12 ފެބުރުވަރީ 2025
ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މި 22 މެންބަރުން ޢައްޔަނު ކުރައްވާފައިވަނީ 17 ނޮވެންބަރު 2023 ވީ ހުކުރުދުވަހު

އައު ސަރުކާރުގެ ކެބިނެޓްގެ 22 ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ. ނަމަވެސް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުން ނިންމަވާފައިވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިގެން ކޮންމެ ވަޒީރަކަށް ވަކިވަކިން ވޯޓަށް އަހައިގެން ރުހުން ދޭގޮތަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޢައްޔަންކޮށްފައިވާ 22 ބޭފުޅުންގެ ނަންފުޅު، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ފޮނުއްވީ 20 ނޮވެންބަރު ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މި 22 މެންބަރުން ޢައްޔަނު ކުރައްވާފައިވަނީ 17 ނޮވެންބަރު 2023 ވީ ހުކުރުދުވަހުގެ ރެއެވެ.

މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ޒިންމާއަކީ ވަޒީރުންގެ ގޮތުގައި ހަމަޖައްސަވާ ބޭފުޅުންނަކީ ރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަޒީރެއްގެ ގޮތުގައި ޚިދުމަތް ކުރުމުގެ ޝަރުޠުހަމަވާ ބޭފުޅެއްތޯ ކަށަވަރުކުރުމުގެ މަސައްކަތް ކަމުން، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޓީގެ މެމްބަރުން ވިދާޅުވީ، ރާއްޖޭގެ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އެމަނިކުފާނުގެ ސަރުކާރު ހިންގެވުމަށް ވަޒީރުންގެ މަޖިލީހަށް ރުހުންދީ އެފުރުސަތު މަޖިލީހުން ދެއްވަން ޖެހޭނެކަމަށެވެ. އެހެންވެ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވާފައިވާ 22 ވަޒީރުންގެ ނަންފުޅުގެ ތެރެއިން ޑުއަލް ޕާސްޕޯޓު ނުވަތަ އެހެން ޤައުމެއްގެ ރައްޔިތުކަން އޮތްތޯ ނޫންތޯ ކަށަވަރުކުރުމަށް މަޖިލީހުގެ ކޮމިޓީން އެދިވަޑައިގަތުމުން އެކަން ސާފުކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެމަޢުލޫމާތު މަޖިލީހުގެ ކޮމިޓީއާއި ހިއްސާކުރައްވާފައިވާކަމަށެވެ.

މިކަންކަމަށް ރިޢާޔަތްކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ 22 ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަކަމަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާޤުންވަނީ ނިންމަވާފައެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢުވަނީ ވަޒީރުންނަށް ރުހުންދިނުމަށް ބާއްވާ ޖަލްސާގައި ވަކިވަކިން ވަޒީރުންނަށް ވޯޓަށް އަހާ ރުހުން ދިނުމަށް ހުށައަޅުއްވާފައެވެ. ކޮމިޓީއިންވަނީ މެމްބަރު ޝިފާއުގެ ނިންމުމަށް ތާޢީދުކުރައްވާ އެގޮތަށް ކުރިއަށްގެންދިޔުމަށް ނިންމަވާފައެވެ.

ހަމައެހެންމެ، ކެބިނެޓަށް ރުހުން ދިނުމަށްޓަކައި އެބޭފުޅުންގެ ކުށުގެ ރިކޯޑާއި، އެހެން ޤައުމެއްގެ ރައްޔިތުކަން އޮތްތޯ ބެލުމާއި، ރާއްޖޭގެ އެއްވެސް ކޯޓެއްގައި އެއްވެސް ބާވަތެއްގެ މައްސަލައެއް ބަލަމުންދޭތޯއާއި އަދި އެބޭފުޅުންގެ ސާބިތު ދަރަންޏެއް އޮތްތޯ ބަލާފައިވާ ކަމަށް ކޮމިޓީންވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް ރުހުން ހޯދުމަށް ހުށައަޅުއްވާފައިވާ އެއްވެސް ބޭފުޅެއްގެ އެފަދަ މައްސަލައެއް ކޮމިޓީއަށް ފާހަގަވެފައި ނުވާކަމަށްވެސް ކޮމިޓީގެ މެމްބަރުންވަނީ ވިދާޅުވެފައެވެ.

މިދައުރުގައި ރައްޔިތުންގެ މަޖިލީހުގައި ނުނިމި ހުރި މުހިއްމު ގިނަ މަސައްކަތްތަކެއް ހުރުމާއެކު އެމަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިދައުރު ދިގުދަންމާލުމަށް މަޖިލީހުންވަނީ ނިންމާފައެވެ. މިހަފްތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް ރުހުން ދިނުމުގެ މަސައްކަތް އެޖެންޑާ ކުރާނެކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު