ހިއްކެން އޮތް ހަމަ އެކަނި ފަޅު " ފުށިދިއްގަރު " ހިއްކުމާ ދެކޮޅު ވުމަކީ، ވަރަށް ބޮޑު ގޯހެކެވެ. ނުހިއްކައިފި ނަމަ 5 ވަރަކަށް އަހަރު ވާއިރު މި މީސްކޮޅު މުޅީން ކަނޑު ވެދާނެ އެވެ. އެންމެ ގާތުގައިވެސް ހިކިފަސް ތަނަކަށް އޮތީ އިންޑިއާ އެވެ. އެމީހުންގެ އުދަގޫ ބޮޑު ކަމުން އެތިބީ އައުޓް ކޮށްފައެވެ. ދިވެހީން ވިސްނަން ވެއްޖެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *